މަތީ ސާނަވީ ދަރިވަރުންގެ އިޙްޔާ ފޯރަމަށް ބޮޑު ތަރުޙީބެއް!

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ދަރިވަރުން އިޙްޔާ ފޯރަމްގައި ވަރަށް ފުރިހަމަ ހުށަހެޅުމެއް ހުށަހަޅައިފިއެވެ.


"މުސްލިމުންގެ ރަންޒަމާނަށް އަލުން ވާސިލްވެވިދާނެތަ؟"، މި މައުޟޫގެ މައްޗަށް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުން ވަނީ ޤުރުއާނާއި މި ޒަމާނުގެ ސައިންސްގެ ހޯދުންތަކުގެ އަލީގައި ހެކިތަކާއި ދަލީލުތަކާ އެކު ވަރަށް ފުރިހަމަ ބަހުސެއް ކުރިޔަށްގެންގޮސްފައެވެ.


ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބަކާއި އިސްލާމިކް މިނިސްޓްރީގެ އިމެއްނެތް ތަޢުރީފް ލިބިގެންދިޔަ މި ބަހުސްގައި ދަރިވަރުން އިޤްތިޞާދާއި، ޢަދުލުވެރިކަމާއި ހަމަހަމަކަމާއި، ޢިލްމާއި، އަޤީދާއާއި، އަޚްލާގާއި މުސްލިމުންގެ ބާރާއި ނުފޫޒާއި،ބަވަނަވުމާއި، ސައިންޓިފިކް ކުރިއެރުންތަކާއި އައު ހޯދުންތަކާއި އީޖާދުތަކުގެ އިތުރުން ޖިހާދާއި ފުތޫހާތުގެ ދާއިރާއިން މުސްލިމުންގެ ކުރިއެރުންތަކާއި ކާމިޔާބީތަކަށް އަލިއަޅުވައި ވަރަށް ޢިލްމީ ބަހުސެއް ހުށަހެޅިއެވެ.


ގްރޭޑް 11އީގެ ދަރިވަރު މުޙައްމަދު ރާއިން ރަފީޢު ޤުރުޢާނުގެ ބަރަކާތުން ފަށައިދިން ރޭގެ އިޙްޔާ ފޯރަމް 11ޖީގެ ދަރިވަރު ޝުޢާއު އިސްމާޢީލް ޝާން ހުށަހަޅައިދިންއިރު، ބަހުސް މޮޑެރޭޓްކޮށްދިނީ 12ޑީގެ ދަރިވަރު އަޙްމަދު ޝައިބާން ޝަފީގެވެ.

މި ބަހުސް ކުރިޔަށް ގެންދިޔައީ އަންހެން ދަރިވަރުންގެ ޓީމަކާއި ފިރިހެން ދަރިވަރުންގެ ޓީމެއްގެ މެދުގައެވެ. އަންހެން ދަރިވަރުން ވަކާލާތުކުރީ މަޢުޟޫއާ އެއްކޮޅަށެވެ. އެގޮތުން އަންހެން ޓީމުން ވަކާލާތުކުރީ މުސްލިމުންގެ ރަންޒަމާނަށް އަލުން ވާސިލްވެވިދާނެ ކަމަށެވެ. މި ޓީމުގައި ހިމެނެނީ 12ސީގެ އާމިނަތު ފާތިނާ އަޙްމަދާއި، އަނާ ޢަބްދުއްސައްތާރާއި، 11ޖީގެ ޢާއިޝަތު އިޝްފާޢް އިސްހާގާއި، 12އޭގެ އިޔާން ޢަލީ މޫސާއެވެ.

މަޢުޟޫއާ ދެކޮޅަށް ވާހަކަދެއްކި ފިރިހެން ދަރިވަރުންގެ ޓީމުން ވަކާލާތުކުރީ މުސްލިމުންގެ ރަންޒަމާނަށް ވާސިލްވުމަކީ މުސްތަޙީލުކަމެއް ކަމަށެވެ. މި ޓީމުގައި ހިމެނެނީ 12ޑީގެ ޢަބްދުއްސަލާމާއި، 12އީގެ މުޙައްމަދު އައިހަމް އަޙްމަދާއި، 12އީގެ އިސްމާޢީލް ރިފާއުގެ އިތުރުން 11ޖޭގެ އަޙްމަދު ރައްޔާން މުޙައްމަދު އަނީސެވެ.

 މި ދަރިވަރުންގެ ހުށަހެޅުމުގެ ފުރިހަމަކަމާއި މަޢުލޫމާތުގެ މުއްސަނދިކަމަށް ފަނޑިޔާރުންގެ ޕެނަލުން ވަނީ ދަރިވަރުންނަށް ވަރަށް ބޮޑަށް ތަޢުރީފްކުރައްވައި، ހިތްވަރުދެއްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި މި ބަހުސް އިނގިރޭސި ބަހަށް ތަރުޖަމާކޮށް، ގިނަ ބަޔަކަށް ފެންނާނެ ފަދަ ގޮތަކަށް ޔޫޓިއުބު ފަދަ މަންސައެއްގައި އާއްމުކުރުމުގެ ޚިޔާލު އެބޭފުޅުން ދެއްވިއެވެ.

ސްކޫލްތަކުގެ ތެރެއިން މި އަހަރު ވެސް އިޙްޔާ ފޯރަމް ހުށަހެޅުމުގެ ފުރުޞަތުދީފައި ވަނީ މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލްތަކަށެވެ.

ރޭގެ އިޙްޔާ ފޯރަމްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް ހަދިޔާއެއްގެ ގޮތުގައި ރިޔާޟުއްޞާލިޙީން 1،2،3،4 އަދި ފިޤްހުއްސުއްނާ 1،2،3،4،5،6،7،8 ދެއްވާފައެވެ. އެ ވުޒާރާގެ ފަރާތުން މި ހަދިޔާ ހަވާލުކޮށްދެއްވީ އެ ވުޒާރާގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އައްޝައިޚް މުޙައްމަދު އިމްޠިތާއު ޢައްބާސްއެވެ. އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ފަރާތުން މި އިނާމާ ހަވާލުވީ ސްކޫލްގެ މަތީ ސާނަވީ ކެޕްޓަން ޢިޔާން ޢަލީ މޫސާއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *