ދިވެހިރާއްޖެއަކީ މީގެ އެތައް ޒަމާނެއް ކުރިން ފެށިގެން އެއް ބަހަކުން ވާހަކަދައްކަމުން އައި ބަޔަކު ދިރިއުޅެމުން އައި ގައުމެކެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ބައެއް ގައުމުތަކަށް ވެސް ނުލިބިވާ މި ނިޢުމަތުގެ ސަބަބުން މިއީ ދިވެހިން ނުހަނު ފަޚުރުވެރިވާ ކަމެއް ވެސްމެއެވެ. ހަމަ އެކަނި އެއްބަހަކުން ވާހަކަދައްކަނީކީއެއް ވެސް ނޫނެވެ. އެ ބަހުގައި ތަފާތު ބަހުރުވަތައް ވެސް އެބަހުއްޓެވެ. އެއީ ބަހަށް ލިބޭ އިތުރު މުއްސަނދިކަމެއް ވެސްމެއެވެ.
ކަން މިހެން އޮތް ނަމަވެސް, ދިވެހީން ވާހަކަދައްކާ ދިވެހި ބަހަށް ވެސް އެކި ޒަމާންތަކުގައި އެކި ކަރަތަކުގެ ނުފޫޒު ވަނީ ފޯރާފައެވެ. އޭގެ ތެރޭގައި އަރަބި ބަހާއި، އުރުދޫ ބަހާއި، ޕޯޗުގީޒް ބަހާއި، ފާރިސީ ބަހާއި ހިންދީ ބަހުގެ އިތުރުން އަވަށްޓެރި އެހެން ބަސްތަކުގެ ނުފޫޒު ވެސް ވަނީ ކޮށްފައެވެ. އަދިހަމަ އެހެންމެ، ސިޔާސީ، އިޤްތިޞާދީ އަދި ތަޢުލީމީ ބޭނުންތަކަށްޓަކައި ދުނިޔޭގެ ގިނަ ބަޔަކު އެ ބަހަކުން މުޥާޞަލާތުކުރާ އިނގިރޭސި ބަހުގެ ނުފޫޒު ވެސް މި ވަނީ ދިވެހި ބަހަށް ފޯރާފައެވެ. ގިނަ ގައުމުތަކެކޭ އެއްފަދައިން މިހާރު ރާއްޖޭގެ ވެސް ދެވަނަ ބަހަކީ މިދެންނެވި އިނގިރޭސި ބަހެވެ. އިނގިރޭސި ބަހުގެ ނުފޫޒު ރާއްޖޭގައި މި ވަނީ ނުހަނު ގަދަ ވެސް ވެފައެވެ. ޚާއްޞަކޮށް ޒުވާނުންނާއި ކިޔަވާ ކުދިން ދިވެހިބަހަށް ވުރެ ބޮޑަށް އިނގިރޭސި ބަހަށް ސަމާލުކަންދޭ ކަމީ ދިވެހި ބަސް ވެއްޓެން މިދާ ފުންވަޅުގަނޑުގެ ނުރައްކާތެރިކަމުގެ އިންޒާރުދޭ ރަނގަބީލެކެވެ. ކުޑަކުދިންނާއި ޒުވާނުންގެ އިތުރުން ހަރު މީހުން ވެސް ދިވެހި ބަހަކީ "މާ ބޮޑު ބޭނުމެއް ނެތް" ބަހެއްގެ ގޮތުގައި ދެކޭން ފަށައިފިއެވެ. ޑޭވިޑް ކްރިސްޓަލް (1997) ހާމަކުރައްވާފައިވާގޮތުގައި ބަހެއް މަރުވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި އެބަހަކުން ވާހަކަދައްކާ ބަޔަކު އެބަހަކަށް ސަމާލުކަންނުދީ ބޭރުގެ އެހެނިހެން ބަސް ބަސް އެބައެއްގެ ބަހާ މަސްހުނިކޮށްގެން ބަސް މޮށެ އުޅުން ހިމެނެއެވެ. އެހެންކަމުން މިއަދު ދިވެހީންގެ މެދުގައި ބަސް މަސްހުނިކޮށްގެން ވާހަކަދައްކާ ކަމީ ދިވެހީން ދިވެހިބަހަށްދޭ ސަމާލުކަން ކުޑަވަމުންދާ ކަމުގެ ހެއްކެކެވެ. މައުމޫނު ޢަބްދުލް ޤައްޔޫމް (1989) ވިދާޅުވެފައިވާ ގޮތުގައި ދުނިޔޭގައި އިންސާނުން ވާހަކަދައްކާ ހުރިހާ ބަހަކަށް ވެސް އެހެން ބަސްތަކުގެ އަސަރުކުރާ ކަމަށާއި، އެ ބަހެއްގެ އަސްލު ގެއްލޭ މިންވަރަށް އެހެން ބަސްތަކާ މަސްހުނިވަމުންދާނަމަ، އެއީ ބަހަށްލިބޭ ވަރަށްބޮޑު ހީނަރުކަމެކެވެ. ބަސް މަރުވެގެން ނުދިޔަ ނަމަވެސް ޒަމާނާއެކު ބަސް ބަދަލުވަމުން ބަހަށް ބަދަލުތައް އަންނަމުންދާނެ ކަމުގައހާމަކުރައްވަމުން ފާހަގަކުރައްވަނީ އަޅުގަނޑުމެންގެ ދިވެހި ބަހަކީ މިފަދައިން ފާހަގަކޮށްލެވޭ ބަހެއްކަމުގައެވެ (ޔުމްނާ މައުމޫން، 1989). އެހެންކަމުން ބަސް މަސްހުނިކުރުމުގެ ނޭދެވޭ އަސަރު ދިވެހި ބަހަށް ކުރަމުންދާ ކަމުގެ ކިތާބީ ހެކި މިއޮތީ ފެންނާށެވެ.
މިއަދު، މީޑިއާ އާއި ދުވަހީ ދިރިއުޅުމުގައި ވެސް ދިވެހިބަހާއި އިނގިރޭސި ބަސް މަސްހުނިކޮށް، ކޯޑު ސްވިޗުކޮށްގެންނާއި ކޯޑު މިކްސްކޮށްގެން ވާހަކަދެއްކުން އާންމުވުމަކީ އެކަމަކާ މެދު ފުންކޮށް ވިސްނައި، ދިރާސާކޮށް ހައްލު ހޯދަން ޖެހިފައިވާ މައްސަލައެކެވެ.
ދިވެހިބަހަކީ މިހާރު ވަރަށް ބޮޑަށް އިނގިރޭސީބަހާއި އަރަބިބަހުގެ ނުފޫޒު ފޯރާފައިވާ ބަހެއް ކަމަށް ނަސީމާ މުޙައްމަދު (2002) ބަޔާންކޮށްފައި ވުމާއެކު ޓީވީޕުރޮގުރާމު ކަހަލަ އާންމުންގެ މެދުގައި މަޤްބޫލު ޕުރޮގުރާމުތަކުގައި ބަސް މަސްހުނިކުރާ ގޮތްތައް ޢިލްމީ ނަޒަރަކުން ދެނެގަތުމަކީ ކުރިމަގުގައި މި ފަދަ ޕުރޮގުރާމުތަކުގައި ދިވެހިބަހުން ހެޔޮ ގޮތުގައި ވާހަކަދެއްކުމަށް ކުރާ މަސައްކަތްތަކަށް ލިބިގެންދާނެ ނުހަނު ބޮޑު އެހީ އަކަށް ވާނެ ކަމަށް ފެނެއެވެ.
ބަސް މަސްހުނިކުރާ ގޮތްތަކާ ބެހޭ ގޮތުން ހޯދާއިރު، ބަސް މަސްހުނިކުރުމަކީ ކޮބައިތޯ އާއި، ބަސް މަސްހުނިކުރުމުގައި ހިމެނޭ ބައިތަކަށް ފުންކޮށް ބަލައިލާން އެބަޖެހެއެވެ. އެގޮތުން ފުރަތަމަ ކަމަކަށް ދެ ބައްސަ ކަމަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ. ދެ ބައްސަކަމަކީ ދެ ބަހަކުން ވާހަކަދައްކަމުންދާ އިރު އެއް ޖުމުލައެއްގައި ނުވަތަ ބަސްކޯޅިއެއްގައި އެއް ބަހަށްވުރެ ގިނަ ބަހުގެ އުންސުރުތައް ބޭނުންކޮށްގެން ވާހަކަދެއްކުން ކަމުގައި ތައިސް އިން ޑަރ ސްމިޓަން (2002) ހާމަކޮށްފައިވެއެވެ. މީގެ އިތުރުން ބަސް މަސްހުނިކުރާއިރު ދެ ގޮތަކަށް ބަސް މަސްހުނިކުރާ ކަމަށް ތައިމްސް އިންޑަރ ސްމިޓަން (2002) ވިދާޅުވެފައިވެއެވެ. އެއީ ބަސްމަސްހުނިކުރުން (ކޯޑް މިކްސިންގ) އަދި ބަސްބަދަލުކުރުން )ކޯޑް ސްވިޗިންގ) އެވެ.
ކޯޑް ސްވިޗިންގއަކީ ދެބައްސަ މަސްހުނިކުރުމެއްގައި އެއް ބަހަކުން ޖުމުލައެއް ބުނުމަށްފަހު، އެއާ ވިއްދައިގެން ދެން ބޭނުންކުރާ ޖުމުލަ މުޅިން އެހެން ބަހަކުން ބުނުމެވެ (ޖޮސިއާނޭ އެފް. ހަމަރސް، މައިކަލް އެޗް. އޭ. ބްލާންކް 2000). މިސާލާކަށް ދިވެހި ބަހުން އެއް ޖުމުލަ ބުނުމަށްފަހު ހިންދީ ބަހުން ނުވަތަ އިނގިރޭސި ބަހުން ނުވަތަ އަރަބި ބަހުން އަނެއް ޖުމުލަ ބުނުމެވެ. ކޯޑް މިކްސިންއާ ޚިލާފަށް ކޯޑް ސްވިޗިންގގައި އެއް ބުނުމެއްގައި މުޅިން ބޭނުންކޮށްފައި ހުންނާނީ ކޮންމެވެސް އެއް ބަހެއްގެ އުންސުރުތަކެވެ.
ބަސްމަސްހުނިކުރުމަކީ ހުރިހާ ދެ ބައްސަ މުޖުތަމަޢުތަކެއްގައި ވެސް ހިނގާ ކަމެކެވެ. ބައެއް ފަހަރު މާ މޮޅުކަމެއް ނުވަތަ ޓްރެންޑެއް ކަމަށް ގަބޫލުކޮށް، ގަސްދުގައެވެ. އަނެއްބައި ފަހަރު އިޚްތިޔާރުން ބޭރުން ހިނގާ ކަމެކެވެ. މިގޮތުން ބަސް މަސްހުނިކުރުމަކީ ދެ ބަހުން ވާހަކަދައްކާ ކުޑަކުދިންނާއި ބޮޑެތިމީހުންގެ ވެސް ވަރަށް އާންމުކަމެއް ކަމަށް އެލިނާ ނިކޮލާޑިސް (1994) ހާމަކުރައްވާއިރު، ފްރެޑް ޖެނެސީ (2006) ވިދާޅުވާ ގޮތުން ދެ ބަހުން ވާހަކަދައްކާ ހުރިހައި އުމުރުފުރައެއްގެ މީހުން ވެސް ބަސް މަސްހުނިކުރަމުންދަނީ ވަކި އޮނިގަނޑެއްގެ ދަށުން ކަމަށެވެ. މިގޮތަށް ވަކި ނިޒާމީ އޮނިގަނޑެއްގެ ދަށުން އެ ބައިމީހުން އެ ބައިމީހުންގެ މުޖުމައުގެ ތެރޭގައި ވާހަކަދައްކަމުންދާއިރު، އެ ބުނުމެއްގައި ބޭނުންކުރާންޖެހޭ ލަފުޒުތައް އެ ބުނުމަކަށް ލަމުން އެ ދެކެވޭ ވާހަކަ ނުވަތަ ލިޔާ ލިޔުމެއް ނަމަވެސް ފުރިހަމަކުރަމުންދާ ކަމަށް އޭނާ ވިދާޅުވެއެވެ.
ކުރިން ވެސް ދެންނެވި ފަދައިން ބަސް މަސްހުނިކޮށްގެން ވާހަކަދެއްކުމަކީ ހަމައެކަނި ދިވެހިބަހަށް ޚާއްޞަ ކަމެއް ނޫނެވެ. މިއީ ހަމަ ދެ ބައްސަ ހުރިހާ މުޖުތަމައެއްގައި ވެސް ދިމާވަމުންދާ މައްސަލައެއްކަން ދިރާސާތަކުން ސާބިތުވެއެވެ. ޖުޑީ ވޫން ޔީ ހޯ )2007) ހާމަކުރައްވާފައިވާ ގޮތުގައި ހޮންކޮންގގެ ތަފާތު އެކި ޔުނިވަރސިޓީތަކުގެ ދަރިވަރުންގެ މެދުގައި އެ ކުދިން ބަސްމަސްހުނިކުރާ ގޮތާއި ބޭނުމާއި ބެހޭ ގޮތުން ކުރި ދިރާސާއަކުން އެ ކުދިން ހޮންކޮންގ ގައި ބޭނުންކުރާ ކެންޓަނީސް ބަހާއި އިނގިރޭސި ބަސް މަސްހުނިކުރާކަން ފާހަގަކުރެވުނު ކަމަށާއި މިކަން މިހެންދިމާވާ އިޖުތިމާޢީ ތަފާތު ސަބަބުތަކާއި ބަހަވީ ސަބަބުތަކެއްވެސް ވާކަމަށް މި ދިރާސާއިން ދައްކާފައިވެއެވެ.
ޢަބްދުالله އޭ އެލެންޒީ (2010) ކުވެއިތު ބަހާއި އިނގިރޭސި ބަސް މަސްހުނިކުރާ ގޮތުގެ ދިރާސާއެއް ހައްދަވާފައިވެއެވެ. މި ދިރާސާއަކީ ކުވެއިތުގެ ކޮލެޖެއްގައި ހެލްތު ސައިންސް ކިޔަވާ ދަރިވަރުން އެ ކޯހުގައި ކިޔަވައިދޭން ފެންނަނީ ކުވެއިތު ބަސްތޯ ނުވަތަ އިނގިރޭސި ބަސްތޯ ބެލުމަށް ދިރާސާއެއް ކުރެވުނެވެ. މި ދިރާސާގެ ނަތީޖާއިން ދެއްކީ އެ ކުދިން ބޮޑަށް ބޭނުންވަނީ ދެބަސް އެއްކޮށްގެން ކިޔަވަން ކަމެވެ.
(ނުނިމޭ)
ކިޔުންތެރިންގެ ޚިޔާލުތައް
ކޮބާ އަނެއް ބައި؟