الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ޢަރަބި ގޮތުން ނުވަތަ ހިޖުރީގޮތުން އަންނަ ކޮންމެ އަހަރެއްގައި ހިމެނޭ އެންމެމާތް އެއްމަސް އަދި މުޅި އަހަރުގައި އަންނާނެ އެންމެ މާތްރޭ ހިމެނޭ މަސް، ރަމަޟާން މަސް 1445 އަހަރުގައި މިއޮތީ ގާތްގަނޑަކަށްހެން ބައްދަލުވެފައެވެ. ދެން މިއޮތީ އެމަހަށް ބާކީ ދެތިން ދުވަހެވެ. ބައްދަލުވެގެން މިދާ ރަމަޟާން މަހަކީ އެމަހަކާއި ބައްދަލުވާ ކޮންމެ މުސްލިމެއްގެ މައްޗަށް އެމަހެއްގައި ރޯދައަށް ހުރުން ފަރުޟު ކުރެވިފައިވީ މަހެކެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿شَهْرُ رَمَضَانَ ٱلَّذِىٓ أُنزِلَ فِيهِ ٱلْقُرْءَانُ هُدًى لِّلنَّاسِ وَبَيِّنَٰتٍۢ مِّنَ ٱلْهُدَىٰ وَٱلْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ ٱلشَّهْرَ فَلْيَصُمْهُ﴾ سورة البقرة:185 މާނައީ: [ރަމަޟާން މަހަކީ އެމަހެއްގައި މީސްތަކުންނަށް ހިދާޔަތެއްގެ ގޮތުގައާއި ހިދާޔަތުގެ ހެކިތަކެއްގެ ގޮތުގައާއި ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ގޮތުގައި ޤުރުއާން ބާވައިލެއްވުނު މަހެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން އެމަހާއި ބައްދަލުވެއްޖެ މީހާ ފަހެ، އެމަހުގައި ރޯދަހިފާ ހުށިކަމެވެ.]
ރަމަޟާންމަހަށް ޚާއްޞަކުރެވުނު އަޅުކަމަކީ ރޯދައެވެ. އެއީ ފަޖުރުގެ އަލިކަން ފާޅުވީއްސުރެ އެދުވަހުގެ ދުވާލުނިމި އިރުއޮއްސުމަށް ދާންދެން ކެއިންބުއިމާއި އަނބިމީހާއާ އެކު ޖިމާޢުވުމާއި އަދި އެނޫންވެސް ރޯދަ ގެއްލޭނޭ ފަދަ އެންމެހައި ކަމަކުން ދުރުހެލިވެގެން ހުރުމެވެ. އެކަން ކުރުމުގައި ވަރަށް މުހިންމު ދެ ޝަރުޠެއް ފުރިހަމަ ނުވަނީސް އެރޯދައިން ފުހެވިގެންދާ ފާފަ ނުފުއްސެވެއެވެ. ރަމަޟާން މަހުގައި ހިފާ ރޯދަތަކަކީ އެރޯދައިން އިސްވެދިޔަ އެންމެހައި ފާފަ އެއް ފުހެވިދާނޭ ފަދަ މަތިވެރި އަޅުކަމެކެވެ. ނަމަވެސް އެކަން ޙާޞިލުކުރަން އެދޭމީހާ، ރޯދައަށް ހުރުމުގެ ނިޔަތް ތެދުވެރިވާންޖެހެއެވެ. އެންމެންވެސް ކޮންމެ އަހަރަކު ރޯދަ ހިފާތީއޭ ހިތާ ހިފާ ރޯދައަކަށް އެއިން އެއްވެސް ރޯދައެއް ހަދައިގެން ނުވާނެއެވެ. ނަމަވެސް އިސްވެދިޔަ އާޔަތާއި އަދި އެނޫންވެސް އާޔަތްތަކުންނާއި ކީރިތި ރަސޫލާ صلى الله عليه وسلم ގެ އެތަކެއް ޙަދީޘްތަކުން އެއިން ކޮންމެ ދުވަހެއްގައި، ދުރުހެލިވާން އެންގެވި ކަންތައްތަކެއް ވާކަމާއި އެކަމުން ދުރުހެލިވަނީ އެގޮތަށް އަންގަވާ ފަރުޟު ކުރައްވާފައިވާތީ ކަމުގައި ހިތުގައި ނިޔަތް ގަނެފައި އޮންނަންވާނެއެވެ. އަދި އެރޯދައަކީ އެއިން ގިނަގުނަ ދަރުމައާއި ޘަވާބު ލިބޭ ކަމެއްކަން ދަނެ، އެޘަވާބު ހޯދުމުގެ ނިޔަތުގައި އެރޯދަ ހިފުމަކީ ދެވަނަ ޝަރުޠެވެ. އިމާމް ބުޚާރީ އަދި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((مَنْ صَامَ رَمَضَانَ إِيـمَانًا وَاحْتِسَابًا غَفَرَ اللهُ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ، وَمَنْ قَامَ رَمَضَانَ إِيـمَانًا وَاحْتِسَابًا غَفَرَ اللهُ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ، وَمَنْ قَامَ لَيْلَةَ القَدْرِ إِيـمَانًا وَاحْتِسَابًا غَفَرَ اللهُ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)) މާނައީ: [ރަމަޟާން މަހުގެ ރޯދަ އީމާންކަމާއި ޘަވާބަށް އެދި ހިފައިފި މީހާ ދަންނާށެވެ. އެމީހެއްގެ އިސްވެދިޔަ އެންމެހައި ފާފައެއް ﷲ އެމީހަކަށް ފުއްސުވާދެއްވާނެއެވެ. އަދި ރަމަޟާން މަހުގެ ރޭއަޅުކަން އީމާންކަމާއި ޘަވާބަށް އެދި އަދާކޮށްފިމީހާ ދަންނާށެވެ. އެމީހެއްގެ އިސްވެދިޔަ އެންމެހައި ފާފައެއް ﷲ އެމީހަކަށް ފުއްސުވާދެއްވާނެއެވެ. އަދި ލައިލަތުލް ޤަދްރި ވިލޭރޭގެ ރޭއަޅުކަން އީމާންކަމާއި ޘަވާބަށް އެދި އަދާކޮށްފިމީހާ ދަންނާށެވެ. އެމީހެއްގެ އިސްވެދިޔަ އެންމެހައި ފާފައެއް ﷲ އެމީހަކަށް ފުއްސުވާދެއްވާނެއެވެ.] ޙަދީޘްގައި އެވަނީ ރަމަޟާން މަހުގެ ރޯދައިގެ ވާހަކައެވެ. އަދި ރަމަޟާން މަހުގެ ރޭއަޅުކަމުގެ ވާހަކައެވެ. ވީމާ އެއީ ނަވާވީސް ދުވަސް ނުވަތަ ތިރީސް ދުވަހެވެ. އެމަހުގެ ބައެއް ރޭރެއަށް ރަމަޟާން މަހުގެ ނަމުން ޙަދީޘް ނުކުރެއްވީހެވެ. އެއިން ދޭހަވަނީ ރޯދަހިފަން އަމުރުކުރެވުނު އާޔަތުގައި އިސްތިސްނާ ކުރެވިފައިވީ މީހުން ނޫން މީހުން ރަމަޟާން މަހުގެ އެއްވެސް ރޯދައެއް ގަސްދުގައި ވައްޓާލައި ނުވަތަ އެއްވެސް ރެއެއްގެ ރޭއަޅުކަން ވައްޓާލައިފި ނަމަ ޙަދީޘްގައި އެބަޔާންވެފައިވާ މާތްﷲ ގެ މަޣްފިރަތު ޙާޞިލު ނުވާނޭ ކަމެވެ. ލައިލަތުލް ޤަދްރި ވިލޭރޭ ނޫނީއެވެ. އެރޭއެކަނި އަޅުކަން ޙާޞިލުކުރެވުނަސް އެފާފަ ފުހެވޭނެކަން ޙަދީޘުން އެނގެއެވެ. ނަމަވެސް އެރެއަކީ ވަންހަނާވެގެންވީ ރެއެކެވެ. ވީމާ ބުއްދިވެރިއަކީ ރަމަޟާންމަސް އެއްކޮށް ރޯދައާއި ރޭއަޅުކަން އަދާކުރުމެވެ. ވީމާ ކުޅަދާނަކަން ހުރެމެ އެންމެ ރޯދައެއްވެސް އަދި އެއްވެސް ރެއެއްގެ ރޭއަޅުކަންވެސް ދޫކޮށް ނުލުން ހުއްޓެވެ. މިއަޅުކަންތަކަކީ އާޚިރަތު ގިނަގުނަ ކޮއްތެކެވެ. މިކޮއްތު ދޫކޮށްލައި ދުނިޔޭގެ ކޮއްތު ހޯދަން އަމިއްލަ ނަފްސަށް ހީލަތްތެރިވާނީ ޙަޤީޤަތުގައިވެސް ވިސްނުން ކޮށިމީހެއްކަން ކަށަވަރެވެ.
ރަމަޟާން މަހުގައި ހިފާ ރޯދައެއްގެ ޘަވާބާއި ދަރުމަ އެނޫން ދުވަހެއްގައި ހިފައިގެން ޙާޞިލު ނުވާނެއެވެ. ރަމަޟާންމަހުގެ ރޯދައަކީ އެހާވެސް މަތިވެރި ޖަޒާ ލިބެނިވި އަޅުކަމެކެވެ. އެއަޅުކަން އަދާކުރުމަށް ނުހަނު ބޮޑަށް ބޭނުންވެ، ނަމަވެސް އެކަމަށް ކުޅަދާނަ ނުވި މީހާ ފިޔަވައެވެ. ބަލިވިމީހާއާއި ދަތުރުވެރިންނެވެ. ބަލިމީހުންގެ ތެރޭގައި ޙައިޟުވެރިންނާއި ނިފާސްވެރިން ހިމެނެއެވެ. މިދެބައިމީހުން ރޯދަ ހިފުން، އެރޯދަ ފަރުޟުކުރެއްވި ކަލާނގެ ޙަރާމް ކުރެއްވިއެވެ. ވީމާ އެބައިމީހުންނަށް ވަނީ އެނޫން ދުވަސްތަކެއްގައި އެރޯދަތައް ހިފުމެވެ. އެއީ ޝަރުޢީ ޢުޛުރެއްކަމުން، ރަމަޟާން މަހުގެ އެރޯދަތައް އެނޫންމަހެއްގައި ޤަޟާކުރި ކަމުގައިވިޔަސް އެބައިމީހުންނަށް އެމަތިވެރި ޘަވާބު ލިބިގެންވެއެވެ. އެއީ ރޯދަ ފަރުޟު ކުރެވުނު އާޔަތުގައި އެކަލާނގެ އެބައިމީހުންނަށް ދެއްވި ލުޔެކެވެ. މާތްﷲ ވަޙީކުރެއްވިއެވެ: ﴿وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ﴾ سورة البقرة:185 މާނައީ: [އަދި ބަލިވެފައިވާމީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، ފަހެ އެހެން ދުވަސްތަކެއްގައި އެޢަދަދު ހަމަކުރާށެވެ.]
މިއޮއް ރަމަޟާން މަސް ބައްދަލުވީއެވެ. އެއީ ރަޙްމަތާއި ބަރަކާތާއި މަޣްފިރަތުން ފުރިގެންވާ މަހެވެ. މިމަސް ފަށަންވެސް ޖެހޭނީ އަދި ނިންމަންވެސް ޖެހޭނީ ގަދައަޅާ މަސައްކަތްކޮށް ހީވާގިކަމާއެކު އަޅުކަން ކުރުމުގައެވެ. އެމަހުގެ ވަކިދުވަސްވަރެއްގައި ކަންނެއްކަން އަޔަދީގެން ނުވާނެއެވެ. މުޅިމަސް އެއީ އެއްވާނެއްގައި އަޅުކަމުގައި ހޭދަކުރާ މަހަކަށް ހަދަމާއެވެ. ޚާއްޞަކޮށް މަސް ނިމެންދާ ފަހު ދިހަ ދުވަހަކީ އަޅުކަމުގައި އެންމެހީވާގި ދުވަސްތައްކަމުގައި ހެދުމަށް މިހާރުން ފެށިގެން އަޒުމުކުރަންޖެހެއެވެ.
އަޅަމެންނީ ރަމަޟާން މަހުގެ މަތިވެރި ޘަވާބު ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު ލިބިގެންވީ ބައެއްގެ ގޮތުގައި ލައްވާށިއެވެ. އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.