الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ޢާއްމުކޮށް ދީނީ ޢިލްމު އުނގެނޭ ގޮތަކީ ފިލާވަޅެއް އަޑުއަހައިގެން ނުވަތަ ފޮތްތައް ބަލައިގެން ކިޔައިގެން މަޢުލޫމާތުތަކެއް މެމޮރީގައި ރައްކާކުރުމެވެ. އަދި އެޢިލްމެއް އޭނާގެ ހަޔާތަށް ބޭނުންޖެހޭ ކޮންމެ ވަގުތެއްގައި އެމަޢުލޫމާތުގެ އަލީގައި އެމީހެއްގެ ޢަމަލުތައް ބައްޓަންކުރެވެއެވެ. އަދި ދަންނަންޖެހެއެވެ! އެހެންމީހަކަށް އެމަޢުލޫމާތެއް، އެއަށް އެއްވެސް ބަދަލެއް ނާންނާނޭ ފަދައަކުން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ފޯރުކޮށްދިނުމަށް ވިސްނުމާއި ފިކުރުގެ ތެރެއިން ނުހަނު ފަސޭހައިން ބަހުޘްކޮށް ހޯދާލައިގެން އަނެކުންނަށް އެމަޢުލޫމާތު ފޯރުކޮށްދެވޭނީ އުނގެނުމުގައި އެކަމަށް މަގުފަހިވާނޭ ފަދަ ގޮތްތައް ބޭނުންކޮށްގެންނެވެ. ދަރިވަރުންނަކީ މުޅި އަހަރުގެ އެތަކެއް ދުވަހެއް ޢިލްމު އުނގެނުމުގައި ވަގުތުތައް ހޭދަކޮށް، އަދި އުނގެނިފައިވާ ޢިލްމެއް މުޠާލިޢާ ކޮށް މުރާޖަޢާ ކުރާ ބައެކެވެ. މިކަންކަމަށް ފަހިމަގެއް ކޮށާލުމުގެ ގޮތުން ކޮންމެ ދަރިވަރަކުވެސް އަމިއްލައަށް ފިލާވަޅުތައް ކިޔައި އެފިލާވަޅުތައް ޚުލާޞާކޮށް ސިކުނޑިއަށް ފަސޭހައިން ނަގައިގަނެވޭނޭ ގޮތްތަކަށް އަތުރާލައި ތަރުތީބު ކޮށްލުމަކީ އުނގެނުމަށް ފަސޭހަވެ، ދަސްކުރާ އެއްޗެއް ގިނައިރު މެމޮރީގައި ހަރުލައްވައި ދޭނޭ އުސްލޫބެކެވެ. އެގޮތުން ބައެއް ސުރުޚީތަކުގެ ދަށުން ދެބައެއް ނުވަތަ ތިންބައެއް ނުވަތަ ބައިތަކަކަށް ބެހިގެން ވާނަމަ ރޮނގުތަކަކުން ގުޅުވައިގެން ގޮޅިތަކަކަށް ބަހައިލައިގެން ޚުލާޞާކޮށް މައިންޑް މެޕެއް ނުވަތަ ޓޭބަލެއް އެކުލަވާލުމުން އުނގެނުމަށް ފަސޭހަވެ ހަނދާނުގައި ގިނަދުވަހު ބެހެއްޓޭނޭ ގޮތަށް ރައްކާކުރެވެއެވެ. މީގެ ސިއްރަކީ އުނގެނުމުގައި ގިނަ ހިއްސުތައް ބޭނުންކުރާ ވަރަކަށް އެޢިލްމެއް ދެނެގަނެ ފަހުމްވެ ދަސްކުރަންވެސް ފަސޭހަވުމެވެ.
މިފަދައިން ރަސޫލާ صلى الله عليه وسلم އެތަކެއް ގޮތްތަކެއް ޙަދީޘްފުޅުތައް ބަޔާންކުރެއްވުމުގައި ބޭނުންކުރައްވަވައެވެ. އެގޮތުން ބައެއް ފަހަރު ބަސްތައް ތަކުރާރު ކުރައްވައެވެ. އަނެއްބައި ފަހަރު މޫނުފުޅުގެ ފެނުމާއި އަޑުފުޅު ބަދަލުކޮށްލައްވާ ހިތްތަކުގެ އެންމެ އަޑިއަށް ވާޞިލުކޮށްދެއްވައެވެ. އިނގިލިތަކުގެ އިޝާރާތްތަކުން ޙަދީޘްކުރައްވާ އެއްޗެއް މީހުންނަށް ފަސޭހައިން ނަގައިގަނެވޭނޭ ގޮތް ހައްދަވައެވެ. އަނެއްބައިފަހަރު ޙަޤީޤީ މިސާލުތަކުން ނުވަތަ ޙަޤީޤީ ވާހަކަ އަކައެއްގެ ތެރެއިން ދެއްވަން ބޭނުންފުޅުވާ ޚަބަރެއް ދެއްވަވައެވެ. އަދި އޭގެ އިތުރުން ބިންމަތީގައި ތަފާތު ރޮނގު ކުރައްސަވާ، ތަކެތި ފަސޭހައިން ފަހުމް ކޮށްދެއްވަވައެވެ.
އިމާމް އަޙްމަދު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ޖާބިރު ބުން ޢަބްދުﷲ ވިދާޅުވިއެވެ: އަހަރުމެން ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި އިށީނދެގެން ތިބީމުއެވެ. ދެން އެނަބިއްޔާ މިގޮތަށް އެކަލޭގެފާނުގެ ކުރިފުޅު މަތީގައި ރޮނގެއް ކުރެއްސެވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ: މިއީ ﷲ عزّ وجلّ ގެ މަގެވެ. އަދި އެރޮނގުގެ ކަނާތް ފަރާތުން ރޮނގުތަކަކާއި އޭގެ ވާތް ފަރާތުން ރޮނގުތަކެއް ކުރެއްސެވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ: މިއީ މަގުތަކެކެވެ. މިއިން ކޮންމެ މަގެއްގެ މަތީގައި އެމަގަކަށް ގޮވާލައި ޝައިޠާނަކު ވެއެވެ. ދެން އެއަށްފަހު އެނަބިއްޔާ މިއާޔަތް ތިލާވަތު ކުރެއްވިއެވެ: ﴿ وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَتَّقُونَ﴾ سورة الأنعام:153 މާނައީ: [އަދި ހަމަކަށަވަރުން މިއީ ތިމަން ﷲ ގެ ސީދާވެގެންވާ މަގެވެ. ފަހެ އެމަގަށް ތިޔަބައިމީހުން ތަބާވާށެވެ! އަދި (އެހެނިހެން) މަގުތަކަށް ތިޔަބައިމީހުން ތަބާނުވާށެވެ! (އެހެން އެކަން ކޮށްފިނަމަ) އެމަގުތައް ތިޔަބައިމީހުން އެކަލާނގެ މަގުން އެއްކިބާކޮށްލާނެއެވެ. އެގޮތަށް އެކަލާނގެ ތިޔަބައިމީހުންނަށް އަމުރު ކުރެއްވިއެވެ. އެއީ ތިޔަބައިމީހުން ތަޤްވާވެރިވޭތޯއެވެ.] ވިސްނާލުން ހުއްޓެވެ! ރޮނގުތަކެއް ބިންމަތީގައި ކުރެއްސެވުމުން އެތަކެއް މާނަތަކަކާއި ދޭހަތަކެއް ފަހުމްވެގެން ދެއެވެ. އަދި އެތަކެއް ފައިދާތަކެއް ސިކުނޑިއަށް ނަގައިގަނެވެއެވެ. ސީދަލަށް އެއްރޮނގު ކުރެއްސެވުމުން، އަހަރެމެން މުސްލިމުން އެގޮތެއްގައި އުޅެން ﷲ އެދިވޮޑިގަންނަވާ ގޮތަކީ އޭގައި އޮޅުން ބޮޅުމެއް ނެތް ސާފު ފިޠުރަތުގެ އިންސާނެއްގެ ވިސްނުމަށް ފަސޭހައިން ނަގައިގަނެވޭ އެއްޗެއް ކަމާއި، އެމަގުގައި ﷲ އާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގައި ބަޔާންކުރެއްވި ގޮތްނޫން ގޮތެއް ނުވާކަމާއި، ރަސޫލާ އާއި އަޞްޙާބު ބޭކަލުން އެގޮތެއްގެ މަތީގައި ތިއްބެވި ގޮތަކީ އެއްވެސް ކަސިޔާރު ކަމެއް ނެތް ސީދާގޮތެއްގެ މަތީގައި ކަމެވެ. އަދި އެބޭކަލުން ތިއްބެވީ އެންމެ ގޮތެއްގެ މަތީގައިކަމާއި، އެސީދާ މަގުން ދަތުރުކުރެވޭނީ އެބޭކަލުން ހިންގެވި ބީދައިން އެމަގުގައި ނުވަތަ އެގޮތުގައި ކުރިއަށް ގޮސްގެންކަން ވަރަށް ފުރިހަމައަށް ދޭހަވެގެން ދެއެވެ. އެރޮނގާ ވިއްދައިގެން ދެފަރާތަށް ރޮނގުތަކެއް ކުރެއްސެވުމުންވެސް އެކުރެހުމުގެ ސަބަބުން ގިނަ ފައިދާތަކެއް ހިތަށް ނަގައިގަނެވެއެވެ. އެއްކަމަކަށް، އަހަރެމެން ކިތަންމެ ވަރަކަށް ރަސޫލާ صلى الله عليه وسلم ގެ ސުންނަތް ބަލައިގެން ސީދާމަގުން ދަތުރުކުރިކަމުގައި ވިއަސް، ތަފާތު ވައްތަރުގެ ފިކުރުތަކާއި ގޮވާލުންތަކެއް ކުރިމަތިވާނޭ ކަމާއި މިބަވަނަވެފައިވާ ދުނިޔޭގައި އެކަމަށް ހުށިޔާރުވެގެން ހުރެ ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް މަސައްކަތް ކުރުމުގެ ވިސްނުން ގެނެސްދެއެވެ. އަދި އަބަދުވެސް ތިމާއަށް ހުރެވުނު ގޮތާއި މެދު ނަފްސު ހިސާބުކޮށް ތިމާ ހުރި ހިސާބެއް ނުވަތަ ތިމާއަށް ހުރެވުނު މަގެއް ދެނެގަތުމަށް މަސައްކަތް ކުރުމުގެ ވިސްނުން ގެނެސްދިނީ ވެސް ހަމަ އެކުރެހުމުންނެވެ. އަދި ކުރެހުމުން އަންގައިދިނީ ސީދާ ރޮގު ގޮސް ނިމޭ ހިސާބަށް އަރިއަރިމަތީގައި ވާ ރޮނގުތައް ނުނިމޭނޭ ކަމެވެ. ވީމާ އެއިން އެއްވެސް ޝައިޠާނެއްގެ ގޮވާލުމަކަށް އޮޅިގެންވެސް ތަބާ ވެވިއްޖެ ނަމަ އެނަފްސެއް ގެންގޮސްދޭނީ ސުވަރުގެއާ ނުހަނު ދުރަށް ނަރަކައަށްކަމެވެ. އެކަމުން ހިތަށް ބިރުވެރިކަން ވަދެ މަރުވުމުގެ ކުރިއަށް މިއޮތް ޙަޔާތާއި މެދު ރައްކާތެރިވުމަށް ބާރަކަށް ވެއެވެ.
މިއީ މިފަދަ އެންމެ ޙަދީޘެކެވެ. ކުރިންވެސް ބުނެވުނު ފަދައިން މިފަދަ އެތަކެއް ޙާލަތުގައި އެނަބިއްޔާ صلى الله عليه وسلم ވަނީ އުނގެނުމުގެ ތަފާތު ތުރުޤުތަކާއި އުސްލޫބުތައް ބޭނުންކުރައްވާފައެވެ.
ދަރިވަރުންވެސް މިފަދައިން ގިނަ ފައިދާތަކެއް ޙާޞިލުވާނޭހެން ކިޔެވުން ކުރިއަށް ގެންދިއުން މުހިންމެވެ. އަދި އަބަދުވެސް ލިބޭ ފައިދާތައް ނޯޓުކުރުންވެސް ވަރަށް މުހިންމެވެ.
ދުޢާއަކީ ހުރިހާ ދަރިވަރުންނަށާއި އެންމެބޭފުޅުންނަށް ދީނީ ކަންކަން ރަނގަޅަށް ފަހުމް ކޮށްދެއްވުން މިންވަރު ކޮށްދެއްވުމެވެ.
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.
އާޓިކަލް 4