އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ދަރިވަރުންގެ ޤުރުއާން މުބާރާތް ބާއްވައިފިއެވެ.
މި ސްކޫލްގެ މަލްޓިޕަރޕަސް ހޯލްގައި މި މާރިޗު މަހުގެ 25،26،27 މި 3 ދުވަހު ބޭއްވި މި މުބާރާތުގައި ޖުމްލަ 71 ކުދިން ބައިވެރިވިއިރު، ނުބަލައި ކިޔުމުގެ ގޮފީގައި 10 ކުދިން އަދި ބަލައިގެން ކިޔުމުގެ ގޮފީގައި 61 ދަރިވަރުން ބައިވެރިވިއެވެ.
ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހު ބާއްވާ މި މުބާރާތުގެ މަޤްޞަދަކީ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމާއި، ކީރިތި ޤުރުއާން ތަޖުވީދުގެ މަގުން އުނގެނުމާއި، އުނގަންނައިދިނުމުގަޔާއި، ތަރުތީލުކޮށް ކިޔެވުމުގެ ޤާބިލްކަން ދެއްކުމުގައި ސްކޫލްގެ ދަރިވަރުންގެ މެދުގައި ވާދަވެރި މާހައުލެއް އުފެއްދުމެވެ.
މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާފައި ވަނީ 3 ފަނޑިޔާރުންގެ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. މި ޕެނަލްގައި ތިއްބެވީ މި ސްކޫލްގެ ޤުރުއާން ޑިޕާޓްމަންޓުގެ ހެޑް ރިޒްނާ އިބްރާހީމް އާއި ޤުރުއާން ޓީޗަރު މަރިޔަމް ނުޝްރަތުގެ އިތުރުން ސާނަވީ އިސްލާމް މުދައްރިސް ޖައުފަރު މުޙައްމަދެވެ.
މި މުބާރާތުގެ ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ ގޮފިން ވެސް ކޮންމެ ގްރޭޑަކުން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވުމުގެ އިތުރުން މުޅި މުބާރާތުން ދެ ގޮފި އެއްކޮށް އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.