ޙަޔާތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ!

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

އަހަރުމެންގެ ޙަޔާތަކީ ވަކިމުއްދަތެއް ހިމެނޭ އެއްޗެކެވެ. އެއަށް ކަނޑައެޅިފައިވަނީ ވަކި ވަގުތެކެވެ. އެޙަޔާތް ފެށޭ ވަގުތަކީ ކޮންމެ އިންސާނެއްގެވެސް ފުރާނަ އެޅިގެންދާ ގަޑިއެވެ. އޭގެ ކުރިން ބަނޑުގައި އޮންނަ ކުއްޖަކީ ގަސްގަހާގެހި ފަދައިން ފުރާނައެއް ނެތި ކާނާލިބިގަތުމާއެކު ހެދިބޮޑުވާ ފަދަ ދިރުމެއްހުރި އެއްޗެކެވެ. ނަމަވެސް ފުރާނަ އެޅުމާއެކު ހިއްސުތަކާއެކު އަމިއްލަ އިރާދައާ އެކު ޙަރަކާތްކުރާ އެއްޗަކަށް ވެގެން ދެއެވެ. އެއީ ކުއްޖާ އުފެދޭތާ ހަތަރުމަސް ނުވަތަ ސަތޭކަ ވިހި ދުވަސް ހަމަވުމުންނެވެ. އަދި އެޙަޔާތް ނިމިގެން ދަނީ އޭނާގެ ހަށިގަނޑުގައި އެލެއްވި ފުރާނައިގެ އަޖަލު ހަމަވެ، އެމީހެއްގެ ހަށިގަނޑުން ފުރާނަ ނިކުމެގެން ދިއުމާ އެކުގައެވެ.  ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅެއްގައިވެއެވެ: ((إِنَّ أَحَدَكُمْ يُجْمَعُ خَلْقُهُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا ثُمَّ يَكُونُ عَلَقَةً مِثْلَ ذَلِكَ ثُمَّ يَكُونُ مُضْغَةً مِثْلَ ذَلِكَ ثُمَّ يَبْعَثُ اللَّهُ مَلَكًا فَيُؤْمَرُ بِأَرْبَعِ كَلِمَاتٍ وَيُقَالُ لَهُ اكْتُبْ عَمَلَهُ وَرِزْقَهُ وَأَجَلَهُ وَشَقِيٌّ أَوْ سَعِيدٌ ثُمَّ يُنْفَخُ فِيهِ الرُّوحُ)) މާނައީ: [ހަމަކަށަވަރުން ތިޔައިން ކޮންމެމީހަކުމެ އެމީހެއްގެ މަންމަގެ ބަނޑުގައި އުފެދި ޖަމާވަނީ ސާޅީސް ދުވަހުންނެވެ. ދެން އެއަށްފަހު ގަނޑުލޭކޮޅެއް ފަދައިން ޢަލަޤާއެއްގެ ގޮތުގައި ހަމަ އެމުއްދަތަށެވެ. އަދި އެއަށްފަހު ކުޑަ މަސްކޮޅެއް ފަދައިން މުޟްޣާއެއްގެ ގޮތުގައި ހަމަ އެމުއްދަތަށެވެ. ދެންއެއަށްފަހު ﷲ މަލާއިކަތަކު ފޮނުއްވާ ހަތަރުކަމަކަށް އަމުރުކުރައްވަތެވެ. އަދި އެމަލާއިކަތަކަށް ބުނެވެއެވެ. އޭނާކުރާނެ ޢަމަލުތައް ލިޔާށެވެ. އަދި އޭނާގެ ރިޒްޤާއި އޭނާގެ އަޖަލު ލިޔާށެވެ! އަދި އެއީ އަބާއްޖަވެރިއެއްކަން ނުވަތަ ބާއްޖަވެރިއެއްކަން ލިޔާށެވެ! ދެން އެއަށްފަހު އޭނާގައި ރޫޙު ލައްވައެވެ.] ނަމަވެސް މިމަލާއިކަތާ ލިޔުއްވި އެއްވެސް އެއްޗެއް އަހަރުމެންގެ އެކަކަށްވެސް ނޭނގޭ ޙާލުގައި، މާތް ﷲ ވަނީ އަހަރުމެންނަށް އަމިއްލަ މިނިވަންކަމާއެކު ޙަރަކާތްތައްކޮށް އަމިއްލައަށް ބޭނުން ކަމެއް ކުރުމުގެ އިޚްތިޔާރު ދެއްވާފައެވެ. މާތް ﷲ ގެ ޙިކްމަތްވަންތަކަމާއި ކުޅަދުންވަތަކަމާއެވެ! ފަހެ މިކަން މިހެން އޮތްއިރުގައި އަހަރުމެންނަށް އޮތީ މިޙަޔާތުގެ މުއްދަތު ކޮންމެފަދަ ވަގުތެއްގައިވެސް ނިމުމަކަށް އަތުވެދާނެ ކަމާމެދު ފުރިހަމައަށް ހުށިޔާރުކަންމަތީ ހުރެ، ނުބައިޢަމަލުތަކުން ދުރުހެލިވެ، ހެޔޮޢަމަލުތައް ކުރުމުގައި ގަދައަޅާ މަސައްކަތްކުރުން ފިޔަވާ ކޮންކަމެއްހެއްޔެވެ؟ ލިޔުއްވާފައިވާ ގޮތޭ ބުނެ، މިޙަޔާތުގެ ބޭނުން ނަހަމަގޮތުގައި އަމިއްލަ އިޚްތިޔާރުގައި ކުރުމުގެ ނުބައިކަމާއެވެ! އެއީ ފަހެ ވިސްނުމުގައި ކޮންފަދަ ކޮށިކަމެއް ހުރި، އަމިއްލައަށް ހަލާކުގެ ތެރެއަށް ވެއްޓިގަނެގެން އުޅޭ އަބާއްޖަވެރި ޙަޔާތަކަށް ހުށަހެޅިފައިވާ މީހެއް ހެއްޔެވެ! އެއްވެސް އިންސާނަކަށް މާތް ﷲ އަނިޔާވެރިވެވޮޑި ނުގަންނަވައެވެ. އަދި އެމީހަކު ގަދައަޅާ ކުރި މަސައްކަތަކަށް ﷲ އެމީހެއްގެ ޙަޔާތް ބާއްޖަވެރި ކޮށްދެއްވަތެވެ. ﷲ ވަޙީކުރެއްވިއެވެ: ﴿ وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا﴾  މާނައީ: [އަދި ތިމަން ﷲ ގެ މަގުގައި ގަދައަޅާ މަސައްކަތްކޮށްފި މީހުން ދަންނާށެވެ! ހަމަކަށަވަރުންވެސް ތިމަންﷲ އެބައިމީހުންނަށް ތިމަންﷲ ގެ މަގުތަކަށް ހިދާޔަތް ދައްކަވާހުށީމެވެ.] މިއާޔަތަށް ނަޒަރު ހިންގާލުމަށްފަހު އެމީހެއްގެ ޙަޔާތުގެ މުއްދަތުގައި ފާފަތަކުން އެއްކިބާވުމަށްފަހު ހެޔޮޢަމަލުތައް ގިނަކޮށް ބާއްޖަވެރި ޙަޔާތެއް ބިނާކުރުމުގެ މަސައްކަތް ގަދައަޅާ ނުކުރެވެންވީ ކީއްވެހެއްޔެވެ؟ އާޚިރަތުގެ ޙަޔާތަށް އަމިއްލަ ނަފްސަށް ބިރުވެތި ނުވަނީ ކީއްވެހެއްޔެވެ؟ އެނަފްސަށް ލިބޭނެ ބޮޑުވެގެން ގެއްލުމާމެދު އޭނާގެ އަމިއްލަ ނަފްސަށް އޯގާތެރި ނުވަނީ ކީއްވެގެން ހެއްޔެވެ؟

އެކިމީހުންގެ ޙަޔާތުގެ ވަގުތަކީ ތަފާތު އެއްޗެކެވެ. ބައެއްމީހުން ތަކްލީފެއް އެމީހެއްގެ ބޮލުގައި ނުލެއްވެނީސް ނިމުން އަންނައިރު، އަނެއްބަޔަކު ދަނީ ތަކްލީފުތައް ބޮލުގައި އެޅޭ ޢުމުރުގައި އެމީހެއްގެ ދުނިޔެވީ ޙަޔާތަކަށް އެމީހެއްގެ ޟަމީރު ގޮވަމުންދާ އޭނާގެ ނަފްސުގެ ޣަރީޒާތަކުގެ ބާރު އެކިމިންވަރުގައި ހުންނަ ޙާލުގައި ބާއްޖަވެރިއެއްގެ ގޮތުގައި ނުވަތަ އަބާއްޖަވެރިއެއްގެ ގޮތުގައި މިދުނިޔެ ދޫކުރަމުންނެވެ. ވީމާ އެފަދަ ޣަރީޒާތަކުގެ ތެރެއިން އެކިމީހުން، އެމީހެއްގެ ހަވާނަފްސާ ދެކޮޅަށް ނަފްސުގެ ތެރޭގައި ހަނގުރާމަ ކުރަންޖެހެނީ ވެސް އެކި މިންވަރަށެވެ. މިއެންމެހައި ކަމެއްގެ ޙިކްމަތް އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ މާތް ﷲ އެވެ. އިންސާނާއަށް ވާޖިބުވެގެންވަނީ ތަކްލީފު ޖެހިއްޖެ ހިނދު މިދުނިޔެއާއި އާޚިރަތުގައި ގެއްލެނިވި މީހުންގެ ތެރެއިން ނުވުމުގައި ގަދައަޅާ މަސައްކަތް ކުރުމެވެ. ޝައްކެއްވެސް ނެތެވެ. އެގެއްލެނިވެގެންވާ މީހުންގެ ތެރެއިން ނުވުމަށް އިންސާނާ އެންމެފުރަތަމަވެސް ކުރަންޖެހޭ ކަމަކީ މާތް ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ފުރިހަމައަށް އީމާންވުމެވެ. އަދި ޝަރީޢަތުގައި ކަނޑައެޅިގެން ދިޔަ އެންމެހައި ހެޔޮޢަމަލުތަކެއް އަދާކުރުމުގައި ގަދައަޅާ މަސައްކަތް ކުރުމެވެ. އެމީހަކަށް ﷲ ގެ މަގުތަކަށް އެކަލާނގެ މަގުދައްކަވާހުށީ އެފަދަ މީހާއަށެވެ. އެކަލާނގެ ދެއްވާ ޘަވާބާއި ދަރުމަލިބެނިވި ޢަމަލުތައް ކުރުމަށް އެމީހަކަށް ފަސޭހަކޮށްދެއްވާ ހުށީ އޭރުންނެވެ. އަދި އެއަށްފަހު އެޘަވާބު ލިބެނިވި މަގުތަކުން އެހެންމީހުންނަށްވެސް މަގުދައްކާ އިރުޝާދު ދޭމީހާއެވެ. އަދި އެފަދައިން ކަންކުރުމުގެ ތެރޭގައި ދިމާވާ އެންމެހައި ދަތިއުނދަގޫތަކުގެ ކުރިމަތީގައި ކެތްތެރިވީ މީހާއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَالْعَصْرِ (1) إِنَّ الْإِنسَانَ لَفِي خُسْرٍ (2إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ (3)﴾  މާނައީ: [ޒަމާން ގަންދެއްވަމެވެ. ހަމަކަށަވަރުން އިންސާނާ ވަނީ ގެއްލުމެއްގެ ތެރޭގައެވެ. އީމާންވެ، އަދި ޞާލިޙުޢަމަލުކޮށް، އަދި ޙައްޤަށް އެކަކު އަނެކަކަށް ވަޞިއްޔަތްކޮށް، އަދި ކެތްތެރިވުމަށް އެކަކު އަނެކަކަށް ވަޞިއްޔަތްކުރި މީހުން ފިޔަވައެވެ.]

އަހަރެމެންގެ ޙަޔާތަކީ ބާއްޖަވެރި ޙަޔާތެއް ގޮތުގައި ލައްވާށި! އަދި އަބާއްޖަވެރީންގެ ތެރެއިން އަހަރެމެން ނުލައްވާށި! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

(އާޓިިކަލް 6)

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *