الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
މިނިކަމެތި އަޅާގެ އަމިއްލަ ނަފްސަށާއި ތިޔައެންމެ ބޭފުޅުންނަށް ވަޞިއްޔަތްކުރަމެވެ. މާތް ﷲ އަށް ތަޤްވާވެރިވާށެވެ! ރަމަޟާންމަހުގެ ފުރަތަމަ ދިހައެއް ވޭތިވެގޮސް މިހާރު މިއޮއްގެން ދެވަނަ ދިހަދުވަސް ކަޑައްތުކުރަނީއެވެ. މާގިނަ ދުވަހެއް ހޭދަ ނުވެ ފަހު ދިހައެއް ވެސް އައިސް ޖެހިދާނެކަން ކަށަވަރެވެ. ދެން އެއަށްފަހު މުޅި ރަމަޟާން މަސް ނިމި އިސާހިތަކު އަހަރެމެންނަށް އަލްވަދާޢު ކިޔާފާނެތެވެ. މިމަހުގެ ދެބައިކޮށްފަ އެއްބައި ނިމިގެންދާއިރު، އަދި އެއަށްފަހު މުޅި މަސްނިމޭއިރު އަހަރެމެންނަށް ކުރެވުނު ހެޔޮޢަމަލުތަކާއި، ދޫކޮށްލެވިފައިވާ ޢަމަލުތަކަށް ވިސްނާފިކުރު ކުރުން ހުއްޓެވެ. އެނިމުނު ދުވަސްތަކުގެ ޢަމަލުތަކާއި މެދު ވިސްނާ ފިކުރު ކުރުން ހުއްޓެވެ. އަހަރެންނަށް ކުރެވުނީ ކޮންކަމެއްތޯއެވެ؟ އަހަރެމެންނަށް ކުރެވުނު ހެޔޮޢަމަލުތަކަކީ ކޮބައިހެއްޔެވެ؟ ކުރެވުނު ހެޔޮޢަމަލުތައް ކުރެވުނީ ކޮންކޮން ނިޔަތްތަކެއްގައިތޯއެވެ؟ ﷲ އަށް ޚާލިޞްކަމާއެކު، އެކަލާނގެ ޙަޟްރަތުން ޙަޤީޤަތުގައިވެސް ޘަވާބަށް އެދޭ އެދުމާ އެކަމަށް އެދި އާދޭސް ކުރުން ތިމާގެ ހިތުގައި ހިނގިހެއްޔެވެ؟ އަދި ބާކީ އޮތް ދުވަސްތައް ތިމާ ހޭދަކުރާނޭ ގޮތަކާއި މެދު ވިސްނާ ފިކުރުކުރުން ހުއްޓެވެ؟ އަހަރެންގެ އަޒްމަކީ ކޮބައިހެއްޔެވެ؟ ކުރިއަށް މިއޮތް ބަރަކާތުން ފުރިގެންވާ ދުވަސްތަކުގެ ބޭނުން ތިމާ ހިފާނީ ކިހިނަކުންތޯއެވެ. ތިމާގެ އަމިއްލަ ނަފްސާމެދު ވިސްނާށެވެ. އިޙްސާންތެރި މީހާ އެގޮތުގައި ދެމިހުރެ ކުރިއަށް އޮތް ދުވަސްތަކުގައި އިޙްސާންތެރިކަން ދަމަހައްޓަން ޖެހެއެވެ. އެމީހެއްގެ ޢަމަލުތަކުގައި ފަރުވާކުޑަ ކޮށްފައިވާމީހާ އަދި ހެޔޮޢަމަލުތައް ކުރުމަށް ޣާފިލުވެފައިވާ މީހާ އަވަހަށް ތައުބާވެ އެކަމާ ހިތާމަކޮށް އެހުރިގޮތް ދޫކޮށް، މާތް ﷲ ގެ މަގަށް ރުޖޫޢަވެ، ހިތްވަރަކާއެކު ހެޔޮޢަމަލުތައް ކުރުމުގެ ޢަޒުމް ކަނޑައަޅަން ޖެހެއެވެ. ޝައްކެއްވެސް ނެތެވެ! މީހާގެ ޙަޤީޤީ ޢަމަލުތައް ކަމުގައިވާނީ އެމީހެއްގެ ފަހުގެ ޢަމަލުތަކެވެ. އަބަދުވެސް