ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި ނަމާދުގެ މުހިންމުކަން 2

ނަމާދުގެ ބައެއް ސިއްޙީ ފައިދާތައް

ސިއްޙަތަކީ الله ސުބުޙާނަހޫ ވަތަޢާލާ އިންސާނުންނަށް ދެއްވާފައިވާ ބޮޑެތި ނިޢުމަތްތަކުގެ ތެރެއިން އިންސާނާ އެ ނިޢުމަތަކާ މެދު އެންމެ ބޮޑަށް ޣާފިލުވެފައިވާ އެއް ނިޢުމަތެވެ. ސިއްޙަތު ރަނގަޅުގޮތުގައި ދެމެހެއްޓުމަކީ އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާކަމެކެވެ. އެގޮތުން ނަމާދުގެ ސަބަބުން ނުވަތަ ނަމާދުގައި ކުރެވޭ ހަރަކާތްތަކުގެ ސަބަބުން ވެސް އަޅުގަނޑުމެންގެ ސިއްޙަތު ދުޅަހެޔޮވެގެންދާކަމީ ބުއްދީގެ އަލީގައްޔާއި ޒަމާނީ ސައިންސުގެ ހޯދުންތަކުން އެނގި ހާމަވެފައިވާ ކަމެކެވެ.

  • ހިތާއި ސިކުނޑީގައިވާ ނުތަނަވަސްކަން ފިލުވައިދިނުން

އިންސާނާގެ ޢަމަލުތަކާއި، ހިތްހަމަޖެހުމާއި، ހިތްނުތަނަވަސްވުން ފަދަ އެންމެހާ ޖަޒުބާތުތައް ބަލަހައްޓައިދޭ އެއް މަރުކަޒަކީ އޭނާގެ ސިކުނޑިއެވެ. އިންސާނާގެ ހިތަށްޖެހޭ ބަލިތަކާއި ސިކުނޑިއަށްޖެހޭ ބަލިތައް ކަމަށްވާ ހިތްހުއްޓުން، ލޭގެޕުރެޝާރ މަތިވުން، " ސްޓްރޯކް" " ބުރެއިން ޓިއުމާރ" މިފަދަ އެތަކެއް ބަލިތަކަކުން އިންސާނާ ސަލާމަތްކޮށްދޭ "ވެކްސިނަކީ" ނަމާދެވެ. ހިތްނުތަނަވަސްވުމާއި މީހާގެ މާޔޫސްކަން ފިލުވައިދީ އައު އުންމީދުތަކާއެކު މީހާ އާރޯކުރުވައިދޭ ވަސީލަތަކީ ނަމާދެވެ. ކަންބޮޑުވެ ގޮތްހުސްވާ ހިނދު އަދި ކަންކަމާ ކެތްމަދުވެ ހާސްވާހިނދު ކެތްތެރިކަމާޢި ނަމާދުން ވާގި ލިބިގަތުމަށް ﷲ ތަޢާލާ ކީރިތި ޤްރުއާނުގައި މުއުމިނުންނަށް އަންގަވާފައިވެއެވެ. ﷲ تعالى ވަޙީކުރެއްވިއެވެ. (وَاسْتَعِينُواْ بِالصَّبْرِ وَالصَّلاَةِ وَإِنَّهَا لَكَبِيرَةٌ إِلاَّ عَلَى الْخَاشِعِينَ) މާނައީ: "އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.)"

  • ކަށްޓާއި ހުޅުތަކުގެ ފަރުވާ

ސައިންސުން ސާބިތުވާ ގޮތުގައި ނަމާދާއި ނަމާދުގެ ޙަރަކާތްތަކުގެ ސަބަބުން އިންސާނާގެ ހުޅުތަކުގެ ކޮޅުގައި ހުންނަ މަޑުކަށި ހަލާކުވުމުން ސަލާމަތްކޮށްދެއެވެ. ހުޅުތައް ހިކި ދުޅަވުމުން ރައްކާތެރިކޮށްދޭ ޚާއްޞަ ޤުދުރަތީ ފަރުވާއަކީ ނަމާދެވެ. ހުޅުތައް ލެނބުމުގެ ސަބަބުން ހުޅުތައް ހަރަކާތްކޮށް، ހަރަކާތްތެރިކަންމަތީ އެއްވެސް މައްސަލައެއްނުޖެހި ހުންނަކަމަށް ފަހުގެ ދިރާސާތަކުން ދައްކައެވެ. އަދި ނަމާދުގައި ކުރާ ހަރަކާތްތަކުގެ ސަބަބުން ހުޅުތައް ހަރުނުވެ ހިފަހައްޓައިދީ ހުޅުތަކުގައި ހުންނަ ރިހުން ކަނޑުވައިދެއެވެ. ހުޅުތަކުގެ އިތުރުން މައިބަދައަށާއި ކަށްޓަށް ވެސް ނުހަނު ގިނަގުނަ ފައިދާތަކެއް ކުރުވާކަމަށް ސައިންސް ހެކިދެއެވެ.

 

ފަތިސް ނަމާދަކީ ނަފްސާއި ޖިސްމަށް ދެވޭ ކާނާއެއް

ބާއްޖަވެރި ހަޔާތަކަށް އެދޭނަމަ ފަތިސްނަމާދަށް ސަމާލުކަންދިނުން މުހިންމެވެ. ފަތިސް ނަމާދަށް ހޭލުމަކީ ހަމައެކަނި ހަށިގަނޑު ހޭލުމެއް ނޫނެވެ. ފަތިސް ނަމާދަށް ހޭލުމުގެ ސަބަބުން މުއުމިނު އަޅާގެ ހިތާއި ސިކުނޑި ވެސް ޣާފިލުކަމުގެ ނިދިން ހޭލައެވެ. ފަތިސް ނަމާދުކުރުމަކީ ދުނިޔެ ދެކެ ލޯބިވާ ވަރަށް ވުރެ ބޮޑަށް، ހެއްދެވި ފަރާތްދެކެ އޭނާ ލޯބިވާކަމުގެ ހެއްކެއް ވެސްމެއެވެ. އަދި އެ ނަމާދަކީ މުއުމިނުންނާއި މުނާފިޤުން ވަކިކޮށްދޭ ނަމާދެއް ވެސްމެއެވެ.

ދުނިޔެއަކީ ވަގުތީ ފާލަމެކެވެ. ދާއިމީ ގޮވައްޗަށް ދިއުމަށް ތައްޔާރުވުމަށް މަޑުކޮށްލާ ތަނެކެވެ. އަހަރެމެން ދުނިޔެއަށް ފޮނުއްވީ އިމްތިހާނަކަށް ޓަކައެވެ. އެހެންކަމުން ދުނިޔެ ވެފައި މިވަނީ އެ އިމްތިހާނުކުރެވޭ މާލަމަށެވެ. އުފާވެރި، ފާގަތި، ދާއިމީ ގޮވައްޗަކަށް ދާން ބޭނުންނަވަ އަހަރެމެން ހެއްދެވި ފަރާތް އެންގެވި ގޮތަށް އުޅެންޖެހެއެވެ. ފަރުޟު ފަސް ނަމާދު އޭގެ ވަގުތުގައި ބަރާބަރަށް ކުރަން އާދަކުރަންޖެހެއެވެ. ގަޑިން ގަޑިއަށް އޮފީހަށް ނުވަތަ އަމިއްލަ ދަރިފުޅު ސުކޫލަށް ލާން ދާގޮތަށް، ނަމާދު އޭގެ ވަގުތުގައި އަދާކުރުމުގެ ރީތި އާދަ ހަރުލައްވަންޖެހެއެވެ. އެހެނީ ނަމާދަކަށް ލަހެއްފަހެއް ނުވެއެވެ. ކޮޅަށް ނުހުރެވޭ މީހާ އިށީނދެގެން، އިށީނދެގެން ނީދެވޭ މީހާ އޮށޯވެގެން ނަމަވެސް ނަމާދުކުރަން އަންގަވާފައިވުމީ ނަމާދުގެ މުހިއްމުކަން ހާމަވާ ކަމެކެވެ. މިކަމުން އެނގެނީ ނަމާދަކަށް އެއްވެސް އުޒުރެއް ނުވާކަމެވެ. އަދި ނަމާދަށް އުޒުރެއް ނުވާކަމުގެ ޙިކުމަތަކީ ދެ ދުނިޔެ ބާއްޖަވެރިކުރުމުގައި ނަމާދުގެ ދައުރުގެ ބޮޑުކަމެވެ. ނަމާދުގެ ރޫޙާނީ، ނަފްސާނީ އަދި ޖިސްމާނީ ފައިދާތަކުގެ ބޮޑުކަމެވެ. ތިބާ ޙުޝޫޢަތްތެރިކަމާ އެކު ބަރާބަރަށް ނަމާދުގާއިމްކުރަމު ހެއްޔެވެ؟ އެހެންކަމަށްވާ ނަމަ، ޝައްކެއް ވެސް ނެތް ގޮތުގައި ތިބާ ތިޔަ ވަނީ اللهގެ ރައްކާތެރިކަމުގައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *