الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ހިތުގައި ހިނގައި ޝުޢޫރަތަކެއްގެ ނަތީޖާއެއްގެ ގޮތުން، މީހާގެ ފިނޑިކަން ފާޅުވެއެވެ. ނުވަތަ އެމީހެއްގެ ހިތްވަރުގަދަކަން ފާޅުކޮށްލައެވެ. ނުބައި ހީކުރުންތަކުގެ ތެރެއިން އުފެދިގެން އަންނަނީ ފިނޑިކަމެވެ. އަމިއްލަ ނަފްސާމެދުގައި ހިނގައިގަންނަ ނުބައި ހީކުރުންތަކުން މީހާ ކެތްތެރިކަމާއި ދުރުކޮށްލައި އެމީހާގެ މައްޗަށް ފިނޑިކަން ވެރިވެގަނެއެވެ. އޭގެ ބަދަލުގައި މޮޅުވާނެކަމާއި ތިމާގަދަވާނެކަން ހިނގަހިނގާ ހުންނަ ހިތުގެވެރިޔާއަށް ކެތްތެރިވުމަށް އޭނާގެ ޟަމީރު އެހީތެރިވުމާއެކު، ކަންކަމުގައި އެމީހަކަށް ސާބިތުކަން ފޯރުކޮށްދެއެވެ. އަދި އޭގެ ސަބަބުން އޭނާގެ ނަފްސާމެދު ހެޔޮވިސްނުންތައް ވިސްނައެވެ. އެއިން އުފެދިގެން އަންނަ ނަތީޖާއިން އެމީހަކު ތައްޔާރު ކޮށްދެނީ އެއީ ހިތްވަރުގަދަ މީހެއްގެ ގޮތުގައެވެ.
މިއީ އިސްލާމްދީން ނުހަނު ބާރުއަޅާ ރިވެތިވެގެން އަޚްލާޤެއްގެ ވެރިއަކަށް ތިމާ ހަދާދޭ ސިފައެކެވެ. ޚާއްޞަކޮށް ފިރިހެނުންގެ ގައިގައި ހުރުން ލާޒިމް ސިފައެއްމެއެވެ. އަދި އަންހެނަކުވެސް ދޫވިޔަނުދީ ތިމާގައި އަށަގަނުވޭތޯ މަސައްކަތްކުރުން ނުހަނު ރަނގަޅު ސިފައެކެވެ.
ހިތްވަރުގަދަކަން ނިކުންނަ ތަނަކީ އޭނާގެ ހިތެވެ. އެއީ މީހާ ތެޅިފޮޅި ނުގަނެ، ބުއްދި ޢާންމު ޙާލަތުގައި މަސައްކަތް ކުރާ ފަދައިން، ކުއްލި ޙާލަތުގައިވެސް އެވިސްނުންތައް ބޮއްސުންލައިގެން ދިޔަ ނުދީ ހެޔޮވިސްނުމެއްގައި ސާބިތުކޮށްލުމެވެ. ބިރުވެރި ކަމުގައިވެސް މީހާ ގުޑައިގެން ގޮސް ވިސްނުމެއް ނެތި، އެތަކެއް ހިތާމައެއް ކުރިމަތި ކުރުވަފާނެ ދެރަވަރު އެތައް ކަމެއް ވުމުގެ ކުރިން ވިސްނުން ކޮންޓްރޯލުކޮށް، އެންމެ ޙިކްމަތްތެރި ގޮތްތައް އެގަޑީގައިވެސް އިޚްތިޔާރު ކުރުމެވެ. މާޔޫސްކަން އެއްލައިލުމެވެ. ހެޔޮވިސްނުންތައް ކުރިއަށް ނެރުމެވެ. ތިމާއާއި ތިމާގެވަށައިގެންވާ މާޙައުލު ޢާންމު ޙާލަތުގައި ތިމާއަށް ފެންނަ ފަދައިން، ބިރުވެރި ނާމާން ޙާލަތުގައިވެސް ހަމަ އެފެނުމުގައާއި އެއަޑުއެހުމާއި އެހިތުގެވެރިޔާގެ ގޮތުގައި ނުގުޑާ ސާބިތުކަމެއްގައި ދެމިހުރުމެވެ.
މިއީ ޙަޤީޤަތުގައި ގިނަބަޔަކަށް ހަމަހުރެފައި ވުމަށްވުރެ ނުވުން ގާތްކަމެކެވެ. ވަރަށްގިނަ ފަހަރު ޓްރެއިނިންގްތަކުން ގިނަ ނަފްސުތަކެއް އެސިފައެއްގެ މައްޗަށް ތަރުބިއްޔަތު ކުރެވޭ ސިފައެކެވެ. އެހެންވުމުން ވަރަށް ގިނަ މުޖްތަމަޢު ތަކުގައި ނުރައްކާތެރި ޙާލަތްތަކަށް ޑްރިލް ކުޅުމާއި، ތަމްސީލުތަކުން ޓްރެއިނިންގް ލިބިގަނެ، އެނަފްސުތަކަކީ މިފަދަ ހިތްވަރުގަދަކަމާއި ހިތުގެ ސާބިތުކަން ލިބިގެންވާ ބަޔަކަށް ހެދުމަށް ދުނިޔޭގައި ގިނަ މަސައްކަތްތަކެއް ކުރާތަންވެސް ފެންނަމުން ދެއެވެ.
ހުރިހައި ރިވެތި ސިފަތަކެއްގައި އަބަދުވެސް އެންމެކުރި ހޯއްދަވާ، ވެރިއިލާހުގެ ތަރުބިއްޔަތުން ތަރުބިއްޔަތުވެފައިވާ މާތް ނަބިއްޔާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمَ އަކީ މި ހިތްވަރުގަދަ ކަމުގެ ސިފައިގައިވެސް ރިވެތި ނަމޫނާ ބޭކަލެކެވެ. މިއަދު އަލިކަން ފެތުރިފައިވާ ރަށްތަކުގައި އަހަރެމެން އުޅޭއިރު، ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އުޅުއްވި ޒަމާނުގައި އެއްވެސް އަލިކަމެއް ރަށްތަކުގައި ނެތި، އަނދިރިކަމާއި ނާމާންކަން މުޅިރަށުތެރެއަށް ވެރިވެފައި ވާހިނދު، އެއްވެސް އަޑެއްބަޑެއްނެތި ހަމަހިމޭންކަމުގައި ރަށްތަކުގެ އަހުލުވެރިން ބަލިކަށި ގެތަކުގައި ތިބޭނެ ބިރުވެރިކަން އަހަރެމެން މިޒަމާނުގައި އިޙްސާސްކޮށްލުމަކީ ތަންކޮޅެއް އުނދަގޫކަމަކަށްވެސް ވެދާނެއެވެ. އަދި އެހަމަހިމޭން އަނދިރިކަމުގައި އެއްވެސް އަޑެއްގެ ހިލަމެއްވެސް ނެތީސް، ކުއްލި ސިހުމެއް ގެނުވާނެ ގަދަފަދަ އަޑުފައްގަޑަކުން އެޒަމާނުގެ ކުދިބޮޑު އެންމެން ސިއްސުވާލައި ހޭލައްވާލާ ފައި ކޮޅަށް ޖަހާލާނެ މަންޒަރު ސިފަކޮށްލަންވެސް މިޒަމާނުގައި ފަސޭހަކަމަކަށް ނުވާނެއެވެ. ކޮންމެއަކަސް އެޒަމާނުގައި މިފަދަ ހަމަހިމޭން ރެއެއްގައި މަދީނާގެ ތެރެއިން އައި ގަދަފަދަ އަޑުފައްގަޑެއްގެ ވާހަކައެއް ލިޔެ ނިންމާލަމާ ހިންގަވާށެވެ. އިމާމް ބުޚާރީ އަދި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ، قَالَ: " كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَحْسَنَ النَّاسِ، وَأَشْجَعَ النَّاسِ، وَلَقَدْ فَزِعَ أَهْلُ المَدِينَةِ لَيْلَةً، فَخَرَجُوا نَحْوَ الصَّوْتِ، فَاسْتَقْبَلَهُمُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَقَدْ اسْتَبْرَأَ الخَبَرَ، وَهُوَ عَلَى فَرَسٍ لِأَبِي طَلْحَةَ عُرْيٍ، وَفِي عُنُقِهِ السَّيْفُ، وَهُوَ يَقُولُ: لَمْ تُرَاعُوا، لَمْ تُرَاعُوا
މާނަ: އަނަސް رَضِيَ اللَّهُ عَنْهُ ވިދާޅުވިއެވެ: [ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަކީ މީސްތަކުންގެ ތެރެއިން އެންމެ ހެޔޮ އިންސާނާއެވެ. އަދި މީސްތަކުންގެ ތެރެއިން އެންމެ ހިތްވަރުގަދަ ބޭފުޅާއެވެ. ހަމަކަށަވަރުންވެސް މަދީނާގެ އަހުލުވެރިން އެއް ރެއެއްގައި ވަރަށްގަދަފަދަ އަޑަކަށް ސިހިގެން ދިޔައެވެ. ދެން ރަށުގެމީހުން އެއަޑާ ދިމާއަށް ނިކުމެގަތެވެ. އެހިނދު އެމީހުންނާ ބައްދަލުކުރެއްވީ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އެވެ. އެނަބިއްޔާއަށް އޭރު ކަށަވަރުންވެސް ކަންވީގޮތް އޮޅުންފިލާވަޑައިގެންފިއެވެ. އަދި ކަމުގެ ޙަޤީޤަތް އެނގިވަޑައިގެންފިއެވެ. އެހިނދު އެނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އިންނެވީ އަބޫޠަލްޙާގެ އަހަކަށް ސަވާރުވެވަޑައިގެންނެވެ. އެއަހުގައި އެނަބިއްޔާ އިށީނދެވަޑައިގެން އިންނެވީ ހާމައަށް އޭތީގެ ބުރަކަށީގެ މަތީގައެވެ. (މާނައަކީ އޭގައި ހަރުކޮށްފައިވާ އިށީންނަ ގޮނޑިއެއްވެސް ނެތެވެ.) އެނަބިއްޔާގެ ކޮނޑުކޮޅުގައި ކަނޑިއޮތެވެ. އަދި އެނަބިއްޔާ މަދީނާގެ އަހުލުވެރިންނަށް ހަދީޘްކުރެއްވިއެވެ: ތިޔަބައިމީހުން ބިރުގަންނަންޖެހޭ ކަމެއް ނެތެވެ. ތިޔަބައިމީހުން ބިރުގަންނަންޖެހޭ ކަމެއް ނެތެވެ.] އެއަނދިރި ކަމުގެ ތެރެއިން އިވުނުއަޑަކީ ޢަދުއްވަކަށްވެސް ވެދާނެއެވެ. އިންސާނަކު ކުރިމަތިލާން ބިރުގަންނަފަދަ ޖަނަވާރަކަށްވެސް ވެދާނެއެވެ. އެހެންނަމަވެސް އެހެން އެއްވެސް މީހަކަށްވުރެ ކުރިއަށް އެނަބިއްޔާ ނިކުމެވަޑައިގަތީ ޖެހިލުން ކުޑަކަމާއެކުގައެވެ. އަދި އޭގެ އިތުރުން އެކަނިމައިއެކަނި ނިކުންނެވީ ހުރި ހިތްވަރުފުޅުގެ ގަދަކަމުންނެވެ. އަދި އަހުގެ ގޮޑިއަށް މަޑުކޮށްލެއްވިނަމަވެސް ވާނެ ލަސްކަމަށްވެސް މަޑުނުކުރައްވާކަން އެނގިގެން ދިޔައެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ވީތީ މިފަދަ ކަންކަމުގައި ނަބީކަމުގެ އަޖައިބުވަނިވި އަސަރުތައްވެސް މުޢުޖިޒާތުގެ ގޮތުގައި ފެނިގެން ދެއެވެ.
ނަމަވެސް މިސިފައަށް މީހާގެންގޮސްދެނީ ނަބީކަން އެކަންޏެއް ނޫނެވެ. ނަމަވެސް ކޮންމެމީހެއްގެ ވެސް އީމާންކަމުގެ ވަރުގަދަކަން މީހާ ނަޤްލުކޮށްދޭނީ އެމީހެއްގެ ހިތްވަރުގަދަ ކަމުގެ ސިފައަށެވެ. އަދި އީމާންކަމުގެ ކޮންމެ އަހުލުވެރިއަކަށްވެސް ނުބައި މުންކަރާތްތަކުން ދުރުހެލިވުމުގެ ހިތްވަރު ލިބިގެންވެއެވެ. އަދި ހެޔޮޢަމަލު ކެތްތެރިކަމާއެކު އަދާކުރުމުގެ ހިތްވަރު ލިބިގެންވެއެވެ. މުޞީބާތްތަކަށް ކެތްތެރިވެ އެކަންކަމާ ކެރިގެން ކުރިމަތި ލުމުގެ ކުޅަދާނަކަންވެސް ލިބިގެންވެއެވެ.
ތިމާގެ ހިތްވަރުގަދަކަން ދައްކަންވީ ނުބައިޢަމަލުކުރުމުގައެއް ނޫނެވެ. ތިމާގެ ހިތްވަރުހުރިކަން ފެންނަންވީ ތިމާގެ ހެޔޮޢަމަލުގައެވެ. ނުބައިޢަމަލުތަކުން ދުރުހެލިވުމުގައެވެ. ޢިލްމު އުނގެނުމުގައެވެ. ޢިލްމު ޙާޞިލުކުރުމަށް ގަދައަޅާ ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ތިމާގެ ހިތްވަރުހުރިކަން ފެންނަ ކުއްޖަކީ ޙަޤީޤަތުގައި ފިނޑިކަން ފަނޑުކޮށްލާފައިވާ ނަފްސުގެ މައްޗަށް ގަދަފަދަ ހިތްވަރުގަދަ ފަހުލަވާނެކެވެ. ނުބައިކަމަކަށް ނަފްސު ގޮވާލާ ހިނދު ޖޯޝާ ފޯރި ނަފްސުގައި ރޯވެގަންނަ މީހަކީ އޭނާހިތުން ހިތްވަރުގަދަ މީހަކަސް ޙަޤީޤަތުގައި އަމިއްލަ ނަފްސުވެސް ކޮންޓްރޯލު ނުވެގެން އުޅޭ ފިނޑިއެކެވެ. ދެން އެމީހެއްގެ އަތުންނާއި ފައިންވެސް ކުރާނީ އެންމެފިނޑިން ކުރާ ޒާތުގެ ޢަމަލުތަކެވެ. އެއީ ޤިޔާމަތްދުވަހަށް އޭނާ ޚަޒާނާކުރާނެ މަތިމައްޗަށް ފުނިޖެހިފައިވާ ފާފަތަކެވެ. އެއީ އަމިއްލަ ނަފްސަށް އަމިއްލަ އަތުން ދެވޭ ގެއްލުންވެސް ނުހުއްޓުވިގެން އުޅޭ ފިނޑިއެކެވެ. އޭގެ ބަދަލުގައި ގަދަފަދަ ހިތްވަރެއް ހުރި މީހާގެ ނަފްސުގެ ލަގަން އޮންނާނީ އޭނާގެ އަމިއްލަ ބާރުގެ ދަށުގައެވެ. މިޙަޤީޤަތް ބަޔާންކުރައްވާ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވި ބަސްފުޅެއްގައި ވެއެވެ: ((لَيْسَ الشَّدِيدُ بِالصُّرَعَةِ، إِنَّمَا الشَّدِيدُ الَّذِي يَمْلِكُ نَفْسَهُ عِنْدَ الغَضَبِ )) މާނަ: [ވަރުގަދަމީހަކީ އަނެއްމީހާގެ މައްޗަށް ގަދަވެގަނެ އޭނާ ބިއްމައްޗަށް ނަގާޖަހާ މީހާއެއް ނޫނެވެ. އެހެންނަމަވެސް ޙަޤީޤީ ވަރުގަދަ މީހަކީ ރުޅިގަދަވެގެންދާ ގަޑީގައި އެމީހާގެ އަމިއްލަ ނަފްސު ކޮންޓްރޯލު ކުރެވޭ މީހާއެވެ.]
ވީމާ އަބަދުވެސް ހެޔޮމަގު އިޚްތިޔާރުކުރުމުގެ ހިތްވަރު ހުންނަންޖެހޭނެއެވެ. ހެޔޮނަޞޭޙަތުގެ އަޑުއެހުމުގައި އަތި އެއަށް ޢަމަލުކުރުމުގެ ހިތްވަރުވެސް ހުންނަންޖެހެއެވެ. އެހެންމީހުންނަށް ހެޔޮރިވެތި ގޮތުގައި ނަޞޭޙަތް ލައިދީ މުޖްތަމަޢުވެސް ހެޔޮލަފާޞާލިޙު މާޙައުލަކަށް ހެދުމުގެ ހިތްވަރު ހުންނަންޖެހެއެވެ. މުންކަރާތްތަކާއި ފާފަތަކުން މީސްތަކުން ދުރުހެލިކުރުމުގެ ހިތްވަރުވެސް ލާންޖެހެއެވެ. އަހަރުމެން މިފަދައިން ނުވެ ފިނޑި ބަޔަކަށް ވުމާދިމާއަށް ދާނަމަ މިއުންމަތުގެ ފުރަތަމަކޮޅުގެ މީހުން ލީހިތްވަރުން ތާރީޚުން ކިޔައިގެން ހިތްވަރު ލިބިގަންނަންޖެހެއެވެ. އެބޭކަލުން ކުރެއްވި ވަރުގަދަ ގަދަފަދަ ހަނގުރާމަތަކުގައި އެލީ ހިތްވަރު ނިކުމެގެން އައީ ކޮންތަނަކުންތޯ އޮޅުންފިލުވާ އެފަދަ ހިތެއްގެ ވެރިބަޔަކަށް ވުމަށް އަޒުމުކުރާންޖެހެއެވެ. ޢަލީ رَضِيَ اللَّهُ عَنْهُ އަރިހުގައި އެބޭކަލުން ހިތްވަރުގަދަ ހަނގުރާމަވެރި ފަހުލަވާނުން ކަނޑީގެ ޝިކާރައަކަށް އެހާފަސޭހައިން ހަދާލަނީ ކިހިނެއްތޯ ސުވާލުކުރެވުނު ހިނދު ޖަވާބުގައި ވިދާޅުވިއެވެ: "ތިމަންނާ މީހަކާ ހަނގުރާމައިގެ މައިދާނުގައި ބައްދަލުވާ ހިނދު އަހުރެންނަށް އޭނާ ޤަތުލު ކޮށްލެވޭނެ ކަމަށް ނިންމަމެވެ. އަދި އެޢަދުއްވާގެ ހިތުގައި އޭނާ ޤަތުލުކުރާނީ އަހުރެންކަމުގައި އޭނާއަށް ނިންމައިދެމެވެ. ދެން އެއަށްފަހު އޭނާއާ ދެކޮޅަށް ތިމަންނާއާއި އޭނާގެ ނަފްސުވެސް އެއްބައިކުރުވަމެވެ. އެފަދައިން އެމީހަކު އަހަރެމެން ބަލިކޮށްލަމެވެ."
ކަންނެއްކަމާއި ބަލިކަށިކަމާއި ފިނޑިކަމުން އަޅަމެން ދުރުކޮށްދެއްވައި، ހިތްވަރުގަދަ ބައެއްގެ ގޮތުގައި އަހަރެމެން ލައްވާށި! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.
(އާޓިިކަލް 9)