އެމީހެއްގެ ޙަޔާތުގެ ފަހުބައިގައި ކޮށްއުޅޭ ޢަމަލުތައް އެއީ އެމީހާއާމެދު ގޮތް ނިންމާނޭ ޢަމަލުތަކެވެ. އެމީހަކު ނިމިދިއުން އޮތީ ހެޔޮޞާލިޙު މީހެއްގެ ގޮތުގައި ނުވަތަ އެމީހަކު ނިމިދިއުން އޮތީ ނުބައި އެރެދުންތެރި މީހެއްގެ ގޮތުގައި ކަނޑައަޅާނީ އެމީހަކު އަބަދުވެސް ފަހުން ކުޅަ ޢަމަލުތަކެވެ. ވީމާ އަބަދުވެސް ޢުމުރުގެ ފަހުން އަންނަ ދުވަސްތައް ކުރިއަށްވުރެ ރަނގަޅުކުރެވޭތޯ މަސައްކަތް ކުރަންޖެހެއެވެ. އަބަދުވެސް ތިމާގެ ނަފްސާމެދު އަދި ތިމާއަށް އުޅެވުނުގޮތާއި މެދު ފިކުރުކޮށްގެން ނޫނީ މިދެންނެވި އިޞްލާޙު މީހާއަށް ނާންނާނެކަން ކަށަވަރެވެ. ކޮންމެ އިންސާނަކަށްވެސް އެންމެ ހައްޤުކަން ބޮޑީ އެންމެފަހުން ކުރާނޭ ޢަމަލުތަކެވެ. މިޙައްސާސީ ވާހަކައަކީ ހެޔޮޢަމަލު ކުރަމުންދާ މީހުންނަށް ވެސް ނުބައި ޢަމަލުގައިވާ މީހުންނަށްވެސް ނުރައްކާތެރި ވާހަކައެކެވެ. އެހެނީ މީހަކު ހެޔޮޢަމަލުކުރި ކަމުގައިވިޔަސް ނިފާޤުގެ ހިތަކައިގެން ކުރަމުންދާ ނަމަ އެމީހަކު ނިމުން އޮތީ ހިތިގޮތަކަށް ކަމުގައިވެދާނެތެވެ. އަދި ނުބައިޢަމަލު ކުރުމާއި، ނުވަތަ ހެޔޮޢަމަލު ނުކޮށް ހުންނަމީހަކު ތައުބާވެ އޭނާގެ ޢުމުރުގެ ފަހުކޮޅު ކުރެވުނު ހެޔޮޢަމަލު ނުހަނު ސާފު އިޚްލާޞްތެރި ކަމުގައި ކުރެވުނު ހެޔޮޢަމަލެއްނަމަ އެޢަމަލުކޮޅުގެ ސަބަބުން، އެމީހެއްގެ ޢުމުރުގެ ނިމުން އައި ހިސާބުން ބާއްޖަވެރިއަކަށްވެ ހެޔޮނިމުމެއް އޮތް މީހަކަށްވެސް ވެދާނެއެވެ. އަދި ނިފާޤުގެ ހިތަކާއިގެން ހެޔޮޢަމަލުކުރަމުންދާ މީހާއަށް އެކަން ރޭކާލައި، ނިފާޤުކަން ސާފުކުރުމަށް ގަދައަޅައި މަސައްކަތްކޮށް އެކަމަށް އެދި މާތް ﷲ އަށް އާދޭސްކޮށް ދަންނަވައި، ހިތުގައި އެވާ ދެއްކުންތެރިކަމާއި މީސްތަކުންނަށް ފޮނިދެއްކުމުގެ ގޮތްގަނޑު ކަނޑުވާލައި ޢުމުރުގެ ފަހުކޮޅު މަދުނަމަވެސް ޢަމަލުކޮޅެއް އިޚްލާޞްތެރިކޮށް ކުރެވިއްޖެނަމަ އެމީހަކު ބާއްޖަވެރިވެ ނިމުން ހެޔޮ ރަނގަޅުގޮތުގައި އައުން އެކަށީގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((إِنَّ العَبْدَ لَيَعْمَلُ فِي مَا يَرَى النَّاسُ عَمَلَ أَهْلِ الْجَنَّةِ وَإِنَّهُ لَمِنْ أَهْلِ النَّارِ. وَيَعْمَلُ فِي مَا يَرَى النَّاسُ عَمَلَ أَهْلِ النَّارِ وَهُوَ مِنْ أَهْلِ الْجَنَّةِ. وَإِنَّمَا الْأَعْمَالُ بِخَوَاتِيمِهِ)) މާނައީ: [ހަމަކަށަވަރުންވެސް މީސްތަކުންނަށް ފެންނަގޮތުގައި ސުވަރުގޭގެ އަހުލުވެރިންގެ ޢަމަލު އަޅާ ކޮށްފާނެތެވެ. ނަމަވެސް އޭނާ ނަރަކައިގެ އަހުލުވެރިއަކަށް ވެދާނެކަން ކަށަވަރެވެ. އަދި މީސްތަކުންނަށް ފެންނަގޮތުގައި ނަރަކައިގެ އަހުލުވެރިންގެ ޢަމަލު އޭނާ ކޮށްފާނެތެވެ. ނަމަވެސް އޭނާ ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން އޭނާ ވެދާނެތެވެ. ހަމަކަށަވަރުންވެސް (އާޚިރަތްދުވަހަށް އޭނާ ގެންނާނެ) ޙަޤީޤީ ޢަމަލުތަކަކީ އޭނާގެ ޙަޔާތުގައި ފަހުން ކުރިން ޢަމަލުތަކެވެ.] މިޙަދީޘުން ލިބެންވީ އެންމެބޮޑު ފައިދާއަކީ އަދި ޢިބްރަތަކީ އަބަދުވެސް ފަހުގެ ޢަމަލުތައް ރަނގަޅުކުރުން މަތީ ދެމިހުރުމެވެ. ކުރިއަށްވުރެ ފަސް ގޯސްވެފައި ވިޔާނުދާވެގެންދާނަމަ އެކަމުގައި ހުރި ބިރުވެރިކަމެވެ. ހެޔޮޢަމަލު ކުރެވެމުންދަނީ ނުބައިކޮށްނަމަ އަވަހަށް ރަނގަޅުކުރަންވީ ވަގުތަކީ މިއީއެވެ. ހެޔޮޢަމަލު ނުކުރެވޭނަމަ އަވަހަށް ހެޔޮނިޔަތަކާއި އެކު އެކަމަށް ފަށައިގަންނަންވީއެވެ.
އަހަރުމެންގެ ޙަޔާތުން އަހަރެމެންނަށް ﷲ މިދެއްވި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާ މިބަރަކާތްތެރި މަހަށް ރައްކާތެރިވާންޖެހެއެވެ. މިފަދަ ދަރުމައިން ފުރިގެންވާ މަހެއްގެ މިފަދަ ގިނަގުނަ ހެޔޮޢަމަލުތަކެއް ކުރާނެ ދެވަނަ ފުރުޞަތެއް ނުލިބިވެސް ދާނެއެވެ. މަތިވެރި މަހެކެވެ. ތަޤްވާވެރިކަމާއި އެކު ނުކައި ނުބޮއި ޝަހްވާނީ އެދުންތަކުން ދުރުހެލިވެ ހުރެގެން ރޯދަހިފުމުގައި ހޭދަކުރަމުންދާ މަހެވެ. ރޭއަޅުކަން ކުރުމުގެ މަހެވެ. އެމަހެއްގައި ނަރަކައިގެ ދޮރުތައް ބަންދުކުރެވިފައިވާ މަހެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިފައިވާ މަހެވެ. ޙަދީޘްގައި އައިސްފައިވެއެވެ: ((بَاغِيَ الْخَيْرِ أَقْبِلْ وَيَا بَاغِيَ الشَّرِّ أَقْصِرْ)) މާނައީ: [އޭ ހެޔޮޢަމަލުތަކަށް އެދޭމީހާއެވެ. ހެޔޮޢަމަލުތަކަށް ކުރިމަތިލައި އެކަން ޙާޞިލުކުރާށެވެ. އަދި އޭ ނުބައިޢަމަލުތައް ކުރުމަށް އެދޭ މީހާއެވެ. ތިޔަކަންތައް ހުއްޓާލާށެވެ!] މިގޮވާލުން އެދަނީ ކޮންމެ ރެއަކު ތިބާއަށް ގޮވަމުންނެވެ. ކޮންމެ ރެއަކު ގޮވަމުން ގޮސް މަސްދެބައިވެ، މަސްނިމޭއިރު މިގޮވާލުމަށް އިޖާބަ ނުދޭމީހަކީ ކޮންފަދަ ބަދުނަސީބު ވެރިއެއް ހެއްޔެވެ؟ އިހުމާލުވުމުގައި ހުއްޓުމެއްނެތި ކުރިއަށް ދިއުމަކީ ނުބައިވެގެންވާ ކަމެކެވެ. ޣާފިލުކަމުގައި ރަމަޟާން މަސް ނިމެންދެން ހުންނަމީހަކީ އެންމެބޮޑު އަބާއްޖަވެރިޔާކަން ކަށަވަރެވެ. ޢުމުރަކީ ކުޑައެއްޗެކެވެ. އަދި ދުނިޔޭގައި ދިރިއުޅެން ލިބިފައިވާ ދުވަސްތަކަކީ އޭގައި ނިމުމެއް އަންނަ ވަކި ޙައްދެއްގައިވާ އެއްޗެކެވެ. އަދި ކުރާ އެންމެހައި ޢަމަލުތަކެއް ރައްކާތެރި ކުރެވިވެގެންވެއެވެ. މަލާއިކަތުން އެޢަމަލުތައް ލިޔުއްވުމުގައި ވެއެވެ. އެއިން އެއްވެސް ޢަމަލަކުން އާޚިރަތްދުވަހު ފިލައިގެން ނުދެވޭނެއެވެ. އެންމެހައި ކަމެއްގެ ހިސާބު ބެއްލެވި ޖަޒާދެވޭ ހުއްޓެވެ. އެއީ ކިތަންމެ ބޮޑުކަމެއް ކަމުގައިވިޔަސް މެއެވެ. އަދި ކިތަންމެ ކުޑަކަމެއް ކަމުގައި ވިޔަސް މެއެވެ. މަރުވެގެން ދާން އޮތް ގޮވެއްޗާ މެދު ތަޞައްވަރުކޮށްލުން ހުއްޓެވެ. މަރުވުމުގެ ކުރިން ކުރެވެމުންދާ ޢަމަލުތަކާމެދު ވިސްނާ ފިކުރުކުރުން ހުއްޓެވެ.
ކޮންމެއަކަސް އެމީހަކު އެޢަމަލެއް ކުރުމަށް ޚަލްޤު ކުރެވުނު ގޮތްތަކަށް ދުނިޔޭގައި އުޅުމަށް އެމީހަކަށް ފަސޭހަވެގެންދެއެވެ. މާތް ﷲ އެމީހަކު ޚަލްޤުކުރެއްވީ ނުބައިމީހުންގެ ތެރެއިން ވުމަށް ކަމުގައިވާނަމަ އެމަގުން އެމީހަކު ކުރިއަށް ދިއުމަށް މަގުފަހިވެ އެކަން ފަސޭހަވެދެއެވެ. މާތް ﷲ އެމީހަކު ޚަލްޤުކުރެއްވީ ހެޔޮރަނގަޅު މީހުންގެ ތެރެއިން ލެއްވުމަށް ކަމުގައިވާނަމަ އެމީހަކަށް ފަސޭހަކަމާއެކު އެހެޔޮޢަމަލުތައް ކުރުމުގައި ކުރިއަރާ ދެވެއެވެ. އަހަރެމެންނަށް އަޅެ މިމަންޒަރު ހާދަހާ ސާފުކޮށް ފެންނަމުންދެއެވެ. އެއްކަމެކެވެ. ދެމީހުންނަކީ ވެސް ހަމަ ޤާބިލުކަން ލިބިފައިވާ އިންސާނުންނެވެ. ނަމަވެސް އެއިން އެކަކު މިދެމިގެންވާ ނަމާދުވަގުތުގެ، އެތައް ވަގުތެއް ލިބިފައިވާއިރުވެސް އެވަގުތުގެ ތެރޭގައި އެނަމާދު އަދާކުރުން ވެގެންވަނީ ހާދަހާވާ ބުރަބޮޑު، އުނދަގޫ ކަމަކަށެވެ. އޭރު އަނެކަކު ނަމާދު ބަންގިއާ އެކު އެއްވެސް އުނދަގުލެއް އިޙްސާސް ކުރުމެއް ނެތި މިސްކިތަށް އަރައެވެ. އަދި ފަސޭހަކަމާއެކު ފުރަތަމަ ތަކްބީރާއެކު ޖަމާޢަތުގައި ނަމާދުކުރެއެވެ. އެފަދައިން އަހަރެމެންގެ ތަޤްދީރުގެ މެސެޖް ފެންނަމުންދާއިރު، އެނަރަކައިން ސަލާމަތްވުމަށް ކުރެވެން އޮތް މަސައްކަތެއް ކުރަންޖެހެއެވެ. އެމަސައްކަތް ނުކޮށް ހުންނާނީ މޮޔައެކެވެ. އަމިއްލަ ނަފްސަށް އެއްވެސް އޯގާތެރިކަމެއް ނެތް އިންސާނެކެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((بَلْ اعْمَلُوا فَكُلٌّ مُيَسَّرٌ أَمَّا مَنْ كَانَ مِنْ أَهْلِ السَّعَادَةِ فَإِنَّهُ يُيَسَّرُ لِعَمَلِ السَّعَادَةِ ، وَأَمَّا مَنْ كَانَ مِنْ أَهْلِ الشَّقَاءِ فَإِنَّهُ يُيَسَّرُ لِعَمَلِ الشَّقَاءِ )) މާނައީ: [އަދިކިއެއް ހެއްޔެވެ؟ ތިޔަބައިމީހުން ހެޔޮޢަމަލުކުރާށެވެ. ފަހެ ކޮންމެ މީހަކަށްވެސް ފަސޭހަވެގެން ދެއެވެ. ދެންފަހެ ބާއްޖަވެރިންގެ ތެރެއިން ވާމީހާ (ދަންނާށެވެ!) ފަހެ އޭނާއަށް ބާއްޖަވެރިކަން ލިބޭނެ ޢަމަލު ފަސޭހަކޮށްދެވިފައި ވެއެވެ. އަދި ދެންފަހެ އަބާއްޖަވެރިންގެ ތެރެއިންވާ މީހާ ދަންނާށެވެ! ފަހެ އެމީހަކަށް އަބާއްޖަވެރިންގެ ޢަމަލު ކުރުމަށް ފަސޭހަކޮށްދެވިފައިވެއެވެ.] މާތް ﷲ ވަޙީކުރެއްވިއެވެ: ﴿فَسَنُيَسِّرُهُ لِلْيُسْرَىٰ﴾ މާނައީ: [ފަހެ ހެޔޮކަމުގެ މަގު އެމީހަކަށް ތިމަންއިލާހު ފަސޭހަ ކޮށްދެއްވާހުށީމެވެ.] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: ﴿فَسَنُيَسِّرُهُ لِلْعُسْرَىٰ﴾ މާނައީ: [ފަހެ ނުބައިވެގެންވާ މަގަށް ތިމަންއިލާހު އެމީހަކަށް ފަސޭހަކޮށްދެއްވާ ހުށީމެވެ.]
އޭ އަޅަމެންގެ ވެރިއިލާހެވެ! ބާއްޖަވެރިންގެ ތެރެއިން އަޅަމެން ލައްވާ، ހެޔޮޢަމަލުކުރުމަށް އަޅަމެންނަށް ފަސޭހަކޮށްދެއްވާށި! އަދި އަބާއްޖަވެރިންގެ ތެރެއިން އަޅަމެން ނުލައްވާށި! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.
އާޓިކަލް 13