އަޅުކަމުގެ ހަޤީޤަތަށް ނަޒަރެއް ހިންގާލަމާހެއްޔެވެ! (10)

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ﷲ ގެ ޙަޟްރަތުގައި އަޅުކަމެއް އެއީ ޙަޤީޤަތުގައިވެސް އެކަލާނގެ ޤަބޫލުކުރައްވާނޭ ކަމަކަށް ހެދުމަށްޓަކައި އެޢަމަލުގައި ދެޝަރުޠެއް ފުރިހަމަވާންޖެހެއެވެ. ފުރަތަމައީ އެކަލާނގެއަށް އިޚްލާޞްތެރިކަން އޮތުމެވެ. ޝިރުކާއި ދެއްކުންތެރިކަމާއި އެޢަމަލަކާއި މެދު ފޮނިކެނޑުން ނެތް ނަމަ އެއީ އިޚްލާޞްތެރިކަން އޮތް ހެޔޮޢަމަލެކެވެ. ނޫންނަމަ ބޭރުފުށުން ކިތަންމެ ވަރަކަށް ހެޔޮޢަމަލެއްގެ ގޮތްގަނޑު ފެންނާން ހުއްޓެއްކަމަކު އެވާނީ ނުބައި ޢަމަލުގެ ތެރެއިންވާ ޢަމަލަކަށެވެ. ދެވަނަކަމަކަށް އެކަމަކީ އެއީ ރަސޫލާ ދެއްކެވި ގޮތަށް ކުރެވޭކަމަކަށް ވުމެވެ. އެކަމުގައިވެސް ކިތަންމެވަރަކަށް އެޢަމަލުގައި ހެޔޮ ރީތި ޢަމަލެއްގެ ގޮތުގައި ފެނުނަސް އެއީ ރަސޫލާ އަޅުކަމެއްގެ ގޮތުގައި ދައްކަވާފައި ނުވާ ކޮންމެ ކަމަކީ ޞާލިޙު ޢަމަލަކަށް ނުވާނެއެވެ. ޞާލިޙު ޢަމަލަކަށް ނުވާހައި ހިނދަކު އެކަން އަދި އަޅުކަމަކަށްވާނީ ފަހެ ކިހިނަކުން ހެއްޔެވެ؟ ވީމާ ޞާލިޙު ޢަމަލަކީ އަހަރެމެން ހިތަށް ނުވަތަ ބުއްދިއަށް ޞާލިޙު ޢަމަލެއްގެ ގޮތުގައި ފެންނަ ކޮންމެ ޢަމަލެއް ނޫނެވެ. ނަމަވެސް ޞާލިޙު ޢަމަލަކީ ރަސޫލާ صلى الله عليه وسلم ހެޔޮޢަމަލެއްގެ ގޮތުގައި އަދާކުރެއްވި ކޮންމެ ޢަމަލެކެވެ. އަދި ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ ރަސޫލާ صلى الله عليه وسلم އަށް ވަގުތުނެތިގެން ނުވަތަ އެކަންކުރާނެ ގޮތް ވިސްނިވަޑައި ނުގަނެގެން ހެޔޮ ހަމަ އެއްވެސް ޢަމަލެއް ދޫކޮށްލައްވާފައި ނުވާނެކަން ކަށަވަރުކަމެވެ. ނަމާދަކަސް ރޯދައަކަސް ޞަދަޤާތަކަސް ޛިކުރަކަސް ވުރޫދަކަސް އަދި މިނޫންވެސް އެހެން އެއްވެސް ކަމެއް އެއީ ހެޔޮޢަމަލެކޭ ކިޔާނަމަ އެކަމެއް އޮންނާނީ ރަސޫލާ صلى الله عليه وسلم ކުރައްވާފައެވެ. މިފަދަ ވާހަކަތަކަށް ޢިލްމީގޮތުން ދަށްފެންވަރު ބައެއް މީހުން ދޭ ވަރަށް ވިސްނުމެއް ނެތް ރައްދެއްވެސް މިތަނުގައި ފާހަގަކޮށްލާނަމެވެ. އެބައިމީހުންގެ ތެރޭގައި ކުރެވޭ މިފަދަ ޢަމަލުތަކަށް [ތިޔައީ ސުންނަތުގައި އޮންނަ ކަމެއް ނޫނޭ. ރަސޫލާ ކުރެއްވި ކަމެއް ނޫނޭ] މިފަދައިން ބުނެވޭހިނދު އެމީހަކު ބުނެއެވެ. [ތިބާއާ ރަސޫލާއާ ބައްދަލުވީ ހެއްޔެވެ؟] / [ތިބާއަށް ރަސޫލާ ނުފެންނަ އިރު އެކަލޭގެފާނު ކުރެއްވިކަން ނޫނީ ނުކުރައްވާކަން ތިބާއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟] / [ތިބާއަކީ ރަސޫލާގެ ޒަމާނުގައި އުޅެފައިވާ މީހެއް ހެއްޔެވެ؟] މިފަދަ ބަސްތައް ބުނަނީ ފުރައްސާރައިގެ ޒުވާބެއްގެ ގޮތުގައެވެ. ނަމަވެސް މިތަނުގައި އެމީހަކަށް ނުވިސްނެނީ މިހުރިހައި ސުވާލަކީ ޚުދު އޭނާއާ ދިމާއަށްވެސް ރައްދުވާ ސުވާލުތަކެއް ކަމެވެ. ސަބަބަކީ އޭނާ ހެޔޮކަމެކޭ ބުނެ އެކުރާ ހެޔޮޢަމަލު ދިފާޢު ކުރާނަމަ، އެތަކެތި އޭނާއަށްވެސް އެނގުނީ ހަމަ މިފަދައިންތޯ ކުރެވޭ ސުވާލު އޭނާއަށްވެސް ރައްދުވާނެއެވެ. ނޫނީ އެމީހަކު ބުނަން ޖެހޭނީ ރަސޫލާ صلى الله عليه وسلم ކުރެއްވި ކަމެއް ނޫނީ ނުކުރާކަމެއް އަހަންނަކަށް ނޭނގެޔޭ އެވެ. އަހަރެންނަށް މިވެނި ފޮތަކުން މިވެނި މީހަކު ލިޔެފައިވަނިކޮށް ފެނުނީ ކަމަށެވެ. އެހެންވެއްޖެ ނަމަ ބުނެވޭނީ ތިޔަޢަމަލު ތިޔަކުރަނީ ރަސޫލާ صلى الله عليه وسلم ކުރެއްވިކަން ވެސް ނުވަތަ ނޫންކަން ވެސް ނޭނގިއެވެ. ވީމާ ރަސޫލާ އެކަމެއް ކުރެއްވިކަން ޔަޤީން ނުވާ ކަމެއް އެއީ ހެޔޮޞާލިޙު ޢަމަލެއް ކަމެއް އެނގުނު ގޮތަކީ ކޮބައިހެއްޔެވެ؟ ރަސޫލާ صلى الله عليه وسلم އަޅުކަމުގެ ގޮތުގައި ކުރެއްވި ޢަމަލެއް ނޫން ޢަމަލެއް ޞާލިޙު ޢަމަލަކަށް ހަމަހިލާ ނުވާނެއެވެ. ދީނަށް ޢަމަލު ތިޔަކުރަނީ ﷲ  ޤުރުއާނުގައި އެންގެވި ގޮތަކަށް ނޫނެވެ. ﷲ ވަޙީކުރެއްވިއެވެ: ﴿فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا﴾الكهف: 110 މާނައީ: [ފަހެ އެމީހެއްގެ ވެރިއިލާހާއި ބައްދަލު ކުރަން އެދޭމީހާ، ފަހެ ޞާލިޙު ޢަމަލު ކުރާހުށިކަމެވެ. އަދި އޭނާގެ ވެރިއިލާހުއަށް އަޅުކަން ކުރުމުގައި އެހެން އެއްވެސް ފަރާތެއް ބައިވެރި ނުކުރާ ހުށިކަމެވެ.] ދެންއޮތީ ރަސޫލާ صلى الله عليه وسلم ކުރެއްވިކަން އެނގުނު ގޮތެކެވެ. ޝައްކެއްވެސް ނެތެވެ. އެކަންކަން އެނގެނީ ޙަދީޘްތަކުންނެވެ. އެހަދީޘްތައް ލިޔެ ރައްކާތެރި ކުރެވިފައިވާ ފޮތްތައް ބައިވަރެވެ. އޭގެ ތެރޭގައި؛ صَحِيحُ البُخَارِي، صَحِيحُ مُسْلِم، سُنَنُ النَّسَائِي، سُنَنُ أَبُو دَاوُود، سُنَنُ التِّرْمِذِي، سُنَنُ اِبْنُ مَاجَه، مُسْنَدُ أَحْمَدُ، سُنَنُ الدَّارَمِي، سُنَنُ الدَّارَقُطْنِي އަދި މިނޫން ފޮތްތައްވެސް ހިމެނެއެވެ. ރަސޫލާ صلى الله عليه وسلم ގެ މިސުންނަތް އެނގެން ނެތްނަމަ ﷲ ފުރިކޮށްދެއްވި ދީނެއް ނެތެވެ. ވީމާ އަޅުކަމުގެ ގޮތުގައި އެކަލާނގެއަށް އަދާކުރަން ޖެހޭހައި ކަމެއް އޮންނާންޖެހޭނީ ކޮންމެ ޒަމާނެއްގެ ބަޔަކަށްވެސް ފޯރާފައެވެ. ކޮންމެ ޒަމާނަކުންވެސް އެކަންކަން ދެނެގަންނަން ގަދައަޅާ މަސައްކަތް ކުރަން ބޭނުންވާ މީހަކަށް ލިބޭގޮތަށެވެ. އިސްލާމްދީނުގެ މިތަފްޞީލީ މަޢުލޫމާތަކީ ޤުރުއާނުގެ ޝަރަޙައެވެ. އެއީ ރަސޫލާ صلى الله عليه وسلم ގެ ސުންނަތުން ނޫނީ ނޭނގޭނޭ އެއްޗެކެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ﴾النحل: 44 މާނައީ: [އަދި ތިޔަނަބިއްޔާގެ މައްޗަށް ތިމަންއިލާހު ޤުރުއާން ބާވައިލެއްވީމެވެ. އެއީ އެބައިމީހުންނަށް ބާވައިލެއްވި ތަކެތި މީސްތަކުންނަށް ބަޔާން ކޮށްދެއްވުމަށް ޓަކައެވެ. އަދި އެބައިމީހުން ފިކުރު ހިންގާތޯއެވެ.] މާނައަކީ އެބާވައިލެއްވި އެއްޗަކަށް ބަލައި ވިސްނައި އެއިން ހިދާޔަތް ލިބިގަތުމަށްޓަކައެވެ. އަދި މިއާޔަތުގައި ބާވައިލެއްވި އެއްޗެއް އެނަބިއްޔާ ބަޔާންކޮށްދެއްވާ ވާހަކަ އޮތުމުން އެބަޔާން ކޮށްދެއްވި އެއްޗަކީ ކޮބައިތޯ އުފެދޭ ސުވާލުގެ ޖަވާބަކީ އެއީ އެކަލޭގެފާނުގެ ސުންނަތް ކަމެވެ. އަލްއިމާމް އަލްޤުރްޠުބީ އެކަލޭގެފާނުގެ ތަފްސީރުގައި މިއާޔަތުގެ ދަށުން ވިދާޅުވިއެވެ: "އެއީ މިފޮތުގައި (ޤުރުއާނުގައި) ވާ ޙުކުމްތަކާއި ދަރުމައާއި ސަވާބުގެ ވަޢުދުގެ ބަސްފުޅުތަކާއި ނަރަކައިގެ ޢަޛާބުގެ ވަޢީދުގެ ބަސްފުޅުތައް ތިޔަ ނަބިއްޔާގެ ބަސްފުޅުތަކުންނާއި ތިޔަނަބިއްޔާގެ ޢަމަލުފުޅުން (ބަޔާންކޮށްދެއްވުމަށެވެ.) ފަހެ ރަސޫލާ صلى الله عليه وسلم އަކީ ﷲ سبحانه وتعالى ގެ ޙަޟްރަތުން އަންނަކަންކަން އިތުރަށް ބަޔާންކޮށްދެއްވާ ފަރާތެވެ. އެކަލާނގެ ފޮތުގައިވާ ނަމާދާއި ޒަކާތާއި އެނޫންވެސް ކަންކަމުގެ ތެރެއިން ޤުރުއާނުގައި ތަފްޞީލުކޮށްދެއްވާފައި ނެތް ޖުމްލަކޮށް އޮންނަ ކަންކަމުގެ މުރާދު ބަޔާން ކޮށްދެއްވަނީ އެކަލޭގެފާނެވެ." -اهـ-  ވީމާ އެޤުރުއާންވެސް އަދި ރަސޫލާ صلى الله عليه وسلم އެބަޔާންކޮށްދެއްވި ސުންނަތްވެސް އެއީ ރައްކާތެރިކަމާއެކު މުސްލިމުންގެ ފަހުޖީލުތަކަށްވެސް ފޯރާފައިވާ އެއްޗަކަށް ވެގެން ނޫނީ ޤިޔާމަތާ ޖެހެންދެކަށް ހެޔޮޞާލިޙު ޢަމަލުތަކުގައި ސާބިތުވާން އެދޭ މުސްލިމުންނަށް އެކަން ނުވާހުއްޓެވެ. އެއީ އިސްލާމްދީނުގެ ހުރިހައި ހެޔޮޞާލިޙު ޢަމަލުތަކެއްވަނީ ޞަޙާބީންނަށް ބަޔާންވެ، އެބޭކަލުން ދަސްކޮށް އެހެނިހެން މީސްތަކުންނަށް އެއްވެސް އުނިއިތުރުކަމެއް ނުވާގޮތުގައި ފޯރުކޮށް ދެއްވާފައެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا﴾ المائدة: 3 މާނައީ: [މިއަދު ތިމަންއިލާހު ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ދީން ފުރިހަމަ ކޮށްދެއްވައިފީމުއެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހުގެ ނިޢުމަތް ފުރިހަމަ ކޮށްދެއްވައިފީމުއެވެ. އަދި ތިޔަބައިމީހުންނަށް ދީނެއްގެ ގޮތުގައި އިސްލާމްދީން ތިމަންއިލާހު ރުއްސަވާ ވޮޑިގެންފީމުއެވެ.] ވީމާ މިދީނަކަށް އިތުރަކަށް ވައްދާނެ ނުވަތަ އެކަމެއް އޮތްގޮތް ކަމުނުގޮސްގެން އުނިކުރާނެ އެއްވެސް ކަމެއް ނުވެއެވެ. ރަސޫލާ صلى الله عليه وسلم އަށް އެނގިވަޑައި ނުގެންނެވި، މާމޮޅު އަޅުކަމެއް ތިމާއަށް އެނގިއްޖެ ކަމަށް ދަޢުވާކުރާނެ ޖާގައެއްވެސް ނެތެވެ. އަޅުކަން ކުރުމުގެ މައިދާނުގައި އެންމެކުރިއަރައިގެން ދިޔަ އެނަބިއްޔާގެ އަޞްޙާބު ބޭކަލުން މިއުންމަތަށް ހެޔޮކަމެއްގެ ގޮތުގައި ލެއްވި އެއްވެސް އަޅުކަމެއް، އެބޭކަލުން ނުކޮށް ދޫކޮށްލައްވާފައި ނުވެއެވެ. އަޅުކަމުގައި އެންމެ ކުރިއަރައި ދިޔަ ބަޔަކީ އެއީއެވެ. އެހެންވުމުން އެބޭކަލުން ކުރެއްވިކަމަށް ބަޔާންވެފައި ނެތް އިތުރަށް ކުރެވޭ ކޮންމެ އަޅުކަމަކީ އެއީ ދީނުގެ ތެރެއަށް އިތުރުކޮށްފައިވާ ކަމަކަށް ނޫނީ ނުވާނެއެވެ. ﷲ سبحانه وتعالى މިއުންމަތަށް ޝަރުޢު ކުރެއްވި އެންމެހައި ކަމެއް ހަމައެކަނި އެންގެވީ ކީރިތި ރަސޫލާ صلى الله عليه وسلم އަށެވެ. އެކަލޭގެފާނަށް ޝަރުޢު ނުކުރެވޭ އެހެން އެއްވެސް ކަމެއް އެއްވެސް ޒަމާނެއްގައި މީހަކަށް ހުވަފެނަކުން ވިޔަސް އެނގުން އެއީ ވާނެކަމެއް ނޫނެވެ. އެފަދައިން ދައްކާ ކޮންމެ ވާހަކައަކީ ދޮގު ބުހުތާނު ދޮގެވެ. އެވާހަކައެއްގައި ކިތަންމެ ރިވެތި ބަސްތަކަކުން ޖަރީކުރެވިފައިވީ ނަމަވެސް އެއީ ކަނޑައެޅިގެން ބާޠިލު ވާހަކަތަކެވެ. ފަހެ ދީނުގެ ތެރެއަށް އާކަންކަން ވައްދައިގެން އެއީ ﷲ سبحانه وتعالى ޝަރުޢު ކުރެއްވި ކަމެކޭ ބުނުމުގެ ޙައްޤު ﷲ އަށާއި ރަސޫލާ ނޫން އެހެން އެއްވެސް ފަރާތަކަށް ލިބިގެން ނުވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُم مِّنَ الدِّينِ مَا لَمْ يَأْذَن بِهِ اللَّهُ ۚ﴾الشورى: 21 މާނައީ: [ނޫނީ ﷲ އެކަމަކަށް ހުއްދަ ދެއްވާފައިނުވާ ކަމެއް، ދީނުގައި އެބައިމީހުންނަށް ޝަރުޢުކުރާނޭ ޝަރީކުންތަކެއް އެބައިމީހުންނަށް ލިބިގެން ވަނީހެއްޔެވެ؟] މާނައަކީ ހަރުކަށިކަމާއެކު އަންގަވަމެވެ. އެފަދައިން ދީނުގެ ކަންކަން ޝަރުޢުކުރާނޭ އެހެން އެއްވެސް ފަރާތެއް ނުވެއެވެ. ވީމާ މިގޮތަށް ދީނުގެ ތެރެއަށް ދީނުގެ އަޅުކަމެއްގެ ގޮތުގައި ވައްދައިގެން އުޅޭ ކޮންމެ ކަމަކަށް ޢިލްމުވެރިންގެ އިޞްޠިލާޙުގައި ދެއްވާފައިވާ ނަމަކީ ބިދުޢައެވެ. މިނުރައްކާތެރި ކަންތަކުން ދުރުވެވޭނީ އަޅުކަމުގެ ކޮންމެ ކަމެއް އަދާކުރުމުގައިވެސް ވަރުގަދައަށް ސުންނަތުގައި ހިފައިގެންނެވެ. މީހެއްގެ ބުއްދިއަށް ކަމެއްކުރާނެ މާތްގޮތެއް ވިސްނުނަސް އެއީ ރަސޫލާ صلى الله عليه وسلم ކަނޑައެޅުއްވި ގޮތް ނޫން ގޮތެއް ނަމަ، ރަސޫލާ صلى الله عليه وسلم ކަނޑައެޅުއްވި ގޮތަށްވުރެ އެމީހަކު ނިންމި ގޮތެއް މޮޅުވެ މާތްވާނެ ހަމައެއްގޮތެއްވެސް ނޯންނާނެއެވެ. ބައެއް ޢާންމު މުސްލިމުން "އެއީ ދެން އެވަރު ކަމެއްހޭ" ބުނެ އެފަދަ ކަންކަމަށް ފަރުވާލެއް ނުބެހެއްޓިއަސް، ތަޤްވާވެރި ޢިލްމުވެރި ބޮޑެތި ދަންނަބޭކަލުން މިފަދަ ކަންކަން ވަރަށް ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކުރައްވާ އިންޒާރު ދެއްވާފައި ވެއެވެ. މިގޮތުން އިމާމް މާލިކް رحمه الله ގެ އަރިހުން ރިވާވެގެންވާ ޙާދިޘާއެއް މިތަނުގައި ނަޤުލު ކޮށްލާނަމެވެ. މާލިކް ބުން އަނަސް رحمه الله ގެ އަރިހަށް މީހަކު އައިސް ސުވާލުކުރިއެވެ. އޭ އަބޫ ޢަބްދުﷲ އެވެ. އަހުރެން އިޙްރާމް ބަންނާނީ ކޮންތަނަކުންތޯއެވެ؟ އިމާމް މާލިކް ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ صلى الله عليه وسلم އިޙްރާމް ބެންނެވި ތަން ކަމުގައިވާ ޛުލް ޙުލައިފާ އިންނެވެ. ދެން އޭނާ ބުންޏެވެ: ހަމަކަށަވަރުން ވެސް ތިމަންނާ އިޙްރާމް ބަންނަން ބޭނުންވަނީ މިސްކިތުގައެވެ. އިމާމް މާލިކް ވިދާޅުވިއެވެ: ތިގޮތަށް ކަންތައް ކޮށްގެން ނުވާނެއެވެ. އޭނާ ބުންޏެވެ: ތިމަންނާ ބޭނުންވަނީ (ރަސޫލާގެ) ޤަބުރުފުޅު ކައިރީގައި މިސްކިތުގައި ހުރެގެން އިޙްރާމް ބަންނާށެވެ. އިމާމް މާލިކް ވިދާޅުވިއެވެ: ތިޔަގޮތަށް ކަންތައް ކޮށްގެން ނުވާނެއެވެ. އެހެނީ ހަމަކަށަވަރުންވެސް ތިމަންނާ ތިބާގެ މައްޗަށް ފިތުނައެއް ޖެހިދާނެ ކަމަށްޓަކައި ބިރުވެތިވަމެވެ. ދެން އޭނާ ބުންޏެވެ: އަދި ތިޔަބުނާ ފިތުނައަކީ އެއީ ކޮން ފިތުނައެއްތޯއެވެ؟ މިއީ ދެން ހަމަ އިތުރުކޮށްލާ މަދު މޭލު ކޮޅެއް ނޫންތޯއެވެ؟ އިމާމް މާލިކް رحمه الله ދެންނެވިއެވެ: ﷲ ގެ ރަސޫލާ صلى الله عليه وسلم އަށް ނުކުރެވި ދޫކުރެއްވި ހެޔޮކަމެއްގައި ތިބާ ކުރިއަރައިގެން ހިގައްޖެ ކަމަށް ތިބާ ދެކުމަށްވުރެ ބޮޑު ފިތުނައެއް ކޮބައިހެއްޔެވެ؟ ހަމަކަށަވަރުންވެސް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅު ތިމަންނާ އަޑުއެހީމުއެވެ: ﴿فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ﴾النور: 63 މާނައީ: [އެނަބިއްޔާގެ އަމުރުފުޅާ ޚިލާފުވާ މީސްތަކުންނަށް ފިތުނައެއް ޖެހިދާނެ ކަމުގެ ނުވަތަ އެބައިމީހުންނަށް ވޭންދެނިވި ޢަޛާބު ޖެހިދާނެކަމަށް އޭނާ ބިރުވެތިވާހުށިކަމެވެ.] -اهـ-  (އަލްއިމާމް އައްޝާޠިބީ "އަލްއިޢުތިޞާމް" ގައި މިރިވާޔަތް ގެންނަވާފައިވެއެވެ.) މިރިވާޔަތުގައި އެވާ މީހާ ރަސޫލާ صلى الله عليه وسلم ދެކެ ވާލޯތްބެއްގެ ބޮޑުކަމުން އޭނާ ބޭނުންވީ ޙައްޖާއި ޢުމްރާއަށް އެނަބިއްޔާގެ އަރިހުގައި އަދި އެނަބިއްޔާގެ މިސްކިތުގައި ހުރެގެން އިޙްރާމް ބަންނާށެވެ. ކޮންމެ ގޮތެއްވިޔަސް އެއީ ޛުލްޙުލައިފާ އަށްވުރެ އެތައްގޮތަކުން މާތް ތަނަކަށް ވުމުންނެވެ. ނަމަވެސް އޭނާ އެކަން ކުރުމަކީ ނުބައި ކަމެއްގެ ގޮތުގައި އިމާމް މާލިކް ސިފަކުރެއްވީ، ނަބިއްޔާގެ މިސްކިތް ގޯސްވެގެން ނޫނީ މިސްކިތަށްވުރެ ޛުލްޙުލައިފާ މާތްވެގެން ނޫނީ ރަސޫލާގެ ޤަބުރުފުޅުގެ މާތްކަމެއް ނެތްކަން ބަޔާން ކުރެއްވުމަކަށް ނޫނެވެ. އެނަބިއްޔާ صلى الله عليه وسلم ދެކެވެސް އަދި އެމިސްކިތް ދެކެވެސް އަދި އެނަބިއްޔާގެ ޤަބުރުފުޅު ދެކެވެސް އެމީހާއަށްވުރެ އެތައް ގުނައަކަށް އިމާމް މާލިކް ލޯބިވާނެކަން ކަށަވަރެވެ. އެއީ އިމާމް މާލިކް އަކީ އެލޮބުވެތި ނަބިއްޔާގެ ދޫފުޅުން ފޯރުކޮށްދެއްވި މާތް ޢިލްމު ފުރިހަމައަށް ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. ވީމާ، މިތަނުގައި އެކަން ނުބައިވި ސަބަބަކީ އެމީހާ އެވަނީ ރަސޫލާ صلى الله عليه وسلم ދީނުގައި ބުނެދެއްވި ގޮތާއި ޚިލާފުވެ "މަގުފުރެދިފައި" އެވެ. އޭނާގެ ޢަމަލުތައް ނުބައިވަނީ މަގުފުރެދިފައިވާ ކަންކަން ހިމެނޭ ޢަމަލުތަކެއް ވީމައެވެ. މިފަދައިން މިކަންކަން މެދުވެރިވާން ދިމާވާ ސަބަބަކީ އެބައެއްގެ ތެރެއަށް ރަސޫލާ ވަޑައިގެން އެބައިމީހުންނަށް އީމާންވުމަށް ގޮވާލެއްވުމުން، އެދުވަހުގައި އެބައިމީހުން އެއީމާންވީ ގޮތަށް މިފަދަ މީހުން އީމާން ނުވުމުންނެވެ. އެބޭކަލުން އެދުވަހުގައި އީމާންވީ ގޮތަށް ފަހުން އައި މީސްތަކުން އީމާންވީ ނަމަ ކަށަވަރުންވެސް ހެޔޮޞާލިޙު ޢަމަލު ކުރުމުގެ މަގަށް އެމީހުންނަށް ހިދާޔަތް ލިބުނީހެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿فَإِنْ آمَنُوا بِمِثْلِ مَا آمَنتُم بِهِ فَقَدِ اهْتَدَوا﴾البقرة: 137 މާނައީ: [ފަހެ އެބައިމީހުން ތިޔަބައިމީހުން އީމާންވީ ފަދައިން އީމާންވީނަމަ ފަހެ ހަމަކަށަވަރުން އެބައިމީހުންނަށް ހިދާޔަތް ލިބުނީސްކަން ކަށަވަރެވެ.]

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

(ނުނިމޭ)

އާޓިކަލް 25

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *