ބަހުގެ ގަވާއިދާއި ހަމަތަކާ އެއްގޮތަށް ސާފު ސީދާސާދާ ދިވެހިބަހުން ވާހަކަދައްކާ މީހަކު މިއަދު ފެންނަނީ ހުދުކާޅެއް ފެންނަ އުސޫލުންނެވެ. މިއީ ހައްލުކުރަން ޖެހިފައިވާ މައްސަލައެކެވެ. ދިވެއްސެއްގެ ހައިސިއްޔަތުން، ޚާއްޞަކޮށް ދިވެހި މުދައްރިސެއްގެ ހައިސިއްޔަތުން މި ކަން ހައްލުކުރުމުގައި އަޅުގަނޑުގެ ފަރުދީ ޒިންމާ ވެސް ނުހަނު ބޮޑުކަމުގައި ދެކެމެވެ. އެގޮތުން، މި ލިޔުމުގައި މި ހިމަނައިލަނީ އާއްމުކޮށް ބޭނުންކުރާ ކުށް ބަސްތަކާއި (ލަފުޒުތަކާއި) އެ ލަފުޒުތައް ރަނގަޅު ގޮތުގައި ބޭނުންކުރާނެ ގޮތެވެ. ހަމައެކަނި މި ލިޔުން ކިޔާލައިގެން ފުއްދާނުލާށެވެ. މި ލިޔުމުގެ ބޭނުމަކީ ކުށް ބަސްބަސް ބޭނުންކުރުން މަދުކުރުން ކަމަށް ވާތީ، ތިބާ ވެސް މީގެ ފަހުން، މި ލަފުޒުތައް ރަނގަޅު ގޮތުގައި ބޭނުންކުރަން ހަނދާންކުރަންވާނެއެވެ.
-
އޭގެން، މީގެން:
މިއީ ލިޔެކިޔުމުގައި އެއްގޮތަކަށް ވެސް ބޭނުންކުރުން ރަނގަޅު ލަފުޒުތަކެއް ނޫނެވެ. ރަނގަޅު ގޮތަކީ މި ލަފުޒުތައް ބޭނުންކުރަންޖެހޭ ހާލަތުގައި އެއިން، މިއިން، އެތަނުން، މިތަނުން، އޭގެތެރެއިން، މީގެތެރެއިން ފަދަ ލަފުޒުތައް ބޭނުންކުރުމެވެ.
-
ލިޔެފަކާ، ބުނެފަކާ:
މިއީ ލިޔެފައި، ބުނެފައި މި ދެ ލަފުޒު ނަފީކުރާއިރު ވަރަށް އާއްމުކޮށް އިވޭ އަދި ފެންނަ ގޮތެކެވެ. އެހެން ނަމަވެސް، މިއީ ލިޔެކިޔުމުގައި ބޭނުންކުރުން ރަނގަޅު ގޮތެއް ނޫނެވެ. މި ލަފުޒުތައް ނަފީގެ ގޮތުގައި ބޭނުންކުރާ އިރު އޮންނާންވާނީ ލިޔެފައެއް ނޯންނާނެ، ބުނެފައެއް ނޯންނާނެ، މިގޮތަށެެވެ.
-
ހަޑި، ތާހިރު، ރީތި، ހުތުރު:
ދިވެހި ބަހުގެ ބަސްފޮތުގައިވާ ގޮތުން ހަޑި މި ބަހުގެ އެއް މާނައަކީ "ނުތާހިރު"އެވެ. އަދި އަނެއް މާނައަކީ "ތާހިރުކަމުގެ އިދިކޮޅު"، މިއެވެ. ތާހިރުގެ މާނައަކީ "ސާފު"، "ކުނިމިލައާއި ނުސާފުކަމުން ސަލާމަތްވެގެންވާ"، "ތަޣައްޔަރުވުމެއް ނެތް"، މިއެވެ. މީގެއިތުރުން، މަޖާޒީ ގޮތުން "ރީތި"، މި މާނައިގައި ވެސް މި ލަފުޒު ބޭނުންކުރެއެވެ. އޭގެ މިސާލަކީ އެ ދެމަފިރިންނަކީ ތާހިރު ދިރިއުޅުމެއް އުޅެމުން އަންނަ ބައެކެވެ. "ރީތި" މި ލަފުޒު ބޭނުންކުރަނީ ސިފަ، ހެދިފައިވާ ގޮތް، ކުލަ، ނުވަތަ ވައްތަރުގެ ހިތްގައިމުކަމުގެ މާނައިގައެވެ. މިއާ ޚިލާފަށް، "ހުތުރު" މި ލަފުޒަކީ ސިފަ، އުފެދި ނުވަތަ ހެދިފައިވާ ގޮތް، ކުލަ، ނުވަތަ ވައްތަރުގައި ރީތިކަމެއް ނެތް ކަން ބަޔާންކޮށްދޭން ބޭނުންކުރާ ލަފުޒެކެވެ. އެހެންކަމުން، ހުތުރު މީހަކަށް ހަޑި މީހެކޭ ނުބުނެވޭނެއެވެ. ހުތުރު އެއްޗަކަށް ހަޑި އެއްޗެކޭ ބުނެވިގެން ނުވާނެއެވެ. ހަޑި މީހަކަށް ވާނީ ނުތާހިރު މީހާއެވެ.ހަޑި އެއްޗަކަށް ވާނީ ނުތާހިރު އެއްޗެވެ. ސިފަ ރީތި ނޫން މީހާ ވާނީ ހުތުރު މީހަކަށެވެ. ސިފަ ރީތި ނޫން އެއްޗެއް ނަމަ، އެ ވާނީ ހުތުރު އެއްޗަކަށެވެ. އެއްޗެއްގެ ގޮތްގަނޑާއި ބައްޓަމާއި ކުލަ، ރީތި ނޫން ނަމަ، ބުނަން ވާނީ ހުތުރު އެއްޗެކޭ ނުވަތަ ކުލަ ހުތުރު އެއްޗެކޭއެވެ. ވީމާ، މީގެ ފަހުން މީހަކު ފެންވަރައި ނަލަވެގެން ހުއްޓައި އެ މީހާއާ ދިމާއަށް ވަރަށް ހަޑި މީހެކޭ ނުބުނާށެވެ. ސިފަ ރީތި ނޫން ނަމަ، އެ މީހާ ވާނީ ހުތުރު މީހަކަށެވެ. ހަމަ މިގޮތަށް، އެ ގޮތް މާ ހަޑި، ތިޔަހަރީ ހައްތާ ވެސް ހަޑި ގޮތްގޮތޭ ބުނުމަކީ ދިވެހި ބަސް ދަންނަ ހަމައެއް ނޫނެވެ. އެ ކުރެހުން ވަރަށް ހުތުރެވެ. އެގޮތް މާ ހުތުރެވެ. ހުތުރު ގޮތްގޮތެވެ. މި ގޮތްގޮތަށް ބުނާށެވެ.
-
އޮއްވަކާ، ހުއްޓަކާ:
މިއީ ވެސް ކުށް ލަފުޒުތަކެކެވެ. ރަނގަޅު ގޮތަކީ "އޮއްވައެއް"، "ހުއްޓައެއް"، މިއެވެ. މިސާލަކަށް ގުސައްޔު އުނދޯއްޔެއްގައި އޮތް ތަން ޖައިޝްއަށް ނުފެންނަ ކަމަށް ވާނަމަ، ޖައިޝް ބުނަން ވާނީ "ގުސައްޔު ޖޯލީގައި އޮތްވަކައެއް ނުދެކެން"، މިހެނެއް ނޫނެވެ. ބުނަންވާނީ، "ގުސައްޔު ޖޯލީގައި އޮތްވައެއް ނުދެކެން"، މި ގޮތަށެވެ. ނަދީމް އަތިރިމަތީގައި ހުއްޓަކައެއް ނުދެކެމޭ ބުނުމުގެ ބަދަލުގައި ބުނަންވާނީ، ނަދީމް އަތިރިމަތީގައި ހުއްޓައެއް ނުދެކެމޭއެވެ.
-
ކުރެން:
މިއީ ގުޅުން ދޭހަކޮށްދޭ އަކުރެކެވެ. މި ލަފުޒު ބޭނުންކުރެވެނީ، ކިބައިން، ފަރާތުން، ފުށުން، މިތިން އަކުރު ހ ބޭނުކުރެވޭ ތަންތާނގައެވެ. މިސާލު: ތިޔަ ލަފުޒުގެ މާނަ މާއޫން ކުރެން އަހާށެވެ. އެ ގެއާއި މިގެއާ ކުރެން ިތްފަސޭހައީ ކޮން ގެއެއް ހެއްޔެވެ؟
-
ދިމާލަށް:
ދިމާލަށް މިގޮތަށް ބޭނުންކުރުމަކީ އެއްވެސް ހާލެއްގައި ރީތި ގޮތެއް ނޫނެވެ. ރަނގަޅު ގޮތަކީ "ދިމާއަށް"، ނުވަތަ "ދިމާޔަށް"، މި ދެ ގޮތުންކުރެ ގޮތެއް ބޭނުންކުރުމެވެ.
7. ދެމެދު، މެދު:
"ދެމެދު"، މި ލަފުޒު ބޭނުންކުރާނީ ދެފަރާތަކާ ބެހޭގޮތުން ވާހަކަދައްކާ އިރުއެވެ. "މެދު" މި ލަފުޒު ދެ ގޮތަކަށް ބޭނުންކުރެވެއެވެ. ފުރަތަމަ ގޮތަކީ "ދެމެދުގެ" މާނަ ދޭހަކުރުމުގެ ގޮތުންނެވެ.ދެވަނަ ގޮތަކީ ދެ ފަރާތަށް ވުރެ ގިނަ ފަރާތްތަކަކާ ބެހޭ ގޮތުން ވާހަކަދައްކާ އިރުއެވެ. މިސާލަކަށް: ބައިވެރިވި ދަރިވަރުންގެ މެދުގައި ގުރުއަތުނަގާށެވެ.
-
އެނބުރި އައުން، އަނބުރައި އައުން:
"އެނބުރި އައުން" ބުނެ އުޅެނީ މީހުންނާ ގުޅުވައިގެންނެވެ. އަނބުރައި އައުން ބުނެ އުޅެނީ ދަތުރުކުރާ އެއްޗިއްސާ ގުޅުވައިގެންނެވެ. މިސާލު: ހަލީމާ އެނބުރި އަތުވެއްޖެއެވެ. އެ ދޯނި އަނބުރައި އަންނާނެއެވެ.
-
ދޮށުގައި:
މިއީ ވަކި ހިސާބަކާ ބެހޭގޮތުން ބަސް ބުނުމުގައި ބޭނުންކޮށް އުޅޭ ގޮތެކެވެ. މިސާލު: ދޯނި ދޮށުގައި، ބަދިގެ ދޮށުގައި، ވަޑާންގެ ދޮށުގައި.
-
ގާތުގައި، ކައިރީގައި:
މި ދެ ލަފުޒަކީ މާނައިގެ ގޮތުން އެއް މާނައެއް ދޭހަކޮށްދޭ ދެ ލަފުޒުކަމުގައި ވީ ނަމަވެސް، ބޭނުންކުރެވޭ ގޮތުގައި ތަފާތެއް ހުރެއެވެ. އެގޮތުން، "ގާތް" މި ލަފުޒު ބޭނުންކުރަނީ އާއްމު ގޮތެއްގައި މީހުންނާ ގުޅޭގޮތުން ވާހަކަދައްކާ އިރުއެވެ. އެހެން ނަމަވެސް، "ކައިރީގައި" މި ލަފުޒު ބޭނުންކޮށް އުޅެނީ އެއްޗިއްސާ ގުޅުވައިގެންނެވެ.
-
އަޅައިކިޔުން، އަޅުވައިކިޔުން، އަޅައިބެލުން:
އަޅައިކިޔުމަކީ ލިޔެފައިވާ ނަކަލެއް އޭގެ އަސްލާ އެއްގޮތްތޯ ބަލާން ކިޔުމެވެ. މިސާލަކަށް: އެ ދެ ލިޔުމުގެ ފެންވަރު ތަފާތުކަން އެނގުނީ ރަނގަޅަށް ދެ ލިޔުން އަޅައިކިޔައިލީމައެވެ.
އަޅުވައިކިޔުމަކީ ލައިދީގޮވުމެވެ. ދެ މީހެއްގެ ދެމެދުގައި ވަކިކަހަލަ ގުޅުމެއް ހުންނަ ކަމަށް ވާހަކަދެއްކުމެވެ. މިސާލަކަށް އެ ދެމީހުންގެ ގުޅުން ފެށުނީ އަޅުވައިކިޔަން ފެށި ހިސާބުންނެވެ.
އަޅައި ބެލުމަކީ އެކަތި އަނެކައްޗާ ނުވަތަ އެއް ތަން އަނެއް ތަނާ، އެކަކު އަނެކަކާ ނިސްބަތްކޮށް ބެލުމެވެ. މިސާލު: އެންޑްރޮއިޑާ އަޅައިބަލާއިރު އައިއޯއެސް މާ ފެންވަރު ރަނގަޅެވެ. ރާއްޖެއާ އަޅައިބަލާއިރު އެ ގައުމަކީ މާ ފަގީރު ގައުމެކެވެ. ރޮނާލްޑޯއާ އަޅައިބަލާއިރު މެސީ މާ މޮޅެވެ.
މަސްދަރުތައް: އެމްއެންޔޫގެ އަތްމަތީ ކަރުދާސްތައް، ދިވެހި ބަހުގެ ގަވައިދު ފޮތްތައް، ދިވެހި މުދައްރިސުންގެ ފޮތްތައް.