ބުރާސްފަތި, 24 އޭޕްރިލް 2025

ކިޔަން އެނގޭ މީހެއްގެ ކިބައިގައި މައިގަނޑު 5 ގާބިލިއްޔަތެއް ހުންނަންޖެހޭ!

ކިޔަންއެނގުމަކީ ލަފުޒު ދެނެގަތުން ކަމަށް މާނަކުރި ޒަމާން މާޒީވެ ގޮސް، އޭގެ މާނަ މިހާރު މި ވަނީ ވަރަށް ފުޅާވެފައެވެ. ދަންނަވަން މިއުޅެނީ ލިޔެފައި އޮންނަ ލަފުޒެއް އެނގުމަކުން ފުރިހަމައަށް ކިޔަން އެނގޭ މީހަކަށް ނުވާ ވާހަކައެވެ. އެހެނީ ފުރިހަމައަށް ކިޔަން އެނގޭ މީހެއްގެ ކިބައިގައި 5 ކަމެއް ހުރުން ބަހަވީ އިލްމުވެރިން ލާޒިމްކޮށްފައި ވާތީއެވެ.  އެއީ ޝައުގުވެރިކަމާއި، ފަރިތަކަމާއި، އަކުރާއި އަޑުގެ ގުޅުން އެނގުމާއި ދޭހަވުމުގެ އިތުރުން ބަސްކޮށާރުގެ މުއްސަނދިކަމެވެ.

ފުރިހަމައަށް ކިޔަން ދަންނަ ކުއްޖެއްގެ ކިބައިގައި ހަރުލާފައި ހުންނަންޖެހޭ އެންމެ މުހިންމު އެއް ޤާބިލިއްޔަތަކީ ޝައުގުވެރިކަން ނުވަތަ ކިޔުމާ މެދު އޭނާ ދެކޭ ގޮތެވެ. އެހެންކަމުން، ކިޔުމަށް ޝައުގުވެރިކަން އުފެއްދުމަށް ޓަކައި މުދައްރިސުން ސަމާލުކަން ދޭންޖެހެއެވެ. އެގޮތުން ކުދިން ޝައުގުވެރިވާ ފަދަ ތަފާތު ބާވަތްތަކުގެ ލިޔުން ފޯރުކޮށްދީ، އެ ކުދިންނަށް ޓެކްސްޓް އިޚުތިޔާރުކުރުމަށް ފުރުސަތުދިނުން ފަދަ ކަންތައް ކޮށްދީގެން އެ ކުދިން ކިޔުމަށް ޝައުގުވެރިކުރެވިދާނެއެވެ.

ފަރިތަކޮށް ކިޔުމަކީ ލިޔުމުގައިވާ އެއްޗެއް ނުވަތަ ލިޔުންތެރިޔާގެ މެސެޖު ދޭހަވެގެން ހާލަތާ މުނާސަބު

އެކްސްޕްރެޝަންތަކާ އެކު ބާރަށް ކިޔުމުގެ ހުނަރު ލިބިފައިވުމެވެ. ރަނގަޅަށް ލަފުޒު ދެނެގަންނަން އެނގުމާއި، އިޚްތިޔާރެއް ނެތި ކިޔަން އެނގުމާއި، ލިޔުމާ ގުޅޭ ރާގާއި ކިޔުމުގެ ސްޕީޑް ބޭނުންކުރަން އެނގުމަކީ ފަރިތަކޮށް ކިޔާ މީހެއްގެ ކިބައިން ފެންނާނެ 3 ހުނަރެވެ.

އަކުރާއި އަޑުގެ ގުޅުން އެނގުން ނުވަތަ ފޮނޮލޮޖިކަލް އެވެއާނެސްއަކީ ވާހަކަ ދެއްކުމުގައި ގެންގުޅޭ ތަފާތު އަޑުތައް ދެނެގަތުމާއި އެއްއަޑާއި އަނެއް އަޑުގުޅުން އަދި ތަފާތު އަޑުތައް ބޭނުންކޮށްގެން ވާހަކަ ދެއްކުމުގެ ޤާބިލުކަން ލިބިދިނުމެވެ.

ދޭހަވުމަކީ ކިޔާ ތަކެތި ދޭހަކުރުމަށް ކިޔުމުގެ އެންމެ ފަހުގެ މަރުޙަލާކަމުން ރަނގަޅު އަޑުމަޚުރަޖައިން ލަފުޒުތައް އަދާކޮށް، ކިޔާ ތަކެއްޗާ ގުޅޭގުތުން ރާގައި ހަރަކާތް ބަދަލުކޮށް ފަރިތަކަމާ އެކު ކިޔަން އެނގުމަކީ، ދޭހަކުރުމަށް ބޭނުންވާ މުހިންމު ހުނަރުތަކެވެ.

ބަސްކޮށާރަކީ، ކިޔުމާއި ލިޔުމާއި ވާހަކަދެއްކުމަށް ބޭނުންކުރާ ލަފުޒުތަކެވެ. މި ލަފުޒުތަކާއި އޭގެ މާނަދޭހަވުމަކީ، ކިޔާ ތަކެތި ދޭހަކުރުމަށް ވަރަށް މުހިންމު ހުނަރެކެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *