ބުރާސްފަތި, 17 އޭޕްރިލް 2025

ޢިލްމު އުނގެނޭ ދަރިވަރުގެ މާތްކަމާއި މަތިވެރިކަން

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ޢިލްމު އުނގެނުމަކީ ޚާއްޞަކޮށް ޚާލިޤުވަންތަ އިލާހު މިއުންމަތަށް ބާވައިލެއްވި ޢިލްމު އުނގެނުމަކީ އެކަމުގައި މާތްކަމަކާއި މަތިވެރިކަމެއް ލައްވާފައިވާ މުޤައްދަސް ޢަމަލެކެވެ. ދީނީ ޢިލްމުގެ ތެރޭގައި ވަގުތު ހޭދަކުރާ ދަރިވަރަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ބަރަކާތްތެރިކަން ލެއްވިގެންވާ ވަގުތުތަކެއް ހޭދަކުރަމުންދާ އިންސާނެކެވެ. ނަމަވެސް އެއްވެސް ހެޔޮޢަމަލެއްގައި ބަރަކާތެއް ލެއްވޭކަމަކަށް ވަނީ އެކަމެއްކުރާ މަޤްޞަދަށް ބަލާއިރު މަތިވެރިވަންތަ ﷲ تَعَالىٰ އާ އޭނާއާ ދެމެދުގައި އެޢަމަލެއްގެ ސަބަބުން ގުޅުން ޤާއިމްކުރެވޭ ފަދަ ވިސްނުމަކާއި ފިކުރެއް އޭގެ ތެރެއަށް ވައްދައިގެންނެވެ. އިޚްލާޞްތެރި ނިޔަތެއް އެކަމުގައި ބިނާކޮށްގެންނެވެ.

އެންމެފުރަތަމަވެސް ދަންނަވަން އޮތީ މިޢަމަލަކީ ފަރުޟެއްގެ ގޮތުގައި އަމުރުވެވިގެންވާ ކަމެއް ކަމުގައެވެ. ދީނުގެ ފަރުޟުތަކަށް ޢަމަލުކުރުމަކީ ލާޒިމްކަމަކަށް ވާއިރު އެކަމަށް މަގުކޮށާދޭ ޢިލްމު އެމީހެއްގެ ކިބައިގައި ހުރުންވެސް އެއީ ލާޒިމް ކަމެއް ކަމުގައިވެގެން ދެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ:  ((طَلَبُ العِلْمِ فَرِيضَةٌ عَلَى كُلِّ مُسْلِمٍ)) މާނައީ: [ޢިލްމު އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ފަރުޟެކެވެ.] ވީމާ އެއްވެސް މީހަކަށް އެމީހަކު ﷲ تَعَالىٰ އަށް އަޅުވެތިވުން ވާޖިބުވާނެ މިންވަރު ދެނެނުގަނެ ހުރުން ހުއްދަވެގެން ނުވެއެވެ.

ބަރަކާތްތެރިވެގެންވާ ދީނީ ޢިލްމު އުނގެނުމުގައި، ދީނީ ގޮތުން މާތް ﷲ އަށް އަދާކުރަންޖެހޭ އަޅުކަން ތަކުގެ ޙުކުމްތައް ދެނެގަތުމުގެ ނިޔަތުގައި މަގުތަކުން ދަތުރުކޮށް، އެކަން ޙާޞިލުކޮށް ހޯދައިގަތުމަށް އަޅަމުންދާ ފިޔަވަޅުތައް އަޅަމުން އެދަނީ ސުވަރުގެއަށް އޭނާ ގެންގޮސްދޭނެ މަގުގައެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((مَنْ سَلَكَ طَرِيقاً يَطْلُبُ فِيهِ عِلْماً سَلَكَ اللهُ بِهِ طَرِيقاً مِنْ طُرُقِ الْجَنَّةِ)) މާނައީ: [ޢިލްމު ހޯދުމަށް މަގެއް ހޯދައިގަތް މީހަކަށް ﷲ އޭގެ ސަބަބުން އެމީހަކަށް ސުވަރުގެއަށް ދެވޭނެ މަގުތަކުގެ ތެރެއިން މަގެއް ހޯއްދަވައި ދެއްވާނެތެވެ.] އަޅެފަހެ އެއަށްވުރެ ބޮޑު ކާމިޔާބަކާއި ފަލާޙެއް އިންސާނަކަށް ޙާޞިލު ކުރެވޭނެ ހެއްޔެވެ؟

އަޅަމެންގެ ހެޔޮޢަމަލުތަކުގައި އިތުރު ބަރަކާތަކާއި ފުއްސެވުމެއް ލިބުމަށް މެދުވެރިވާ ސަބަބެއް ކަމުގައި ޣައިބުގައި މާތް ﷲ ލައްވާފައިވާ މަލާއިކަތުންގެ ރައްކާތެރިކަމާއި ދުޢާ އަކީ ވެސް ނުހަނު މުހިންމު އެއްޗަކަށް ވާއިރު ދީނީ ޢިލްމު ޙާޞިލު ކުރުމަކީ އެކަމަށް މަގުފަހިވެގެން ދާކަމުގެ އުފާވެރި ޚަބަރު ލިބިފައިވާ ކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((وَإِنَّ الْمَلاَئِكَةَ لَتَضَعُ أَجْنِحَتَهَا لِطَالِبِ الْعِلْمِ رِضًا بِـمَا يَصْنَعُ)) މާނައީ: [އަދި ހަމަކަށަވަރުން ޢިލްމުއުނގެނޭ ދަރިވަރަށް މަލާއިކަތުން އެބޭކަލުންގެ ފިޔަތައް ތިރިކޮށްލައްވައެވެ. އެއީ އެދަރިވަރުން އެކުރަމުންދާ ކަމަކަށް އޮތް ރުހުމަކާއި ހެދިއެވެ.]

ދީނީ ޢިލްމެއްގެ އަނެއް މުހިންމުކަމަކީ، ޙާޞިލުކުރަންވާގޮތުގައި ހޯދައި އެޢިލްމެއްގެ ފައިދާއާއި މަންފާ މުޖްތަމަޢުއަށް ހެޔޮގޮތުގައި ފޯރުކޮށްދީފައިވާނަމަ، އެކަމުގެ ބަރަކާތް އެމީހަކު މަރުވުމަށް ފަހުގައިވެސް ކެނޑިގެން ނުގޮސް ދެމިގެން ދާފަދަ ހެޔޮކަމެއް އެކުލެވޭ ޢަމަލަކަށް އެކަން ވުމެވެ. އެކަން ބަޔާންކުރައްވާ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((إِذَا مَاتَ ابْنُ آدَم انْقَطَعَ عَمَلُهُ إِلاَّ مِن ثَلاَثٍ: صَدَقَةٍ جَارِيَةٍ، أَوْ عِلْمٍ يُنْتَفَعُ بِهِ، أَوْ وَلَدٍ صَالِحٍ يَدْعُو لَهُ)) މާނައީ: [އާދަމުގެދަރިޔާ މަރުވުމާއެކު ތިންޢަމަލެއް މެނުވީ އޭނާގެ އެންމެހައި ޢަމަލެއް ވަކިވެގެން ދެއެވެ. އެއީ: ހިނގަހިނގާ ހުންނަ ޞަދަޤާތެކެވެ. ނުވަތަ އެޢިލްމަކުން ފައިދާ ލިބިގަނެވޭ ޢިލްމެކެވެ. ނުވަތަ އޭނާއަށް ހެޔޮދުޢާކޮށްދޭނޭ ޞާލިޙު ދަރިއެކެވެ.]

ވީމާ ދަރިވަރުގެ ޢިލްމު އުނގެނުން ކުރިއަށް ގެންދަންވީ މިދެންނެވި ވިސްނުތަކާއެކު ލާމެހިގެން ދާގޮތުގައެވެ. އޭރުން އެދަރިވަރަކު ވެގެން ދާނީ ﷲ تَعَالىٰ ގެ މަތިން ހަނދުމަކުރުން ގިނަ، އިޚްލާޞްތެރިވުމަށް ގަދައަޅާ މަސައްކަތްކުރާ ދަރިވަރަކަށެވެ. މިމަތިވެރި ޢިލްމު އުނގެނުމުގައި ވަގުތު ހޭދަކުރާ ލޮބުވެތި ދަރިވަރާއެވެ! ތިއީ ތިބާގެ މައްޗަށް މާތްﷲ އަމުރުކުރެއްވިކަމެއް ކަމުގައި ހަނދާންކުރާށެވެ! ތިޔަކަމަކީ އެކަމުގެ ސަބަބުން މަލާއިކަތުން ތިބާއަށް ލޯބިން ފިޔަގަނޑުތައް ތިރިކޮށްލާނެ ކަމެއް ކަމުގައި ހަނދާނުގައި ބަހައްޓާށެވެ! މަރުވުމަށް ދާންދެން ތިމާއަކީ ޢިލްމު ޙާޞިލުކުރާނެ ދަރިވަރެއްކަމުގައި އަދި ތިމާއަށް އެނގޭ އެއްޗެއްގެ ފައިދާ އެހެންމީހުންނަށްވެސް ފޯރުކޮށްދޭނެ ކަމުގެ ޢަޒުމް ކަނޑައަޅާށެވެ!

އަޅަމެންނީ އަބަދާއަބަދުމެ ޢިލްމު ޙާޞިލުކުރާ ބަޔަކު ކަމުގައި ލައްވާށި! އާމީން

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

އާޓިކަލް 2

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *