މުޅިއަހަރުގައި އަންނަ އެންމެ މާތް ދިހަރޭ މިއޮއްގެން ފާއިތުވަނީ!

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ތިޔަ އެންމެހައި އަޚުންނަށް އެނގޭނޭ ފަދައިން އަހަރުމެން މިވަނީ މަތިވެރިވެގެންވާ މަހެއްގައެވެ. އަދި ބަރަކާތްތެރިކަން ބޮޑު މަހެއްގައެވެ. މިދުވަސްތަކުގައި ޚާއްޞަކޮށް ފަހު ދިހައިގެ ދުވަސްތައް ކުރިމަތިވެފައިވާހިނދު އަހަރެމެން އަމިއްލަ ނަފްސުތަކާ އަމިއްލައަށް ސުވާލުކުރަންޖެހޭނެއެވެ. މިދިހަ ރޭގެ ޢަމަލުތަކުގައި އަހަރެމެން ތިބި ހިސާބަކީ ކޮބައިހެއްޔެވެ؟ އަދި ނަބިއްޔާ صلى الله عليه وسلم ހުންނެވި ހިސާބަކީ ކޮބައިހެއްޔެވެ؟

ނަބިއްޔާ صلى الله عليه وسلم މިދިހަރޭ ފެށުމާއެކު ދުވަހަކު ނުކުރާ މިންވަރަށް އަޅުކަން އަދާކުރުމުގައި ގަދައަޅާ މަސައްކަތް ކުރައްވައެވެ. އަދި އުނުފޭރާން އުނަގަނޑުން ބާރަށް ބަނދެލައްވައެވެ. މިޢިބާރާތް ބުނެވެނީ އެނަބިއްޔާ އަނބީންނާ ދުރުހެލިވެ ވަޑައިގަންނަވާ، އަޅުކަމުގައި މަޝްޣޫލުވެ ވަޑައިގަންނަވާލެއް ބޮޑުކަމުގެ މިސާލު ޖެހުމަށެވެ. ޢާއިޝާ  رَضِيَ اللهُ عَنْهَا ވިދާޅުވި ފަދައިންނެވެ: ((كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَجْتَهِدُ فِي العَشْرِ الأَوَاخِرِ مَا لَا يَجْتَهِدُ فِي غَيْرِهِ))  މާނައީ: [ނަބިއްޔާ صلى الله عليه وسلم އެނޫން އެހެން އެއްވެސް ދުވަހެއްގައި (އަޅުކަމުގައި) މަސައްކަތް ނުކުރައްވާ ވަރަށް (ރަމަޟާން މަހުގެ) ފަހު ދިހަރޭގައި ގަދައަޅާ މަސައްކަތް ކުރައްވާކަމުގައި ވިއެވެ.] އަދިވެސް އެކަމަނާ ވިދާޅުވިއެވެ: ((كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ الْعَشْرُ شَدَّ مِئْزَرَهُ وَأَحْيَا لَيْلَهُ وَأَيْقَظَ أَهْلَهُ))  މާނައީ: [(ރަމަޟާން މަހުގެ) ފަހުދިހައެއް ވަނުމާއެކު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ އުނުފޭރާން އުނަގަނޑުން ބާރުކޮށްލައްވާ އެކަލޭގެފާނު އެރޭތައް އިޙްޔާކުރައްވާ އަދި އެކަލޭގެފާނު އަހުލުވެރިން ހޭލައްވާ ކަމުގައި ވެއެވެ.] މިއީ ދުނިޔޭގައި ހުންނަވަނިކޮށް އިސްވެދިޔަ ފާފަތަކާ ކުރިއަށް އަންނަން އޮތްހާ ފާފަތަކެއް ފުއްސެވިގެންވާ ބޭކަލެއް ކަމުގެ ޚަބަރު ލިބިވަޑައިގެންފައިވާ މާތް ނަބިއްޔާ صلى الله عليه وسلم މާތް ﷲ އަށް އަޅުވެތިކަން އަދާ ކުރެއްވި މިންވަރެވެ. އެކަލާނގެ ނިޢުމަތްތަކަށް ޝުކުރުއަދާކުރެއްވި މިންވަރެވެ. އެކަލާނގެ ގަދަފަދަ ޢަޛާބަށް ބިރުވެތިވެވަޑައިގެންނެވި މިންވަރެވެ. އަހަރެމެން ނިކަމެތިންގެ ޙާލަކީ ކޮބައިހެއްޔެވެ؟

އިސްވެދިޔަ ޙަދީޘްގައި ޢާއިޝާ رَضِيَ اللهُ عَنْهَا އެވަނީ ރަސޫލާ صلى الله عليه وسلم ތިން ސިފައަކުން ސިފަކުރައްވާފައެވެ. އަނބީންނާ ދުރުހެލިވެ ވަޑައިގަތުމެވެ. ކިޔަމަންތެރިކަމުގައި ގަދައަޅާ މަސައްކަތްކޮށް ރޭއަޅުކަމުގައި މުޅި ރޭ ހޭދަކުރެއްވުމެވެ. އަދި ގޭގެ އަހުލުވެރިން ހޭލެއްވުމެވެ.

ވީމާ އަނބީންނާއި ދަރިންނަށް މިހެޔޮކަމަށް ވަޞިއްޔަތް ކޮށް މިޢަމަލުތަކުގެ މައްޗަށް ކެތްތެރިވެ ގަދައަޅާ އަޅުކަމުގެ މަސައްކަތުގައި ރޭ ހޭދަކުރުމަށް ހިތްވަރު ދޭންޖެހެއެވެ. އެހެނީ މީ ޖިހާދުގެ ތެރެއިން ވާކަމެކެވެ.

ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަޅުކަމުގައި މިކުރެއްވި މަސައްކަތުގެ ތެރޭގައި އަޅުކަން ކުރެއްވީ ހުރިހައި ވައްތަރެއްގެ އަޅުކަންތައް ވެސް ހިމެނޭނޭ ގޮތަށެވެ. ރޭގެ ވަގުތުގައި އިޙްޔާ ކުރައްވަނީ ރޭ އަޅުކަމުގެ ނަމާދުތަކުންނެވެ. ތަރާވީޙް ނަމާދުންނެވެ. ޤުރުއާން ތިލާވަތު ކޮށްގެންނެވެ. ހިތުންނާއި ދުލުންނާއި ގުނަވަންތަކުން ޛިކުރު ކޮށްގެންނެވެ. މާތް ﷲ ގެ މަތިވެރިކަމުގެ މަތިން ހަނދާކޮށްގެންނާއި އެކަލާނގެ މަޢުރިފާކޮށް ދެނެގަތުމަށްޓަކައި އެކަލާނގެ ސިފަފުޅުތައް ހިތަށް ގެނެސްގަނެގެން ހިތުންނެވެ. ތަފާތު ޖުމްލަތަކުން އެކަލާނގެއަށް މަދަޙަ އާއި ތަޢުރީފާއި ޘަނާގެ ބަސް ކިޔައި، އަދި އެކަލާނގެ ކުރިމަތީގައި ނިކަމެތިކަމާއެކު ދުޢާ ދަންނަވައިގެން ދުލުންނެވެ. އަދި ޤިޔާމުންނާއި ރުކޫޢުންނާއި ސަޖިދައިންނާއި މިފަދަ ޙަރަކާތްތަކުން ގުނަވަންތަކުންނެވެ. މުޅި އިންސާނާ އެވަނީ އެކީއެކައްޗަކަށް އަޅުކަމުގެ ތެރޭގައެވެ. އެއީ އެރޭތަކުގެ މަތިވެރި ޘަވާބާއި ދަރުމަ ހޯއްދެވުމަށް އެކަލޭގެފާނު ގަދައަޅާ ކުރެއްވި މަސައްކަތްޕުޅެވެ.

އަދި އެރޭތަކުގެ މަތިވެރިކަމުން ގޭގެ އަހުލުވެރިން މަޙްރޫމްވެގެން ނުދިޔުމަށްޓަކައި އެއެންމެން ހޭލައްވައެވެ. އެއީ އެރޭތަކުގެ މާތްކަމާއި މަތިވެރިކަން އެކަލޭގެފާނުގެ އިތުރުން ގޭގެ އަހުލުވެރިންވެސް ޖަމާކޮށް ރައްކާކުރުމަށް ޓަކައެވެ.

