އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ މަތީސާނަވީ ބިޒްނަސް ސްޓްރީމް ދަރިވަރުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ "ބިޒްނަސް ސްޓަޑީ ޓްރިޕް" މި އަހަރު ވެސް ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.
މިހިނގާ ޖޫން މަހުގެ 14ވަނަ ދުވަހުން ފެށިގެން 21ވަނަ ދުވަހުގެ ނިޔަލަށް ތައިލެންޑަށް ކުރި މި ދަތުރުގައި ބިޒްނަސް މާއްދާގައި އުނގަންނައިދޭ ފިލާވަޅުތައް ވިޔަފާރީގެ އަމަލީ މައިދާނުން ބަލައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދިޔައެވެ. ތައިލެންޑުގެ ތަފާތު އެކި ކާރުޚާނާތަކުގެ އިތުރުން އެ ގައުމުގެ އާސާރީ ބިނާތަކާއި ފަތުރުވެރިކަމުގެ މަންޒިލްތަކަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ވެސް ދަރިވަރުންނަށް ވަނީ ލިބިފައެވެ. އެގޮތުން މި ދަތުރުގައި ދަރިވަރުން ވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކާއި ބެންކޮކްގެ ކައިރީގައިވާ ޕްރޮވިންސްތަކުގައި ހުރި ފަސް ކާރުޚާނާއަކަށް ޒިޔާރަތްކޮށްފައެވެ.
" އެންމެ ފުރަތަމަ ދިޔައީ 'ސްރީރާޗާ ފާރމް އޭޝިއާ’އަށް. އެ ފެކްޓްރީގަ ކިނބޫ އާލާކޮށް ކިނބުލުގެ ހަމުން ބެލްޓާއި، އަތްދަބަހާއި ފޯނުކަވަރު ފަދަ ތަފާތު އެކި ވައްތަރުގެ ތަކެތި އުފައްދާގޮތް ބަލައިލުމުގެ ފުރުސަތު ލިބުނު. މީގެ އިތުރުން، އަގުބޮޑު މައުދަންތަކުން ގަހަނާ އުފައްދައި ވިއްކާ 'ޖެމްސް ގެލަރީ’އަށް ވެސް ގެންދިޔަ. ގެރިކިރު ޕްރޮސެސްކޮށް، ޑަޔަރީގެ ބާވަތްތައް އުފައްދާ 'ތައި-ޑޭނިޝް ޑަޔަރީ ފާމް’އަށް ޒިޔާރަތްކޮށް، ކިރު އުފައްދާ މެޝިންތައް ބަލާލުމުގެ އިތުރުން ގެރީގެ ކިރުފެލުމާއި، ގެރިއަށް ކާންދިނުމާއި އަސްދުއްވުން ފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދަރިވަރުންނަށް ވަނީ ލިބިފަ.
މޭބިސްކަދުރު ދަނޑެއް ކަމުގައިވާ 'ޕީބީ ވެލީ’އަށާ ޗޮކުލެޓު އުފައްދާ 'ޗޮކޮލޭޝިއާ' ފެކްޓަރީއަށް ވެސް ޒިޔާރަތްކުރިން." މި ދަތުރުގައި ތަޖުރިބާކުރެވުނު ކަންތައްތަކާ ބެހޭ ގޮތުން ވާހަދައްކަމުން ގްރޭޑް 11ޖޭގެ ދަރިވަރު އަޙްމަދު ރައްޔާން މުޙައްމަދު އަނީސް ބުންޏެވެ.
"މި ދަތުރާ މެދު އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ. ވަރަށް ގިނަ އާ ތަޖުރިބާތަކެއް ކުރެވި، އެތައް މައުލޫމާތެއް ލިބިއްޖެ. ސިންގަޕޯރ އެއާރލައިންސްގަ، ސިންގަޕޯރގަ ޓްރާންސިޓުކޮށްފަ ތައިލެންޑަށް ދިޔައީ. ދަރިވަރުންނާ މުދައްރިސުންގެ އެކޮމޮޑޭޝަންގެ ގޮތުގައި ހަމަޖައްސާފަ ހުރީ ހަތަރުތަރީގެ މަޝްހޫރު ހޮޓަލެއް. ކޮންމެ ދުވަހެއްގެ ހެނދުނުގެ ސައި މި ހޮޓެލުން ފޯރުކޮށްދޭއިރު މެންދުރާއި ރޭގަނޑުގެ ކެއުން ވެސް ތައިލެންޑުގެ މަޝްހޫރު ރެސްޓޯރަންޓުތަކުން ވަރަށް ފުރިހަމައަށް ހަމަޖައްސާފަ ހުރީ. އަޅުގަނޑުމެންނާ ހަވާލުވެގެން ދުރުވި ސީނިއަރ މެނޭޖްމެންޓުގެ ބޭފުޅުން އަޅުގަނޑުމެންގެ ކަންތައްތައް ވަރަށް ފަރުވާތެރިކަމާ އެކު ވަރަށް ފުރިހަމައަށް ބެލެހެއްޓެވި." ރައްޔާން ބުންޏެވެ.
