لْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
މުސްލިމުންގެ އުންމަތަށް ﷲ سبحانه وتعالى ވަނީ އެކަލާނގެ ޙިކްމަތްވަންތަކަމާއި ރަޙްމަތުން އަހަރުގެ އެކި ދުވަސްތައް މާތްކަމުގެ ގޮތުން ތަފާތު ކުރައްވާފައެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހަކީ މުޅި އަހަރުގެ ތެރޭގައި އަންނަ ވަރަށް މަތިވެރި ޚާއްޞަދުވަސްތަކެއްގެ ފެށުމެވެ. އެއީ ޙައްޖުމަހެވެ. ޙައްޖުމަސް ފެށިގެން ދާއިރު ޙައްޖުވެރީން ދީނުގެ އެންމެމަތިވެރި އެއްއަޅުކަން ކަމުގައިވާ ޙައްޖުގެ އަޅުކަން އަދާކުރުމަށް ތައްޔާރުވަމުންދެއެވެ. ޙައްޖުމަހުގެ 8 ވަނަދުވަހު (މިއަދު) ޙައްޖުގެ އަޅުކަމުގެ ދަތުރުތައް ފަށައިގަނެއެވެ. އަދި ޖެހިގެން އަންނަ 9 ވަނަދުވަހަކީ (މާދަމާއަކީ) މިމަހުގެ އެންމެމާތް ދުވަހެވެ. އެދުވަހުގައި ޢަރަފާތުގައި ޙައްޖުވެރީން ހޭދަކުރާ ވަގުތަކީ މުޅި މިމަހުގެ އަދި ޙައްޖުވެރިޔާގެ އެންމެ ޚާއްޞަ ވަގުތުތަކެވެ. އެންމެބޮޑަށް ﷲ سبحانه وتعالى އަށް ވެވޭ އަޅުވެތިކަން ފާޅުވެގެންދާ ދުވަހެވެ. އެދުވަހުގައި ޙައްޖުވެރިންގެ އަޅުކަމަކީ އެމާތް ބިމުގައި ތިބެގެން އެކަލާނގެއަށް ދުޢާ ދެންނެވުމުގައި މުޅި މެންދުރުފަސް އެއްކޮށް އިރުއޮއްސެންދެން ހޭދަކުރުމެވެ. ދުޢާކުރުމާއި ޛިކުރުކުރުމާއި ﷲ سبحانه وتعالى ގެ މަތިވެރިކަން ހަނދުމަކުރުމުގެ ގޮތުން ތަލްބިޔާ ކިޔުމާއި ތަސްބީޙައާއި ތަޙްލީލާއި ޙަމްދުކުރުމަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބެގެންވެސް ކުރެވޭނެ ކަމެކެވެ. ކޮންމެ ތަނެއްގައި ތިބެގެން ކުރިޔަސް އެއީ ހުސް މަތިވެރި އަޅުކަންތަކެވެ. ނަމަވެސް ޙައްޖުވެރިން ޢަރަފާތުގައި ތިބެގެން އެދުޢާ އާއި ޛިކުރުތައް ކުރުމީ އެބައިމީހުން އެބިމުން ނިކުންނައިރު މައިމީހާގެ ބަނޑުން ވިހޭދުވަސް ފަދައިން ސާފުޠާހިރުވެގެން ދާހައި މަތިވެރި ދުވަހެކެވެ. އެކަލާނގެ ފުއްސެވުން ލިބޭދުވަހެކެވެ.
ހަމައެއާއެކު ޢަރަފާތު ބިމުގައި ނޫނަސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހައި މުސްލިމުން އަދި ޢަރަފާތު ބިމަށް ނުވަތަ މައްކާއަށް އެދުވަހުގައި ގޮސްފައި ނުވިކަމުގައިވީ ނަމަވެސް އެއެންމެންނަށްވެސް އެދުވަސްވަނީ ޚާއްޞަ ކުރައްވާފައެވެ. އެއީ މިއަހަރުގައިނަމަ މާދަމާއެވެ. އެއީ ޙައްޖުދުވަހެވެ. ދުނިޔޭގެ ބިންމައްޗަށް ވެރިވާނެ އެންމެ މާތް ދުވަހެވެ. ފާފަފުއްސެވުމުގެ ދުވަހެވެ. ޚާއްޞަކޮށް އެދުވަހަކީ އެންމެހައި މުސްލިމުން ފާފަފުއްސެވުން އެދި ދުޢާކުރުމާއި އެކަލާނގެ ތަކްބީރު ކިއުމާއި ތަޙްލީލު ކުރުމުގައި ދުވަސް ހޭދަކުރުން މުހިންމު ދުވަހެކެވެ. އެދުވަހުގައި ރޯދަޔަށް ހުރުމަކީ ވަރަށް މަތިވެރިކަން ލިބިގެންވާ ސުންނަތެކެވެ. ޙައްޖުގެ އަޅުކަން އަދާކުރަމުންދާ ޙައްޖުވެރިންނަށް އެދުވަހުގައި ރޯދަހިފުމަކީ މަކްރޫހަވެގެންވާ ކަމަކަށްވާއިރު، ޙައްޖުވެރިން ނޫން އެހެން އެންމެން އެދުވަހުގައި ރޯދައަށް ތިބުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ޞަޙީޙް މުސްލިމްގައި ރިވާވެފައިވި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘެއްގައިވެއެވެ: އެކަލޭގެފާނާއި ޢަރަފާތު ދުވަހުގެ ރޯދަޔާއި މެދު ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ: ((يُكَفِّرُ السَّنَةَ الْمَاضِيَةَ وَالبَاقِيَةَ)) މާނައީ: [އެރޯދައިން ފާއިތުވި އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަތައް ފުއްސެވެއެވެ] އެއީ ޙައްޖުވެރިން ނޫން މީހުންނަށް އޮތް ޙުކުމެވެ. ޢަރަފާތު ދުވަހުގައި ރޯދަހިފުމީ ގަދަވެގެންވާ ސުންނަތެކެވެ. އެއާޚިލާފަށް ޙައްޖުވެރީންނަށް ސުންނަތްވެގެންވަނީ އެދުވަހުގައި ރޯދައަށް ނުހުރުމެވެ. ބުޚާރީގައި މައިމޫނާ رضي الله عنها ގެ އަރިހުން ރިވާވެގެންވީ ޙަދީޘެއްގައިވެއެވެ: ((أنَّ النَّاسَ شَكُّوا في صِيَامِ النَّبيِّ صَلَّى اللهُ عليه وسلَّمَ يَومَ عَرَفَةَ، فأرْسَلَتْ إلَيْهِ بحِلَابٍ وهو واقِفٌ في المَوْقِفِ، فَشَرِبَ منه والنَّاسُ يَنْظُرُونَ)) މާނައީ: [ހަމަކަށަވަރުން ޢަރަފާތް ދުވަހުގައި ނަބިއްޔާ صلى الله عليه وسلم ގެ ރޯދައާމެދު މީސްތަކުން ޝައްކު ކުރިއެވެ. ދެން އެކަމަނާ އެކަލޭގެފާނަށް ކިރުތައްޓެއް އެރުވިއެވެ. އޭރު އެކަލޭގެފާނު ހުންނެވީ ޢަރަފާތު ބިމުގައި ކޮޅަށް ހުއްޓިވަޑައިގެންނެވެ. އެހިނދު މީސްތަކުން ބަލަންތިއްބާ އެކަލޭގެފާނު އެކިރުތަށި ބޯލެއްވިއެވެ.] ވީމާ އެކަލޭގެފާނަށް ތަބާވުމުގެ ގޮތުން އެދުވަހުގައި އެއްވެސް ޙައްޖުވެރިޔަކު ރޯދަ ހިފުމެއް ނުވެއެވެ.
ޢަރަފާތު ދުވަހުގެ އިތުރުންވެސް ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް އެއްކޮށްވެސް އެއީ، ރަމަޟާން މަހުގެ އެންމެ ފަހު ދިހަ ރޭތަކުގެ މާތްކަން ވާފަދައިން، މުޅިއަހަރުގެ އެންމެ މާތްވެގެންވާ ދިހަ ދުވަހެވެ. ރަމަޟާން މަހުގައި އެއީ ދިހަރެއެވެ. މިއީ ދިހަ ދުވަހެވެ. އެގޮތުން ފަޖުރު ސޫރަތް ފެށޭއިރު ފަޖްރުގެ ވަގުތު ގަންދެއްވާ ﷲ ވަޙީކުރެއްވުމަށް ފަހުގައި ބަޔާންކުރައްވާ މާތްވެގެންވާ ދިހަ ރޭގެ ވާހަކައިގައި ﴿وَلَيَالٍ عَشْرٍ﴾ سورة الفجر:2 މާނައީ: "އަދި ދިހަރޭ ގަންދެއްވަމެވެ." (މާނައީ ދިހަދުވަހެވެ.) މިއާޔަތުގައި އެންމެގިނަ ތަފްސީރުވެރިން އޭގެ މާނައިގެ ގޮތުގައި ބަޔާންކުރައްވަނީ އެއީ ޙައްޖުމަހުގެ ފުރަތަމަ 10 ދުވަސްކަމަށެވެ. އެގޮތުން ޞަޙާބީންނާއި ތާބިޢީންނާއި އަދި ޤުރުއާން ތަފްސީރު ޢިލްމުވެރިން ކަމުގައިވާ އިބްނު ކަޘީރު، އައްޠަބަރީ، ޤުރުޠުބީ ޝައުކާނީ އަދި އެހެނިހެން ބޭކަލުންވެސް ތަފްސީރު ކުރައްވަނީ އެފަދައިންނެވެ. އެދުވަސްތަކުގެ މަތިވެރިކަން މިއާޔަތުން ދޭހަވެގެންދެއެވެ.
އެއީ މުޅިއަހަރުގައިވެސް އެދުވަހެއްގައި ހެޔޮޢަމަލުކުރުން އެންމެ މަތިވެރިކަން ބޮޑު ދުވަސްތަކެވެ. މާތްﷲ ގެ ހަޟްރަތުގައި އެންމެލޮބުވެތި ޢަމަލަކީ އެދުވަސްތަކުގައި ކުރެވޭ ހެޔޮޢަމަލުތަކެވެ. ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައި އަޞްޙާބު ބޭކަލުންގެ ވިސްނުމުގައި ﷲ سبحانه وتعالى ގެ މަގުގައި ކުރެވޭ އެންމެބޮޑު އެންމެ ދަތިއުނދަގޫ ކަމަކީ އެކަލާނގެ މަގުގައި ކުރެވުނު ހަނގުރާމަތަކެވެ. އެބައިމީހުންގެ ފުރާނަތަށް އަތްމައްޗަށް ލައިގެން ހޭދަކުރާ ހަނގުރާމައިގެ ވަގުތުތައް އެއީ އިސްލާމްދީނުގެ ރުކުންތަކަށް ފަހުގައި، އެބައިމީހުންގެ ނަޒަރުގައި ކުރެވޭ އެންމެހެޔޮ ޢަމަލެވެ. ނަމަވެސް އެވިސްނުމުގެ މައްޗަށް މުޅިން އެހެން ވިސްނުމަކަށް ބަދަލުވެގެންދަނީ ރަސޫލާގެ އަންނަނިވި ޙަދީޘުންނެވެ. ޢަބްދުﷲ ބުން ޢައްބާސް رضي الله عنه ގެ އަރިހުން ޞަޙީޙް ބުޚާރީގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް ރިވާވެގެން ވެއެވެ: ((مَا مِن أيَّامٍ العَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللهِ مِن هَذِهِ الأيَّامِ اْلعَشْرِ . قَالُوا : يَا رَسُولَ اللهِ وَلَا الجِهَادُ فِي سَبِيلِ اللهِ ؟ فَقَالَ رَسُولُ اللهِ صلَّى اللهُ عليه وسلَّم : وَلَا الْجِهَادُ فِي سَبِيلِ اللهِ إِلَّا رَجُلًا خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ)) މާނައީ: [މިދިހަދުވަހުގައި ކުރެވޭ ހެޔޮޢަމަލަށްވުރެ ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު ހެޔޮޢަމަލު ކުރެވޭނޭ އެހެން ދުވަސްތަކެއް ނުވެއެވެ. އެބައިމީހުން ދެންނެވިއެވެ: އޭ ﷲ ގެ ރަސޫލާއެވެ. ﷲ ގެ މަގުގައި ކުރެވޭ ޖިހާދަށްވުރެވެސް ތޯއެވެ؟ އެހިނދު ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ﷲ ގެ މަގުގައި ޖިހާދުކުރުމަށް ވުރެވެސް މެއެވެ. އެއީ ޖިހާދު ކުރާމީހުންގެ ތެރެއިން އެމީހެއްގެ ނަފްސާއި އޭނާގެ މުދާ ހިފައިގެން ނިކުމެ އެއިން އެއްވެސް އެއްޗެއް ހިފައިގެން އަނބުރާ ނާންނަ މީހުން ފިޔަވައެވެ.] ވީމާ ﷲ ގެ މަގުގައި ޖިހާދަށް ގޮސް އެމަގުގައި ޝަހީދުވި މީހުން ފިޔަވައި ޖިހާދަށްދިޔަ އެހެންމީހުންނަށް ވުރެވެސް، އެމީހެއްގެ ރަށުގައި މިދިހަ ދުވަހުގައި ހެޔޮޢަމަލު ކުރުމުގައި ހޭދަކުރާ މީހާގެ ހެޔޮކަން ބޮޑުވެގެންވެއެވެ. މުސްލިމެއްގެ ހިތަށް މިފަދަ ޙަދީޘްތަކުން ހެޔޮއަސަރު ކުރަންޖެހޭނެއެވެ. ނަފްސަށް ބަދަލު އަންނަންޖެހޭނެއެވެ. މުޖްތަމަޢުގެ މީހުން ކަންތައްތަކެއް ކުރުމުން ނުވަތަ އެންމެން ކުރާތީ ވަރަށް ގިނަމީހުންނަށް އަސަރުކޮށް ތިމާވެސް އެކަމެއް ކުރަން ފަށައެވެ. މިއަދު ގިނަމީހުން ހެޔޮޢަމަލުތައްވެސް ކުރާތަން ފެންނަނީ އެގޮތަށެވެ. ނަމަވެސް މިފަދަ ޙަދީޘެއް ފެނުމުން ނަފްސު ބަދަލުވާންޖެހެއެވެ. އެހެންމީހުން މިދުވަސްތައް ތަފާތުކުރާތަން ނުފެނުނަސް ތިމާ އެދުވަސްތައް ތަފާތުކޮށްލަންޖެހެއެވެ. ހެޔޮޢަމަލުތައް ގިނަކުރަންޖެހެއެވެ. ރަމަޟާން މަހުގެ ފަހު ދިހަދުވަސްތައް ހޭދަކުރިފަދަ ތަފާތު މީހަކަށްވެ، ނުހަނު ގިނައިން ހެޔޮޢަމަލުތައް ކުރާމީހަކަށް ވެގެންދާންޖެހެއެވެ. ﷲ سبحانه وتعالى އަށާއި ރަސޫލާ صلى الله عليه وسلم އަށް ފުރިހަމައަށް އީމާންވާ މީހުންގެ ކިބައިން ފެންނާނީ އެމަންޒަރެވެ.
ﷲ سبحانه وتعالى ގެ ޙަޟްރަތުގައި މުޅިއަހަރުގައިވެސް އެންމެ ލޮބުވެތިކަން ބޮޑު މިދިހަ ދުވަހަށް އަޅަމެންގެ ހިތްތަކުގައިވެސް ލޯބި ޖައްސަވާ، މިދުވަސްތަކުގައި ގިނައިން ހެޔޮޢަމަލުތައް ކުރުމުގެ ހެޔޮތައުފީޤު މިންވަރު ކޮށްދެއްވާށިއެވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.