ބުއްދިވެރި އަކު މިއަގުހުރި ފުރުޞަތު އޭނާގެ އަމިއްލަ ނަފްސަށްވެސް އަދި އޭނާގެ ބެލުމުގެ ދަށުގައިވާ ގޭގެ އަހުލުވެރިންނަށްވެސް ފާއިތުވެގެން ދިޔަ ނުދޭނެއެވެ. މިއީ އަތުގެ އިނގިލިތަކުންވެސް ގުނާލެވޭހާ މަދު ރޭކޮޅެކެވެ. ފަހަރުގައި މީހަކު މިރޭތަކުގެ އަޅުކަމުގައިވަނިކޮށް އޭނާގެ ފަހުނޭވާކޮޅު މިދުނިޔެ ދޫކޮށްފާނެތެވެ. އޭރުން އެމީހަކަށް މުޅި ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންދިޔައީއެވެ. މުޅި ރަމަޟާންމަހުގައި ﷲ ތަޢާލާ ނަރަކައިން ސަލާމަތް ކުރައްވާ އެތައް ބަޔަކު ވާއިރު އޭގެ ތެރެއިން ހިމެނިގެން ހިނގައިދާނެއެވެ.  މިކަންކަން ލައްވާނުލައިފި މީހަކު އެވަނީ ބޮޑުވެގެންވާ ގެއްލުމެއްގައެވެ. ގެއްލިގެން މަޙްރޫމްވެގެން އެދިޔައީ ކޮންފަދަ މަތިވެރިކަމެއް ހެއްޔެވެ؟ ބައެއް މުސްލިމުން ފެނިގެން ދަނީ މިރޭތަކުގައި ވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ ނުރުއްސަވާ ޢަމަލުތަކުގައި ހޭދަކުރަމުންދާ ތަނެވެ. ތަންތަނުގައި ހަމަ އެއްވެސް ކަމެއް ނުކޮށް އިށީނދެލައިގެން އަނގަތަޅާލަން ތިބޭތަނެވެ. އެފަދަ އަނގަމަޖާގަނޑުގެ ތެރޭގައި ދުނިޔެ މައްޗަށް ﷲ ލެއްވި އެންމެމާތް ދަންވަގުތުތަކުގައި، ޛިކުރާއި ދުޢާ އިޖާބަކުރެއްވުމުގެ ވުގުތުތަކުގައި، ދޫ ނުބައިގޮތުގައި ބޭނުންކޮށް އެތައް ބަޔަކާމެދު ޣީބަ ބުނެ އެތައް ބަޔަކަށް ފުރައްސާރައިގެ ބަސްތައް ބުނަމުން ދާތަނެވެ. އެންމެމާތް އަޅުކަމުގެ ތެރެއިންވާ ނަމާދުގަޑި ހަމަ ޖެހުމާއެކު ނަމާދު ނުކޮށް ނިދާތަނެވެ. ރޭއަޅުކަމުންވެސް ފަތިސް ނަމާދުންވެސް އޭނާ މަޙްރޫމްވީއެވެ. ރޭގަނޑުގެ ބަރަކާތްތެރި ވަގުތުތައް ﷲއަށް އުރެދޭފަދަ ދުލަކައިގެން ހޭދަކުރާއިރު ދުވާލުގެ ގިނަވަގުތު ހޭދަކުރަނީ ނިދީގައެވެ. ދުވަހަކާއި ރެޔެއް ނިމިގެން ދާއިރު ﷲ ސުބަޙާނަހޫ ވަތަޢާލާގެ މަތިވެރިކަން ހިތްމައްޗަށް ގެނައި ސިކުންތުކޮޅެއްވެސް ނެތްއިރު، ދުލުން ޛިކުރެއް ކޮށްލެވިފައި ނުވެއެވެ. ގުނަވަންތަކުން ﷲ ގެ ރުއްސެވުން ހޯދުމަށް ކޮށްލެވުނު ޙަރަކާތެއް ނެތެވެ. އެފަދަމީހުންގެ ރޯދައަކުން ބަނޑުހައި ހޫނުކަން ފިޔަވައި އިތުރު އެއްވެސް ކަމެއް ނެތެވެ. އެއަކު އަޅުކަމެއް ނުހިމެނެއެވެ. ހަމައެކަނި ނުކައި ނުބައި ހުންނަ ހުރުމެކެވެ. އިމާމް ބުޚާރީ ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ: ((مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ وَالْجَهْل فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ)) މާނައީ: [ދޮގުވެރި ބާޠިލު ބަސްތަކާއި އެމުންކަރާތުގެ ބަސްތަކަށް ޢަމަލުކޮށް ފާފަވެރި ޢަމަލުކުރުން ދޫކޮށް ނުލާ މީހަކު، ފަހެ އެމީހެއްގެ ކެއުމާއި ބުއިން ދޫކޮށްލައިގެން ހުރުމަކުން އެއީ ﷲ އަށް ޙާޖަތެއް ޖެހިގެންވާ (އެބަހީ އެކަމުގެ ޘަވާބާއި ދަރުމަ ދެއްވުމެއްވާ) ކަމަކަށް (އެރޯދަ) ނުވާނެތެވެ.] މިއީ އެފަދަ މީހަކު ރޯދަ ދޫކޮށްލަން އޮތް ބަސްފުޅެއް ނޫނެވެ. ނަމަވެސް މިއީ އެފަދަ ރޯދަވެރިޔާ އެފަދަ ވިޔާނުދާ ބަސްތަކާއި ފާފަތަކުން ދުރުހެލިވުމަށް އޮތް ބަސްފުޅެކެވެ.

މިރޭތަކުގެ ޚާއްޞަ ކަންކަމުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ ނަބިއްޔާ صلى الله عليه وسلم މިދިހަ ރޭގައި އިޢުތިކާފުގައި އިންނެވުމެވެ. އެއީ ﷲ އަށް އަޅުކަން ކުރުމަށްޓަކައި އެކަލާނގެ ގެކޮޅުތަކުގެ ތެރެއިން ގެކޮޅެއްގައި މީސްތަކުންނާއި ވަކިވެ އޭނާގެ މުޅި ހުރިހައި ވަގުތެއް ހޭދަކުރާ ތަނަކީ މިސްކިތް ކަމުގައި ހެދުމެވެ. އިޢުތިކާފުގައި އިނުމަކީ އެއިންނައިރު ނަމާދުކުރުމާއި، ޛިކުރުކުރުމާއި، ޤުރުއާން ކިޔެވުމެވެ. އެތަނުގައި އެނޫންކަމަކު އިނުމެއް ނޫނެވެ. އަދި ރަސޫލާ صلى الله عليه وسلم ގެ ފުރާނަ ނެންގެވުނު އަހަރުގައި ވިހިދުވަސް އިޢުތިކާފުގައި އިންނެވިއެވެ. ބޭރުތެރޭގައާއި މިސްކިތްތަކުގައި ގިނަވަގުތު ހޭދަކުރަން އުނދަގޫ މިފަދަ ދުވަސްވަރުވެސް، ނަމާދުގެ ކުރިންނާއި ނަމާދުގެ ފަހުން ކޮންމެވެސް ވަގުތު ކޮޅެއް އަޅުކަމުގައި ހޭދަކޮށްލުމަށް މިސްކިތުގައި މަޑުކޮށްލުމުންވެސް ހެޔޮޢަމަލު ތަކެއް ހޯދުނީއެވެ.

މިދިހަ ރޭގެ ޚާއްޞަކަންކަމުގެ ތެރޭގައި މިރޭތަކުގެ ރޭތަކުން ރެއެއް ވެއެވެ. އެރެއާމެދު ވަކިން ޞޫރަތެއް ބާވައިލެއްވިއެވެ. އެރޭގެ ޤަދަރުގެ މަތިވެރިކަމާއި އެރޭކުރާ އަޅުކަންތަކުގެ ޘަވާބުގެ މަތިވެރިކަމަށްޓަކައި އެރެއަށް ކިޔުނީ ލައިލަތުލް ޤަދްރި އެވެ. އަދި އެރޭގައި އަންނަންއޮތް އަހަރު އޭނާގެ ތަޤްދީރުގައި ވާގޮތް މަލާއިކަތުން ލައުޙުލް މަޙްފޫޡުން ލިޔުއްވާ ރެއަށްވާތީއެވެ.

މިރޭގެ މާތްކަމުގެ ތެރެއިން ހިމެނޭ އަނެއްކަމަކީ މަލާއިކަތުން މިބިންމައްޗަށް ފައިބައިވަޑައިގަތުމެވެ. ދުނިޔެއަށް ފައިބައިލެއް ގިނަކަމުން މިދުނިޔެއަށް މަލާއިކަތުން ތޮއްޖެހޭނެއެވެ. ﷲ ގެ ޙަޟްރަތުން އަޅުތަކުންނަށް ސަލާމް ރައްދު ކުރެއްވުމުގައި ފަތިހުގެ އަލިކަން ފާޅުވަންދެން ދެމިތިއްބަވާނެއެވެ.

