އަމާނާތްތެރިކަމުގެ ރިވެތި ސިފައިން ޒީނަތްތެރިވަމާ ހެއްޔެވެ!

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

އަމާނާތްތެރިކަމަކީ އަޚްލާޤީ ރިވެތި ސިފައެކެވެ. އެއީ އޭގެ ތެރޭގައި ތެދުވެރިވުމާއި އިޚްލާޞްތެރިވުމާއި ޢަހްދަށް ވަފާތެރިވުމާއި އެންމެހައި ޙައްޤުތަކަށް ރައްކާތެރިވުން ފަދަ އެތަކެއް ރިވެތި އަޚްލާޤީ ސިފަތަކެއް ހިމެނޭ ނުހަނު މުހިންމު ސިފައެކެވެ. އޭގެ މާނައިގައި އެއީ އިންސާނާ އެކަމެއް އަދާކުރުން ވާޖިބުވާ ކޮންމެ ކަމެކޭ ބުނެވެއެވެ. އޭގެ އިދިކޮޅަކީ ޚިޔާނާތްތެރިވުމެވެ. އަމާނާތްތެރި ކަމަކީ ކޮބައިކަން ބުނެދެވޭނެ އެންމެ ކުރު އެންމެ އިޖްމާލީ ގޮތަކީ އެއީ އިންސާނާގެ މައްޗަށް އެކަމެއް އަދާކުރުން އަދި އެކަމަކަށް ރައްކާތެރިވުން ވާޖިބު ކޮންމެ ކަމެކެވެ. އޭގެ ތެރެއަށް އެންމެ ޢާންމުކޮށް ވަންނަ ކަމަކީ މީހަކު އެހެންމީހެއްގެ އަތަށް ފޮރުވަން ދޭ އެއްޗެކެވެ. އެއެއްޗަކަށް ރައްކާތެރިވުން ވާޖިބުވާ ހިނދު އެއެއްޗެއް އަނބުރާ ދޭންޖެހޭ ހިނދު އޭތި އޭގެ ވެރިފަރާތަށް ރައްދުކުރުމަކީވެސް ވާޖިބެކެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿إِنَّ اللَّهَ يَأْمُرُكُمْ أَنْ تُؤَدُّوا الْأَمَانَاتِ إِلَى أَهْلِهَا﴾ سورة النساء: 58  މާނައީ: [ހަމަކަށަވަރުން ތިޔަބައިމީހުން އަމާނާތްތައް އޭގެ އަހުލުވެރިންނަށް އަދާކުރުމަށް ތިޔަބައިމީހުންނަށް ﷲ އަމުރުކުރައްވައެވެ.] ވީމާ މީސްތަކުންގެ ޙައްޤުތަކަށް އަރައިގަނެ އެހެންމީހުންގެ މުދަލަށް ޚިޔާނާތްތެރިވުން ހުއްދަވެގެން ނުވެއެވެ. އެހެންމީހުންގެ މުދާތައް އެބައިމީހުންނަށް ދޭންޖެހޭނެއެވެ. އެތަކެތި އެބައިމީހުންގެ ހުއްދަ ނެތި ތިމާގެ އަތުގައި ނުބެހެއްޓޭނެއެވެ. އަދި މުއުމިނުންގެ ސިފައަކީ އެއީއެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿وَالَّذِينَ هُمْ لِأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ﴾ سورة المعارج: 32  މާނައީ: [އަދި އެބައިމީހުންނީ (މާނައީ މުއުމިނުންނީ) އެބައިމީހުންގެ އަމާނާތްތަކަށާއި އެބައިމީހުންގެ ޢަހްދުތަކަށް ރައްކާތެރިވާމީހުންނެވެ.] މިސިފަ މުއުމިނެއްގެ މުޅި ޙަޔާތުގެ ހުރިހައި މައިދާނެއްގައި ދާއިމީގޮތެއްގައި ހަރުލައިފައި ސާބިތުކަންމަތީގައި ހުންނާނެއެވެ. ﷲ سبحانه وتعالى އޭނާގެ މައްޗަށް ވާޖިބުކުރެއްވި ކަންތައްތަކަށް ރައްކާތެރިވެ އެކަންކަން ކުރުންމަތީގައި ދެމިހުންނާނެއެވެ. މާނައީ ﷲ سبحانه وتعالى އޭނާއާ ޙަވާލުކުރެއްވި ކަންކަމަށްވެސް ޚިޔާނާތްތެރި ނުވާނެއެވެ. އަދި ރަސޫލާ ކަނޑައެޅުއްވި ކަންކަން ކުރުމުގައި އަދި އަދާކުރުމުގައި ދެމިހުންނާނެއެވެ. އެއީ އެރަސޫލާ  صلى الله عليه وسلم އަކަށްވެސް އޭނާ ޚިޔާނާތްތެރި ނުވާނެއެވެ. ﷲ ވަޙީކުރެއްވިއެވެ: ﴿يَا أَيُّهَا الَّذِينَ آَمَنُوا لَا تَخُونُوا اللَّهَ وَالرَّسُولَ وَتَخُونُوا أَمَانَاتِكُمْ وَأَنْتُمْ تَعْلَمُونَ﴾ سورة الأنفال: 27 މާނައީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށާއި ރަސޫލާއަށް ޚިޔާނާތްތެރި ނުވާހުށިކަމެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންވާ ޙާލުގައި، ތިޔަބައިމީހުންނާ ޙަވާލުވެފައިވާ އަމާނާތްތަކަށް ތިޔަބައިމީހުން ޚިޔާނާތްތެރި ނުވާހުށިކަމެވެ.]

އަމާނާތްތެރިވާންޖެހޭ ކަންކަމުގެ ތެރޭގައި މީސްތަކުންގެ މައްޗަށް ޢައްޔަނު ކުރެވިފައިވާ އަމީރުންނާއި ވެރިންނާއި ލީޑަރުން ހިމެނެއެވެ. ސްކޫލެއްގައި އުޅޭ ދަރިވަރުންނަށް ނިސްބަތް ކުރާނަމަ ދަރިވަރުންނާ ޙަވާލުވެފައިވާ އެކިއެކި މަޤާމްތަކަކީވެސް އަމާނާތެކެވެ. މިފަދައިން މީސްތަކުންގެ ކަންކަމާއި ޙަވާލުވެފައިވާ ކޮންމެ ކަމަކީ އެކަންކަމާއި މެދު ޤިޔާމަތްދުވަހުން ސުވާލުކުރެވޭނޭ ކަންކަމަށް ވީހިނދު އެމަޤާމްތަކަށް އަރަންވާނީ އެމަސްއޫލިއްޔަތު އަދާކުރެވޭނޭ ފަދަ ޤާބިލުކަން ހުންނަ މީހުންނެވެ. އެހެން ނޫނީ ޤިޔާމަތްދުވަހުން އެކަމުގެ ހިތިކަމާއި ދެރަހިތާމަޔާއި ކުރިމަތިލާންޖެހިދާނެއެވެ. އިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: އަބޫޛައްރު ވިދާޅުވިއެވެ: ތިމަންނާ ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނާ ވެރިއެއްގެ ގޮތުގައި ހަމަޖައްސަވާ ދެއްވަފާނަންތޯއެވެ؟ އަބޫޛައްރު ވިދާޅުވިއެވެ: އެހިނދު އެނަބިއްޔާގެ އަތްޕުޅުން ތިމަންނާގެ ކޮނޑުގައި ޖައްސަވާލައްވާ ޙަދީޘްކުރެއްވިއެވެ: ((يَا أَبَا ذَرٍّ إِنَّكَ ضَعِيفٌ وَإِنَّهَا أَمَانَةٌ وَإِنَّهَا يَوْمَ الْقِيَامَةِ خِزْىٌ وَنَدَامَةٌ إِلاَّ مَنْ أَخَذَهَا بِحَقِّهَا وَأَدَّى الَّذِي عَلَيْهِ فِيهَا)) މާނައީ: [އޭ އަބޫޛައްރެވެ. ތިބާއަކީ ބަލިކަށިމީހެކެވެ. އަދި އެއީ (އެބަހީ ބައެއްގެ ވެރިއަކަށްވުމަކީ) އަމާނާތެކެވެ. އަދި އެކަމަކީ ޤިޔާމަތްދުވަހުގައި ނިކަމެތިކަމާއި ހިތާމަ ހުރިކަމެކެވެ. އެވާޖިބު އަދާކުރި މީހަކަށް މެނުވީއެވެ. އަދި އެކަމުގައި އޭނާގެ މައްޗަށް ވާޖިބުވާކަންކަން އަދާކުރިމީހަކަށް މެނުވީއެވެ.]

އަމާނާތްތެރިވާންޖެހޭ ކަންކަމުގެ ތެރޭގައި އެހެންމީހުންގެ ސިއްރުތަކަށް ރައްކާތެރިވުން ހިމެނެއެވެ. އަބޫދާވޫދު ރިވާކުރެއްވި ޙަދީޘެއްގައި، ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((إِذَا حَدَّثَ الرَّجُلُ الْحَدِيثَ ثُمَّ الْتَفَتَ فَهِيَ أَمَانَةٌ)) މާނައީ: [މީހަކު ވާހަކައެއް މީހަކު ކައިރީގައި ދެއްކުމަށްފަހު އެނބުރި ހިނގައްޖެ ނަމަ އެއީ އަމާނާތެކެވެ.] ވީމާ މީސްތަކުން ސިއްރުގެ ގޮތުގައި ދައްކާވާހަކަތައް އެހެން މީހުންގެ ތެރޭގައި ފެތުރުމަކީ ނުބައިކަމެކެވެ. އެކަމުން ދުރުހެލިވުން ވާޖިބުވެގެންވާ ކަމެކެވެ.

އަދި ހަމައެފަދައިން ދަރިވަރުންގެ ކިޔެވުމުގައި ޙަވާލުވާ ޒިންމާތަކަކީވެސް އަމާނާތްތަކެވެ. ކިޔެވުމަށްޓަކައި ކްލާހުގައި އިށީނދެ އިނުމުގައިވެސް އަމާނާތްތެރި ވާންޖެހެއެވެ. އެކަމަށް އަމާނާތްތެރިވީ ކަމުގައި ވާނީ މުދައްރިސަށް ކަނުލައި އަޑުއަހައި ނޭންގޭ އެއްޗެއް އޮތްނަމަ ޓީޗަރާއި ސުވާލުކޮށް އޮޅުން ފިލުވައި ފިލާވަޅުގެ މަޤްޞަދު ޙާޞިލުކުރުމަށް މަސައްކަތް ކުރުމުންނެވެ. އަދި ކްލާހުން ބޭރުގައި އުޅުމުގައިވެސް ސްކޫލުގެ ޤަވައިދުތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަކީ އެއަމާނާތްތެރި ކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ހަމައެފަދައިން އިމްތިޙާނުތައް ހެދުމުގައިވެސް އިމްތިޙާނު ޤަވާޢިދުތަކާއި ޚިލާފުވެއްޖެ ނަމަ އެކަން ބެލެވޭނީ ޚިޔާނާތްތެރި ޢަމަލެއްގެ ގޮތުގައެވެ. މަކަރު ހެދުމާއި އޮޅުވާލުން ފަދަ ނޭދެވޭ ސިފަތަކުން ދަރިވަރުން ދުރުހެލިވާންޖެހޭނެއެވެ. އިމާމް ތިރްމިޒީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ‏((مَنْ غَشَّ فَلَيْسَ مِنَّا)) މާނައީ: [މަކަރު ހަދައިފި މީހަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ.]

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

(އާޓިކަލް 44)

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *