އާރޓިކަލް 166 : ޖަމާޢަތުގެ ނަމާދުގެ ސަފު ހަދާގޮތުންވެސް ބައިބައިވުމަށް މަގުފަހިވޭ

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

މުސްލިމުންނަކީ އެއްދީނެއްގެ އެއްޤިބުލައަކަށް އަޅުކަންކުރާ އަދި ތަޤްވާވެރިކަމުން ނޫންގޮތަކަށް އެކަކު އަނެކަކުގެ މައްޗަށް މާތްކަމެއް ދީނީގޮތުން ލިބިގެން ނުވާ އެއްއުންމަތެއްގެ އެއްބައިވަންތަ ބައެކެވެ. މުސްލިމުންނަށް ދީނުގައި ވަނީ އެއްބައިވަންތަ ބައެއްގެ ގޮތުގައި ވުމަށް އަމުރުވެސް ކުރައްވާފައެވެ. އަދި އެއްބައިވަންތަކަން ގެއްލިދާނެ ފަދަ ކަންކަމުގެ ތެރެއިން ސީދާކޮށް އެކަމާ ދުރުހެލި ކުރުވާ އެންމެހައި ކަންކަމުން ދުރުހެލިވެ ތިބުމަށްވެސް އަމުރު ކުރައްވާފައެވެ. އޭގެ އިތުރުން އެއްބައިވަންތަކަން ގެއްލިގެން ހިނގައިދާނެ ފަދަ އެކަމަށް ނުސީދާކޮށް އަސަރުކުރާ ކަންކަންވެސް ހުރެއެވެ. އެކަންކަމަކީ ޢާންމުކޮށް އިންސާނެއްގެ ވިސްނުމުން ވިސްނައިފި ނަމަ، އެކަމަކުން ބައިބައިވުން އުފެދިދާނޭ ކަމެއްގެ ގޮތުގައި ނުވިސްނިވެސް ދާނެ ފަދަ ކަންކަމެވެ. ނަމަވެސް އިންސާނުންގެ ކޮށި ވިސްނުމަށް އެކަން އެފަދައިން ވިސްނުނެއް ކަމަކު އެކަމަކީ އެއީ އެއްބައިވަންތަކަން ގެއްލި މީސްތަކުންގެ ހިތްތައް ބައިބައިވެދާނޭ ކަމެއްގެ ގޮތުގައި ﷲ سبحانه وتعالى ސިފަކުރެއްވުމުން، އެކަން އެގޮތަށް ބަލައިގަތުން ވާޖިބުވެގެން ވެއެވެ.

އެފަދަ ކަންކަމުގެ ތެރޭގައި ނަމާދުގައި ސަފު ހަދާގޮތް ހިމެނެއެވެ. މާތްﷲ ގެ ވަޙީއަށް ތަބާވުމެއް ނެތި، ހަމައެކަނި ދުނިޔެވީ އުޞޫލުތަކުން ގޮތް ނިންމައިގެން ވާހަކަ ދައްކާ މީހަކު ބުނެފާނެއެވެ. ޖަމާޢަތުގެ ނަމާދުގެ ސަފުގައި އެކަކު ގައިގައި އަނެކަކު ޖެހިގެން ހުރުމުން އުނދަގޫވެ، އެޖެހިގެން ހުންނަމީހާ ދެކެ، އެކަން ވުމަށް ނޭދޭ މީހާ ރުޅިއަތުވެދާނެއެވެ. ވީމާ، ޖެހިގެން އެގޮތަށް ހުރުމަކީ މީހުން އެކަކު އަނެކަކު ދެކެ ރުޅި އަންނާނޭ ކަމެކެވެ. އެކަން އެގޮތަށް އެވަނީ މުޙައްމަދުގެފާނުގެ ރިސާލަތު ޤަބޫލުކުރި ކަމުގައިވިޔަސް، އެކަލޭގެފާނުގެ ބަސްފުޅުތަކަށް ފުރިހަމައަށް ބޯލަނބައި ކިޔަމަން ނުގަނެވޭތީއެވެ. އަބޫދާވޫދު އަދި ނަސާއީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((رُصُّوا صُفُوفَكُمْ، وَقَارِبُوا بَيْنَهَا، وَحَاذُوا باِلأَعْنَاقِ)) މާނައީ: [ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު ގާތްވެޖަމާވެގެން ތިޔަބައިމީހުންގެ ސަފުތައް ހަދާހުށިކަމެވެ. އަދި އެސަފުތަކުގެ ދެމެދުގައި ގާތްކުރާށެވެ. އަދި ތިޔަބައިމީހުން ކޮނޑުތަކުން ސީދާކުރާށެވެ.]

އިސްވެދިޔަ އެކަލޭގެފާނުގެ ބަސްފުޅު ބަލައިގަނެ އެއަށް ތަބާވެއްޖެ ނަމަ، އެމީހަކު އެފަދައިން ޖަމާޢަތުގެ ސަފުގައި ހުރުމަށް ލޯބިކުރާނޭކަން ކަށަވަރެވެ. އަދި އެފަދައިން ކޮނޑުތައް ކައިރިކޮށްގެން ސަފު ހެދުމަކީ އުނދަގޫވާ ކަމެއްގެ ގޮތުގައި ނަހަދާނޭކަން ކަށަވަރެވެ. ވީމާ އެފަދަ މީހަކު އެގޮތަށް ގާތްވެ ގަތުމުން ރުޅިއިސްކޮށް ދެކޮޅުވެރި ނުވާނެތެވެ. އޭގެ ބަދަލުގައި އެއީ އެއްމުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް ބޮޑާވެ ކިބުރުވެރި ނުވާ ބައެއްގެ ގޮތުގައި ގާތްގާތުގައި ސަފު ހަދާނެތެވެ.

އެފަދައިން އެކަން ނުކޮށްފި ނަމަ، އެއީ އެއްބަޔަކު އަނެއްބަޔަކުގެ ހިތްތައް އެކަކު އަނެކަކަށް ދެކޮޅުވެރިވާ ހިތްތަކަކަށް މާތްﷲ ބަދަލު ކުރައްވާނެތެވެ. އަދި އެއީ މުސްލިމުންގެ މެދުގައި ބައިބައިވެ އެއްބަޔަކު އަނެއްބަޔަކާމެދު ނަފްރަތު ކުރާނޭ ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމުގައި ވެއެވެ. އަދި އެފަދައިން އެބައިމީހުންގެ ހިތްތަކަށް އެކަން ވުމަށް މެދުވެރި ކުރައްވަނީ ﷲ سبحانه وتعالى އެވެ. އަބޫދާވޫދު ރިވާކުރެއްވި ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: ((أَقِيمُوا الصُّفُوفَ وَحَاذُوا بَيْنَ الْمَنَاكِبِ وَسُدُّوا الْخَلَلَ وَلِينُوا بِأَيْدِيْ إِخْوَانِكُمْ وَلَا تَذَرُوا فُرُجَاتٍ لِلشَّيْطَانِ وَمَنْ وَصَلَ صَفًّا وَصَلَهُ اللَّهُ وَمَنْ قَطَعَ صَفًّا قَطَعَهُ اللَّهُ)) މާނައީ: [ތިޔަބައިމީހުން ސީދާވާގޮތަށް ސަފުތައް ހަދާހުށިކަމެވެ. އަދި ކޮޑާއި ކޮޑުޖެހޭނޭހެން ގާތްވެ ހުސްތަންތަން ފުރާށެވެ. އަދި މަޑުމައިތިރި ކަމާއެކު ތިޔަބައިމީހުންގެ އަޚުންގެ އަތްތައް ތިޔަބައިމީހުންނާ ގާތްވާގޮތަށް އެއްވަރުކުރާށެވެ. އަދި ޝައިޠާނާއަށް ހުސްތަންތަން ދޫކޮށްނުލާށެވެ. އަދި ސަފެއް ގުޅުވައިފި މީހާ ދަންނާށެވެ. ﷲ އެމީހަކާ ކުއްތަންވެ ވޮޑިގަންނަވާނެތެވެ. އަދި ސަފެއް ކަނޑައިފި މީހާ ދަންނާށެވެ. އެމީހަކާ ﷲ ގުޅުން ކަނޑުއްވާނެތެވެ.]

އިސްވެދިޔަ ޙަދީޘުން ވަރަށް ސާފުކޮށް އެނގޭ ގޮތުގައި ޖަމާޢަތުގެ ނަމާދުގައި ސަފުތައް ހަދާ ހިނދު ހުސްތަންތަން ބެހެއްޓުން ހުއްދަވެގެން ނުވެއެވެ. ސަބަބަކީ އެއީ މާތްﷲ އެމީހަކާއި ގުޅުން ކަނޑުއްވާ އެކަލާނގެ ރަޙްމަތުން އެމީހަކު ދުރުކުރައްވާނޭ ޢަމަލެކެވެ. އެކަލާގެއާ ކުއްތަންވުމުން ދުރުކުރުވާ ކޮންމެ ކަމަކީ ހުއްދަ ނުވާނޭ ކަމެކެވެ. އަދި މީގެ ސަބަބުން މުސްލިމުންގެ ހިތްތައް ބައިބައިވެގެން ދާނޭކަން އަންގަވާ އަބޫދާވޫދު ގެ ރިވާޔަތެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((أَقِيمُوا صُفُوفَكُمْ ثَلَاثًا وَاللهِ لَتُقِيمُنَّ صُفُوفَكُمْ أَوْ لَيُخَالِفَنَّ اللهُ بَيْنَ قُلُوبَكُمْ)) މާނައީ: [ތިޔަބައިމީހުން ސީދާވާގޮތަށް ސަފުތައް ހަދާށެވެ. މިފަދައިން ތިންފަހަރު ޙަދީޘްކުރެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. ﷲ ގަންދީ ޙަދީޘްކުރައްވަމެވެ. ތިޔަބައިމީހުން ސީދާވާގޮތެއްގައި ތިޔަބައިމީހުންގެ ސަފުތައް ޤާއިމްކުރަންޖެހޭނޭކަން ކަށަވަރެވެ. ނޫންނަމަ ﷲ ތިޔަބައިމީހުންގެ ހިތްތަކުގެ މެދުގައި ބައިބައިކުރައްވާނެތެވެ.] ހަމައެފޮތުގައި އަދިވެސް އައިސްފައިވާ އެހެން ރިވާޔަތެއްގައިވެއެވެ. ރަސޫލާ صلى الله عليه وسلم އަހަރެމެންގެ މޭތަކުގައްޔާއި ކޮނޑުތަކުގައި އަތްޕުޅުލައްވާ އެދިމާލުންނާއި މިދިމާލުން ސަފުތަކުގެ ހުސްތަންތަން ބައްދަވަމުން ގެންދަވަމުން ޙަދީޘްކުރެއްވިއެވެ: ((لَا تَخْتَلِفُوا فَتَخْتَلِفَ قُلُوبَكُمْ)) މާނައީ: [ތިޔަބައިމީހުން ދުރުދުރުވެ ނުގަންނާށެވެ. ފަހެ އެހައިރުން ތިޔަބައިމީހުންގެ ހިތްތައް ބައިބައިވެގެން ހިނގައިދާނެތެވެ.]

މިއަދު އަހަރެމެންނަށް ފެނިގެންދަނީ މުސްލިމުންގެ ހިތްތައް އެއްބަޔަކު އަނެއްބަޔަކާއި މެދު ރޫޅިފައިވާ ތަނެވެ. އެއްމުސްލިމަކު އަނެއްމުސްލިމަކު ފެނުމުން އެއްބައިވެވެން އުނދަގޫވެގެން އުޅޭ ތަނެވެ. އަދި ޚާއްޞަކޮށް އެއްމިސްކިތަކަށް އެކީގައި ނަމާދަށް އަރާއުޅޭ މީހުންނަކީ ބައިބައިވެފައިވުމާއި ދުރު ބަޔަކަށް ވާންޖެހޭއިރު އެބައިމީހުންގެ މެދުގައިވެސް ގުޅުންތައް ގޯސްވެ ގުޅުން ރަނގަޅު ނޫންކަން މިސްކިތަށް އަރާ ބަޔަކަށްވެސް ތަޖުރިބާ ކުރެވޭނެއެވެ. މިކަން މިހެން ވުމުގައި ގިނަ ސަބަބުތަކެއް ވާނެކަން ކަށަވަރެވެ. ޖަމާޢަތުގައި ނަމާދަށް ސަފު ހެދުމުގައި ތިމާމެން އަމިއްލައަށް  ގެންގުޅޭ ސުންނަތާއި ދުރު ވައްޓަފާޅިތަކަކީ ވެސް އެކަމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ.

އަޅަމެން މުސްލިމުންނަކީ އެއްބައިވަންތަ ބައެއްގެ ގޮތުގައި ލައްވާށިއެވެ. އަދި ބައިބައިވުމަށް މެދުވެރި ކުރުވާ އެންމެހައި ޢަމަލުތަކުން ދުރުހެލިވެގެންވާ ބައެއްގެ ގޮތުގައިވެސް ލައްވާށިއެވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *