ތިޔަކުދިންގެ ބަދިގެ: ކަނަމަދު ކޭކު

ކޭކަށް ބޭނުންވާ ތަކެތި

150 ގްރާމް ބަޓަރ

150 ގްރާމް ހަކުރު

150 ގްރާމް ފުށް

1 ސައިސަމުސާ ކޮކޯ ޕައުޑަރ

1 ސައިސަމުސާ ބޭކިންގ ޕައުޑަރ

1 މޭޒުމަތީ ސަމުސާ މުގުރާފައި ހުރި ކަނަމަދު

1 ތަށި ޕްލެއިން ޔޯގަޓް

3 ބިސް

ކޭކު ޓޮޕިން އަށް ބޭނުންވާ ތަކެތި

½ ދަޅު ގެރިކިރު

1 ސައިސަމުސާ ބަޓަރ

20 ގްރާމް މުގުރި ކަނަމަދު

 

ތައްޔާރުކުރާނެ ގޮތް

  1. ކޭކު ފިހަން ބޭނުންކުރާ ޓްރޭގައި ސައިސަމުސަލެއްހާ ބަޓަރުކޮޅެއް ހާކާލުމަށްފަހު ބޭކިންގ ޕޭޕަރ ކޮޅެއް ޓްރޭގައި އަޅާށެވެ.
  2. ފުށް، ބޭކިންގ ޕައުޑަރ އަދި ކޮކޯ ޕައުޑަރ ތައްޓަކަށް ފުރާނާލާފައި އޭގެ ތެރެއަށް މުގުރާފާ ހުރި ކަނަމަދު ކޮޅު އެއްކޮށްލުމަށްފަހު ބަހައްޓާށެވެ.
  3. ބަޓަރު އަދި ހަކުރު އެހެން ތައްޓަކަށް އަޅައި ކޭކް މިކްސަރު ބޭނުންކޮށްގެން މެދު ސްޕީޑްގައި ހަކުރުކޮޅު ރަނގަޅަށް ވިރެންދެން ގިރާލާށެވެ.
  4. ދެން، ފަހަރަކު ބިހެއް އަޅަމުން އެއްކުރަމުން ގެންދާށެވެ.
  5. ބިސްތައް ރަނގަޅަށް އެއްކޮށްލުމަށްފަހު، ފުށްކޮޅު އަޅާލާފައި ދޭފަތަކުން އެއްކޮށްލާށެވެ.
  6. އެއަށްފަހު، ޔޯގަޓް ވެސް އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
  7. އެއްކުރި ސާމާނު، ތައްޔާރުކޮށްފައި ބެހެއްޓި ޓްރޭގެ ތެރެއަށް އޮއްސާލާށެވެ.
  8. ދެން އަވަން 170 ޑިގްރީސް ސެލްސިއަސް އަށް ހޫނު ކުރުމަށްފަހު ކޭކުގެ މައްޗަށް ރަންކުލަ އަރާ ދަތްކޮއްޓިއެއް ކޭކުގެ މެދަށް ހަރާލާފައި ނަގާއިރު އެ ސާފުކޮށް އޮންނާނެ ވަރަށް ފިހެލާށެވެ.
  9. ކޭކު ފިހެވުނީމާ އަވަނުން ނެގުމަށް ފަހު 10 މިނިޓުވަރު ވަންދެން ބަހައްޓާށެވެ.
  10. ކޭކުގެ ޓޮޕިން ތައްޔާރުކުރުމަށް ތަވަޔަކަށް ބަޓަރުކޮޅާ ގެރިކިރު އެޅުމަށްފަހު އޮލަވަންދެން ކައްކާލާށެވެ.
  11. ގެރިކިރުކޮޅު އޮލަވުމުން ކޭކުގެ މައްޗަށް އަޅާލުމަށްފަހު މުގުރާފާ ހުރި ކަނަމަދު ކޮޅު ކޭކުގެ މައްޗަށް ބުރުވާލާށެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *