ބުރާސްފަތި, 17 އޭޕްރިލް 2025

އަޅުކަމުގެ ހަޤީޤަތަށް ނަޒަރެއް ހިންގާލަމާހެއްޔެވެ! (5)

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

އެންމެހައި ނަބީންވެސް މާތް ﷲ މިދުނިޔެއަށް ފޮނުއްވަނީ އެބައިމީހުންގެ ގައުމުގެ މީހުން އަޅުކަން ކުރާ ބާޠިލު ތަކެތިން އެބައިމީހުން ދުރުކުރުމަށެވެ. އެއިންކޮންމެ ނަބީއެއް ފޮނުއްވޭ ގައުމެއްގެ މީހުން ﷲ އަށް ޝަރީކުކުރަމުން ދިޔައީ އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރާ ޙާލުގައެވެ. މާނައަކީ ކައުނުގައިވާ ކަންކަން ހިންގަވާ ބަލަހައްޓަވާ އަދި އެބައިމީހުންނަށް ސާފުސީދާކޮށް ދުނިޔެއިން ފެންނަ މަންޒަރުތައް ކަމުގައިވާ ބަލިވުމާއި މަރުވުމާއި ދިރުއްވުމާއި ބޮޑެތި ކާރިސާތައް އައުމާއި މިފަދަ އެންމެހައި ކަމެއް އުފައްދަވާ ހިންގަވާ ބަލަހައްޓަވާ ކަލަކު ވޮޑިގެން ވެއެވެ. އެއީ  ﷲ އެވެ. ނަމަވެސް އެއާއެކުވެސް އެބައިމީހުން އަޅުކަން ކުރަންވީ ޙައްޤު ފަރާތް އޮޅުވާލައި އެބައިމީހުން ތިބެނީ ޝިރުކުގެ ތެރެއަށް ގެނބިފައެވެ. ވީމާ ނަބީބޭކަލުން، އެގައުމުގެމީހުން އަޅުކަންކުރުމުގެ މައްސަލައިގައި އެތިބީ ވަރަށްވެސް ބޮޑު ޖާހިލުކަމެއްގައި ކަމާއި އެފަދައިން މަރުވެއްޖެ ނަމަ ހަމަސީދާ ނަރަކަނޫން އެހެން ތަނެއް އެބައިމީހުން ނުވާކަމުގެ ވަރުގަދަ އިންޒާރު ދެއްވައެވެ. މާތްﷲ ވަޙީކުރެއްވިއެވެ: ﴿ذَلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِنْ دُونِهِ هُوَ الْبَاطِلُ ﴾ (الحج: 62)  މާނައީ: [އެހެނީ ހަމަކަށަވަރުން ﷲ އީ ޙައްޤުވެގެންވާ އިލާހެވެ. އަދި އެބައިމީހުން އެކަލާނގެ ފިޔަވައި އެގޮވާލައި ތަކެއްޗަކީ ބާޠިލު ތަކެއްޗެވެ.] އެހުރިހާ ނަބީންވެސް އެއިން ކޮންމެ ބޭކަލެއްގެ ގައުމުގެ މީސްތަކުންނަށް މިފަދައިން ގޮވާލައްވައެވެ. ﴿وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلاَّ نُوحِي إِلَيْهِ أَنَّهُ لاَ إِلَهَ إِلاَّ أَنَا فَاعْبُدُونِ﴾ [الأنبياء:25] މާނައީ: [އަދި ތިމަން އިލާހު ނޫނީ ޙައްޤުވެގެން އަޅުކަމެއްވެވޭ އެހެން އިލާހަކު ނުވާކަމާއި އަދި ހަމައެކަނި ތިމަންއިލާހަށް އަޅުކަންކުރާށޭ، މިފަދައިން އެބަޔަކަށް ވަޙީ ނުކުރެއްވޭ އެއްވެސް ރަސޫލަކު ތިޔަނަބިއްޔާގެ ކުރިން ތިމަންއިލާހު ނުފޮނުއްވަމެވެ.] ތަފްސީރުލް ޤުރްޠުބީގައި އައިސްފައިވެއެވެ. ތާބިޢީއެއް ކަމުގައިވާ މުޖާހިދު ވިދާޅުވިއެވެ. ތައުޙީދައިގެން ނޫނީ އެއްވެސް ނަބިއްޔަކު ނުފޮނުއްވެއެވެ. ނަމަވެސް ތައުރާތުގައާއި އިންޖީލުގައި އަދި ޤުރުއާނުގައި ޝަރީޢަތްތައް ތަފާތުވެގެންވެއެވެ. ނަމަވެސް އެ (ޝަރީޢަތްތަކުގައިވާ ހުރިހައި އަޅުކަމެއްވެސް ކުރުންވަނީ) ތައުޙީދުގެ މަތީގައި (މާތްﷲ އަށް) އިޚްލާޞްތެރި ކަމާއެކުގައެވެ. -اهـ- އަދި ވަރުގަދަ އަމުރަކުން އަމުރުވެވިގެން ދިޔައެވެ. ﴿وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولاً أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ﴾ [النحل:36] މާނައީ: [އަދި ހަމަކަށަވަރުން ތިމަންﷲ ކޮންމެ އުންމަތަކަށް ރަސޫލަކު ފޮނުއްވީމެވެ. (އެއެންމެންވެސް އެބޭކަލެއްގެ ގައުމަށް އަމުރުކުރެއްވިއެވެ) ﷲ އަށް އެކަނި އަޅުކަންކުރާށެވެ. އަދި ޠާޣޫތާ ދުރުހެލިވާށެވެ.] އެނަބީން އެބައިމީހުންނަށް ބުދުތަކާ ދުރުހެލިވާށޭ އަމުރު ކުރެއްވިއެވެ. އިރަށާއި ހަނދަށާއި ތަރިތަކަށް އަޅުކަން ނުކުރަން އެންގެވިއެވެ. ވަކި ޚާއްޞަ ތަންތަނުގައި ހުންނަ ގަސްތައް މާތްކޮށް މަތިވެރިކޮށް ނަހަދަން އެންގެވިއެވެ. އެކިއެކި ބިނާތަކާއި ހިލަތަކާއި ވަކިތަނެއްގައި ހުންނަ ފަރުބަދައަކާއި އެކިއެކިމީހުންގެ ގަބުރުތަކަށް އަޅުކަން ކުރުން ދޫކޮށްލަން އަމުރުކުރެއްވިއެވެ. އަލިފާނަށާއި ފާދިރީންނާއި ފައްޅިތަކުގެ ޚިދުމަތްތެރީންނަށާއި ޞަލީބަށާއި މީހުންނަށް އަޅުކަން ކުރަން ދޫކޮށްލަން އެންގެވިއެވެ. ޖިންނީނަށާއި ކާހިނުންނަށާއި ސިޙުރާއި ޖާދޫދައްކައިގެންނާއި ޣައިބުގެ ވާހަކަތައް ކިޔައިދީގެން  މީހުންނަށް އަޅުވެތިކުރުމާ ދުރުވުމަށް އެންގެވިއެވެ.  ނަމަވެސް އެބައިމީހުން އެންމެން ދެކޮޅު ހެދީ މިކަމަށެވެ. އެބައިމީހުން ނަބީންނަށް އަނިޔާކޮށް ހެދީ މިވާހަކަތައް އަޑުއަހަން ނުކުޅަދާނަ ވެގެންނެވެ. އެތަކެއް ޒަމާންތަކެއް ވަންދެން ކާބަފައިންނުން ފެށިގެން އަޅުކަން ކުރަމުން ތިޔަ އެތަކެއް އިލާހުންތަކެއް، ބަލިން ޝިފާ ހޯދަން އިލާހެއް، ޢިލްމު ރަނގަޅުކޮށްދޭނޭ އިލާހެއް، ހަނގުރާމަތަކުން ކާމިޔާބު ހޯދަދޭނެ އިލާހެއް، ފައިސާ ގިނައިން ހޯދާދޭނެ އިލާހެއް، ކާމިޔާބު ދަތުރުތަކަށް އިލާހެއް މިހެން ގޮސް އެބައިމީހުން ކޮންމެ ޙާޖަތެއް ފުއްދައި ދޭނެ ކަމަށް ކަނޑައަޅާފައިވާ އެތަކެއް ބައިވަރު އިލާހުންތައް ކުއްލިއަކަށް ދޫކޮށްލަން ބުނުމުން އެކަމާމެދު އަޖައިބުވެ އަންތަރީސްވެގެން ދިޔަ، އަދި އެކަމާ އިންތިހާއަށް ރުޅިއަރައިގެން ދިޔަ، އެފަދައިން ބުނިމީހަކު މަރާލަން ދިމާކޮށް، ވީދާ ކުދިކުދި ކޮށްލަން ދިމާކުރީ ހަމަ މިއެންމެ ވާހަކައެއް އެގައުމުތަކުގެ މީހުންނަށް ތަޙައްމަލް ނުކުރެވިގެންނެވެ. ﴿أَجَعَلَ الْآلِهَةَ إِلَٰهًا وَاحِدًا ۖ إِنَّ هَٰذَا لَشَيْءٌ عُجَابٌ﴾ [ص:5] މާނައީ: [(އެބައިމީހުން ބުންޏެވެ) އެނަބިއްޔާ ހުރިހާ އިލާހުންތައް އެންމެ އިލާހަކަށް ހަދަނީ ހެއްޔެވެ؟ މިއީ އަޖައިބެއް ކަހަލަ ކަމެއްކަން ކަށަވަރެވެ.] އެހިސާބުން އެއިންކޮންމެ ބައެއް އެގައުމެއްގެ މީހުން އެނަބިއްޔަކާ ދުރުކުރުވޭނެހައި އުކުޅުތައް ބޭނުންކުރިއެވެ. އެމީހެއްގެ އަވައިގައި ޖެހިއްޖެއްޔާ ސިހުރު ޖެހުނީކަމުގައި ހަދައެވެ. ތިމާމެންގެ ކާބަފައިންގެ ގޮތްތައް ދޫކުރަން މަޖުބޫރުކުރާ މޮޔައެކޭ ދޮގުހަދާ މީހެކޭވެސް ގޮވައެވެ. މީހުން އެވާހަކަތަކެއްގެ އަވައިގައި ޖައްސާ ވިހަގަދަ ވާހަކަތަކެއް ދައްކާ މީހެއްގެ ގޮތުގައި ހަދައެވެ. މިއީ އެބައިމީހުންގެ ގައުމާ ދެކޮޅަށް ބަޔަކު ރާވައިގެން ހިންގައި ޖަރީމާއަކަށް ހަދައެވެ. ކުރިން ދުވަހަކުވެސް އަޑުއަހާފައި ނުވާ އަލަށް އުފައްދައިގެން އާދީނެއް ގެނެސްގެން އުޅޭ މީހެއްކަމަށް ބުނެ ނަބިއްޔާއާ ދިމާއަށް ފުރައްސާރަކުރެއެވެ. މާތް ﷲ އެބައިމީހުންގެ މިއަނިޔާވެރި ބަސްތަކާމެދު ވަޙީކުރެއްވިއެވެ: ﴿وَعَجِبُوا أَن جَاءَهُم مُّنذِرٌ مِّنْهُمْ ۖ وَقَالَ الْكَافِرُونَ هَٰذَا سَاحِرٌ كَذَّابٌ﴾ [ص:4] މާނައީ: [އަދި އެބައިމީހުންގެ ތެރެއިން މީހަކު އެބައިމީހުންނަށް އިންޒާރުދޭ ބޭކަލެއްގެ ގޮތުގައި އައުމުން އެބައިމީހުން އަޖައިބުވޫއެވެ. އަދި ކާފިރުވިމީހުން ބުނެއެވެ. މިއީ ބޮޑުދޮގުވެރި ސިޙުރުވެރިއެކެވެ.] މާތް ﷲ ވަޙީކުރެއްވިއެވެ: ﴿مَا سَمِعْنَا بِهَٰذَا فِي الْمِلَّةِ الْآخِرَةِ إِنْ هَٰذَا إِلَّا اخْتِلَاقٌ﴾ [ص:7] މާނައީ: [މިފަހުގެ ދުވަސްތަކުގައި އަހަރެމެން މިވާހަކަތަކެއް އަޑެއް ނާހަމުއެވެ. މީ އަލަށް އުފައްދައިގެން އުޅޭ ވާހަކަތަކަކަށް ނޫނީ ނުވެއެވެ.] އަދި ގައުމުގެ ބޮޑުން އެހެންމީހުންނަށް އެމީހުންގެ ގޮތުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަށް އަމުރުކޮށް އަންގައެވެ. މުޅި ގައުމުގެ މީހުންނަށް ނަބިއްޔާއާ އަދި އެނަބިއްޔާއަށް އީމާންވި މީހަކާ މެދުވެސް ފިއްތުންތައް ފިއްތާ، މަރާލަންވެސް ފަސް ނުޖެހޭ ހިސާބަށް ކަންތައް ދުއްވާލައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَقَالَ الَّذِينَ كَفَرُوا لَا تَسْمَعُوا لِهَذَا الْقُرْآنِ وَالْغَوْا فِيهِ لَعَلَّكُمْ تَغْلِبُونَ﴾ [فصلت/26 ]  މާނައީ: [އަދި ކާފިރުވީމީހުން ބުނެއެވެ. މިޤުރުއާނަށް ތިޔަބައިމީހުން އަޑުނާހާށެވެ. އަދި އެކިޔެވޭ ހިނދު ތިޔަބައިމީހުން އަޑުގަދަކޮށް ހަދާށެވެ. އެއީ ތިޔަބައިމީހުން އޭގެ މައްޗަށް ގަދަވެގަތުމަށް ޓަކައެވެ.]  ﴿وَانطَلَقَ الْمَلَأُ مِنْهُمْ أَنِ امْشُوا وَاصْبِرُوا عَلَىٰ آلِهَتِكُمْ ۖ إِنَّ هَٰذَا لَشَيْءٌ يُرَادُ﴾ [ص:6]  މާނައީ: [އަދި އެމީހުންގެ ތެރެއިންވީ ލީޑަރުންތައް ގޮސްބުނެއެވެ. ކުރިއަށްދާށެވެ. އަދި ތިޔަބައިމީހުންގެ އިލާހުންތަކަށް އަޅުކަން ކޮށް އެގޮތުގައި ކެތްތެރިކަމާއެކު ދެމިތިބޭށެވެ. މިއީ (އެއިލާހުންތައް ދޫކޮށްލުމަށް ނަބިއްޔާ އެގޮވާލާ ގޮވާލުމަކީ) ކަށަވަރުންވެސް ތިޔަބައިމީހުންނާ ދެކޮޅަށް ރޭވިފައިވީ ކަމެކެވެ.]

އެނަބީބޭކަލުން ކިތަންމެ އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް އެގައުމުގެ މީހުންނަށް އަޅުކަމުގައި މާތް ﷲ ޚާލިޞްކުރުމަށް ދިޔައީ ގޮވާލައްވަމުންނެވެ. އަދި އޭގެ ތެރެއިން ޤަބޫލުކުރިމީހުން ޤަބޫލުކުރިއެވެ. ޤަބޫލުނުކުރި މީހުން ޤަބޫލެއް ނުކުރިއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿ فَمِنْهُمْ مَنْ هَدَى اللَّهُ وَمِنْهُمْ مَنْ حَقَّتْ عَلَيْهِ الضَّلاَلَةُ ﴾ [النحل: 36 ]  މާނައީ: [ފަހެ އެބައިމީހުންގެ ތެރެއިން ﷲ ހިދާޔަތް ދެއްކެވި މީހުންވިއެވެ. އަދި އެބައިމީހުންގެ ތެރެއިން އެބައިމީހުން މަގުފުރެދިގެން ދިއުން ޙައްޤުވީ މީހުންވެސް ވިއެވެ.]

އެފަދައިން އަހަރެމެންގެ ނަބިއްޔާވެސް ނަބީކަމާއިގެން ވަޑައިގަންނަވާ އެންމެހައި ވައްތަރެއްގެ އަޅުކަންތައް މީސްތަކުންނަށް ބަޔާންކޮށްދެއްވިއެވެ. އަދި އެއިން އެއްވެސް އަޅުކަމެއްގައި ޝިރުކު ނުކުރުމަށް ގޮވާލެއްވިއެވެ. އަދި ޝިރުކުގެ ގޮތުގައި އެބައިމީހުންގެ ހިތްތަކުންނާއި ދޫތަކުންނާއި އެހެނިހެން ގުނަވަންތަކުން ކުރަމުން ގެންދާ ބާޠިލު އަޅުކަންތައް ބުނެދެއްވުމުގައި ދެމިހުންނެވިއެވެ. އެބައިމީހުންގެ ހިތްތަކުން ކުރަމުން ދިޔަ އަޅުކަންތައް ﷲ އަށްޓަކައި އެކަނި ކުރުމަށް ބަދަލުކުރުމަށް ނުހަނު ގިނަ މަސައްކަތް ކުރެއްވިއެވެ. ހިތުން ކުރެވޭ ޝިރުކުތަކަކީ ﷲ ނޫން ފަރާތްތައް ދެކެ، އިލާހީ ލޯބިބޭއްވުމާއި ބިރުވެތިވުމާއި، އެއިލާހުންގެ ކިބައިން ކަންކަމަށް އުންމީދުކުރުމާއި ހެޔޮގޮތްތައް އެއިލާހުންގެ ފަރާތުން އެދުމާއި އެއިލާހުންތަކަށް ޚުޟޫޢަތްތެރިވުމާއި ހިތުގެ މަޑުމޯޅިކަން ބޭއްވުމާއި އެއިލާހުންނަށް ހިތުގައި އިތުބާރުކުރުމާއި ކުރެވޭ ކުށްތަކުގައި އެއިލާހުންގެ ކިބައިން މާފަށް އެދުމާއި މިފަދަ ކަންކަމެވެ. މިބައިތައް އެމުޝްރިކުންގެ ހިތްތަކުން ސާފުކުރެއްވުމަށްޓަކައި ހިތުގައި ހިންގާ މިޢަމަލުތައް މާތް ﷲ ބަޔާންކޮށްދެއްވާ އެބައިމީހުންގެ ހިތުގެ މިޝިރުކީ ޢަމަލުތައް ތައުޙީދުގެ ތެރެއަށް ވައްދުވަން އަންގަވައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿قُلْ إِن كَانَ آبَاؤُكُمْ وَأَبْنَآؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ اقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَا أَحَبَّ إِلَيْكُم مِّنَ اللّهِ وَرَسُولِهِ وَجِهَادٍ فِي سَبِيلِهِ فَتَرَبَّصُواْ حَتَّى يَأْتِيَ اللّهُ بِأَمْرِهِ وَاللّهُ لاَ يَهْدِي الْقَوْمَ الْفَاسِقِينَ﴾ [التوبة:24]  މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންގެ ބަފައިންނާއި ތިޔަބައިމީހުންގެ ދަރީންނާއި ތިޔަބައިމީހުންގެ އަޚުންނާއި ތިޔަބައިމީހުންގެ އަނބީންނާއި ތިޔަބައިމީހުންގެ ގާތްތިމާގެމީހުންނާއި ތިޔަބައިމީހުން ޙާޞިލުކޮށްފައިވާ މުދަލާއި، އެއެއްޗެއްގެ ފައިދާ ދަށްވެދާނެ ކަމަށް ތިޔަބައިމީހުން ބިރުގަންނަ ވިޔަފާރިއާ އަދި އެތަނެއްގައި ދިރިއުޅުމަށް ލޯބިކުރާ ތަންތަނަކީ، ﷲ އާއި އެކަލާނގެ ރަސޫލާ އާއި އެކަލާނގެ މަގުގައި ޖިހާދު ކުރުމަށްވުރެ ތިޔަބައިމީހުންގެ ގާތުގައި ލޯބިވާ ކަންކަން ކަމުގައި ވާނަމަ ދެން ފަހެ، ﷲ އެކަމުގައި ގޮތެއް ނިންމަވަންދެން ތިޔަބައިމީހުން އިންތިޒާރު ކޮށްލާށެވެ. އަދި ﷲ ފާސިޤުވެގެންވާ މީސްތަކުންނަކަށް ހިދާޔަތެއް ނުދައްކަވައެވެ.] މިއީ ހިތުގެ ތެރޭގައިވާ ލޯބި ޝިރުކުން ސަލާމަތްކޮށް ތައުޙީދުގެ ތެރެއަށް ގެނައުމެވެ. އަދި މާތް ﷲ ވަޙީކުރެއްވިއެވެ: ﴿إِنَّمَا يَعْمُرُ مَسَاجِدَ اللَّهِ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَلَمْ يَخْشَ إِلَّا اللَّهَ فَعَسَى أُولَئِكَ أَنْ يَكُونُوا مِنَ الْمُهْتَدِينَ﴾ [التوبة:18]  މާނައީ: [ހަމަކަށަވަރުން ﷲ ގެ މިސްކިތްތައް ބެލެހެއްޓުން ވަނީ ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވީ މީހުންނެވެ. އަދި ނަމާދު ޤާއިމްކުރިމީހާއަށާއި ޒަކާތް ދިން މީހާއަށެވެ. އަދި ﷲ ފިޔަވައި އެހެންފަރާތަކަށް ބިރުވެތި ނުވާ މީހާއަށެވެ. ހިދާޔަތުގައި ވާކަން ކަށަވަރީ އެބައިމީހުންނެވެ.] މިއީ ހިތުގައި ކުރެވޭ ބިރުވެތިކަމުގެ އަޅުކަން ޝިރުކުން ސަލާމަތްކޮށް ތައުޙީދުގެ ތެރެއަށް ގެނައުމެވެ. މިފަދައިން ހިތުގައި ހިނގާ ޝިރުކުގެ އުންމީދުތައް ދޫކޮށް ހަމައެކަނި ﷲ އަށް އެކަން އަދާކުރަންޖެހެއެވެ. އަދި އެހެނިހެން ހިތުގެ ޢަމަލުތަކެވެ. އަދި ހަމަމިފަދައިން ދުލުގެ ޢަމަލުގެ ގޮތުގައި ކުރެވޭ ޝިރުކުތަކަކީ ވެސް ﷲ ނޫންފަރާތްތަކަށް އަޅުކަން ކުރުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެކަންކަން ވެސް އެއީ ހަމައެކަނި ﷲ އަށް އެކަނި އަދާކުރަންޖެހޭ ތައުޙީދުގެ ޢަމަލުތަކެވެ. އެގޮތުން ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔުމަކީ ދުލުގެ އަޅުކަމެކެވެ. އެހެން އިލާހަކާމެދު އެފަދަ ބަހެއް ބުނުމަކީ ޝިރުކެވެ. ދުޢާކުރުމަކީ ދުލުގެ އަޅުކަމެކެވެ. އެކަން ވެސް މާތް ﷲ ނޫން ފަރާތަކަށް އަދާކުރުމަކީ ޝިރުކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ﴾  [غافر: 60] މާނައީ: [އަދި ތިޔަބައިމީހުންގެ ވެރިއިލާހު ވަޙީކުރެއްވިއެވެ. ތިމަންއިލާހަށް ތިޔަބައިމީހުން ދުޢާކޮށް އެދޭށެވެ. ތިމަންއިލާހު ތިޔަބައިމީހުންނަށް އިޖާބަ ދެއްވާނަމެވެ. ހަމަކަށަވަރުން ތިމަންއިލާހަށް އަޅުކަންކުރުމަށް ކިބުރުވެރިވެ ދުރުހެލިވެއްޖެ މީހުން ދަންނާށެވެ. އެބައިމީހުން ނިކަމެތިޙާލުގައި ނަރަކައަށް ވަންނާނެކަން ކަށަވަރެވެ.] މިއީ ދުލުން ކުރެވޭ އަޅުކަމުގެ ތެރޭގައި ދުޢާ ހިމެނޭކަމާއި އެއަޅުކަމުގައިވެސް ޝިރުކުކޮށްގެން ނުވާނެކަމާއި އެއަޅުކަމުގައިވެސް ތައުޙީދު ޤާއިމް ކުރަންޖެހޭނެކަން އަންގައިދޭ އާޔަތެކެވެ. އަދި އޭގެ އިތުރުންވެސް ޤުރުއާން ކިޔެވުމާއި މީހުންނަށް ދީނަށްގޮވާލައި ދީނީ ނަޞޭޙަތް ދިނުމާއި ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ދުލުން މަނާކުރުމަކީ މިއީ ހުސް ދުލުގެ އަޅުކަން ކަމުގައިވާއިރު މިކަންކަން ކުރަންޖެހޭނީ ހަމައެކަނި މާތް ﷲ އަށް އަދާކުރާ އަޅުކަމެއްގެ ގޮތުގައެވެ. މިފަދަ އެތަކެއް އަޅުކަންތަކެއް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ވަނީ މިއުންމަތަށް ބުނެދެއްވާފައެވެ.

ދެން އޮންނަނީ ޢަމަލީގޮތުން ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކުން ކުރެވޭ އަޅުކަންތަކެވެ. އެގޮތުން ނަމާދުގެ އަޅުކަމާއި ރޯދައިގެ އަޅުކަމާއި ޙައްޖުގެ އަޅުކަމާއި ޒަކާތުގެ އަޅުކަން ޝަރުޢު ކުރެއްވިއެވެ. އަދި ނަދުރު ބުނުމަކީ އަޅުކަމެއްކަމާއި ޖަނަވާރުތައް ޤުރުބާން ކުރުމަކީ ވެސް އަޅުކަމެއްގެ ގޮތުގައި ލެއްވިއެވެ. އަދި ޢިލްމު އުނގެނުމާއި ޖިހާދުކުރުން ވެސް އަޅުކަމެއްގެ ގޮތުގައި ލެއްވިއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ— لَا شَرِيكَ لَهُ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ﴾ [الأنعام: 162   163  ] މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ތިމަންނަބިއްޔާގެ ނަމާދާއި ތިމަންނަބިއްޔާގެ ޤުރުބާންކުރުމާއި ތިމަންނަބިއްޔާގެ ދިރިހުރުމާއި ތިމަންނަބިއްޔާގެ މަރުވުންވެސް ވަނީ ޢާލަމްތަކުގެވެރި ﷲ އަށްޓަކައެވެ. އެކަލާނގެއަށް އެއްވެސް ޝަރީކަކު ބައިވެރިޔަކު ނުވެއެވެ. އަދި ތިމަންނާއަށް އަމުރުވެވިގެން ވަނީ މިގޮތަށެވެ. އަދި ތިމަންނާއީ އެންމެފުރަތަމަ މުސްލިމެވެ.] ވީމާ ނަމާދެއް ކުރިޔަސް ޖަނަވާރެއް ކެއުމަށް ޤުރުބާން ކުރިޔަސް މިއީ އަޅުކަމަށްވާތީވެ މިކަންކަންވެސް ކުރަންޖެހޭނީ ހަމައެކަނި ﷲ އަށްޓަކައެވެ. އެނޫންގޮތަކަށް ކޮށްފިނަމަ އެކަންކަން ޝިރުކުގެ ތެރެއަށް ވެއްޓިގެން ދެއެވެ.

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

(ނުނިމޭ)  އާޓިކަލް 20

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *