( 6 ޖޫންގެ ލިޔުމާ ގުޅޭ)
ކޯޑު ސުވިޗިންގ އަކީ ދެ ބަހެއް ނުވަތަ ދެ ބަހުރުވައެއް، ބޭނުންކުރުމުގެ ކުޅަދާނަކަން ހުރި މީހާ، މީގެތެރެއިން އެއްގޮތަކަށް ވާހަކަދައްކަމުން ގޮސް، އަނެއް ގޮތަކަށް ބަދަލުކޮށްލާ ކޮށްލުމަށް ކިޔާ ނަމެކެވެ. މި ގޮތަށް، ކުރިއަށާއި ފަހަތަށް ވެސް ބަދަލު ކުރަމުން ގެންދެވިދާނެއެވެ. މިކަމަށް ކޯޑް މިކްސިންގ ނުވަތަ ސްޓައިލް ޝިފްޓިންގއޭ ވެސް ކިޔައެވެ.
މައިގަނޑު ގޮތެއްގައި ތިން ގޮތަކަށް ކޯޑު ސުވިޗު ކުރެވިދާނެއެވެ. އެއީ އިންޓަރ-ސެންޓެންޝަލް ސުވިޗިން (ދެ ޖުމުލަ ދޭތެރޭގެ ބަދަލު) ،އިންޓްރާ-ސެންޓެންޝަލް ސުވިޗިންގ (އެއް ޖުމުލައިގެ ތެރޭ ގެންނަ ބަދަލު) އަދި ޓެގް ސުވިޗިންގ އެވެ. މިއީ މުއާމަލާތަށް އެއްވެސް އަސަރެއް ނުފޯރާ ފަދަ ލަފުޒުތައް ބޭނުންކުރުމެވެ.
އިންޓަރ-ސެންޓެންޝަލް ސުވިޗިން (ދެ ޖުމުލަ ދޭތެރޭގެ ބަދަލު)
މިއީ ޖުމުލައިގެ ނުވަތަ ޖުމުލައިގެ މައިގަނޑުގެ ހުދޫދުން ބޭރުން ގެންނަ ބަދަލެވެ. މި ބަދަލަށް އެކްސްޓްރާ ސެންޓެންޝަލް ސުވިޗިންގއޭ ވެސް ކިޔައެވެ. ދެ މީހަކު ވާހަކަދައްކާ އިރު އެކަކު އަނެކަކަށް ލިބޭ ފުރުސަތުގައި ވެސް މި ގޮތަށް ބަދަލުކޮށްފާނެއެވެ. މިގޮތަށް އެއްބަހުން އަނެއް ބަހަށް ބަދަލުކުރެވޭނީ ދެ ބަހުގެ ވެސް ބަހުގެ ހަމަ އެނގި ދެ
ބަހަށް ފަރިތަވެގެންނެވެ. ދެބަހުގެ ގަވައިދު ވެސް ރަނގަޅަށް ނޭނގި ސުވިޗެއް ނުކުރެވޭނެއެވެ. ޝާލޮޓް ހޮފްމަން (1991) ހާމަކުރައްވާފައިވާ ގޮތުގައި ދެ ޖުމުލައިގެ ތެރޭގައި ކޯޑް ސްވިޗް ކުރާނަމަ އެއީ އިންޓްރާ ސެންޓެންޝަލް ސްވިޗިންއެވެ.
މިސާލު: މަ މިއަދު ދިޔައިން ތި ގެއަށް. ބަޓް ޔޫ ވަރ ނޮޓް ދެ އަރ. ފޯނަކަށް ވެސް ނުގުޅޭ.
މި މިސާލުގައި ވާހަކަދެއްކި މީހާ ދިވެހިބަހުން ޖުމުލައެއް ބުނުމަށް ފަހު ދެން އައި ޖުމުލަ ބުނެފައި އެވަނީ އިނގިރޭސި ބަހުންނެވެ. އެއަށްފަހު 3 ވަނަ ޖުމުލަ ބުނެފައި އެ ވަނީ އަނެއްކާ ވެސް ދިވެހި ބަހުންނެވެ. އެހެން ކަމުން މިއީ އިންޓަރ ސެންޓެންޝަލް ސްވިޗިންގ އެވެ.
އިންޓްރާ ސެންޓެންޝަލް ކޯޑު މިކްސިންގ (ޖުމުލައިގެ އެތެރޭގެ ބަދަލު)
އިންޓަރ ސެންޓެންޝަލް ކޯޑް މިކްސިންގއާ ޚިލާފަށް މިގޮތަށް ބަސް މަސްހުނި ކުރާނީ މައިގަނޑެއް، ބަސް ކޯޅިއެއް ނުވަތަ ޖުމުލައިގެ ހުދޫދުގެ ތެރޭގައެވެ. މިއީ ކޯޑު މިކްސިންގެ އެންމެ އާންމު ގޮތެވެ. އިންޓްރާ ސެންޓެންޝަލް ސުވިޗިން އަކީ ފްރޭޒަކުން ނުވަތަ ޖުމުލައިގެ ބައުންޑްރީ ތެރޭގައި ގެނެވޭ ބަދަލެއް ކަމުގައި ޓޮމް އެމްސީ އާތޫރު )1998) ހާމަކުރައްވާފައިވެއެވެ. އިންޓްރާ ސެންޓެންޝަލް ސުވިޗިންއަކީ ޖުމުލައިގެ ތެރޭގައި ބޭނުންކުރެވޭ ބަސްކޯޅިއެއް، ބުނުމެއް ނުވަތަ ޖުމުލައެއް އެހެން ބަހަކުން ބޭނުންކުރުންކަމުގައި ޓޮމް އެމްސީ އާތުރު (1998) ހާމަކުރައްވާފައިވެއެވެ. ޝާލޮޓް ހޮފްމަން (1991) ވިދާޅުވާގޮތުގައި ވާހަކަދައްކަމުން ގެންދާއިރު ޖުމުލައިގެ މައިގަނޑު ބައިތައް ދެ ބަހަކުން ގެނެވޭނަމަ އެއީ އިންޓްރާ ސެންޓެންޝަލް ކޯޑް ސުވިޗިންގއެވެ. މިސާލު: މިއަދު ހަމަ ވަރަށް ބޯރިންގ ވާތީ މިއުޅެނީ.
އިންޓްރާ ލެކްސިކަލް ކޯޑް މިކްސިންގ
އިންޓްރާ ލެކްސިކަލް ކޯޑް މިކްސިންގައި މަސްހުނި ކުރަނީ ލަފުޒުގެ މަޚްރަޖް ނުވަތަ ލަފުޒު ކިޔާ ގޮތެވެ. މިސާލަކަށް ދިވެހިބަހުން ވާހަކަދައްކަމުން ވެސް އިނގިރޭސި އެކްސެންޓް ބޭނުންކުރުމެވެ. މިއީ މިހާރަކަށް އައިސް ދިވެހި ނަސްލުގެ ކިޔަވާކުދިންނާއި ޒުވާނުންގެ ކިބައިން ފެންނަ ކެމެކެވެ.
ޓެގް ސްވިޗްކުރުން
މިވައްތަރުގެ ސުވިޗިންގައި ލަފުޒެއް ނުވަތަ ބަސް ކޯޅިއެއް ލަފުޒަކާއި ޓެގު ފްރޭސްތައް މުއާމަލާތުގެ ތެރޭގައި ބޭނުންކުރެއެވެ. އިންޓްރާ ސެންޓެންޝަލް ސުވިޗުކުރުމުގައި ޓެގް ސުވިޗިން ވަރަށް ގިނައިން ފެނެއެވެ. ޓޮމް އެމްސީ އަތޫރު (1998) ހާމަކުރައްވާފައިވާ ގޮތުގައި ޓެގް ސުވިޗިންއަކީ ވާހަކަދައްކަމުންދާއިރު އެހެން ބަހެއްގެ ޓެގެއް ނުވަތަ ވަކި ފްރޭޒެއް ވާހަކަދައްކަމުންދާ ބަހުގެ ތެރެއަށް ގެނައުމެވެ.
މިސާލު: ޓު ޓެލް ޔޫ ފްރޭންކްލީ. ޔޫ ވަރ މައި ފޭވަރިޓް ޓީޗަރ.
ބަސްމަސްހުނިކުރާ ސަބަބުތައް
ކޯޑު މިކްސްކޮށް ކޯޑު ސްވިޗްކުރާ ސަބަބުތަކަކީ ވަކި މައުޟޫއަކާ ގުޅޭގޮތުން ވާހަކަދެއްކުމަށާއި، ކޮންމެވެސް މީހަކަށް ޙަވާލާދިނުމަށް ނުވަތަ ކޯޓްކުރުމަށާއި، އެއްބައިވަންތަކަން ފާޅުކުރުމަށާއި، ނުވަތަ ވަކިކަމަކަށް ބާރުއެޅުމެވެ. މީގެ އިތުރުން ވާހަކައިގެ ތެރެއަށް ޖުމުލަ ފުރިހަމަކުރާ ބަސްތަކާއި ޖުމުލަ ގުޅުވުންތައް ބޭނުންކުރުމަށާއި، އޮޅުންފިލުވުމަށް ތަކުރާރުކުރުމަށާއި، ވާހަކަދައްކާ މީހުން ދައްކާ ވާހަކައިގެ އެސެންސް ނުވަތަ އޮއްޓަރު ދަނެގަތުމުގެ ޝައުޤަށާއި، ގުރޫޕުގެ އަމިއްލަވަންތަކަން ފާޅުކުރުމުގެ އިތުރުން ފާޅުކުރާ އެދުމެއް ނުވަތަ ކޮމާންޑެއް ދެރަވަރުކުރުމަށް ނުވަތަ ވަރުގަދަކުރުމަށް ހަޤީޤީ ބޭނުމެއް ލަފުޒުގެ ގޮތުން ކުރަން ޖެހުމާއި އަދި އޯޑިއަންސެއްގައި ވަކިބަޔަކު އިސްތިސްނާކޮށް ބުނުމެއް ބުނުމަށް ވެސް ކޯޑު ސްވިޗްކުރެއެވެ.
ކުރިން ވެސް ދެންނެވި ފަދައިން ބަސް މަސްހުނި ކުރުމަކީ އެކި ބޭނުންތަކަށް އެތައް ގޮތަކަށް ކުރާ ކަމެކެވެ. އޭގެ ތެރޭގައި ކޯޑް ސްވިޗިންގ އާއި ކޯޑް މިކްސިންގ އާއި، ޓެގް ސްވިޗްކުރުން ހިމެނެއެވެ. އަދި ބޮރޯވިންގ އާއި އިންޓަރ ސެންޓެންޝަލް ސްވިޗިންގ އާއި އިންޓްރާ ސެންޓެންޝަލް ސްވިޗިންގ ހިމެނެއެވެ. އަދި ބަސް މަސްހުނިކުރުމަކީ ވަކި މުޖުތަމަޢަކަށް ވަކި ބަހަކަށް ޚާއްޞަ ކަމެއް ވެސް ނުމެ ނޫންމެއެވެ. މިއީ ދެބައްސަ ހުރިހާ މުޖުތަމަޢެއްގައި ވެސް ހިނގާ ކަމެކެވެ.