މިއަދު، 26 މޭ 2024 މިފެށޭ، ދިރާސީ އާ އަހަރުގެ މުނާސަބާގައި، ތިޔަ ލޮބުވެތި ދަރިވަރުންނަށާ، ލޮބުވެތި ބެލެނިވެރިންނަށާ، ލޮބުވެތި ތިޔަ މުދައްރިސުންނަށް، ތަހުނިޔާ ކިޔައި، ހެޔޮ އެދުން ތައް ފޮނުވަމުން، ތަޢުލީމީ އާ އަހަރަށް މަރުޙަބާ ކިޔަމެވެ.
ދަރިވަރުންގެ ތަޢުލީމީ ޙަޔާތުގެ ކާމިޔާބީ، އަބަދުވެސް ގުޅިފައި އޮންނަނީ، އެކުއެކީގައި ފެނިގެންދާ، 4 ޓީމެއްގެ ބުރަ މަސައްކަތުންނެވެ. އެއީ ބެލެނިވެރިންނާ، ދަރިވަރުންނާ، މުދައްރިސުންނާ، ސްކޫލް މެނޭޖްމަންޓެވެ.
މި 4 ފަރާތް ގުޅިގެން ކުރެވޭ، ބުރަ މަސައްކަތުގެ ނަތީޖާއަކީ، ދަރިވަރުންނަށް ކާމިޔާބު މަދަރުސީ ޙަޔާތެއް ހާސިލް ކުރުމުގެ ފުރުސަތު، ފަހިވެގެން އަންނަ މަސައްކަތެކެވެ.
ދިރާސީ އާ އަހަރު ފެށޭ، މި އުފާވެރި މުނާސަބާގައި، އަޅުގަނޑު ދަރިވަރުންނަށް ދޭ ނަސޭޙަތަކީ، މި ފެށޭ އަހަރަކީ، ސްކޫލަށް ބަރާބަރަށް ޙާޒިރުވެ، ފިލާވަޅުތައް ނިންމައި، ރަނގަޅު ނަތީޖާއެއް ހޯދުމަށް އިހުނަށްވުރެން، ޝައުގުވެރި އަހަރަކަށް ހަދަން، ޢަޒުމް ކަނޑައެޅުމަށެވެ.
ބެލެނިވެރިންނަށް ދަންނަވާލަން ބޭނުންވަނީ، ތިޔަ ބެލެނިވެރިން، ކުދިންގެ ތަޢުލީމަށް އުފުއްލަވާ ބުރަޔާއި، ކުރައްވާ ހޭދައާއި، ހޭދަކުރައްވާ އަގުހުރި ވަގުތާއި، ސްކޫލް މެނޭޖްމަންޓަށް ދެއްވާ އެއްބާރު ލެއްވުމަކީ، ޝުކުރު ޙައްގު އެއްބާރު ލެއްވުމަކަށް ވީހިނދު، މި ފެށޭ ދިރާސީ އާ އަހަރަކީވެސް، އެފަދައިން، އާދެ! އިހުނަށް ވުރެންވެސް ބޮޑު ޝައުޤަކާއެކު، ދަރިންގެ ތަޢުލީމަށް، ހޭދަކުރައްވާ ހަކަތައަކަށް، ހައްދަވައި ދެއްވުމަށެވެ.
ލޮބުވެތި މުދައްރިސުންނަށް، ދިރާސީ އަހަރުގެ މަރުޙަބާ މި ދަންނަވަނީ، ނިމިދިޔަ އަހަރަށް ވުރެންވެސް، ހުރިހާ ގޮތަކުން، ކާމިޔާބު އަހަރަކަށް ހައްދަވަން، މަސައްކަތްކޮށްދެއްވުމަށް އެދި ދަންނަވަމުންނެވެ. އަޙުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަކީ، އަބަދުވެސް، ސްކޫލުގެ ކުރީ އަހަރުގެ ނަތީޖާއަށް ވާދަކޮށް، އެއަށްވުރެން، ކާމިޔާބު އަނެއް އަހަރު، ހޯދަން މަސައްކަތްކޮށް، ނަތީޖާ ނެރޭ ސްކޫލެކެވެ. އެހެންކަމާއެކު، އެ ޢަޒްމާ، ހިތްވަރާ، ޖޯޝާ، އުންމީދުގައި، މިއަހަރު ފަށްޓަވައިދެއްވުމަށް، އިލްތިމާސްކުރަމެވެ.
އަޅުގަނޑުގެ އިޚްލާސްތެރި ދުއާއަކީ، ދިވެހި ގައުމަށް ޚިދުމަތްކުރާނެ، ކާމިޔާބު، ތޫނުފިލި ދަރިން ތަކެއް ބިނާކުރަން، ސަރުކާރާއި، ބެލެނިވެރިންނާއި، ސްކޫލް މެނޭޖުމަންޓާއި، މުދައްރިސުންނާއި، ދަރިވަރުން ގުޅިގެން މިކުރާ މަސައްކަތުގައި، ކީރިތި ﷲ ބަރަކާތް ލެއްވުމެވެ.
އާމީން.