ބުރާސްފަތި, 17 އޭޕްރިލް 2025

ނަމާދުގައި ކުރެވޭ މާތްﷲ ރުހިވޮޑިގެން ނުވާކަންކަން

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

މާތް ﷲ މިދުނިޔޭގައި ލެއްވި އެންމެހައި ޚަލްޤުތަކުންގެ ތެރެއިން ބުއްދިއާއި އިޚްތިޔާރު ދެއްވައި އިންސާނާ އެހެނިހެން މަޚްލޫޤުންގެ މައްޗަށް މަތިވެރިކުރައްވާ، ތަކްލީފުވެރި މަޚްލޫޤަކަށް ހެއްދެވިއެވެ. އޭނާއަށް ވާޖިބުވެގެންވަނީ ﷲ سبحانه وتعالى އެންގެވި ކަންކަން ޤަބޫލުކޮށް އެގޮތަށް މިދުނިޔޭގެ ދިރިހުރުން ބައްޓަންކުރުމެވެ. ނަމަވެސް މީގެ ތެރެއިން އެކަލާނގެ އުލޫހިއްޔަތު ޤަބޫލުކޮށް، ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުންމަތީ ދެމިހުރީވެސް އިންސާނުންގެ ތެރެއިން މަދު ބައެކެވެ. ހުރިހައި ރަސޫލުބޭކަލުން ފޮނުއްވުނު ހުރިހައި އުންމަތްތަކެއްގެވެސް ޙާލަކީ އެއީއެވެ. މިއުންމަތުގެ ނަބިއްޔާއަށް އީމާންވީ ބަޔަކު އީމާންވެ އެއްޖީލުން އަނެއް ޖީލަށް މިއިސްލާމްކަން މިއަދާ ހަމައަށް އައިއިރު ﷲ سبحانه وتعالى ނުރުއްސަވާނެ އެތައް ކަމެއް މިއުންމަތުގެ މީސްތަކުން ދަނީ ކުރަމުންނެވެ. އަދި އެންމެ ޙައިރާންކުރުވަނިވި ކަމަކީ، އެކަލާނގެ ރުއްސެވުމާއި ލޯބި ޙާޞިލުކުރުމަށް، އެކަލާނގެ އަމުރު ކުރައްވައިގެން، އެކަމެއް ކުރަމުންދާއިރު، އެއަޅުކަމުގެ ތެރޭގައި އެކަލާނގެ ނުރުއްސަވާ ކަންކަން، ނޭނގި ތިބެ ނުވަތަ ޣާފިލުވެތިބެ ނުވަތަ އެނގިތިބެ ކުރަމުން ދިއުމެވެ. މީގެ ތެރެއިން އެކަލާނގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ އަޅުކަން ކަމުގައިވާ ނަމާދުގައިވެސް އެކަލާނގެ ނުރުއްސަވާ ކަންކަން މިއަދު ފެންނަމުން ދެއެވެ. މުސްލިމްތަކުންގެ މާބޮޑު އަޅާލުންތަކެއް މިކަންކަމުގައި ފެންނަ ކަމަކަށް ނުފެއެވެ. މިސްކިތުގެ ޖަމާޢަތުގެ ނަމާދުތަކަށް ގޮވާލުމުން، އެގޮވާލުމަށް އިޖާބަދޭތަން ވެސް ފެންނަނީ މަދުބައެކެވެ. އަދި އެއިޖާބަދޭތަން ފެންނަ މަދުމީސްކޮޅު، އެމީހުންގެ ވެރިއިލާހުގެ ޙަޟްރަތަށް އަޅުކަމުގެ ރަކްޢަތްތަކަކާއި ރުކޫޢުތަކަކާއި ސަޖިދަތަކެއް ކުރުމަށް އިޖާބަދީ، ﷲ سبحانه وتعالى އަށް ކުއްތަންވާން ދާހިނދު، އެޖަމާޢަތުގައި ކުރެވޭ އެކަލާނގެ ނުރުއްސަވާ ކަންކަމާއި މެދު އެވަނީ ޣާފިލުވެފައެވެ. އެގޮތުން އެޖަމާޢަތުގެ އިމާމަށް ތަބާވުމުގައި ފެންނަނީ ވަރަށް ފަރުވާކުޑަ ކޮށްފައިވާތަނެވެ. އިމާމްމީހާ އިމާމްކަމަށް ލެވުނީ އެހެންމީހުން ގޮވައިގެން އިމާމްވެ، ޢަމަލުތަކުގައި ލީޑުކުރާ މީހެއްގެ ގޮތުގައެވެ. މާނައަކީ އެހެންމީހުންނަށް ވާޖިބުވެގެންވަނީ އެއިމާމާއަށް ފުރިހަމައަށް ތަބާވުމެވެ. ތަބާވުމުގެ މާނައަކީ އެއިމާމާ ޙަރަކާތެއް ކުރުމުން ނޫނީ ނުވަތަ ކިޔަންވާ އެއްޗެއް ކިޔުމުން ނޫނީ މައުމޫމުން އެޙަރަކާތެއް ނުވަތަ އެބަހެއް ކިޔައިގެން ނުވާނޭ ކަމެވެ. ނަމަވެސް މުސްލިމުން ފުށުން ﷲ سبحانه وتعالى އަށް ކުއްތަންވުމުގައި ފެންނަ މަންޒަރު ތަފާތެވެ. ގިނަބަޔަކު ފެންނަނީ އިމާމް މީހާއާ އެކުގައި އަދި މަދުބަޔަކު އިމާމް މީހާގެ ކުރީގައި ސަޖިދައަށް ދާ މަންޒަރެވެ. ނަމަވެސް ވާޖިބުވެގެންވަނީ އެކުގައިވެސް އަދި ކުރީގައިވެސް ނަމާދުގެ ޙަރަކާތްތައް ނުކުރުމެވެ. އިމާމްމީހާ ފެންނަ ހިސާބުގައި ތިބޭމީހުން އޭނާ ތަކްބީރުކިޔާނިމެންދެން، އަދި އިމާމްމީހާގެ ބަދަލުވާ ހައިއަތަށް ބަދަލުވެ ނިމެންދެން މަޑުކުރުމެވެ. އަދި އިމާމްމީހާ އެޙަރަކާތަށް ބަދަލުވެ ނިމުމުން، މައުމޫމުން އެޙަރަކާތަށް ބަދަލުވުމެވެ. އަދި އިމާމްމީހާ ނުފެންނަ ހިސާބުގައި ތިބޭމީހުންނަށް ވާޖިބުވެގެންވަނީ ތަކްބީރުގެ އަޑަށް ތަބާވުމެވެ. އިމާމްމީހާ ތަކްބީރު ކިޔައި ނިމުމުން ނޫނީ އެއްވެސް ހަރަކާތެއް ނުކޮށް މަޑުން ތިބުމެވެ. މިއާ ޚިލާފުވާ މަންޒަރު ގިނައިން ސަޖިދައަށް ދާހިނދު މީސްތަކުންގެ ކިބައިން ފެނުނު ކަމުގައިވީ ނަމަވެސް، އެހެނިހެން މަޤާމްތަކުގައި ވެސް މިކަން މިގޮތަށްވާ މަންޒަރު ފެނެއެވެ. އިމާމް މީހާއާ އެއްވަރަށް ނުވަތަ މަދުބަޔަކު އިމާމްމީހާއަށްވުރެ ކުރިން ރުކޫޢުއަށް ދިއުމާއި، އިޢުތިދާލަށް ތެދުވުމާއި، ސަޖިދައަށް ދިއުމާއި، ސަޖިދައިން ތެދުވުމާއި މިފަދަ ނަމާދުގެ ޙަރަކާތްތަކުގައެވެ. ތަކްބީރަކީ މައުމޫމުން އެފަދައިން ކިޔާއަޑު ނީވޭ އެއްޗަކަށް ވުމާއެކު، އެކަން މައުމޫމުން ކުރަނީ އިމާމްމީހާއަށްވުރެ ކުރިން ކަމެއް ނުވަތަ ފަހުންކަމެއް އަހަރެމެންނަށް ދެނެނުގަނެވެއެވެ. ނަމަވެސް ނަޞޭޙަތަކީ އެކަމުގައިވެސް އިމާމާއަށް ތަބާވުމެވެ. އަބޫހުރައިރާ رضي الله عنه ގެ އަރިހުން އިމާމް ބުޚާރީ އަދި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((إنَّما جُعِلَ الإمامُ ليؤتمَّ به، فإذا كبَّر فكبِّروا، ولا تُكبِّروا حتى يُكبِّر، وإذا ركَع فارْكعوا، ولا تركعوا حتى يركعَ، وإذا قال: سمِعَ اللهُ لِمَن حمِدَه، فقولوا: اللهمَّ ربنا لك الحمدُ، وإذا سجَد فاسجدوا، ولا تسجدوا حتى يسجُدَ، وإذا صلَّى قائمًا فصلُّوا قيامًا، وإذا صلَّى قاعدًا فصلُّوا قعودًا أجمعين)) މާނައީ: [ހަމަކަށަވަރުން އިމާމްމީހާ ލެވުނީ މީސްތަކުންނާއިގެން އިމާމްވެ ނަމާދުކުރުމަށެވެ. ފަހެ އޭނާ ތަކްބީރު ކިޔުމުން ތިޔަބައިމީހުން ތަކްބީރު ކިޔާށެވެ. އަދި އޭނާ ތަކްބީރު ނުކިޔާހާ ހިނދަކު ތިޔަބައިމީހުން ތަކްބީރު ނުކިޔާހުށިކަމެވެ. އަދި އޭނާ ރުކޫޢަ ކުރުމުން ތިޔަބައިމީހުން ރުކޫޢަކުރާށެވެ. އަދި އޭނާ ރުކޫޢަނުކުރާހާ ހިނދަކު ތިޔަބައިމީހުން ރުކޫޢު ނުކުރާ ހުށިކަމެވެ. އަދި އޭނާ سمِعَ اللهُ لِمَن حمِدَه މިފަދައިން ކިޔުމުން اللهمَّ رَبَّنَا لَكَ الحَمْدُ މިފަދައިން ކިޔާށެވެ. {އަދި ބައެއް ރިވާޔަތްތަކުގައި: رَبَّنَا وَلَكَ الحمدُ މިފަދައިން ކިޔާށެވެ.} އަދި އޭނާ ސަޖިދަ ކުރުމުން ތިޔަބައިމީހުން ސަޖިދަ ކުރާށެވެ. އޭނާ ސަޖިދަ ނުކުރާހާ ހިނދަކު ތިޔަބައިމީހުން ސަޖިދަ ނުކުރާހުށިކަމެވެ. އަދި އޭނާ ކޮޅަށް ހުރެ ނަމާދު ކުރުމުން ތިޔަބައިމީހުން ކޮޅަށްތިބެ ނަމާދުކުރާށެވެ. އަދި އޭނާ އިށީނދެ އިނދެ ނަމާދުކޮށްފިނަމަ، ތިޔަބައިމީހުން އެންމެންވެސް އިށީނދެ ތިބެ ނަމާދުކުރާށެވެ.] ބުޚާރީއާއި މުސްލިމް، އަލްބައްރާއު ބުން ޢާޒިބް رضي الله عنه ގެ އަރިހުން ރިވާކުރެއްވި ޙަދީޘެއްގައި އެޞަޙާބީ ވިދާޅުވިއެވެ: ((كنَّا نُصلِّي خلفَ النبيِّ صلَّى اللهُ عليه وسلَّم، فإذا قال: سمِعَ اللهُ لِمَن حمِدَه، لم يَحْنِ أحدٌ منَّا ظَهرَه حتى يضعَ النبيُّ صلَّى اللهُ عليه وسلَّم جبهتَه على الأرضِ)) މާނައީ: "ތިމަންމެން ނަބިއްޔާ صلى الله عليه وسلم ގެ ފަހަތްޕުޅުގައި ނަމާދުކުރުމުގައި، އެކަލޭގެފާނު سمِعَ اللهُ لِمَن حمِدَه މިފަދައިން ކިޔުމަށްފަހު، ނަބިއްޔާ އެކަލޭގެފާނުގެ ނިތްކުރިފުޅު ބިންމަތީގައި ނުޖައްސަވަނީސް، އަހަރެމެންގެ ތެރެއިން އެކަކުވެސް އެމީހެއްގެ ބުރަކަށި ލަންބާލާ ކަމުގައި ނުވެއެވެ." ވީމާ ޞަޙާބީންގެ ޢަމަލުފުޅުން އަހަރެމެންނަށް ލިބިގެންދާ ފައިދާއަކީ، އަހަރެމެން އެގޮތެއްގެ މައްޗަށް ތަރުބިއްޔަތުވެގެން ދާންޖެހޭ ގޮތަކީ އިމާމް ބަދަލުވާންޖެހޭ އަނެއް ހައިއަތަށް އެއްކޮށް ބަދަލުވެ ނިމެންދެން މަޑުކޮށް އިންތިޒާރު ކުރުމެވެ. މިޢަމަލާއި ޚިލާފަށް، ކިތަންމެ އަވަހަކަށް ޙަރަކާތްތައް ކުރަމުން ދިޔަ ކަމުގައިވިޔަސް، އެމީހަކަށް ވަކި އިމާމުމީހާއަށް ވުރެ ކުރިން ނަމާދު ނިންމާލުމަށްފަހު ނިކުމެގެން ދެވޭނީކީވެސް ނުމެނޫންމެއެވެ. ވީމާ އެމަޑުކޮށްލާ މަޑުކޮށްލުމަކުން، އެކޮށްލާ ކުޑައިންތިޒާރަކުން، ލިބޭނެ އެއްވެސް ގެއްލުމެއް ނެތްތަނުގައި، އެގޮތަށް މަޑުކޮށްލުމުން އެޖަމާޢަތުގެ ނަމާދު އިތުރަށް ފުރިހަމަވެ، ޖަމާޢަތުގެ ނަމާދުގެ ޘަވާބާއި ދަރުމަ އިތުރުވެގެން ދާނެއެވެ. އަދި އެއާޚިލާފަށް ކަންތައް ކުރުމުން ﷲ سبحانه وتعالى ގެ ނުރުއްސެވުން އެމީހަކަށް ލިބުން ނޫންކަމެއް ނުވާނެއެވެ. ބުޚާރީ އާއި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((أمَا يَخشَى أحدُكم- أو: ألا يَخشَى أحدُكم- إذا رفَعَ رأسَه قبلَ الإمامِ، أن يجعلَ اللهُ رأسَه رأسَ حمارٍ، أو يجعلَ اللهُ صورتَه صورةَ حمارٍ؟!)) މާނައީ: [އަޅެ ތިޔައިގެތެރެއިން މީހަކު ހަމަ ބިރުނުގަންނަނީ ހެއްޔެވެ؟ އިމާމް މީހާއަށް ވުރެ ކުރިން އެމީހެއްގެ ބޯ އުފުލައިފިމީހާ، ފަހެ ހިމާރެއްގެ ބޮލަށް، ﷲ އޭނާގެ ބޯ ބަދަލު ކުރައްވާފާނެ ކަމަށް ބިރު ނުގަންނަނީ ހެއްޔެވެ؟! ނުވަތަ އޭނާގެ ޞޫރަ ހިމާރެއްގެ ޞޫރައަށް ބަދަލު ކުރައްވާފާނެ ކަމަށް އޭނާ ބިރު ނުގަންނަނީ ހެއްޔެވެ؟!] ނަމާދުކުރަން އަރާމީހާއަކީ އެކަލާނގެ ރުއްސެވުމާއި ލޯބި ހޯދުމަށް މަސައްކަތް ކުރާމީހަކަށް ވާއިރު، އޭނާ އެރުއްސެވުން ހޯދުމަށް އެކުރާ މަސައްކަތް ކުރަންވާނީވެސް އެކަލާނގެ ރުއްސަވާ ގޮތުގައެވެ. އެޢަމަލުގައި އެކަލާނގެ ނުރުއްސެވުން ހިމެނޭނަމަ، އެކަލާނގެ ރުއްސެވުން ހޯދުމަށް އެނަމާދަށް އެރުމުގައި އޭނާގެ އެދޭ އެދުމާއި، އޭނާގެ ޢަމަލުގައި ފުށޫއެރުންތަކެއް ހިމެނިގެން ވެއެވެ. އެފުށޫ އެރުންތައް ފިލުވައި، ނިޔަތާއި ޢަމަލާއި ދިމާކުރުމަކީ ނުހަނު މުހިންމުކަމެކެވެ. އަދި އަހަރެމެންނަށް ވާޖިބުވެގެންވަނީ އެކަލާނގެއަށް އަޅުކަންތައް އަދާކުރުމުގައި އެއަޅުކަމުގައި ހިމެނޭ ހުރިހައި ޢިލްމެއްވެސް ޙާޞިލުކުރުމަށް ގަދައަޅާ މަސައްކަތް ކުރުމެވެ. އެއީ އެއަޅުކަން ބޭކާރުނުވެ ފުރިހަމަގޮތުގައި ކުރެވޭ އަޅުކަމަކަށް ހެދުމުގެ ގޮތުންނެވެ.

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

(އާޓިކަލް 43)

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *