ބުރާސްފަތި, 17 އޭޕްރިލް 2025

އާރޓިކަލް 162 : ރަމަޟާމަހުގެ ރޯދަ ފަރުޟުކުރެވުނު މަރުޙަލާތައް.

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

އެންމެފުރަތަމަ ކީރިތި ރަސޫލާ صلى الله عليه وسلم އިސްލާމްދީނަށް ގޮވާލެއްވުމުން އެކަމަށް އިޖާބަދީ އިސްލާމްވަމުން ދިޔަ ބޭކަލުންނަށް މިހާރު އަހަރެމެން މިކުރާ އަޅުކަންތައް އެގޮތަށް ކުރުމަށް އަމުރުވެވިގެން ނުވެތެވެ. އެއީ އިސްލާމްދީނުގެ ކުރީކޮޅެވެ. އެދުވަސްވަރު މީސްތަކުން ތަރުބިއްޔަތު ކުރެވެމުން ދިޔައީ ހަރުދަނާ ޢަޤީދާއެއްގެ މަތީގައި ސާބިތު ކޮށްދެއްވުމެވެ. އެގޮތުން ރަމަޟާން މަހުގެ ރޯދައަކީވެސް އޭރުގައި މުސްލިމުން ކޮށް އުޅުނު އަޅުކަމެއް ނޫނެވެ. މައްކާގެ ތޭރައަހަރުގެ ދައުރު ނިމި، ރަސޫލާ صلى الله عليه وسلم އާއި ޞަޙާބީން މަދީނާއަށް ހިޖުރަ ކުރެއްވުމަށް ފަހުގައި ނޫނީ ރަމަޟާން މަހުގެ ރޯދަ ފަރުޟުވެގެން ނުދެއެވެ.

ނަމަވެސް މުސްލިމުން މައްކާގެ ދައުރުގައިވެސް ރޯދަ ހިފިކަމުގައިވިއެވެ. އޭރުގައި މައްކާގެ މީހުން ޢާޝޫރާ ދުވަހުގައި ރޯދަ ހިފާކަމުގައި ވިއެވެ. އެގޮތުން އެ އާދައަކީ އެބައިމީހުންގެ މެދުގައި އޮތް ރަނގަޅު އާދައެއް ކަމުން، ނަބިއްޔާ صلى الله عليه وسلم އާއި މުސްލިމުން އެރޯދަ ހިއްޕަވަމުން ގެންދެވިއެވެ. ބުޚާރީ އާއި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ޢާއިޝާ رضي الله عنها ވިދާޅުވި ކަމުގައި ރިވާވެގެންވިއެވެ: ((كَانَ يَوْمُ عَاشُورَاءَ يَوْمًا تَصُومُهُ قُرَيْشٌ فِي الجَاهِلِيَّةِ، وَكَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَصُومُهُ، فَلَمَّا قَدِمَ المَدِينَةَ صَامَهُ، وَأَمَرَ بِصِيَامِهِ، فَلَمَّا نَزَلَ رَمَضَانُ كَانَ مَنْ شَاءَ صَامَهُ، وَمَنْ شَاءَ لاَ يَصُومُهُ)) މާނައީ: [ޢާޝޫރާ ދުވަހަކީ އެދުވަހެއްގައި ޤުރައިޝުން ޖާހިލިއްޔަ ޒަމާނުގައި ރޯދަ ހިފައި އުޅޭ ދުވަހެއް ކަމުގައި ވިއެވެ. އަދި ނަބިއްޔާ صلى الله عليه وسلم އެދުވަހުގައި ރޯދަ ހިއްޕަވާ ކަމުގައިވިއެވެ. ފަހެ، މަދީނާއަށް ވަޑައިގެންނެވި ހިނދު އެރޯދަ އެކަލޭގެފާނު ހިއްޕަވައި އެރޯދަ ހިފުމަށް އަމުރުވެސް ކުރެއްވިއެވެ. އަދިފަހެ، ރަމަޟާން މަހުގެ ރޯދައިގެ ވާހަކަ ބާވައިލެއްވުމުން، ޢާޝޫރާ ދުވަހުގެ ރޯދަ ހިފަން ބޭނުން މީހަކު ހިފައެވެ. އަދި އެރޯދަ ނުހިފަން ބޭނުންމީހާ ނުހިފައެވެ.] ވީމާ މަދީނާއަށް ހިޖުރަ ކުރެއްވުމާއި ހަމައިން މުސްލިމުންގެ މައްޗަށް ރޯދަ ހިފަން ފަރުޟު ކުރެވުނެވެ. ނަމަވެސް އެއީ ރަމަޟާންމަހުގެ ރޯދައެއް ނޫނެވެ. އެހިނދު ފަރުޟު ކުރެވުނީ ޢާޝޫރާ ދުވަހުގެ ރޯދައެވެ.

ހިޖުރައިން ދެވަނަ އަހަރުގައި ރަމަޟާންމަހުގެ ރޯދަ ފަރުޟު ކުރައްވާ އެކަމަށް ޤުރުއާން ބާވައިލެއްވުނެވެ. ނަމަވެސް އެންމެ ފުރަތަމަ ބާވައިލެއްވުނީ އިޚްތިޔާރު ކުރާގޮތުގެ މަތިންނެވެ. އެއީ ރޯދަ ހިފުމަށް އެދޭ ނަމަ ރޯދަ ހިފުމެވެ. ރޯދަ ހިފުމަށް ނޭދޭނަމަ ރޯދައަށް ނުހުރެ ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދިނުމެވެ. އެކަން ބަޔާންކުރައްވާ ވަޙީކުރެއްވިއެވެ: ﴿وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ فَمَنْ تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَهُ وَأَنْ تَصُومُوا خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ﴾ سورة البقرة:184 މާނައީ: [އަދި ރޯދަހިފުމުގެ ކުޅަދާނަކަން ލިބި (އެރޯދަ ހިފަން އުނދަގޫވެ އެރޯދަ ނުހިފައިފިނަމަ) އެމީހެއްގެ މައްޗަށް އޮތީ މިސްކީނަކަށް ކާންދީ ފިދުޔަ ދިނުމެވެ. ފަހެ، ހެޔޮކަމެއް ކޮށްފިމީހާއަށް އެގޮތް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން ރޯދަ ހިފުން ތިޔަބައިމީހުންގެ މައްޗަށް ހެޔޮކަންބޮޑުވެގެން ވެއެވެ. އެއީ ތިޔަބައިމީހުންނަށް އެނގޭ ކަމުގައި ވާނަމައެވެ.] ބުޚާރީ އާއި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ސަލަމަތު ބުން އަލްއަކްވަޢު رضي الله عنه ވިދާޅުވިއެވެ: [(وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ) މިއާޔަތް ބާވައިލެއްވުމުން ރޯދަ ނުހުންނަން ބޭނުންމީހާ ފިދުޔަ ދޭކަމުގައި ވިއެވެ. އެއީ މިއާޔަތުގެ ފަހުން އޮންނަ އާޔަތް ބާވައިލައްވަންދެކަށެވެ. އެއާޔަތް ބާވައިލެއްވުމުން މިބައިގެ ޙުކުމް މަންސޫޚު ކުރެވުނެވެ.]

އައްޝައިޚް އިބްނު ޢުޘައިމީން رحمه الله "އައްޝަރުޙުލް މުމްތިޢު" ގައި ވިދާޅުވިއެވެ: "ހަމަކަށަވަރުންވެސް ﷲ ރޯދަ ފަރުޟުކުރެއްވީ ދެވަނަ އަހަރުގައި ކަމަށް އިޖްމާޢު އޮވެއެވެ. ފަހެ ނަބިއްޔާ  ނުވަ ރަމަޟާން މަހުގައި ރޯދަ ހިއްޕެވިކަމަށްވެސް އިޖްމާޢު އޮވެއެވެ. އަދި އެންމެފުރަތަމަ ފަރުޟު ކުރެވުނީ ރޯދަހިފުމާއި ނުހިފުމުގެ އިޚްތިޔާރު އޮންނަ ގޮތަށެވެ. އޭގެ ޙިކްމަތަކީ އެއަޅުކަން ޝަރުޢުކުރެއްވުމުގައި ބަޔަކުން ބަޔަކުން ފަރުޟުކުރެއްވުމެވެ. އެއީ އެކަން ބަލައިގަތުމަށް ފަސޭހަވާނޭ ފަދައިންނެވެ. ރާ ޙަރާމް ކުރެވުނު ފަދައިންނެވެ. ދެން އެއަށްފަހު ރޯދައަށް ހުރުން ފަރުޟުކުރެވުނެވެ. އަދި ފިދުޔަ ދިނުން ކަނޑައެޅިގެން ދިޔައީ ރޯދަ ހިފުމަށް ކުޅަދާނަކަން ނުލިބުނު މީހުންނަށް އެކަންޏެވެ."

އަދި އެންމެ ފުރަތަމަ ރަމަޟާން މަހުގެ ރޯދަ ފަރުޟު ކުރެވުނުއިރު ރޯދަ ނުވީއްލަނީސް ނިދިއްޖެ ނަމަ، އެމީހަކަށް ދެން އެރެއަކުވެސް އަދި އަނެއްދުވަހުވެސް، އަނެއްދުވަހުގެ އިރުއޮއްސި ރޭވެއްޖައުމަށް ދާންދެން ކެއުމާއި ބުއިމާއި އަނބިމީހާއާ ޖިމާޢުވުން ޙަރާމްވެގެން ދެއެވެ. ބުޚާރީގެ ރިވާޔަތެއްގައި ވާގޮތުން، އެކަން ޞަޙާބީ ބޭކަލުންނަށް ވަރަށް ބޮޑު ތަކްލީފަކަށް ވެގެން ދިޔައެވެ. އެގޮތުން ޤައިސް ބުން ޞިރްމަތު އަލްއަންޞާރީ رضي الله عنه އަށް އެފަދައިން ދިމާވެ، ނުކައި ނުބޮއި ހުރުމުގެ ސަބަބުން އަނެއްދުވަހު ދެބައިވީއިރު އަނބުރައިގަތެވެ. ދެން އެކަން ނަބިއްޔާއަށް ދެންނެވުނު ހިނދު އެޙުކުމް މަންސޫޚު ކުރެވި މިއާޔަތް ބާވައިލެއްވިއެވެ. ﴿أُحِلَّ لَكُمْ لَيْلَةَ الصِّيَامِ الرَّفَثُ إِلَى نِسَائِكُمْ﴾ سورة البقرة:187 މާނައީ: [ރޯދައިގެ ރޭގައި ތިޔަބައިމީހުންގެ އަނބީންނާއެކު އެއްދާންކުރުން ތިޔަބައިމީހުންނަށް ޙަލާލު ކުރެވިއްޖެއެވެ.]

މިތަނުގައި އެއަޞްޙާބު ބޭކަލުންގެ ތަރުބިއްޔަތަށް ބަލައިލުން މުހިންމެވެ. ނިކަން ވިސްނައިލުން ހުއްޓެވެ. އެބޭކަލުން ތިއްބަވަނީ އެބޭކަލުން އީމާންވެގެން ތިބި ކަލާނގެ ކަމުގައިވާ ﷲ سبحانه وتعالى ގެ ޙަޟްރަތުން އަންނާނެ ޙުކުމަކަށް ތަބާވުމަށް ނުހަނު ތައްޔާރުވެގެންނެވެ. އެއިން އެއްވެސް ޙުކުމަކަށް އެބޭކަލުން ދެކޮޅު ހެއްދެވުމަކީ އޮންނަ ކަމެއް ނޫނެވެ. ރޯދަ ހިފާނީ މިހެންނޭ ބާވައިލެއްވުމުން ރޯދަ ހިފަނީ އެފަދައިންނެވެ. ދެން އެކަން ބަދަލު ކުރައްވާ މިހާރުދެން ރޯދަ ހިފަންވީ މިހެންނޭ ބާވައިލެއްވުމުން އެގޮތަށް ޢަމަލުކުރައްވަންވެސް ތިއްބަވަނީ ތައްޔާރުވެ ވަޑައިގެންނެވެ. ޙަޤީޤީ އިސްލާމްކަމުގެ ތަރުބިއްޔަތަކީ އެއީއެވެ. އަޅުގަނޑުމެން އެއިލާހަށް އީމާންވެ ނަފްސު ތައްޔާރުވެފައިވަނީ ހަމައެފަދައިންތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލުން މުހިންމެވެ. ނޫންނަމަ، މިރޯދަ މަހަކީ އެތަރުބިއްޔަތުން ނަފްސު ތަރުބިއްޔަތު ކުރުވާނޭ މަހެއްގެ ގޮތުގައި ހެދުން ވާނީ ތިމާގެ ނަފްސަށް ޙަޤީޤީ އިސްލާމްކަމުގެ އަސަރު ގެނުވާނޭ އިންޤީލާބީ ބަދަލަކަށް ވާނޭކަން ކަށަވަރެވެ.

އަޅަމެންނީ ރަމަޟާން މަހުން އޭގެ ފުރިހަމަގޮތުގައި ތިމާގެ ނަފްސު ތަރުބިއްޔަތު ކުރަން މަސައްކަތް ކުރާ ބަޔަކު ކަމުގައި ލައްވާށިއެވެ. އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *