الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ރޯދައަކީ މާތް ﷲ އަށް އަޅުވެތިވުމުގެ އެންމެފުރިހަމަ ޢަމަލުތަކުގެ ތެރެއިން ޢަމަލެކެވެ. އެއަޅުވެތިކަން ހަމައެކަނި އަންނަނީ އަރުތެރެއަށް ކާއެއްޗެއް ނުވަތަ ބޯއެއްޗެއް ނުވައްދައި މީހާ ބަނޑުހައިކަން އިތުރުވާނެ ގޮތަށް ޢަމަލުކޮށްގެނެއް ނޫނެވެ. އެއަޅުވެތިކަން އޭގެ ފުރިހަމަ މާނައިގައި ގެނެސްދެނީ އެހެނިހެން އަޅުކަންތަކުން ވެސް އެއަޅުވެތިކަން ގެނުވާފަދައިން، އެކަލާނގެ އެންގެވީތީ އެކަމަށް ބޯލެނބުމާއެކު، އެކަލާނގެ އެންމެ ލޯބިވެވޮޑިގަންނަވާނެގޮތް ހޯދައި އެގޮތަށް ޢަމަލުކޮށްގެންނެވެ.
އޭގެ ބަދަލުގައި ތިމާ އަމިއްލައަށް އެއީ ބަނޑުހައިވާ ވަރަކަށް ޙާޞިލުކުރެވޭނޭ ކަމެއްކަމަށް ހިތައި، ބޮޑަށް ބަނޑުހައިވާނެހާ ގޮތްތައް ވިސްނައިގެން އެފަދައިން ޢަމަލުކުރުމަކުން އެއީ އެރޯދައިން ﷲ އަށް އަޅުވެތިކަން އަދާކުރުން ކަމުގައި ނުވާނެއެވެ. އެގޮތުން މީހަކު ދުވަސްތަކެއް ވިދިވިދިގެން ނުކައިހުރެ ދެމިގެންދާ ގޮތަށް ދެތިން ރޯދަ ހިފަންވެސް ގަސްދުކޮށްފާނެއެވެ. ނަމަވެސް އެކަންވެގެންދާނީ އިސްލާމްދީނުގައި ކަރާހަތްތެރި ވެގެންވާ ޢަމަލަކަށެވެ. އަލްއިމާމް ބުޚާރީ ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. އަބޫހުރައިރާ رضي الله عنه ވިދާޅުވިއެވެ: ((نَـهَى رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنِ الوِصَالِ فَقَالَ رَجُلٌ : فَإِنَّكَ يَا رَسُولَ اللهِ تُوَاصِلُ ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ : وَأَيُّكُمْ مِثْلِي؟ إِنِّي أَبِيْتُ يُطْعِمُنِي رَبِّي وَيَسْقِينِي ، فَلَمَّا أَبَوْا أَن لَا يَنْتَهُوا عَنِ الوِصَالِ وَاصَلَ بِـهِمْ يَوْمًا ثُـمَّ يَوْمًا ثُـمَّ رَأَوْا الْـهِلَالَ ، فَقَالَ : لَوْ تَأَخَّرَ الْـهِلَالُ لَزِدْتُكُمْ كَالْمُنَكِّلِ لَـهُمْ حِينَ أَبَوْا أَنْ يَنْتَهُوا)) މާނައީ: [ރަސޫލާ صَلَّى اللهُ عَلَيْهِ ރޯދަ ގުޅުވައިގެން ހިފުން ނަހީކުރެއްވިއެވެ. ދެން މީހަކު ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! ހަމަކަށަވަރުންވެސް ތިޔަ ނަބިއްޔާ ރޯދަ ގުޅުއްވައިގެން ހިއްޕަވައެވެ. ދެން ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: އަދި ތިޔަބައިމީހުންގެ ތެރެއިން ތިމަން ނަބިއްޔާއާ އެއްގޮތްވެގެންވަނީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން ތިމަން ނަބިއްޔާގެ ރޭގަނޑު ހޭދަވެގެންދަނީ ތިމަން ނަބިއްޔާގެ ވެރިއިލާހު ތިމަންނަބިއްޔާއަށް ކާންދެއްވާ އަދި ބޯންދެއްވުމުގައެވެ. ދެންފަހެ އެބޭކަލުން ރޯދަ ގުޅުވައިގެން ހިފުމުން ދުރުހެލި ނުވެ އެގޮތަށް ކަންތައް ކުރަން ބޭނުންވުމުން އެމީހުންނާއެކު ދުވަހެއް ރޯދަ ގުޅުވައިގެން ހިއްޕެވިއެވެ. ދެން އަނެއްކާވެސް ދުވަހެއް ގުޅުވައިގެން ރޯދަ ހިއްޕެވިއެވެ. ދެންއެއަށްފަހު (ޝައްވާލުމަހުގެ) ހަނދު ފެނިއްޖެއެވެ. ދެންފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: ހަނދު ފެނުން ލަސްވިނަމަ ތިމަންނަބިއްޔާ ތިޔަބައިމީހުންނަށް މިއަށްވުރެވެސް އިތުރުކުރެއްވީމުހެވެ. އެފަދައިން އެނަބިއްޔާ ވިދާޅުވީ އެމީހުން އެކަން ހުއްޓަން ދެކޮޅުހެދި ހިނދު އެމީހުންނަށް އަދަބެއްގެ ގޮތުގައެވެ.] އަދި ޢާއިޝާ رضي الله عنها ރިވާކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: [ﷲ ގެ ރަސޫލާ صلى الله عليه ރޯދަ ގުޅިގެންދާގޮތަށް ހިފުން ނަހީކުރެއްވީ އެބައިމީހުންނަށް (މާނައީ: މުސްލިމުންނަށް) އޯގާތެރިވުމުގެ ގޮތުންނެވެ.] އެއޯގާތެރިކަން އެއަންނަނީ އެބައިމީހުންނަށް ކުޅަދާނަ ނުވާނެ ފަދަ ކަންކަން އެބައިމީހުން ކުރުމުން ދުރުހެލިކޮށް، ނުކައި ހުރުމުގެ ސަބަބުން އަންނަ ވަރުބަލިކަމާއި ނިކަމެތިކަމާއި އުނދަގޫތައް މުސްލިމުންގެ ކިބައިން ފިލުވައިލައި، އެބައިމީހުންނަށް އެކަށީގެންވާ ހަކަތަ ލިބިގެން ރޯދައަށް ހުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ. އަދި އަވަހަށް ރޯދަ ވީއްލުމަކީ ނުހަނު ހެޔޮކަން ބޮޑުކަމެއްގެ ގޮތުގައި ލެއްވުމުންވެސް ފުރިހަމަ ހަކަތަ ލިބިގަނެގެން ތިބެ މުސްލިމުން ރޯދައަށް ހުރުމަށް ބާރުއަޅާކަމުގެ މައްޗަށް އިތުރު ބާރެއް ދެއެވެ. ބުޚާރީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: (( لَا تَزَالُ أُمَّتِي بِخَيْرٍ مَا عَجَّلُوا الْإِفْطَارَ)) މާނައީ: [ތިމަން ނަބިއްޔާގެ އުންމަތުގެ މީހުން ރޯދަ ވީއްލުން އަވަސްކުރާހާ ހިނދަކު ތިމަންނަބިއްޔާގެ އުންމަތްވަނީ ހެޔޮކަމުގެ މަތީގައެވެ.]
އަދި ހަމައެފަދައިން މިއުންމަތަށް މާތް ﷲ ގެ އޮތް ރަޙްމަތެއްގެ ބޮޑުކަމުން ރޯދައަށް ހުންނަން ފެށުމުގެ ކުރިން ހާރުކެއުން ޝަރުޢު ކުރެއްވިއެވެ. އަދި އެއީ ބޮޑުވެގެންވާ ބަރަކާތްތެރި ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އިމާމް އަޙްމަދު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ރަސޫލާ صلى الله عليه وسلم ހާރު ކެއުމާމެދު ޙަދީޘްކުރެއްވިއެވެ: (( بَرَكَةٌ فَلَا تَدَعُوهُ وَلَوْ أَنْ يَجْرَعَ أَحَدُكُمْ جُرْعَةً مِنْ مَاءٍ فَإِنَّ اللَّهَ عَزَّ وَجَلَّ وَمَلَائِكَتَهُ يُصَلُّونَ عَلَى الْمُتَسَحِّرِينَ )) މާނައީ: [(ހާރަކީ) އެއީ ބަރަކާތްތެރިކަން އޭގައިވާ އެއްޗެކެވެ. އެކަން ދޫކޮށް ނުލާށެވެ! ފެނުގެ ކޯވަރެއް ދިރުވާލައިގެން ނަމަވެސް އެކަން ކުރާށެވެ! އެހެނީ ހަމަކަށަވަރުން ﷲ عَزَّ وَجَلَّ އާއި އަދި އެކަލާނގެ މަލާއިކަތުން ހާރުކާމީހުންނަށް (ހެޔޮ) ދުޢާ ކުރައްވަވައެވެ.] އަލްއިމާމް އައްނަވަވީ رَحِمَهُ اللهُ ޞަޙީޙު މުސްލިމް ގެ ޝަރަޙައިގައި މިޙަދީޘްގެ ދަށުން ވިދާޅުވިއެވެ: "ޢިލްމުވެރިން (ހާރުކެއުން) އެއީ ސުންނަތެއްކަމުގައި އިޖްމާޢުވެވަޑައިގެންނެވިއެވެ. އަދި އެއީ ވާޖިބެއް ނޫނެވެ. އަދި ދެންފަހެ އޭގައި އެވާ ބަރަކާތާ މެދު ދަންނައެވެ. ފަހެ އެއީ ސާފުކޮށް އެނގިގެންވާ ކަމެކެވެ. ސަބަބަކީ އެއީ ރޯދައަށް ހުރުމަށް ހަކަތަ ދޭ އެއްޗެކެވެ. އަދި އެކަމަށް ހީވާގިކުރުވައެވެ. އަދި އޭގެ ސަބަބުން ގިނައިން ރޯދައަށް ހުންނަން ހިތުގެ އަޑިން ރުހިގެންދިއުން ޙާޞިލުވެއެވެ. އެއީ ހާރުކާމީހާއަށް އެކަމުގައި އުނދަގޫ ކުޑަވެގެން ދިއުމުގެ ސަބަބުންނެވެ." ފަހެ މުޅި ހާރުކެއުމަކީ ބަރަކާތެކެވެ. އެންމެ ފުރަތަމަ އެއީ އަޅުކަމެކެވެ. އެއީ އޭގެ ސަބަބުން ރަސޫލާ އަށް ތަބާވުން ގެނެސްދޭ ކަމެކެވެ. އަދި ނަރަކަވަންތަވެރިންނާ (އެބަހީ: ޔަހޫދީންނާއި ނަޞާރާއިންނާ) ތަފާތު ކޮށްދޭ ކަމެކެވެ. އަދި ރޯދައަށް ހުރުމަށް ހަކަތަދީ އެހީތެރިވެދޭ އެއްޗެކެވެ. އަދި ނަފްސަށް އޭގެ ޙައްޤު އަދާކޮށްދެވޭ ކަމެކެވެ. އެއީ ކެއުމާއި ބުއިމުން އެނަފްސު ގެ ނަޞީބު ލިބިގަތުމުން ﷲ އަށް ކިޔަމަންތެރިވެ ކުއްތަންވުމަށް ނަފްސަށް ވަރުގަދަކަމާއި ހަކަތަ ލިއްބައިދޭ އެއްޗެކެވެ. އެއީ ބަނޑުހައިކަމުގެ ސަބަބުން އުތުރިއަރައިގެން އަންނަ ވިޔާނުދާ އަޚްލާޤުތަކުން ދިފާޢުކޮށްދޭ އެއްޗެކެވެ. ދުޢާ އިޖާބަކުރައްވާ އެންމެ މާތްވަގުތުގައި ކެއުމަށްފަހު ކުރެވޭ ދުޢާއާއި ޛިކުރުން ގިނަގުނަ ދަރުމައާއި ޘަވާބު ޙާޞިލުވާނެ ކަމެކެވެ. އަދި ނިދަން އޮށޯންނައިރު ރޯދައަށް ހުންނާނެ ކަމުގެ ނިޔަތް ނުގަނެވުނު މީހަކަށް ރޯދައަށް ނިޔަތްގަތުމަށް ހަނދުމަކޮށްދޭ ވެސް ކަމަކަށްވެގެން ދެއެވެ. މީހުސް ހާރުކެއުމުގެ ބަރަކާތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އަދި ޙަޤީޤަތުގައި އެއީ ރޯދައިގެ ފެށުމަށްވެސް ވެގެން ދިއުމުގެ ސަބަބުންވެސް އެކަން ބަރަކާތަކަށް ވެގެން ދެއެވެ.
ދެން އޮތީ މިކެއުން ކާގަޑިއާ މެދުގައި ކުރެވޭ ބަހުސެވެ. ހާރުދަމުގެ ކެއުން ހުއްޓާލަން ޝަރުޢުގައި ކަނޑައަޅުއްވާފައިވާ ގަޑިއަކީ ފަޖުރުއަލިކަން ފާޅުވުމެވެ. އޭގެ ކުރިން ކެއުން މަނާކުރެވޭނެ ނުވަތަ ކެއުން ހުއްޓާލުމަށް އެންގޭނެ އެއްވެސް ވަގުތެއް ޝަރުޢުން އެނގެން ނެތުމުން، ދިވެހިންގެ ތެރޭގައި އާދަވެފައިވާ އިމްސާކު ކުރުން ނުވަތަ ފަތިހުގެ އަލިކަން ފާޅުވުމުގެ މާކުރިން ހާރުކެއުމުގެ އާދައަކީ އެކަމަށް އެއްވެސް އަޞްލެއް ޤުރުއާނާއި ސުންނަތުން އެނގެން ނެތް ކަމެކެވެ. އެފަދަ އާދަކާދަތަކުގައި ހިފައިގެން ކުރިއަށް ދިއުމުގެ ބަދަލުގައި ކޮންމެ މުސްލިމަކަށްވެސް އެންމެ ހެޔޮވެގެންވާ ގޮތަކީ ޤުރުއާނާއި ސުންނަތުން ސާބިތުވާ ގޮތްތަކުގައި ހިފައިގެން ކުރިއަށް ދިއުންކަމުގައި އެއްވެސް މުސްލިމަކު މުއުމިނަކު ދެބަސް ނުވާނެކަން ކަށަވަރެވެ. ޤުރުއާނުގައި ﷲ ވަޙީކުރެއްވިއެވެ: ﴿وَكُلُوا وَاشْرَبُوا حَتَّى يَتَبَيَّنَ لَكُمُ الْخَيْطُ الأَبْيَضُ مِنَ الْخَيْطِ الأَسْوَدِ مِنَ الْفَجْرِ ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ ﴾ މާނައީ: [އަދި ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށް ދާން ދެން ތިޔަބައިމީހުން ކާށެވެ! އަދި ބޯށެވެ! އެއަށްފަހު (ފަޖުރުއަލިކަން ފާޅުވުމުން) ރޭގަނޑު ވެއްޖައުމަށް ދާންދެން ރޯދަ ފުރިހަމަ ކުރާށެވެ!] ﷲ ސުބްޙާނޫ ވަތަޢާލާ ފަތިސްވަގުތު ވަންދެން ކާށޭ އަދި ބޯށޭ ވަޙީކުރެއްވުމުން ދެން އެއާ ޚިލާފުވާގޮތަކަށް ބުނެވޭނީ ކޮން ހަމައަކުން ހެއްޔެވެ؟ މިއީ އެގޮތަކަށް މުސްލިމުން ތަބާވާންޖެހޭ ގޮތުގެ ގޮތުގައި ޤުރުއާނުގައި އެންގެވި ގޮތެވެ. އަދި ރަސޫލާ صلى الله عليه ގެ އަރިހުން ސާބިތުވެގެންވަނީ ހުސް މިއާޔަތަށް ބާރުދޭ ފަދަ ޙަދީޘްތަކާއި އެކަލޭގެފާނުގެ ޢަމަލުފުޅުތަކެވެ. އައްޠަބަރާނީ "އަލްމުޢްޖަމުލް ކަބީރް" ގައި ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((عَجِّلُوا الإِفْطَارَ، وَأَخِّرُوا السُّحُورَ)) މާނައީ: [ރޯދަވީއްލުން އަވަސްކުރާށެވެ! އަދި ހާރުކެއުން ލަސްކުރާށެވެ!] މިޙަދީޘްގައި ލަސްކުރަން އެންގެވުމުން އެންމެ ހެއުކަން ބޮޑުވާނީ ޝައްކެއްވެސް ނެތް ގޮތުގައި އެންމެ ލަސްކުރާމީހާއެވެ. އަދި އެންމެ ލަސްގަޑިއަކީ ފަތިހުގެ ވަގުތެވެ. ޤުރުއާނުގައި އަމުރުވެވިގެންވަނީ ފަތިސް ވަގުތު ވަނުމުން ރޯދަ ކުރިއަށް ގެންދިއުމަށް ކަމަށް ވާއިރު، އެވަގުތަށްފަހު އެއްގޮތަކަށްވެސް ކެއުމާއި ބުއިން ހުއްދަވެގެން ނުވާނެއެވެ. ވީމާ އެމިންގަނޑު ބަލައިގެން ހާރުކެއުމަށް އެންމެ ހެޔޮގަޑި ކަމުގައިވާހުށީ ވީހާވެސް ފަތިސް ވަގުތާއި ކައިރިކޮށްފައެވެ. މިގޮތަށް ޢަމަލުތައް އާދަކޮށްފިނަމަ އެހެނިހެން އެތަކެއް ހެޔޮކަމަކަށްވެސް މަގުފަހިވެގެން ދާނެކަން ކަށަވަރެވެ. އެންމެ ބޮޑު ހެޔޮކަމެއްގެ ގޮތުގައި ފާހަގަކުރަންޖެހެނީ ހީވާގި ކަމާއެކު ފަތިސްވަގުތުގައި ފަތިސް ނަމާދު އާދަކުރެވުމެވެ.
އޭގެ ބަދަލުގައި މިހެޔޮކަން ދޫކޮށްލާ އާދަކާދައިގެ ދަށުން ދެއެއް ތިނެއް ޖަހާއިރު ހާރުކެއުމުގެ އާދަތައް ހަރުލައްވައިފި ނަމަ އެތަކެއް ގެއްލުންތަކެއް އޭގެ ސަބަބުން ލިބޭކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް މިކަމުގައި އެންމެ ބޮޑު ތަކްލީފެއް އުފުލާތަން ފެންނަނީ ޒުވާން ކިޔަވާކުދިންނެވެ. ޚާއްޞަކޮށް ބޮޑެތި އިމްތިޙާނުތައް ހަދަން ތައްޔާރުވެފައިވާ ބުރަބޮޑު ޝެޑިއުލެއްގެ ދަށުގައި މުޅި ދުވަސް ހޭދަކުރަމުންދާ އަދި ހެދުނު ހެދުނާ ސްކޫލަށް ދާ، އޭގެ އިތުރުން ރޭގަނޑު އެކްސްޓްރާ ގަޑިތައް ވެސް ނަގަމުންދާ، ދުވާލުގެ ގަޑިތަކުގައި ސްކޫލުގެ ގަޑި ނިމުމުން ޓިއުޝަންތައް ނަގަމުންދާ ނުވަތަ ކިޔަވަން ޖެހިފައިވާ އެތައް ތަކެއްޗެއް ފުނިޖެހިފައިވާ ދަރިވަރުންނެވެ. އެކުދިންގެ ރޭގަނޑުގެ ވަގުތުގެ ނިދި ބުރިބުރި ކޮށްލުވައިގެން ގެންގުޅުމުން އެތަކެއް ބަރަކާތަކުން އެކުދިން ދަނީ މަޙްރޫމްވެގެންނެވެ. ވަގުތުކޮޅެއް ނިދުމަށްފަހު ކައިގެން އަނެއްކާ ނިދަން އޮށޯތުމުން އެންމެމާތްކަންބޮޑު ފަރުޟު ނަމާދު ބައެއް ކުދިންނަށް ނުކުރެވިދެއެވެ. ނުވަތަ އެނަމާދަށް އަނެއްކާ ތެދުވަންޖެހެނީ ނިދީގެ ބުރިވަރެއް ނިދުމަށްފަހު ނިދި ގަދަވެފައި ވުމުގެ ސަބަބުން ކަންނެއް ކަމާއެކު އެވެ. ކެއުމުގެ ލައްޒަތެއް ނުލިބި ނިދީގެ އަރާމެއް ނުލިބުނުތާ ފަރުޟު ނަމާދު ފުރިހަމަގޮތުގައި އަދާކުރެވުމުގެ ފޮނިމީރުކަން ނުލިބިދިއުން އެކަށީގެންވެއެވެ. އަދި ރޯދަ ހިފޭތޯ މަސައްކަތް ކުރަންޖެހޭނީވެސް ރޯދަހިފުމަށް ފުރިހަމައަށް ތައްޔާރީ ވެގެންނެވެ. ލިބެން އޮތް އެންމެ ހެޔޮގޮތަކަށް އެންމެމަތީ ދަރަޖައަކަށް ހަށިގަނޑަށް ހަކަތަ ލިއްބައިދީގެންނެވެ. ވީމާ ހާރުކެއުން އަވަސްކުރުން ފަދަ އާދަތައް ހުއްޓާލައި ސުންނަތުގައި އަންގަވާފައިވާ ގޮތަށް ޢަމަލުތައް އަނބުރާލުމުން ނުވަތަ ބަދަލުކޮށްލުމުން އެލިބިގެން ދަނީ ދެދުނިޔޭގެ ބާއްޖަވެރިކަމުގެ ޙަޔާތެއްކަން ކަށަވަރެވެ.
އޭ އަޅަމެން ހައްދަވާ ގެންގުޅުއްވާ އިލާހުއެވެ! އަޅަމެންނަށް ހުރިހައި ކަމެއްގައިވެސް އިބައިލާހު ރުހިވޮޑިގަންނަވާނޭ ގޮތުގެ މަތިން ޢަމަލުތައް ބެހެއްޓުމަށް ފަސޭހަކޮށްދެއްވާށި! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.
(އާރޓިކަލް 11)