ދަރިވަރުން ޒިޔާރަތްކުރި ސަޤާފީ އަދި އާސާރީ ތަންތަނުގެ ތެރޭގައި އެރަވާން މިޔުޒިއަމާއި "އެންޝަންޓް ސިޓީ" ހިމެނެއެވެ. އެރަވާން މިއުޒަމުން ތައިލެންޑުގެ ސަޤާފީ ޤަބޫލުކުރުންތަކާއި ވާހަކަތައް އަޑުއަހާލެވި، ސަޤާފީ އާސާރުތައް ދެކިލުމުގެ ފުރުސަތު ދަރިވަރުންނަށް ލިބުނެވެ. އެންޝަންޓް ސިޓީއަކީ ތައިލެންޑުގެ އިހުޒަމާނުގެ ބިނާތައް ނަކަލުކޮށް ހަދާފައިވާ ވަރަށް ފުރިހަމަ ސިޓީއެކެވެ.
މިދަތުރުގައި ދަރިވަރުން ވަނީ ތައިލެންޑުގެ ފަތުރުވެރިކަމުގެ ވަރަށް ގިނަ މަންޒިލްތަކަށް ވެސް ޒިޔާރަތް ކޮށްފައެވެ. އެގޮތުން، ޗައޯ ޕްރަޔާ ކޯރުގެ 'ޑިނަރ ކްރޫޒް’އެއްގައި ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން، 600 އޭކަރުގެ ބޮޑުމިނުގެ ބަގީޗާއެއް ކަމަށްވާ 'ނޮންގ ނޫޗް ޓްރޮޕިކަލް ގާރޑެން’އަށް ޒިޔާރަތްކޮށް އެތަނުގައިވާ މާބަގީޗާތަކާއި ޕުލާސްޓިކުން ހަދާފައިވާ ތަފާތު ސްކަލްޕްޗަރތަކާއި އިހުގެ ފަރުމާތަކާއި އެއްގޮތަށް ހަދާފައިވާ އިމާރާތްތައް ބަލާލުމުގެ ފުރުޞަތު ދަރިވަރުންނަށް ވަނީ ލިބިފައެވެ. މިއާއެކު، ތްރީޑީ އޮގްމެންޓް ރިއަލިޓީ އާރޓް ގެލަރީއެއް ކަމުގައިވާ 'އާރޓް އިން ޕެރަޑައިސް’ގެ އިތުރުން 'މެޑަމް ޓުސާޑްސް' ވެކްސް މިޔުޒިއަމަށާއި ދެކުނު އޭޝިޔާގައި ހުރި އެންމެ ބޮޑު އެކުއޭރިއަމް ކަމުގައިވާ 'ސީ ލައިފް ބެންކޮކް’އަށް ވެސް ދަރިވަރުން ވަނީ ޒިޔާރަތްކޮށްފައެވެ.
މި ދަތުރުތަކުގެ އިތުރުން، ދަރިވަރުންނަށް ވަނީ 3 މޯލެއްގައި ވިޔަފާރިކުރުމުގެ ފުރުޞަތު ވެސް ލިބިފައެވެ. އެއީ، 'ސެންޓްރަލް ވިލެޖް’، 'ޕްލެޓިނަމް ފެޝަން މޯލް' އަދި 'އެމް.ބީ.ކޭ ސެންޓަރ' އެވެ.
މި ދަތުރާއި ގުޅޭގޮތުން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް މޫސާ ޞަލާޙު ވިދާޅުވެފައިވަނީ މިދަތުރަކީ ދަރިވަރުންނަށް އައު އެތަކެއް ކަންކަން ތަޖުރިބާ ކުރެވުމުގެ އިތުރުން، ދިވެހިރާއްޖޭގައި ނުލިބޭނެ އެތަކެއް މަޢުލޫމާތު ލިބުމަށް، އަދި ނުފެންނާނެ އެތަކެއް މަންޒަރުތަކެއް ވިޔަފާރީގައި ސީދާ ޢަމަލީގޮތުން ދެކިލުމަށް ލިބުނު ފުރުޞަތެއް ކަމުގައެވެ. ހަމައެހެންމެ، މި ދަތުރަކީ ދަރިވަރުންނަށް ނުހަނު މަޖާ ދަތުރަކަށް ވެގެންދިޔަކަން ވެސް ޞަލާޙް ސަރ ފާހަގަކުރެއްވިއެވެ.