މިއަހަރުގެ މަތީ ސާނަވީ ހިޔާ އީދު ބާއްވައިފި

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އަދަބީ ޖަމްޢިއްޔާ ދަރިވަރުންގެ ހިޔާއާއި ދިވެހި ޑިޕާޓްމެންޓް ގުޅިގެން”ހިޔާ ޢީދު 2024“ ބާއްވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ރޭގެ ނިޔަލަށް ކުރިޔަށް ދިޔަ މި ޢީދުގައި މަތީ ސާނަވީ ދަރިވަރުންނަށް 14 މުބާރާތެއް ވަނީ ބާއްވާފައެވެ. އެއީ  މަޒުމޫނު ލިޔުމާއި، ވާހަކަލިޔުމާއި، އޮޓޯބައޮގްރަފީ ލިޔުމާއި، ޅެން ހެދުމާއި، ބަހުސްކުރުމާއި، ވާދަރައިވަރު ކިޔުމާއި، ތަމްސީލު ކުޅުމާއި، ބަޚަބަރު ކިޔުމާއި، ބައިތުބާޒީ ކުރުމާއި އިޝާރާތް މުބާރާތާއި، ވީޑިއޯއަށް އަޑުއެޅުމުމުގެ މުބާރާތާއި، ސަގާފީ ކޭން ހުށަހެޅުމާއި، ޖަގަހަ ތައްޔާރުކުރުމާއި ނޫސްލިޔުމެވެ. މީގެތެރެއިން ޅެންހެދުމާއި، ބައިތުބާޒީ މުބާރާތާއި އިޝާރާތްމުބާރާއި ވީޑިއޯއަށް އަޑުއެޅުމުމުގެ މުބާރާތާއި ޅެންހެދުމުގެ މުބާރާތާއި ކޭން ހުށަހެޅުމުގެ މުބާރާތަކީ މިއަހަރު މުޅިން އަލަށް ބޭއްވި މުބާރާތްތަކެކެވެ.

ހިޔާއީދުގެ މުބާރާތްތަކުގެ ތެރެއިން ލިޔުމުގެ މުބާރާތްތައް ކަމަށްވާ މަޒުމޫނު ލިޔުމާއި، ވާހަކަ ލިޔުމާއި އޮޓޯބައޮގްރަފީ ލިޔުމާއި ޅެންހެދުން އޮތީ ބުރާސްފަތި ދުވަހުގެރޭ 8.30ން ފެށިގެން 10ގެ ނިޔަލަށެވެ. ހައުސް ޖަގަހަ ފަރުމާކުރުން އޮތީ ހުކުރު ދުވަހު މެންދުރު 2ން އިރުއޮއްސި 6ގެ ނިޔަލަށެވެ. ނޫސްލިޔުމާއި، ކޭންހުށަހެޅުމާއި ސްޓޭޖް ޙަރަކާތްތައް އޮތީ ހޮނިހިރު ދުވަހު ހެނދުނު 8.30ން ފެށިގެން އިރުއޮއްސި 6ގެ ނިޔަލަށެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް ސްކޫލްގެ 4 ހައުސް ކަމަށްވާ ޖަނަވަރީ، ކާމިނީ، ޗާނދަނީ، ހުވަނދުމާ ހައުސް  ވާދަކުރާ ގޮތަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ މުބާރާތް ކަމަށްވާ ބަހުސް މުބާރާތް ކުރިޔަށް ގެންދިޔައީ 4 ހައުސްގެ މެދުގައި ގުރުއަތުލައިގެން ދިމާވި ދެ ހައުސް ވާދަކޮށް މޮޅުވާ ހައުސެއް ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. ފައިނަލް ބަހުސްގައި ވާދަކޮށްފައި ވަނީ ޗާނދަނީ ހައުސް އާއި ޖަނަވަރީ ހައުސްއެވެ.

ބުރާސްފަތި ދުވަހުގެރޭ ލިޔުމުގެ މުބާރާތްތައް ފެށި ނަމަވެސް، ހިޔާއީދު ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު އޮތީ ހޮނިހިރު ދުވަހު ހެނދުނު 8 ޖެހިއިރުއެވެ. މިއީދުގެ ހަރަކާތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ މާލެސިޓީ ކައުންސިލްގެ ރިޕޯޓް ކޮންސަލްޓަންޓް ހަބީބު ޒާހިރެވެ.

ފެށުމުގެ ރަސްމިއްޔާތަށް ފަހު ހެނދުނު 8.30ން ފެށިގެން ހަވީރު 4.30ގެ ނިޔަލަށް ފާރުނޫސް ލިޔުމަށް ހުޅުވާލިއެވެ. ކޮންމެ ހައުސްއަކުން ވެސް ވަނީ އެ ހައުސްއެއްގެ ކުލަޔާއި އެ ހައުސްއަކުން މިފަހަރު ޖަގަހަ ތައްޔާރުކުރި ތީމާ ވެސް ގުޅުވައިގެން ފާރުނޫސް ތައްޔާރުކޮށްފައެވެ.

މިއަހަރު މުޅިން އަލަށް ބޭއްވި ބައިތުބާޒީ މުބާރާތް ވެސް ބޭއްވި ގުރުއަތުން ދިމާވި ދެ ހައުސް ވާދަކޮށް މޮޅުވާ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށެވެ. ބައިތު ބާޒީގެ ފައިނަލުގައި ވާދަކުރީ ޗާނދަނީ ހައުސްއާއި ކާމިނީ ހައުސްއެވެ.

ބަޚަބަރު ކިޔުމުގެ މުބާރާތް ކުރިޔަށް ގެންދިޔައީ ދެ ދަރިވަރަކު ޚަބަރު ހުށަހަޅައި، ޚަބަރުގެ އިތުރު ތަފްޞީލު މަންޒަރުން ދައްކާ ގޮތަށެވެ. ހެއްވާ މަޖާ އެތައް ޚަބަރެއް ފެނިގެންދިޔަ، އަދި ބެލުންތެރިންގެ ވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ލިބިގެންދިޔަ މި މުބާރާތުގައި ދަރިވަރުންގެ ހުނަރު ވަރަށް ފުރިހަމައަށް ދައްކާފައިވާކަން ފާހަގަކުރެވުނެވެ.

ތަމްސީލު ކުޅުމުގެ މުބާރާތަކީ ވެސް ވަރަށް ފޯރިގަދަކޮށް ދިޔަ މުބާރާތެކެވެ. މި މުބާރާތުން 1ވަނަ 2ވަނަ އަދި 3ވަނަ ތަމްސީލު ހޮވުމުގެ އިތުރުން، އެންމެ މޮޅު މުމައްސިލް އަދި މުމައްސިލާ ހޮވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ބަހުސް މުބާރާތާއި ބައިތުބާޒީ މުބާރާތެކޭ އެއްފަދައިން އިޝާރާތް މުބާރާތް ވެސް ބޭއްވީ 4 ހައުސްގެ މެދުގައި ގުރުއަތުލައިގެން ގުރުއަތުން ދިމާވި ޓީމަކާ ވާދަކުރާ ގޮތަށެވެ. އެހެން ނަމަވެސް މި މުބާރާތުން މޮޅުވި ދެ ހައުސްގެ މެދުގައި ފައިނަލް ބޭއްވުމުގެ ބަދަލުގައި ވަނަވަނައަށް ދިޔަ ހައުސްތައް ކަނޑައަޅާނީ ލިބުނު ޕޮއިންޓަށް ބަލައިގެންނެވެ. މި މުބާރާތުގައި އިޝާރާތުން ދައްކަން ޖެހުނީ އަދަބީ ބަސްތަކާއި، ދިވެހި ލަވަތަކާއި ފިލްމުތަކުގެ ނަންތަކެވެ.

މިއަހަރު މުޅިން އަލަށް ބޭއްވި ވީޑިއޯއަށް އަޑުއެޅުމުގެ މުބާރާތަކީ ވެސް ވަރަށް ޝައުގުވެރި މުބާރާތެކެވެ. އެ މުބާރާތުގައި ހުރިހާ ހައުސްއަކުން ވެސް އަޑުއަޅަންޖެހުނީ ސްޓޭޖުމަތީގައި ވަގުތުން އެއް ވީޑިއޯއަކަށެވެ. 5 މިނެޓުގެ މި ވީޑިއޯކޮޅަކަށް އަޑުއެޅުމަށް ކޮންމެ ހައުސްއަކުން 3 ކުއްޖަކަށް ފުރުސަތުދީފައިވެއެވެ.

ހިޔާ ޢީދުގެ ޙަރަކާތްތައް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަތީ ސާނަވީ ބައިގެ ސެޝަން އިންޗާރޖް ޑެޕިއުޓީ ޕްރިންސިޕަލް މޫސާ ޞަލާޙް ވަނީ މި ޙަރަކާތް މިހައި ފުރިހަމަކޮށް އިންތިޒާމްކުރި ދިވެހި އަދަބީ ޖަމިއްޔާ ދަރިވަރުންގެ ހިޔާ އަށާއި، ދިވެހި ޑިޕާޓްމަންޓުގެ އިތުރުން ފަނޑިޔާރުން ކުރެއްވި މަސައްކަތް ފާހަގަކުރައްވައި، ޝުކުރުއަދާކުރައްވާފައެވެ.

އަދި އަޙްމަދިއްޔާގެ ބައެއް އިސްދަރިވަރުން މި ޢީދުގެ ހަރަކާތްތަކުގައި އެ ދަރިވަރުން ކުރިން އުޅުނު ހައުސްތަކަށް ކޯޗުކޮށްދީ އެހީތެރިވުމަށް އައިސްފައި ވާތީ އެ ދަރިވަރުންނަށް ޝުކުރުއަދާކުރައްވައި، އެ މީހުން ނަމޫނާއަކަށް ބަލައިގެން މިއަހަރު ގްރޭޑް 12 ނިންމާ ދަރިވަރުން ވެސް މިއަންނަ އަހަރުގެ ހިޔާ ޢީދުގައި އިސްދަރިވަރުންގެ ގޮތުގައި ފެންނާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށް ޞަލާޙް ސަރ ވިދާޅުވިއެވެ. އަދި އޭލެވެލް އިމްތިހާނަށް ދުރާލައި ތައްޔާރުވުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ޞަލާޙް ސަރގެ ވާހަކައިގައި އަލިއަޅުވައިލެއްވިއެވެ.

ހިޔާ ޢީދުގެ ވަނަވަނައަށް އައި ދަރިވަރުންނާއި ހައުސްތަކަށް އިނާމު ދިނުމަށް ބާއްވާނީ ވަކި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތު އޮންނާނެ ތާރީޚް ފަހުން އިއުލާންކުރެވޭނެއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *