ބުރާސްފަތި, 17 އޭޕްރިލް 2025

އާރޓިކަލް 167 : މީސްތަކުންނަށް މަދަޙަކުރުމުގެ ނުރައްކާތެރިކަން

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

އެހެންމީހުންނަށް މަދަޙަކުރުމޭ ބުނެވޭ ބަހުގެ މާނައަކީ، އެހެންމީހުންނާމެދު ތިމާ ދެއްކި ވާހަކަތަކާއި މެދު އޭނާ ރުހޭ، އޭނާގެ ރަނގަޅުކަމާއި އޭނާގެ ކޮންމެވެސް މޮޅުކަމެއް ބަޔާންކުރާ ބަސްތަކެވެ. މީހުން މިފަދައިން އެހެންމީހުންނަށް މަދަޙަކުރުމުގައި ދެވައްތަރެއްގެ މަދަޙަ ހިމެނެއެވެ. އެއްވައްތަރަކީ ޙަޤީޤަތުގައިވެސް އެމީހެއްގެ ކިބައިގައި ހުރި ކަމެއްގެ ވާހަކައިން މަދަޙަކުރުމެވެ. އަނެއްވައްތަރަކީ އަނެކާގެ ކިބައިގައި ނެތް ވާހަކައެއް ދައްކައިގެން މަދަޙަކުރުމެވެ. މަދަޙައިން ނިކުންނަ ނަތީޖާއަށް ބަލާއިރު މިދެވައްތަރުގެ މަދަޙައިގެ ވެސް އާޚިރަތަށް އެއްވެސް ފައިދާއެއް ނެތްއިރު، މީހާގެ ގައިގައި ނެތްކަމެއްގެ ވާހަކަ ދައްކައިގެން މަދަޙަ ކުރުމަކީ ނުހަނު ނުރައްކާތެރި ކަމެކެވެ.

ޙަޤީޤަތާއި އެއްގޮތަށް މަދަޙަ ކުރުމުގައިވެސް ނުހަނު ނުރައްކާތެރިކަން ހުރެއެވެ. އެނުރައްކާތެރިކަން މަދަޙަކުރާ މީހާގެ ސަބަބުން މަދަޙަކުރެވުނު މީހާއަށް ނުރައްކާ ކުރިމަތިވެއެވެ.

މަދަޙަކުރެވުނު މީހާގެ އަމިއްލަ ނަފްސުން އެމަދަޙައާ މެދު ވިސްނާ ގޮތަކުންވެސް އޭނާއަށް އޭގެ ނުރައްކާތެރިކަން ކުރިމަތިވެއެވެ. އެހެނީ އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް ބޮޑާކަން ގެނުވާ ކަމެއް ކަމުގައި އެކަންވުމެވެ. އޭގެ ސަބަބުން ނަފްސުގައި ބަލިމަޑުކަން އަށަގަނެއެވެ.

މަދަޙަކުރި މީހާ، މަދަޙަކުރީ ހިތުގައި އޮތް ޙަސަދައެއްގެ ސަބަބުން ކަމުގައިވާނަމަ، އޭގެ ސަބަބުން އަނެކާއަށް އެބުނި ބަސްތައް ބަދު ބަސްތަކަކަށް ވެގެންދެވެ. އަދި އޭގެ ސަބަބުން އެސްފީނާ ޖެހި އޭގެ ނުރައްކާތެރިކަން ތަފާތު ގޮތްގޮތަށް، މާތްﷲ އިރާދަކުރެއްވި މިންވަރަކަށް މަދަޙަކުރެވުނު މީހާއަށް ތަފާތު ބަލިމަޑުކަމެއް ކުރިމަތިވެއެވެ. ޞަޙީޙް މުސްލިމް ގައި އައިސްފައިވާ ޢާއިޝާ رضي الله عنها ގެ ރިވާޔަތެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((الْعَيْنُ حَقٌّ، وَلَوْ كَانَ شَيْءٌ سَابَقَ القَدَرَ سَبَقَتْهُ العَيْنُ، وَإِذَا اسْتُغْسِلْتُمْ فَاغْسِلُوا)) މާނައީ: [އެސްފީންޏާއަކީ ޙަޤީޤަތެކެވެ. ޤަދަރުގައި އޮތްގޮތުގެ ކުރިއަށް އިސްވެ އެއްވެސް ކަމަކަށް އަސަރުކުރުވޭނެ ނަމަ އެއިސްވެގަންނާނެ ކަމަކަށްވާނީ އެސްފީންޏާއެވެ. އަދި ތިޔަބައިމީހުން (އެކަމުން ސަލާމަތްވުމަށް) ދޮންނަން އެދިއްޖަނަމަ، ތިޔަބައިމީހުން (ވުޟޫކޮށްގެން ނުވަތަ ފެންވަރުވައިގެން އެސްފީންޏާ ޖެހިފައިވާ ކުއްޖަކު ނުވަތަ މީހަކު އެކަމުން ސަލާމަތް ކުރުމަށް) ދޮންނާށެވެ.]

ޙަސަދައާއި އެސްފީންޏާއެއް ޖެހުމެއް ނެތް ޙަމްދާއި ޘަނާގެ ގޮތުގައިވެސް ކަންކަން ހިނގައެވެ. އޭގެ ތެރޭގައި ތިމާ ނުކުރާ ކަންކަމަށްވެސް ނުވަތަ ޙަޤީޤަތާއި ޚިލާފު ކަންކަމަށްވެސް އެހެންމީހުންގެ ފަރާތުން ޘަނާއާއި ތަޢުރީފު ބޭނުންވާ މީހުން އުޅެއެވެ. ޙަޤީޤަތުގައި ޔަހޫދީންގެ ސިފައެއްގެ ގޮތުގައި އެކަން ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައި ވެއެވެ. ރަސޫލާ صلى الله عليه وسلم އެޔަހޫދީންގެ ކިބައިން ކަމެއް އޮޅުންފިލުއްވަން ސުވާލުކުރެއްވުމުން ޙަޤީޤަތުގައި އެކަލޭގެފާނު ބޭނުންފުޅުވީ މަޢުލޫމާތު ފޮރުވުމަށްފަހު، އެނޫން އެހެން ވާހަކައެއް ދައްކައިގެން އެނަބިއްޔާގެ ތަޢުރީފު ބޭނުންވެގެން އެބައިމީހުން ވާހަކަދައްކައި އުޅެއެވެ. އެފަދައިން އެބައިމީހުން ޢަމަލުކުރުމުން މިއާޔަތް ބާވައިލެއްވިއެވެ: ﴿لَا تَحْسَبَنَّ الَّذِينَ يَفْرَحُونَ بِمَا أَتَوْا وَيُحِبُّونَ أَنْ يُحْمَدُوا بِمَا لَمْ يَفْعَلُوا فَلَا تَحْسَبَنَّهُمْ بِمَفَازَةٍ مِنَ الْعَذَابِ﴾ سورة آل عمران:188 މާނައީ: [އެބައިމީހުން އެގެނައި ކަންކަމާއި މެދު އެބައިމީހުން އުފާކޮށް، އެބައިމީހުން ނުކުރާ ކަންތަކަށް އެބައިމީހުންނަށް ތަޢުރީފުލިބުމަށް ލޯބިކުރުމަށް، ހަމަހިލާ ހީކޮށްގެން ނުވާނެއެވެ. އަދި ޢަޛާބުން ސަލާމަތްވާނޭކަމަށް އެބައިމީހުން ހަމަހިލާ ހީކޮށްގެން ނުވާނެއެވެ.] ޔަހޫދީންގެ މިފަދަ ސިފަތަކުން މުސްލިމުން އެކަހެރިވުން ހުއްޓެވެ. ތިމާ ނުކުރާ ކަންކަމަށް ނުވަތަ ތިމާމެންނީ ހެޔޮރަނގަޅު ބައެއްގެ ގޮތުގައި ޙަޤީޤަތާއި ޚިލާފަށް އެހެންމީހުންނަށް ދައްކައިގެން އެހެންމީހުންގެ ޘަނާއާއި ތަޢުރީފު ހޯދުމަށް މަސައްކަތް ނުކުރުން ހުއްޓެވެ.

އަދި ހަމައެފަދައިން އެހެންމީހުންނަށް ހައްދުންނެއްޓޭ މިންވަރަށް ތަޢުރީފު ކުރުމުންވެސް ދުރުހެލިވުން ހުއްޓެވެ. އަދި އެފަދަ ތަޢުރީފާއި ޘަނާތަކަށް ތިމާ އެދިގެންވެސް ނުވާނެއެވެ. އެއީ އޭގެ ނަތީޖާ ހިތިވެ އާޚިރަތް އަބާއްޖަވެރިވުމަށް ކޮށޭ މަގަކަށް ވެދާނެއެވެ. އިބްނުލް މުބާރަކް ގެ "އައްޒުހުދު" ގައި ޢަބްދުﷲ ބުން މަސްޢޫދު رضي الله عنه ވިދާޅުވިކަމަށް ރިވާވެގެންވާ ބަސްފުޅެއްގެ މާނައިގައިވެއެވެ: [ހަމަކަށަވަރުން މީހަކަށް އެއްވެސް ގެއްލުމެއްވެސް އަދި ނަފާއެއް ކޮށްދިނުމުގެ މިލްކުވެރިކަމެއް ލިބިގެން ނުވެތެވެ. ފަހެ، އެހިނދުގައިވެސް އޭނާއަށް ޔަޤީންކަންދީ ހުއްވާކޮށްފައި ބުނެވެއެވެ. ހަމަކަށަވަރުން ތިބާގެ ގައިގައި އެވެނި މިވެނި ކަމެއް ވެއެވެ. އަދި ފަހަރުގައި އެއިންކަމެއްގެ އެއްވެސް ރަނގަޅުކަމެއް އޭނާގެ ގައިގައި ނުހުރެދާނެތެވެ. ދެން އެއަށްފަހު އެމީހަކު ދީނުގެ ކަންފުޅެއްވެސް ނެތި، އޭނާގެ ގެއަށް އޭނާ އަނބުރާ އާދެއެވެ. ހަމަކަށަވަރުން އޭނާގެ ދީން ހިނގައްޖެއެވެ.] އަދި އެއަށްފަހު އިބްނު މަސްޢޫދު رضي الله عنه މިއާޔަތް ކިޔަވައި ވިދާޅުވިއެވެ: ﴿أَلَمۡ تَرَ إِلَى ٱلَّذِینَ یُزَكُّونَ أَنفُسَهُمۚ بَلِ ٱللَّهُ یُزَكِّی مَن یَشَاۤءُ وَلَا یُظۡلَمُونَ فَتِیلًا، ٱنظُرۡ كَیۡفَ یَفۡتَرُونَ عَلَى ٱللَّهِ ٱلۡكَذِبَۖ وَكَفَىٰ بِهِۦۤ إِثۡمࣰا مُّبِینًا﴾ سورة النساء:49 މާނައީ: [އެބައެއްގެ (ޔަޢުނީ ޔަހޫދީންނާއި ނަޞާރާއިންގެ) އަމިއްލަ ނަފްސުތައް މާތްކުރާ މީހުން، ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އަދި ކިއެއްހެއްޔެވެ. ﷲ އިރާދަކުރެއްވި އަޅަކު އެކަލާނގެ މާތްކުރައްވަތެވެ. އޮށެއްގެ ފަށަލައިގެ ރޮދީގެ މިންވަރަށްވެސް އެއްވެސް ބަޔަކަށް އަނިޔާވެރި ނުވެވޭނެތެވެ. ﷲ ގެ މައްޗަށް އެބައިމީހުން ދޮގު ހަދާފައިވަނީ ކިހިނެއްކަން ކަލޭގެފާނު ބަލާފައިހުށިކަމެވެ. އަދި ބަޔާންވެގެންވާ ފާފައެއްގެ ގޮތުގައި އެކަން ފުދިގެންވެއެވެ.]

ވީމާ މިފަދަ ތަޢުރީފުތަކާއި މަދަޙަތަކުން ތިމާދުރުހެލިވާންޖެހެއެވެ. އަދި އެހެންމީހުންގެ މިފަދަ ހައްދުފަހަނައެޅި ތަޢުރީފުތަކުންވެސް ރައްކާތެރިވާންޖެހެއެވެ. އަޞްޙާބު ބޭކަލުންގެ ތެރޭގައި މީހަކު މާތްކޮށްފައި ވާހަކައެއް ދައްކައިފިނަމަ، އެބޭކަލުން ވިދާޅުވާކަމަށް އިމާމް ބުޚާރީ ލިޔުއްވި "އަލްއަދަބުލް މުފްރަދު" ގައި ރިވާވެގެންވެއެވެ: (اللَّهُمَّ لَا تُؤَاخِذْنِي بِمَا يَقُولُونَ، وَاغْفرْ لِي مَا لَا يَعلَمُونَ) މާނައީ: "އޭ ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އެބައިމީހުން އެދައްކާވާހަކައިން އިނބައިލާހު މިއަޅާއަށް ޢަޛާބު ނުދެއްވާށިއެވެ. އަދި އެބައިމީހުންނަށް އެނގިގެންނުވާ ކަންކަމަށް، މިއަޅާގެ ފާފަ ފުއްސަވާށިއެވެ!"

އަޅަމެންނީ މީހުންގެ ފަރާތުން އަންނަ ޙަޤީޤަތާއި ޚިލާފު ތަޢުރީފުތަކުން ސަލާމަތްވެގެންވާ ބައެއްގެ ގޮތުގައި ލައްވާށިއެވެ. އަދި އަޅަމެންނީ އެފަދަ ކަންކަމަށް ނޭދޭ ބައެއްގެ ގޮތުގައިވެސް ލައްވާށިއެވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *