الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
އެންމެހައި ނަބީންނާއި ރަސޫލުން މިދުނިޔެއަށް ފޮނުއްވުނީ މީސްތަކުން ކޮންމެވެސް ކަމަކަށް ޖާހިލުވެފައި ވުމުގެ ސަބަބުން މީސްތަކުން އެޖާހިލުކަމުން ސަލާމަތްކޮށް، ޢިލްމުގެ ނޫރެއް އެބައިމީހުންގެ ހިތްތަކަށް ވައްދަވާ އެނޫރުގެ އަލީގައި އެބައިމީހުން ނުހަނު މަތިވެރި ޢަމަލުތަކެއް ކުރުމަށެވެ. އެޢިލްމަކީ އިލާހީ ޢިލްމެވެ. އެއިލާހަށް އީމާންވެއްޖައީމޭ ބުނުމާއެކު، އެމީހަކާ އިލާހީ އަމުރުފުޅުތަކެއް ކުރިމަތިވެގެން ދެއެވެ. އިސްލާމްވުމުގެ މާނައަކީ އަމުރުފުޅުތަކަށް ބޯލަނބާ ކިޔަމަންގަތުމުގެ އަޅުވެތިކަމުގެ ދަށަށް ތިމާ ހިނގައްޖެ ކަމަށް އަމިއްލައަށް އިޢުލާނު ކުރުމެވެ. އިންސާނުންގެ ރައްބު (އިނގިރޭސިން ބުނާނަމަ އެބައިމީހުންގެ ލޯޑް) ގެ އެންގެވުން އަޑުއަހާ އެއަމުރުތަކަށް ބޯލަނބައި ކިޔަމަންގަތުމެވެ. އެގޮތުން އޭ އީމާންވެއްޖެ މީހާއޭ! މިފަދައިން ގޮވާލެއްވުމާއެކު އެއީ ކަނުލައި އަޑުއަހަންވީއެވެ. އަދި އެއަށްފަހު ދެން އަންނާން އޮތް އަމުރުފުޅަށް ނުވަތަ މަނާކުރެވޭނެ ނަހީއަށް ތިމާ އަވަހަށް ތައްޔާރުވާންވީއެވެ. އާޔަތުގެ ބާކީބައި ކިޔަންވާނީ އެވިސްނުމުގައެވެ. ތިމާމީހާ ތިމާއަކީ މުއުމިނެކޭ މުސްލިމެކޭ ބުނެ، އެކުރިމަތިވާނޭ ކަންތަކަށް ބޯލެނބުމުގެ ނިޔަތުގައި އެކަމަށް ޢަމަލީގޮތުންވެސް ތައްޔާރުވެގެންނެވެ. އެކުރިމަތިވަނީ ތިމާ ހެއްދެވި ތިމާގެ އަދި އެންމެހައި އިންސާނުންގެ އަދި މުޅިކާއިނާތުގެ ކަންކަން ބަލަހައްޓަވާ ވެރި ރައްބުގެ ތަރުބިއްޔަތެވެ. ވީމާ އެވަޙީގެ ޒަރީޢާއިން އެލިބެނީ އެއެއްޗަކަށް ތިމާ ޢަމަލުކުރުމުން ރައްބުވަންތަ އިލާހުގެ ތަރުބިއްޔަތެވެ. ކޮންމެ މުސްލިމަކުވެސް ޤުރުއާނަށް އީމާންވެ ތަދައްބުރުކަމާއެކު އެކިޔަވަން ޖެހެނީ އެފަދައިން ޢަމަލު ކުރުމަށެވެ. އެހެންވެގެން މާތް ﷲ ވަޙީކުރެއްވިއެވެ: ﴿اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ﴾[العلق: 1] މާނައީ: [ތިބާގެ ވެރިރައްބުގެ ނަންފުޅުން ކިޔަވާވިދާޅުވާށެވެ! އެކަލާނގެއީ (އެންމެހައި ތަކެއްޗެއް) އުފެއްދެވި ކަލާނގެއެވެ.] މިތަނުގައި ވެރި ރައްބުގެ ނަންފުޅުންނޭ ބުނެފައިވުމުން ކޮންމެ މުސްލިމަކު ޤުރުއާން ކިޔެވުމަށްފަހު ތަރުބިއްޔަތު ވާންޖެހޭ ދާއިރާ އެވަނީ ބަޔާންކޮށްދީފައެވެ. ވެރި ރައްބުގެ ތަރުބިއްޔަތުންނެވެ. ވުމުން ކުރިން ބުނެވުނުހެން އެކަލާނގެއަށް ބޯލަނބާ ކިޔަމަންވެއްޖައިމޭ ބުނާމީހަކަށް ވަރަށްގިނަ ފަހަރަށް ވަނީ އަމުރެއް ނުވަތަ ނަހީއެއް ގެންނެވުމުގެ ކުރިއަށް އީމާންވެއްޖެކަމަށް ބުނެފައިވާ މީހާއަށް މުޚާޠަބު ކުރައްވަވާ ނިދާއިއްވަވާފައެވެ. އެގޮތުން ﴿يَٰـأَيُّهَا الَّذِينَ آمَنُوا﴾ މާނައީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ!] މިފަދައިން ކީރިތި ޤުރުއާނުގައި 89 ފަހަރު ނިދާއިއްވަވާފައި ވެއެވެ. އެކަލާނގެއަށް ތިމާ ފުރިހަމަ އަޅަކަށް ވެގެން ހުންނަމީހާ މިޙާލަތުގައި ކުރަންވީ ކަމަކީ "އާދޭހެވެ! ތިމަންނާ ކުރަންވީ ކޮންކަމެއްހޭ، ހަމަވަގުތުން އެކަމަކަށް ބޯލަބާ ކިޔަމަންވާ މިހިރީ ތައްޔާރަށޭ، މިއީ ތިޔަ ރައްބުގެ އަޅަކީމުއޭ، ތިޔަ ވެރި ރައްބު ތިމަންނާއަށް ކުރާން އަންގަވާނީ ޔަޤީނުންވެސް ތިމަންނާއަށް ފައިދާހުރި ރަނގަޅު ކަމެކޭ، ތިމަންނާއަށް ނުކުރާން އަންގަވާނީ ތިމާއަށް ނުރަނގަޅު ގެއްލުންހުރި ގޯސް ކަމެކޭ، މިއަޅާއަށް ތިޔަކަމަކަށް ބޯނުލަނބަން ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތޭއެވެ." މިފަދައިން ހިތާހިތުން ބުނެ، އަޅެއް ފަދައިން އަންގަވާން އެއުޅުއްވާ ކަމަކަށް ކިޔަމަންވާން ރެޑީ ވުމެވެ. سَعِيد بنُ مَنصُور ސުނަނު ގެ 50 ވަނަ ޙަދީޘްގައި ބަޔާން ކުރައްވާފައިވާ ގޮތުގައި ޢަބްދުﷲ ބުން މަސްޢޫދު رضي الله عنه ވިދާޅުވާ ފަދައިންނެވެ. إِذَا سَمِعْتَ يَا أَيُّهَا الَّذِينَ آمَنُوا فَأَصْغِ لَهَا سَمْعَكَ إِمَّا خَيْراً تُأمَرُ بِهِ أَوْ شَرّاً تُنْهَى عَنْهُ މާނައީ: [يَا أَيُّهَا الَّذِينَ آمَنُوا މިފަދައިން ތިބާއަށް އަޑުއިވިއްޖެނަމަ ތިބާ އެއަށް ކަނުލައި އަޑުއެހުން ހުއްޓެވެ. އެއީ އެކަމެއް ކުރުމަށް އަމުރުވެވޭ ހެޔޮކަމެއްގެ އަމުރެކެވެ. ނޫނީ އެކަމަކުން މަނާކުރެވޭ ނުބައިކަމެކެވެ.] ވާނީ އެހެންތާއެވެ! އެއީ ތިބާގެ އަޅުކަންތައް އެފަރާތަކަށް ޙައްޤުވެގެންވާ ފަރާތުގެ އެންގެވުމެވެ. އެއެންގެވުން އެންގެވީ އެކަލާނގެ އަޅާއަށެވެ. އެކަމެއް ވެގެންދާނީ އަޅުވެތިވުމަށް ކުރެވުނު އަޅުކަމަކަށެވެ. މިގޮތުން އެންމެ ފުރަތަމަ މާތް ނަބިއްޔާ އަށް ޤުރުއާން ކިޔެވުމަށް އަމުރުވެވުނެވެ. އިސްލާމްދީނުގެ ކުރީކޮޅު ކޮންމެ މުސްލިމަކުމެ އިސްލާމްވުމުގެ ކުރިން ކުރަމުން ދިޔަ ބާޠިލު އަޅުކަންތައް ހުއްޓާލުމަށްފަހު އެބައިމީހުންގެ ވެރި ރައްބު ﷲ سبحانه وتعالى އަށް އަޅުކަމުގެ ގޮތުގައި އަދާކުރުމަށް ޝަރުޢުކުރައްވާނެ ކަންކަމުގެ އިންތިޒާރުގައި ތިބެއެވެ. އެފަދައިން ތިއްބާ މުއްޒަންމިލް ސޫރަތުގައި ނަމާދުގެ އަޅުކަމަށް އަމުރުވެވުނެވެ. އެހިސާބުން ނަމާދުކުރާން ފެށުނެވެ. ރޯދައިގެ އަޅުކަމަށް އަމުރުވެވުނެވެ. އޭރުގައި އަމުރުވެވުނު ގޮތަށް މުސްލިމުން ރޯދައިގެ އަޅުކަންވެސް އަދާކުރިއެވެ. ޒަކާތުގެ އަޅުކަމަށް އަމުރުވެވުނެވެ. އެއަޅުކަންވެސް އަދާކުރިއެވެ. ޞަދަޤާތް ދިނުމަށާއި ނިކަމެތިންނަށް އަޅާލުމާއި ފަޤީރުންނާއި މިސްކީނުންނަށް ކާންދިނުމާއި، ތެދުވެރިވުމާއި އަމާނާތްތެރިވުމާއި، ޢިއްފަތްތެރި ވުމާއި މިފަދަ އެތަކެއް ރިވެތި އަޚްލާޤީ ސިފަތަކަށް އަމުރުވެވި މިފަދަ އަޅުކަންތައް ޝަރުޢު ކުރެވުނެވެ. ޞަޙީޙް ބުޚާރީ އަދި މުސްލިމްގައި އަބޫސުފްޔާނު އާ ރޫމީންގެ ވެރިޔާ ހިރަޤުލް އާ ދެމެދު ހިނގާދިޔަ ޙާދިޘާ އާ މެދު އައިސްފައިވާ ދިގު ޙަދީޘެއްގެ ބައެއްގައި އައިސްފައިވެއެވެ. قَالَ هِرقْلُ: فَمَاذَا يَأَمُرُكُمْ – يعني: النبي صلى الله عليه وسلم – قَالَ أَبُو سُفْيَانَ: قُلْتُ: يَقُولُ: «اعْبُدُوا اللهَ وَحْدَهُ لَا تُشْرِكوُا بِهِ شَيئًا، وَاتْرُكُوا مَا يَقُولُ آبَاؤُكُمْ، وَيَأْمُرُنَا بالصَّلَاةِ، وَالصِّدْقِ، والْعَفَافِ، وَالصِّلَةِ» މާނައީ: [ހިރަޤުލް ސުވާލުކުރިއެވެ: ދެން އޭނާ (މުޙައްމަދު صلى الله عليه وسلم ) ތިޔަބައިމީހުންނަށް އަމުރުކުރަނީ ފަހެ ކޮންކަމަކަށް ހެއްޔެވެ؟ އަބޫ ސުފްޔާން ވިދާޅުވިއެވެ: ތިމަންނާ ބުނީމެވެ. އޭނާ (ނަބިއްޔާ) ވިދާޅުވެއެވެ: ތިޔަބައިމީހުން ﷲ އަށް އެކަނި އަޅުކަންކުރާށެވެ. އަދި އެކަލާނގެއާ އެހެން އެއްވެސް ފަރާތަކާ ބައިވެރި ނުކުރާށެވެ. އަދި ތިޔަބައިމީހުންގެ ކާބަފައިން ދައްކާ ވާހަކަތައް ދޫކޮށްލާށެވެ. އަދި އަހަރެމެންނަށް ނަމާދު ކުރުމަށް އަމުރުކުރައްވައެވެ. އަދި ތެދުވެރިވުމަށާއި ޢިއްފަތްތެރިވުމަށާއި ޢާއިލީ ރަޙިމުގެ ގުޅުން ބޭއްވުމަށް އަމުރުކުރައްވައެވެ.] މިޙާދިޘާ މިއީ އަބޫސުފްޔާން رضي الله عنه އިސްލާމްވެ ވަޑައިގަތުމުގެ ކުރިން ހިނގި ޙާދިޘާއެކެވެ. އަދި ކުރިންވެސް ބުނެވި ދިޔަ ފަދައިން އެންމެފުރަތަމަ ނަމާދަށް އަމުރުވެވުނީ ރޭގަނޑުގެ ދަމުނަމާދެވެ. އިމާމް މުސްލިމް ރިވާކުރެއްވިއެވެ. ޢާއިޝާ رضي الله عنها ވިދާޅުވިއެވެ: إِنَّ اللَّهَ عَزَّ وَجَلَّ افْتَرَضَ قِيَامَ اللَّيْلِ فِي أَوَّلِ هَذِهِ السُّورَةِ فَقَامَ نَبِيُّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَصْحَابُهُ حَوْلًا وَأَمْسَكَ اللَّهُ خَاتِمَتَهَا اثْنَيْ عَشَرَ شَهْرًا فِي السَّمَاءِ حَتَّى أَنْزَلَ اللَّهُ فِي آخِرِ هَذِهِ السُّورَةِ التَّخْفِيفَ فَصَارَ قِيَامُ اللَّيْلِ تَطَوُّعًا بَعْدَ فَرِيضَةٍ މާނައީ: [ހަމަކަށަވަރުން ﷲ عَزَّ وَجَلَّ ރޭއަޅުކަން އަޅުކަމުގެ ގޮތުގައި މިސޫރަތުގައި (މުއްޒަންމިލް ސޫރަތުގައި) ފަރުޟުކުރެއްވިއެވެ. ދެން ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަޞްޙާބުން އަހަރެއް ވަންދެން އެއަޅުކަން ކުރުމުގައި ޤާއިމްވެ ތިއްބެވިއެވެ. އަދި ބާރަ މަސްދުވަސް ވަންދެކަށް އޭގެ ފަހުބައި ބާވައި ނުލައްވާ އުޑުގައި ﷲ ހިފެހެއްޓެވިއެވެ. ދެން މިސޫރަތުގެ ފަހުބައިގައި ލުއި ކޮށްދެއްވިއެވެ. ދެންފަހެ ދަމުނަމާދު ފަރުޟެއްގެ ގޮތުގައި އޮތުމަށްފަހު ސުންނަތް އަޅުކަމަކަށް ވެގެން ދިޔައެވެ.] الإمام الشَّافِعِي رحمه الله الأم" (1/68) ގައި ވިދާޅުވިއެވެ: " سَمِعْت من أَثِقُ بِخَبَرِهِ وَعِلْمِهِ يَذْكُرُ أَنَّ اللَّهَ أَنْزَلَ فَرْضًا في الصَّلَاةِ ، ثُمَّ نَسَخَهُ بِفَرْضٍ غَيْرِهِ ، ثُمَّ نَسَخَ الثَّانِيَ بِالْفَرْضِ في الصَّلَوَاتِ الْخَمْسِ މާނައީ: [އެމީހެއްގެ ޚަބަރުތަކާއި ޢިލްމާއި މެދު އިތުބާރުކުރެވޭ މީހެއްގެ ފަރާތުން އެމީހަކު ވިދާޅުވާއަޑު ތިމަންނާ އެހީމެވެ. ހަމަކަށަވަރުން ﷲ ނަމާދު ފަރުޟުކުރައްވާ އެއަޅުކަން ބާވައިލެއްވިއެވެ. ދެން އެއަށްފަހު އެހެން ފަރުޟަކުން އެކަން މަންސޫޚު ކުރެއްވިއެވެ. (މާނައީ އުވާލެއްވިއެވެ.) ދެން އެއަށްފަހު އެދެވަނައަށް ފަރުޟުކުރެވުނު ނަމާދު، ފަރުޟު ނަމާދުން މަންސޫޚު ކުރެއްވިއެވެ.] މިތަނުގައި މިބުނެވިދިޔައީ ފުރަތަމަ ފަރުޟު ކުރެވުނު ދަމުނަމާދު ދެވަނަ ގޮތަކަށް ނަމާދުގެ އަޅުކަން ފަރުޟު ކުރެވުމާއި އެކު މަންސޫޚު ކުރެވުނު ވާހަކައެވެ. ޞަޙާބީންނާއި ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާއިރު އެދެވަނައަށް ފަރުޟު ކުރެވުނު ނަމާދަކީ ކޮންމެ ދުވަހަކު ދެވަގުތެއްގައި ކުރެވުނު ދެނަމާދެވެ. އެއީ އިސްރާ މިޢުރާޖުގެ ޙާދިޘާ ހިނގަންދެން ނަމާދުގެ އަޅުކަން ދެމިއޮތް ގޮތެވެ. ދެން އިސްރާ މިޢުރާޖުގެ ޙާދިޘާ ހިނގި ރޭގައި އަހަރެމެންނަށް މިހާރު މިއަމުރުވެވިގެންވާ ގޮތުގައި ނަމާދު ފަރުޟު ކުރެވުނެވެ. قَتَادَة رحمه الله ވިދާޅުވިއެވެ: " كَانَ بَدْءُ الصِّيَامِ أُمِرُوا بِثَلَاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ ، وَرَكْعَتَيْنِ غُدْوَةً ، وَرَكْعَتَيْنِ عَشِيَّةً " تفسير الطبري (3 / 501) މާނައީ: [ރޯދައިގެ އަޅުކަން ފެށުނުއިރު ފުރަތަމަ އަމުރުވެވިގެންވީ ކޮންމެ މަހެއްގައި ތިންދުވަހު ރޯދަ ހިފުމަށެވެ. އަދި ނަމާދުގައި ހެދުނުގައި ދެރަކްޢަތް އަދި ދުވަހުގެ ފަހުބައިގައި ދެރަކްޢަތް ކުރުމަށެވެ.] ވީމާ ދަމުނަމާދުގެ ފަރުޟުކަން މަންސޫޚު ކުރެވި އެއީ މުސްލިމުންނަށް ސުންނަތް އަޅުކަމެއްގެ ގޮތުގައި ބަދަލުވުމަށްފަހު ދެން ނަމާދުގެ އަޅުކަން މާތް ﷲ ފަރުޟުކުރެއްވީ ދުވާލަކު ދެނަމާދަށް ވާގޮތަށެވެ. އަދި އެއިން ކޮންމެ ނަމާދެއްގައި އޮންނަނީ ދެ ރަކްޢަތެވެ. މިކަން ބަޔާންކުރައްވާ ﷲ ބާވައިލެއްވި އާޔަތުގައި ވެއެވެ: ﴿فَاصْبِرْ عَلَىٰ مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ الْغُرُوبِ﴾[ق: 39] މާނައީ: [އެބައިމީހުން (ޔަޢުނީ ޔަހޫދީން) އެދައްކާ ވާހަކަތަކަށް ތިޔަނަބިއްޔާ ކެތްތެރިވެ ވަޑައިގަންނަވާށެވެ. އަދި އިރު އެރުމުގެ ކުރިންނާއި އިރުއޮއްސުމުގެ ކުރިން ތިޔަނަބިއްޔާގެ ވެރިއިލާހަށް ޙަމްދުކޮށް ނަމާދު ކުރައްވާށެވެ.] މިއާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު ވިދާޅުވިއެވެ: "އަދި ހަމަކަށަވަރުން މިއީ އިސްރާއުގެ ރޭގައި ފަސް ނަމާދު ފަރުޟު ކުރެއްވުމުގެ ކުރިންނެވެ. އަދި މިއާޔަތަކީ މައްކީ އާޔަތެކެވެ. (މާނައަކީ މިއާޔަތަކީ މައްކާގައި ބާވައިލެއްވުނު އާޔަތެކެވެ.)" ވީމާ މިއިން އެނގިގެން ދަނީ މިއާޔަތް ބާވައިލެއްވުނީ އިސްރާގެ ރޭގައި ފަރުޟު ފަސްނަމާދު ބާވައިލެއްވުމުގެ ކުރީން ކަމެވެ. ވުމުން މިއާޔަތުގައި އެވަނީ ނަމާދުގެ އަޅުކަން އަހަރެމެން މިހާރު މިކުރާގޮތް ނޫން އެހެން ގޮތަކަށް ފަރުޟު ކުރައްވާފައެވެ. އެއީ ދުވާލަކު ދެނަމާދެވެ. އަދި އަހަރެމެން މިހާރު މިއަދާކުރާ ފަދައިން ނަމާދުތައް ފަރުޟުކުރެވުނީ އޭގެ މާފަހުންނެވެ. އެއީ އިސްރާއާއި މިޢުރާޖުގެ ޙާދިޘާ ހިނގާދިޔަ ރޭގައެވެ. މިއީ މުޅި އުންމަތް އިޖްމާޢުވެފައިވާ ކަމެކެވެ. ابن عبد البر (8/35) " التمهيد " ގައި ވިދާޅުވިއެވެ: "ޢިލްމުވެރިން އިޖްމާޢުވެލައްވާ ގޮތުގައި، މިހާރު އަހަރެމެންނަށް މިއެނގޭ ފަދައިން ފަރުޟު ފަސްނަމާދު ހަމަކަށަވަރުންވެސް ފަރުޟުކުރެވުނީ އިސްރާގެ ރޭގައެވެ." ޞަޙީޙް ބުޚާރީގައި ރިވާވެގެން ވެއެވެ. عائشة رضي الله عنها ވިދާޅުވިއެވެ: (فَرَضَ اللَّهُ الصَّلَاةَ حِينَ فَرَضَهَا، رَكْعَتَيْنِ رَكْعَتَيْنِ، في الحَضَرِ والسَّفَرِ، فَأُقِرَّتْ صَلَاةُ السَّفَرِ، وزِيدَ في صَلَاةِ الحَضَرِ) މާނައީ: [ﷲ ނަމާދު ފަރުޟުކުރެއްވި ހިނދު ފަރުޟުކުރެއްވީ ދެރަކްޢަތް ދެރަކްޢަތް އޮންނަ ގޮތަށެވެ. އެއީ ރަށުގައި ޤާއިމްވެ ހުންނައިރުވެސް އަދި ދަތުރުމަތީގައިވެސް މެއެވެ. ދެން އެއަށްފަހު، އެގޮތުގައި ދަތުރުގެ ނަމާދު އެއޮތްގޮތަށް ބޭއްވުނެވެ. އަދި ރަށުގައި ޤާއިމްވެ ހުންނަ މީހާގެ ނަމާދުގައި ރަކްޢަތް އިތުރު ކުރެވުނެވެ.] ކޮންމެއަކަސް އިސްރާގެ ރޭގައި ނަމާދުގެ އަޅުކަމުގެ ފަރުޟިއްޔަތު އައުމުގެ ކުރިން ނަމާދުގެ އަޅުކަމުގެ ފުރިހަމަ ތަފްޞީލެއް ސާފުކޮށް އައިސްފައި ނެތުމުން މިމައްސަލަ އެހާއެހާ ސާފު ނޫނަސް އެނގެން އޮތް ޙަޤީޤަތަކީ އެވަގުތަކަށް މުސްލިމުންނަށް މާތް ﷲ އަމުރުކުރައްވާ ކޮންމެ ގޮތަކަށްމެ މުސްލިމުން ދިޔައީ ފުރިހަމައަށް އަޅުވެތިކަމާއެކު ތަބާވެގެން ކަމެވެ. މިތަނުގައި މުހިންމުވާ ނުކުތާއަކީވެސް އެއީއެވެ. އަޅުކަމުގެ ޙަޤީޤަތް ދެނެގަތުމެވެ. އެއީ މާތް ﷲ އަޅުކަމުގެ ގޮތުގައި ކަނޑައެޅުއްވި ކަމެއް ކަނޑައެޅުއްވި ގޮތަކަށް މެނުވީ އެހެން އެއްވެސް ގޮތެއް އެއީ އަޅުކަމުގެ ގޮތުގައި ބަލައި ނުގަތުމެވެ. ރޯދައިގެ އަޅުކަން ފަރުޟުވެގެން އައުންވެސް ވަނީ ހަމަ މިބީދައިންނެވެ. އެންމެ ފުރަތަމަ އެއަޅުކަން ފަރުޟު ކުރެވުނު ގޮތުގައި އެވަގުތުގައި މުސްލިމުންގެ ގޮތުގައި ތިއްބެވި މީހުން ޢަމަލުކުރަމުން ގެންދެވިއެވެ. އަޅުކަމަށް ބަދަލު ގެނެވި ކުރިން ކުރަމުން އައިގޮތް ބަދަލުކުރެއްވުމުންވެސް ބަދަލު ކުރެއްވި ގޮތް ވަގުތުން އެމުސްލިމުން އެކަން އެގޮތުގައި ބަލައިގަނެ އެގޮތުގައި ސާބިތުވެ ވަޑައިގެންނެވިއެވެ. تفسير ابن كثير (1 / 497) ގައި އިބްނު ކަޘީރު ވިދާޅުވިއެވެ: [އިސްލާމް ދީން ފެށިގެން އައިއިރު އެބައިމީހުން ރޯދަ ހިފަމުން ދިޔައީ މަހަކު ތިން ދުވަހުއެވެ. ދެން އެއަށްފަހު ރަމަޟާން މަހުގެ ރޯދައިން އެގޮތަށް ރޯދަހިފުން މަންސޫޚު ކުރެވުނެވެ. އަދި ރިވާވެގެންވާ ގޮތުގައި އެންމެފުރަތަމަ ރޯދަ ހިފުން އޮތީ އަހަރެމެންގެ ކުރީގެ އުންމަތްތަކަށް އޮތް ގޮތަށެވެ. ކޮންމެ މަހަކު ތިން ރޯދައެވެ.] ޒަކާތުގެ އަޅުކަންވެސް ހަމަ މިފަދައިން ފުރަތަމަ އޮތްގޮތާއި ފަހުން ބަދަލުވީގޮތް ތަފާތުވެގެންވެއެވެ. އެފަރުޟު ކުރެއްވި ކޮންމެ ގޮތަކަށް މުސްލިމުން ދިޔައީ ކިޔަމަންތެރި ކަމާއެކު އެގޮތަކަށް ތަބާވަމުންނެވެ. "تفسير ابن كثير (7 / 164) ގައި އިބްނު ކަޘީރު ވިދާޅުވިއެވެ: [ރަސޫލާ ރަސޫލުކަމައިގެން ފޮނުއްވުމުގެ ފެށުމުގައި އަމުރު ވެވުނު ޞަދަޤާތް އެއީ ޒަކާތުގެ އަޞްލު ކަމުގައިވުން އެއީ ދުރުކަމެއް ނޫނެވެ. ﷲ ގެ ވަޙީބަސްފުޅުގައި ވާފަދައިންނެވެ. ﴿وَآتُوا حَقَّهُ يَوْمَ حَصَادِهِ﴾ الأنعام/ 141 މާނައީ: [އަދި އެކަނޑައި ދުވަހުގައި ޒަކާތުގައި ދޭންޖެހޭބައި ދޭށެވެ.] އެހެން ނަމަވެސް ނިޞާބު ހަމަވެގެން ދޭންޖެހޭ ޒަކާތުގެ މިންވަރުތައް އަމުރުކުރެއްވީ މަދީނާގައެވެ. ހަމައެފަދައިން ރަސޫލުކަމުގެ ކުރީކޮޅުގައި ނަމާދު ވާޖިބުވެގެންވީ އިރުއެރުމުގެ ކުރިންނާއި އިރުއޮއްސުމުގެ ކުރިންނެވެ. ދެން އިސްރާއުގެ ރޭ އައުމުން، އެއީ ހިޖްރައިގެ ދޮޅުއަހަރުގެ ކުރިއެވެ. އެހިނދު ﷲ އެކަލާނގެ ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ފަސްނަމާދު ފަރުޟު ކުރެއްވިއެވެ. އަދި އެނަމާދުތަކުގެ ޝަރުޠުތަކާއި އެނަމާދުތަކުގެ ރުކުންތަކާއި އަދި އެނަމާދާއި ގުޅުންހުރި އެހެނިހެން ކަންތައްވެސް ފަހަރަކު ކަމެއް ފަހަރަކު ކަމެއް އަންނަފަދަ ގޮތަކަށް ތަފްޞީލުކޮށްދެއްވިއެވެ.] މިއީ އަޅުކަންތައް އޮތްގޮތެވެ. އެވަގުތަކު މާތް ﷲ ބާވައިލެއްވި ގޮތަކަށް އެކަމެއް ކުރުމުން އެކަލާނގެއަށް އެމީހަކު އަޅުކަން އަދާކޮށްފިއެވެ. އެ އެންގެވި މިންވަރަށްވުރެ ތަފާތުގޮތަކަށް އެކަންކަން އަދާކުރުން އެއީ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. އެއިން ކޮންމެ ކަމެއް ކުރަންވާނީ އެންގެވިފައިވާ މިންވަރަކަށެވެ. އަދި އަދާކުރަންޖެހޭނީ ﷲ އަށްޓަކައި ޚާލިޞް ކަމާއެކުގައެވެ.
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.
(…. ނުނިމޭ …..)
އާޓިކަލް 22