ލޮބުވެތި ބެލެނިވެރިންނޭވެ. މިފެށޭ ދިރާސީ އަހަރަކީ ތިމާމެންގެ ދަރިންނަށާއި ބެލެނިވެރިކަމުގެ ދަށުގައިވާ ކުދިންނަށް ހުރިހައި ގޮތަކުންވެސް ބާއްޖަވެރި އަދި ކާމިޔާބު އަހަރެއްކަމުގައި ލެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާށެވެ! އަދި އެފަދައިން ގަދައަޅައި މަސައްކަތްކޮށް އެ ދަރީންނަށް ދުނިޔެއާއި އާޚިރަތުގައި މަންފާކުރާނެ ޢިލްމު ހޯދައިދިނުމަށް އެހީތެރިވެދޭށެވެ! އެ ކުދިންނަކީ އަޚްލާޤު ރަނގަޅު ކިޔަމަންތެރި، މައިންބަފައިންނާއި ބެލެނިވެރިންގެ ބަސްއަހާ ކުދިންތަކަކަށް ހެދުމުގެ ބުރަބޮޑު ޒިންމާއަށް އިހުމާލު ނުވާށެވެ! އެ ކުދީންނަށް އަދާކުރަންޖެހޭ އެންމެހައި ޙައްޤުތައް ކުޅަދާނަވީ އެންމެ ބޮޑަކަށް އަދާކުރެވޭތޯ ބަލާށެވެ!
ލޮބުވެތި ދަރިވަރުންނޭވެ! ތިޔަ ދަރިވަރުންނަކީ މާދަމާ ޤައުމުގެ ވަޙްދަތު ޙިމާޔަތްކޮށް، ޤައުމުގެ ބަހާތައް ނަގަހައްޓަން ތިބޭނެ ކުދިންކަން ދަންނާށެވެ! މާތް ﷲ ތިޔަ ދަރިވަރުންގެ ޢުމުރުގައި ބަރަކާތްލައްވައި ޢިލްމުވެރި މޮޅު ދަރިންތަކަކަށްވާނީ، އެކަނލާނގެ އެންގެވި ގޮތަށް ޢަމަލުތައް ބަހައްޓައި މައިންބަފައިންނަށް ހެޔޮކޮށްހިތައި، މުދައްރިސުންނަށް އިހްތިރާމްކޮށް، ޢިލްމު ހޯދުމަށް ގަދައަޅައި މަސައްކަތްކޮށްގެންކަން ދަންނާށެވެ! މަދްރަސީ މަރުޙަލާއަކީ، އެ މަރުޙަލާއެއް ނިމި ފާއިތުވެއްޖެނަމަ، ދެން އަލުން ލިބޭނެ މަރުޙަލާއެއް ނޫންކަން ދަންނާށެވެ! އެ މަރުޙަލާގައި ކިޔަވައިދޭ ތަކެތި ރަނގަޅަށް ފަހުމުވުމަކީ ވަރަށް މުހިއްމު ކަމެއްކަން ދަންނާށެވެ!
ލޮބުވެތި ދަރިވަރުންނޭވެ! ތިޔަ ދަރިވަރުންނަށް ﷲ ގެ ރަޙުމަތުން ލިބިފައިވާ ފަދަ ތަޢުލީމީ ފުރުޞަތަކަށް އެދިއެދި ތިބި އެތައްހާސް ކުދިންނެއް ދުނިޔޭގައި އުޅޭކަން ދަންނާށެވެ! އެހެންކަމުން، ތިޔަ ލޮބުވެތި ދަރިވަރުންނަށް ލިބިފައިވާ ފުރުޞަތު ބޭކާރުކޮށްނުލައި، ﷲ ގެ ވާގިފުޅާއެކު ހިންމަތާއެކު މަސައްކަތްކޮށް، ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ޢަޒުމް އައުކުރާށެވެ!
- ހުކުރު ޚުުޠުބާއިންނަގާފައި