އެރެއެއްގައި ﷲ އަށް ފުރިހަމައަށް އީމާންވެ އަދި އެރޭގެ އަޅުކަމުގައި ޤާއިމްވީމީހަކަށް އެކަލާނގެ ތައްޔާރުކުރެއްވި ދަރުމައާއި ސަވާބަށް ފުރިހަމަ އަށް އީމާންވެގެންވާ ޙާލުގައި އެދަރުމައާއި ސަވާބު ހޯދުމުގެ ޤަސްދުގައި، އެނިޔަތުގައި އެރޭގެ އަޅުކަން އަދާކުރާމީހާއީ ކޮންފަދަ މަތިވެރިވެގެންވާ އިންސާނެއް ހެއްޔެވެ؟ ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: ((مَنْ قَامَ لَيْلَةَ الْقَدْرِ إِيْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)) މާނައީ: [ލައިލަތުލް ޤަދްރި ވިލޭރޭގައި އީމާންކަމާއި އެކު އަދި ދަރުމައާއި ޘަވާބަށް އެދި ރޭއަޅުކަން އަދާކޮށްފިމީހާގެ އިސްވެދިޔަ އެންމެހައި ފާފަތަކެއް ފުހެވިއްޖެއެވެ.]

މިލައިލަތުލް ޤަދްރި ދިމާވާ ރެއާމެދު ޢިލްމުވެރިންގެ މެދުގައި ދެކެވޭ ގިނަގުނަ ވާހަކައިގެ ތެރެއިން އެންމެ ޞައްޙަކަން ބޮޑު ގޮތަކީ އެރެއަކީ ފަހުދިހައިގެ އެކިރޭތަކަށް ބަދަލުވެ ނަޤުލްވެގެންދާ ރެއެއް ކަމެވެ. އެއީ ހިރިރޭ ވިޔަސް އަދި އޮނަހިރި ރޭވިޔަސް މެއެވެ. އަދި އޮނަހިރި ރޭތައް އެރެއަށްވުން ގާތްކަން ބޮޑުވެގެންވެއެވެ. އަދި އެރޭތަކުގެ ތެރެއިން އެންމެ ގާތްކަން ބޮޑުވެގެންވާ ރޭކަމުގައި ވާހަކަ ދެކެވެނީ އެއީ ފަހު ހަތް ރޭކަމުގައެވެ. އަދި އެ ފަހު ހަތްރޭގެ ތެރެއިން އެންމެ ގާތްކަން ބޮޑުކަމުގައި ބުނެވެނީ ހަތާވީސް ވިލޭރެއެވެ. އެއީ އެރޭގެ ޢަލާމާތްތައް ފެނި އެރޭ އެނގިގެން ވިޔަސް އަދި އެރޭ ނޭނގި ކަމުގައިވިޔަސް މެއެވެ. ކޮންމެ ރެއަކުވެސް އީމާންކަމާއެކު ދަރުމައާ ޘަވާބަށް އެދިގެން އަޅުކަން ކޮށްފިނަމަ އެރޭ ލައްވާލާ ހުއްޓެވެ. އަދި އެހިސާބުން އެރޭގެ އެމަތިވެރި ދަރަޖަ އެމީހަކަށް ޙާޞިލުވީއެވެ.  ބުޚާރީ އާއި މުސްލިމްގައި ރިވާވެގެންވީ ޙަދީޘެއްގައި ވެއެވެ: ((تَحَرَّوْا لَيْلَةَ اْلقَدْرِ فِي الوَتْرِ مِنَ الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ)) މާނައީ: [ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގެ ތެރެއިން އޮނަހިރި ރޭތަކުގައި ލައިލަތުލް ޤަދްރި ލިބިގަތުމަށް މަސައްކަތް ކުރާށެވެ.] ނަމަވެސް އެރެއަކީ ބަދަލުވަމުންދާ ރެއެންކަން އެނގެނީ ބުޚާރީގައިވާ، ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘުންނެވެ: ((الْتَمِسُوهَا فِي الْعَشْرِ الْأَوَاخِرِ مِنْ رَمَضَانَ؛ لَيْلةَ الْقَدْرِ فِي تَاسِعَةٍ تَبْقَى، فِي سَابِعَةٍ تَبْقَى، فِي خَامِسَةٍ تَبْقَى))  މާނައީ: [އެރޭ ލިބިގަތުމަށް ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި މަސައްކަތް ކުރާށެވެ. ލައިލަތުލް ޤަދްރި ވަނީ ބާކީ އޮންނަ ނުވަރޭގައެވެ. ބާކީ އޮންނަ ހަތްރޭގައެވެ. ބާކީ އޮންނަ ފަސް ރޭގައެވެ.]  ނުވަދުވަސް ބާކީއޮއްވައޭ ބުނެވޭ ބަހުގެ މުރާދަކީ މަހުގެ އެންމެފަހަތުން ނުވަވަނަ ދުވަހެވެ. އެއީ 30 ދުވަހުގެ މަހެއްނަމަ އެކާވީސްވަނަ ދުވަހެވެ. އަދި 29 ދުވަހުގެ މަހެއްނަމަ ވިހިވަނަ ދުވަހެވެ. އޭގެ ސަބަބުން ޝައިޚުލް އިސްލާމް އިބްނު ތައިމިއާ ވިދާޅުވިއެވެ: "މިފަދައިން މިކަން އޮތުމުގެ ސަބަބުން މުއުމިނު މީހާ އެރޭ ހޯދުމަށް މަސައްކަތް ކުރަންޖެހޭނީ ފަހު ދިހައެއްގެ ހުރިހާ ރޭތަކެއްގައެވެ."

ﷲ ސުބްޙާނަހޫ ވަތަޢާލާ އެރޭ ވަންހަނާ ކުރައްވާފައިވުމުގެ ސިއްރަކީ އަޅާ އިމްތިޙާނު ކުރެއްވުމެވެ. އަޅާ އެރޭ ހޯދުމަށް މަސައްކަތް ކުރޭތޯއެވެ. ނޫނީ އެއީ އެކަމަށް އެދިގެން އުޅޭ މީހެއް ނޫނީހެއްޔެވެ؟ އަދި އެރެއަށް އީމާންވާ މީހާ މުޅި ދިހަރޭ އެއްކޮށް ﷲ އަށް އަޅުވެތިވެ ކިޔަމަންތެރިކަމުގައި ވާހުއްޓެވެ. އަދި ހަމައެފަދައިން އަޅާއަށް އާޚިރަތް ބާއްޖަވެރިވާ ފަދަ ޢަމަލުތައް ގިނައިން ކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ. ކަންނެއްވެ ކުޑަވަގުތު ކޮޅެއްގެ ޢަމަލަކުން ފުއްދާލިޔަ ނުދިނުމަށްޓަކައެވެ. ފަހެ މިއަހަރު ރަމަޟާން މަސް ނިމެންދެން ދުނިޔޭގައި ދިރިހުރެ، މިމާތް މަހުގެ ރޭތައް، ޚާއްޞަކޮށް ފަހު ދިހައެއްގެ ރޭތައް، އަދި ޚާއްޞަކޮށް ލައިލަތުލް ޤަދްރި ވިލޭރޭ އިޙްޔާކޮށް ދިރުވުމުގައި ކަންނެއްކަން އިޚްތިޔާރު ކުރިމީހާ މުޅި މިއަހަރުގެ ތެރޭގައި އޭނާއަށް އެންމެ އަގުހުރި ކަންތަކުން އޭނާ މަޙްރޫމް ވެއްޖެކަން ކަށަވަރެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ,مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ)) މާނައީ: [އެމަހުގައި އެކަލާނގެއަށް ރެއެއްވެއެވެ. އެރޭގެ ހެޔޮކަން އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމް ކުރެވިއްޖެ މީހަކަށް އެއީ ޙަޤީޤަތުގައިވެސް އެންމެހައި ހެޔޮކަމަކުން މަޙްރޫމްކުރެވުނު މީހެއްކަން ކަށަވަރެވެ.]

އަޅަމެން އެންމެންނީ މިރަމަޟާން މަހުގެ އެންމެފުރިހަމަ ހެޔޮކަން ލިބޭނޭ ބައެއްގެ ގޮތުގައި މިންވަރު ކޮށްދެއްވުން އެދި މާތް ﷲ އަށް ދުޢާކުރަމެވެ. އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *