ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި ނަމާދުގެ މުހިންމުކަން 1

ނަމާދަކީ ޚާއްޞަ އަމަލުތަކަކާއި ކިޔުންތަކެއްގެ މައްޗަށް އެކުލެވިގެންވާ ތަކުބީރަކުން ހުޅުވާލެވޭ އަދި ތަސްލީމަކުން ނިންމާލެވޭ އަޅުކަމެކެވެ. އެބަހީ الله اکبرން ފެށެއެވެ. السلام عليكم އިން ނިންމާލެވެއެވެ. މާތްވެގެންވާ އިސްލާމްދީނުގައި އެ އަޅުކަމެއް އަދާކުރުމަށް އެންމެ ބާރުއަޅުއްވާފައިވާ އަޅުކަންކަމުގައިވާ ނަމާދަކީ އިސްލާމްދީނުގެ ތަނބު ވެސްމެއެވެ. ނަމާދުގެ މުހިންމުކަން ކީރިތި ޤުރުއާނުންނާއި މާތް ނަބިއްޔާ މުޙައްމަދުއް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ފެންނާން އެބައޮތެވެ.

ނަމާދަކީ ބާލިޣުވެ، ބުއްދި ސަލާމަތުންހުރި ކޮންމެ މުކައްލަފެއްގެ މައްޗަށް ރެއާދުވާލު ފަސްފަހަރު ކަނޑައެޅިގެންވާ ވަގުތުތަކެއްގައި ކުރުން ފަރުޟުވެގެންވާ އަޅުކަމެކެވެ. ނަމާދަށް އިންކާރުކުރާ ހާލު ނަމާދު އަޅައިފި މީހާ އިސްލާމްދީނުގެ ދާއިރާއިން ބޭރުވާހުއްޓެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. رَأْسُ الْأًمْرِ الْإِسْلاَمُ وَعَمُوْدُهُ الصَّلاَةُ وَذُرْوَةُ سَنَامِهِ اَلْجِهَادُ فِى سَبِيْلِ اللّهِ މާނައީ: " ކޮންމެ ކަމެއްގެ އަސްލަކީ އިސްލާމްދީނެވެ. އެ ދީނުގެ ތަނބަކީ ނަމާދެވެ. އަދި އެ ދީނުގެ އެންމެ އުސް ކުރިބޯށްޓަކީ  اللهގެ މަގުގައި ޖިހާދުކުރުމެވެ."

ނަމާދު އެ ނަމާދުގެ ވަގުތުން ފަސްކުރުމަކީ ވެސް ހުއްދަވެގެންވާ ކަމެއްނޫނެވެ. ޤިޔާމަތްދުވަހު އަޅާގެ ހިސާބު އެންމެ ފުރަތަމަ ބެއްލެވޭނީ ނަމާދުންނެވެ. ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. " ޤިޔާމަތްދުވަހު އަޅާއާ މެދު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާ މެދުގައެވެ. އެކަން ރަނގަޅުވެ ސާލިޙުވެއްޖެނަމަ، އެހެން ޢަމަލުތައް ވެސް ރަނގަޅުވެ ސާލިޙުވެދާ ހުއްޓެވެ. އެކަން ފާސިދުވެއްޖެނަމަ އޭނާގެ އެހެން ޢަމަލުތައް ވެސް ފާސިދުވެދާނެއެވެ."

ދުނިޔެ ފަހަތަށް ދިޔަދިޔަހެން މީހުން ދީނާއި ދުރަށް ދަމުންދާނެއެވެ. މިވާހަކަ އަންގަވަމުން رَسُولُ الله ޞައްލަ الله ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. " އެންމެ ރަނގަޅު ޤަރުނަކީ ތިމަންކަލޭގެފާނުގެ ޤަރުނެވެ. ދެން އެއާއި ޖެހިގެން އަންނަ ޤަރުނެވެ. ދެން އެއާއި ޖެހިގެން އަންނަ ޤަރުނެވެ." މީހުން ދީނާއި ދުރުވެ ދީނުގެ އަޅުކަންތައް ދޫކުރަމުންދާނެއެވެ. މިގޮތަށް ގޮސް އެންމެ ފަހުން ކުރުން ހުއްޓާލާނެ ޢަމަލަކީ ވެސް ނަމާދެވެ. މި ކަމުން ވެސް ނަމާދުގެ މުހިންމުކަން އެނގިގެންދެއެވެ. މީގެއިތުރުން ވެސް، ސަލާމްލެއްވި އިބްރާހީމްގެފާނު ﷲ ގެ ޙަޟްރަތުގައި ދެންނެވި ދުޢާއިން ވަރަށް ސާފުކޮށް މުއުމިނުންގެ ޙަޔާތުގައި ނަމާދަކީ ކިހާ މުހިންމު އަޅުކަމެއްކަން ދޭހަވެއެވެ. އެކަލޭގެފާނު ﷲއަށް ދެންނެވިއެވެ. رب اجعلني مقيم الصلاة ومن ذريتي ربنا وتقبل دعاء ( 40 ) ربنا اغفر لي ولوالدي وللمؤمنين يوم يقوم الحساب މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! އަޅާއީ، ނަމާދު قائمކޮށް އުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެން ވެސްމެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ دعاء قبولކުރައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! حساب قائمވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، مؤمنތަކުންނަށް ފާފަފުއްސަވާނދޭވެ!"

 

ނަމާދުގެ ފައިދާތައް

ނަމާދަކީ ވަރަށް މާތް އަދި އެހައިމެ މުހިންމު އަޅުކަމެކެވެ. އެއްވެސް އަޅުކަމަކަށް ދެވިފައިނުވާ މަޤާމެއް އިސްލާމްދީނުގައި ނަމާދަށް ދެވިފައިވެއެވެ. ރަސޫލު الله ޞައްލަ الله ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވާ ގޮތުގައި ދީނުގެ ތަނބަކީ ނަމާދެވެ. އެހެންކަމުން ނަމާދު އަޅާ މީހުންނަކީ ދީނުގެ ތަނބުތައް މުގުރާލައި މީހުންނަށް ނޫނީ ނުވާނެއެވެ. ކީރިތި ރަސޫލާގެ ސުންނަތަށް ބަލައިލާއިރު، ނަމާދުގެ ފައިދާ ދޭހަވާ ޙަދީޘްތައް ގިނަގުނައެވެ. އެއް ފަހަރަކު ބިލާލުގެފާނަށް މިފަދައިން ޙަދީސްރެއްވިއެވެ. (يَا بِلاَلُ أَقِمِ الصَّلاَةَ أَرِحْنَا بِهَا) "އޭ ބިލާލެވެ. ނަމާދަށް ގޮވާށެވެ! އަހަރެމެންނަށް އެއިން (އެ ބަހީ: ނަމާދުން) ރާޙަތް ފޯރުކޮށްދޭށެވެ". ނަމާދު އޭގެ އިންތިހާ ދަރަޖައަށް މުހިންމުވުމުގެ ސަބަބަކީ އެ އަޅުކަމުގައި އެކި ގޮތްގޮތުން ގިނަގުނަ ފައިދާތަކެއް އެކުލެވިފައިވުމެވެ. އެގޮތުން، ނަމާދުގެ ބައެއް ޢިޖުތިމާޢީ ފައިދާތަކަށާއި އަދި ނަމާދުގެ ބައެއް ސިއްޙީ ފައިދާތަކަށް އަލިއަޅުވައިލާނަމެވެ.

 

ނަމާދުގެ ބައެއް އިޖުތިމާޢީ ފައިދާތައް

އިސްލާމްދީން އަބަދުވެސް މަސައްކަތްކުރަނީ މުސްލިމް އުއްމަތް އެކަތިގަނޑަކަށް ހެދޭތޯއެވެ. މުޖުތަމައުގެ ތެރޭގައި މޫލާފައިވާ ދެބަސްވުމާއި، ރުޅިވެރިކަމާއި، ހިތްބަރުކަމާއި، ދެކޮޅުވެރިކަންފަދަ އެންމެހާ ކަންތައްތައް ނައްތާލައި މުސްލިމުންނީ އަޚްވަންތަ ބައެއްގޮތުގައި ދެމެހެއްޓުމަށެވެ. ނަމާދުގެ ސަބަބުން މުޅި މުޖުތަމަޢުއަށް ރަނގަޅު ބަދަލުތަކެއް އަންނަކަމީ ވިސްނާ ފިކުރުކުރާ ބަޔަކަށް ވަންހަނާވެގެންވާނެ ހަގީގަތެއް ނޫނެވެ.

  • ވަގުތަށް ކަމޭހިތަން ދަސްވުން

ނަމާދަކީ ވަގުތު ކަނޑައެޅިފައިވާ އަޅުކަމަކަށްވުމުގެ ސަބަބުން ބަރާބަރަށް ނަމާދުކުރާ މީހެއްގެ ކިބައިގައި އަށަގަންނާނެ ފުރަތަމަ އިޖްތިމާޢީ އެއް ސިފައަކީ ގަޑިއަށް ފަރުވާތެރިވުމެވެ. ގަޑިނުޖެހި ވަގުތަށް ދާންޖެހޭ ތަންތަނަށް ދެވުމެވެ.

  • މީހުންގެ ތެރޭގައި އުޅެން ދަސްވެ، މީސްތަކުންގެ މެދުގައި ހަމަހަމަކަމާއި އޯގާތެރިކަން ގާއިމްވުން

ޝައްކެއް ވެސް ނެތް ގޮތުގައި އެކުވެރިކަމަކީ ގަދަފަދަ ބާރެކެވެ. ވަކިވެގަތުމަކީ ދެރަ ނިކަމެތިކަމެކެވެ. މުޖުތަމަޢުގެ ތެރޭގައި އުޅޭއިރު ދިމާވާ އެކި ކަހަލަ މީސްމީހުންނާ ވާހަކަދައްކައި، ގުޅުންބަދަހިކޮށް، އެ މީހުންގެ ބައިވެރިވުމާއެކު މަސައްކަތެއް ކުރަނީނަމަ އެކަމެއް ދާދިކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނިންމާލެވެނީ ނަމާދުގައި ސަފުތައް ތަރުތީބުކުރުމުގައި އެއްވެސް ނަސްލެއް، މޮޅެއް ދެރައެއް، ދޮނެއް ކަޅެއް، ހިއްކެއް ފަލައެއް، ނުބަލައި ތަފާތުކުރުމެއްނެތި ސަފުތައް ސީދާކުރާތީއެވެ. މިކަމުގެ ސަބަބުން އެންމެންގެ މެދުގައި އޮންނާނީ ހަމަހަމަކަމެވެ. ޅަޖީލަށް ދަސްވާނީ އެކަކުއަނެކަކަށް އަޅައިލުމަށާއި، އޯގާތެރިވުމަށާއި، އިޙްތިރާމުކުރުމަށެވެ. އެކުވެރިވެ އެކަކުއަނެކަކަށް ހެޔޮފޯރުކޮށްދީ އެއްބައެއްގެ ގޮތުގައި އުޅުމަށެވެ.

  • މުއްސަނދިންނާ ފަޤީރުންގެ މެދުގައި ހަމަހަމަކަން ގާއިމްވުން

ނަމާދަކީ މާތް اللهއަށް ހިތްނިޔަތް ޚާލިސްކޮށްގެން ކުރާ މަތިވެރި އަޅުކަމަކަށްވުމުން، ތިމާއީ ކިތަންމެ ފޯރުންތެރި، ކިތަންމެ މުއްސަނދި، އަދި މުޖުތަމަޢުގައި ކިތަންމެ ބާރާއި ނުފޫޒު އޮތް މީހަކަށް ވީ ނަމަވެސް، اللهގެ ޙަޝްރަތުގައި ތިމާގެ ނިކަމެތިކަމާއި ބަލިކަށިކަން އަމިއްލައަށް ޤަބޫލުކުރެވި، އެކަނލާނގެއަށް ބިރުވެތިވެވެއެވެ. އަދި އެއްވެސް ކިބުރުވެރިކަމެއް ބޮޑާކަމަކާ ނުލައި ވީވަރަކުން ނިކަމެތި ފަޤީރުންނަށް އެހީތެރިވެދީ އަޅައިލުމުގެ އެދުންވެރިކަން އުފެދި އެ މަގުން ހިނގައެވެ. ނަތީޖާއެއްގެ ގޮތުން އެއްބަޔަކުއަނެއްބަޔަކަށް ކަމޭހިތައި ފަރުދުންގެ މެދުގައްޔާއި ޖަމާޢަތްތަކުގެ މެދުގައި އެއްވެސް މައްސަލައެއްނުޖެހި ފުދުންތެރިކަމާއެކު އެންމެން އެކުގައި އުޅެވެއެވެ.

(ނުނިމޭ)

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *