އާރޓިކަލް 165 : ރަމަޟާންމަސް ކާމިޔާބުކުރި މީހުން

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ރަމަޟާން މަސް އައިކަމުގެ އިޙްސާސް ދާދިމިދާކަށްދުވަހު އަހަރެމެންނަށް އިޙްސާސް ކުރެވުނުތާ މާކަ ގިނަދުވަހެއް ވީހެން ހީވެސްނުވެ އުޅެނިކޮށް، އެމަސް އަހަރެމެންނާ ކުއްލިއަކަށް އަލްވަދާޢު ކިޔައިފިއެވެ. ރަޙްމަތުގެ ދޮރުތައް ހުޅުވިގެން ދިޔަ މަސް ނިމުމަކަށް އައިސް، އެމާތް މައްސަރު އަހަރެމެން ދޫކޮށް ހިނގައްޖެއެވެ. އެމަސް އައިސް އެމަހުގައި ޢަމަލުތައް ހުރިގޮތެއްގެ ސަބަބުން ފާފަތައް ފުއްސެވުނުމީހުން ފާފަތައް ފުހެވިއްޖެކަން ކަށަވަރެވެ. އެއީ އެމަހުގެ ކާމިޔާބީންނެވެ. އަދި އެމަސް އައިސް ނިމިގެން ދިޔައިރު ފާފަތައް ފުހެވުމެއް ނެތި، އެއްވެސް ބަދަލެއް ނައިސް އެމަސް ނިމިގެން ދިޔަ މުސްލިމަކަށް އެމަސް ނިމިގެން ހިނގައްޖެއެވެ. ނުވަތަ ކުރިއަށްވުރެވެސް ދެރަޙާލަތަކަށް ރުޖޫޢަވެގެން ބައެއް މީހުންނަށް އެމަސް ނިމުނީއެވެ. މިއީ އަބަދުވެސް އެކަންކަން ހިނގަހިނގާ އޮންނަގޮތެވެ.

ނިމިދިޔަ މާތް މައްސަރުގައި ﷲ سبحانه وتعالى ގެ ރަޙްމަތުން އެމަހުގެ މާތްކަން ޙާޞިލުވި ބަޔަކީ ކޮބައިހެއްޔެވެ؟ ރަސޫލާ صلى الله عليه وسلم ގެ ޢަމަލުފުޅުތައް ނަމޫނާއަކަށް ބަލައި، އެކަލޭގެފާނުގެ ބަސްފުޅުތަކަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން، ރަމަޟާން މަހުގައި މާތްﷲ އަށް އަޅުކަން އަދާކުރުން ލާއިޤުވެގެންވާ ގޮތުގައި އެކަން އަދާކުރިމީހުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. ބުޚާރީ ރިވާކުރެއްވި ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ހަދީޘްކުރެއްވިއެވެ: ((مَن صامَ رَمَضانَ إيمانًا واحْتِسابًا غُفِرَ له ما تَقَدَّمَ مِن ذَنْبِه)) މާނައީ: [އީމާންކަމާއި ޘަވާބަށްއެދި ރަމަޟާން މަހުގެ ރޯދަ ހިފައިފިމީހާގެ އިސްވެގޮސްފައިވާ އެންމެހައި ފާފަތަކެއް ފުއްސަވައިފިއެވެ.] އަދިވެސް ޙަދީޘް ކުރެއްވިއެވެ: ((مَن قَامَ رَمَضَانَ إيمَانًا وَاحْتِسَابًا، غُفِرَ له ما تَقَدَّمَ مِن ذَنْبِه)) މާނައީ: [އީމާންކަމާއި ޘަވާބަށްއެދި ރަމަޟާން މަހުގެ ރޭއަޅުކަން ކޮށްފިމިހާގެ އިސްވެގޮސްފައިވާ އެންމެހައި ފާފަތަކެއް ފުއްސަވައިފިއެވެ.] އީމާންކަމާއެކު ރޯދަ ހިފުމާއި ރޭއަޅުކަން ކުރުމުގެ މުރާދަކީ، އެރޯދައާއި މެދު ﷲ سبحانه وتعالى ވަޢުދުވެވޮޑިގެންނެވި ދަރުމަ، އެގޮތަށް އެކަން ކޮށްފިނަމަ ލިބޭނެކަން ހިތުން ތެދުކޮށް އެކަން ޔަޤީންކުރާ ޙާލުގައި ރޯދަހިފައި  ރޭއަޅުކަން ކޮށްފައިވުމެވެ. ސުވާލަކީ ތިރީސް ދުވަސް ނިމިގެން ދިޔައިރު ރޯދަވެރީން ރޯދަ ހިފައިފައިވަނީ ހިތުގައި އެޔަޤީންކަމާމެދު ވިސްނާ ފިކުރުކޮށްކޮށް ހުރި ޙާލުގައިހެއްޔެވެ؟ ރޭއަޅުކަމުގެ މުރާދަކީ ތަރާވީޙް ނަމާދެވެ. ސުވާލަކީ ތިރީސް ރޭގައި ތަރާވީޙް ނަމާދު ކުރި މީހުން ކޮށްފައިވަނީ، އެކަމުގެ ޘަވާބާއި ދަރުމައިގެ ވަޢުދު ތެދުކުރާ ޙާލުގައި އެކަމުގެ ވިސްނުމުގައި ހެއްޔެވެ؟ މުޅިމަހުގައި ޢުޛުރަކާއި ނުލައި ބަރާބަރަށް، ޙަދީޘްގައި ބަޔާންކުރެއްވި ދެޝަރުޠުގެ މަތީގައި ހުރެ ރޯދަތައް ފުރިހަމަ ކުރިތޯއެވެ؟ އަދި މުޅިމަހުގެ ރޭއަޅުކަމުގައި އިމާމާއެކު ތަރާވީޙް ނިމެންދެން އީމާންކަމާއެކު ޘަވާބަށް އެދިއެދި ހުރި ޙާލުގައި، މީހާ މަޝްޣޫލުވިތޯއެވެ؟  މިސުވާލުތަކުގެ ޖަވާބު ކިޔައިދޭނީ އެމީހަކު ރަމަޟާން މަހުގެ ރޯދައިގައާއި އެމަހުގެ ރޭތަކުގެ ރޭއަޅުކަމުގައި އެމީހަކު ކާމިޔާބުވެއްޖެކަން ނުވަތަ ނޫންކަމެވެ.

އަދި އޭގެ އިތުރުން ރަމަޟާން މަހުގައި ފިރިހެނުން މިސްކިތުގެ ޖަމާޢަތަށާއި، އަންހެނުން ކޮންމެ ނަމާދެއްގެ އެންމެ ކުރީކޮޅުގައި ކޮންމެ ނަމާދެއް ކުރުމަށް އަހަންމިއްޔަތުކަން ދިންތަން ފެނިގެންދިޔައެވެ. މިސްކިތްތައް ކޮންމެ ނަމާދަކަށް އޮންނަނީ ފުރިގެން މަގުމައްޗަށް ބަންޑުން ގޮސްފައެވެ. ފަތިސްނަމާދުގައި އެވަރު ނުވިޔަސް މިސްކިތްތައް އޮންނަނީ ފުރިފައެވެ. އެއީ ރަމަޟާން މަހުގައި އެމީހަކަށް ލިބުނު ކާމިޔާބީއެއް ކަމުގައިވާނަމަ، ރަމަޟާން މަސް ނިމުމަށް ފަހުގައިވެސް އެޢަމަލުގައި ފަރުވާކުޑަ ނުވެ، އެހެޔޮޢަމަލުތަކުގައި ސާބިތުވީހެވެ. ނަމަވެސް މިހާރު މިސްކިތްތައް ފެންނަނީ ވަރަށްބޮޑަށް ފަޅުވަމުންދާ ތަނެވެ. މާނައަކީ އޭގެ ތެރެއިން ބަޔަކު މީހުންނަށް އެރަމަޟާން މަސް ކާމިޔާބެއް ނުވާކަމެވެ. ރަމަޟާން މަހާއި އެއްކޮށް އެމީހުން ކުރިން ތިބި ޙާލަތަށް ރުޖޫޢަވެއްޖެކަމެވެ. އެމީހަކަށް އެއްވެސް ކުރިއެރުމެއް ނުލިބޭކަމެވެ.

ރަމަޟާންމަހުގައި ރޭތައް އިޙްޔާކޮށް ދިރުވުމުގެ ގޮތުން، ރޭއަޅުކަމާއި ޤުރުއާން ކިޔެވުމާއި ޛިކުރުކުރުމާއި ދުޢާކުރުމުގައި ހޭދަކުރި ރޭތައް، ރަމަޟާން މަސް ނިމުމަށްފަހު، އޭގެ ބަދަލުގައި ބޭކާރު އަނގަތެޅުމާއި، ފާޙިޝް ކަންކަމުގައި ނުވަތަ އެކަންކަމަށް މަގުފަހިވާ ކަންކަމުގައި މުޅިރޭ ހޭދަކުރުމުގެ އާދައަށް ބަދަލުވެފައި ވީނަމަ، އޭނާގެ ރޯދަވެރިއެއްގެ ޙާލަތުން ލިބުނު ކުރިއެރުމެއް ޙަޤީޤަތުގައި ނުވެއެވެ. ރަމަޟާން މަހުން އެއްވެސް ކާމިޔާބެއް ލިބުނު މީހެއް ކަމުގައި އެމީހަކު ނުވެއެވެ. އަލްއިމާމް އައްތިރްމިޛީ ރިވާކުރެއްވި ޙަދީޘެއްގައި ރަމަޟާން މަހުގައި ކާމިޔާބީއަށް އެދޭމީހާއަށް އެކަމުގެ މަގު ދައްކަވަމުން، ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((يَا بَاغِيَ الْخَيْرِ! أَقْبِلْ، وَيَا بَاغِيَ الشَّرِ! أَقْصِرْ)) މާނައީ: [އޭ ހެވަށް އެދޭމީހާއެވެ! ހެޔޮޢަމަލުކުރުމުގެ މަގަށް އަންނާށެވެ. އަދި އޭ ނުބައިކަމަށް އެދޭމީހާއެވެ! އެންމެހައި ނުބައި ޢަމަލުތަކެއް ދޫކޮށްލާށެވެ.] ނަބިއްޔާ އިރުޝާދު ދެއްވީ ހެޔޮޢަމަލުކުރުމުގެ މަގުގައި ސާބިތުވުމަށާއި ނުބައިކަމުގެ ޢަމަލުތަކުން ދުރުހެލިވުމުގައި ސާބިތުވުމުގެ މަގެއްގެ ގޮތުގައި ރަމަޟާން މަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ. ވީމާ އެގޮތްތަކުގައި ސާބިތު ނުވެވުނު ނަމަ ރަމަޟާން މަހުން ކާމިޔާބީ ޙާޞިލު ކުރި މީހަކަށް ވެވޭނީ ކިހިނަކުން ހެއްޔެވެ؟!

ރަމަޟާން މަސް ނިމި އުފާފާޅު ކުރުމުގެ ޢީދަކަށް މުސްލިމުން ދިއުމުގައި ނުބައިކަމުގެ މަގަށް ލެނބި ހައްދަފަހަނަ އަޅާ ނުދިއުމަށްޓަކައި، ޢީދު ދުވަސް ފެށިގެން އަންނަނީ އެކަލާނގެ ކިޔޭ ތަކްބީރުތަކަކުންނެވެ.  އަދި ޢީދު ދުވަހުގެ ހެނދުނު ފެށިގެންދަނީ އެކަލާނގެއަށް ޖަމާޢަތުގައި ކުރެވޭ ވަރަށް މުހިންމު ދެރަކްޢަތް ނަމާދަކުންނެވެ. އަދި ރިވެތި ހެޔޮބަސްތަކެއް ހިމެނޭ ޚުޠުބާއަކުންނެވެ.

ރަމަޟާން މަހުގައި މީހާގެ ނަފްސަށް ގެނައި ހެޔޮބަދަލު ކުއްލިއަކަށް، އެހެންދިމާއަކަށް ބަދަލުވުމުގެ ބަދަލުގައި ހެޔޮކަމުގެ މަގުގައި ސާބިތުވުމުގެ ހިތްވަރެއްގެ ގޮތުން ޝައްވާލު މަހުގެ ދެވަނަ ދުވަހުން ފެށިގެން ޝައްވާލުމަހުގެ ހަރޯދަ އުންމަތަށް ވަނީ ޝަރުޢުކުރައްވާފައެވެ. އޭގެ ސަބަބުން ރޯދައިގެ ހެޔޮ އަޅުކަމުގައި މީހާއަށް ދެމިހުރުމަށް އިތުރު ހިތްވަރަކަށް ވެގެންދެއެވެ. ރަމަޟާން މަހުގެ ފުރިހަމަ ކާމިޔާބީ ލިބިގަތުމަށް، އަހަރުދުވަހުގެ ރޯދަ ހިފުމުގެ ޘަވާބު ލިބިގަތުން ހުއްޓެވެ. އަލްއިމާމް އައްނަސާއީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((صِيَامُ شَهْرِ رَمَضَانَ بِعَشَرَةِ أَشْهُرٍ، وَصِيَامُ سِتَّةِ أَيَّامٍ مِن شَوَّال بِشَهْرَيْنِ، فَذَلِكَ صِيَامُ سَنَةٍ)) މާނައީ: [ރަމަޟާން މަހުގެ ރޯދައަކީ ދިހަ މަހުގެ ރޯދައިގެ ޘަވާބެވެ. އަދި ޝައްވާލު މަހުގެ ހަ ރޯދައަކީ ދެމަހުގެ ރޯދައިގެ ޘަވާބެވެ. އެއީ އެއްއަހަރުގެ ރޯދައިގެ ޘަވާބެވެ.]

އަޅަމެންނީ ރަމަޟާން މަހުގެ ރޯދަވެރީންގެ ތެރެއިން، މިއަހަރުގެ ރަމަޟާންމަހުގެ ރޯދައިގެ ބޭނުން ހެޔޮގޮތުގައި ހިފުނު ކާމިޔާބީ ލިބުނުގެ މީހުންގެ ތެރެއިން ލައްވާށިއެވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *