އަޙްމަދިއްޔާއިން އެއްވަނަ ޖައިޝާ އަދި މަލިކާއަށް
މިއަހަރުގެ ވޯލްޑް ސްކޮލަރސް ކަޕް (ޑަބްލިޔު.އެސް ސީ)ގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ބައިވެރިވި 73 ދަރިވަރުން ވެސް ގްލޯބަލް ރައުންޑަށް ކޮލިފައިވެއްޖެއެވެ.
ޑަބްލިޔުއެސްސީގެ ރާއްޖޭގެ ރީޖަނަލް ރައުންޑް ބޭއްވީ ހުސްވި މެއި މަހުގެ 28ން 29އަށް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގައެވެ. މި ބުރުގައި ރާއްޖޭގެ އިންޓަރނޭޝަނަލް ސްކޫލްތަކުން ވަނީ ބައިވެރިވެފައެވެ.
ރީޖަނަލް ރައުންޑުގައި ބައިވެރިވި އަޙްމަދިއްޔާގެ އެކި ޓީމްތަކުން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ސީނިއަރ ލެވެލްގެ ބައިން ތިންވަނަ އަޙްމަދިއްޔާގެ ޓީމް '501′ ވަނީ ހޯދާފައެވެ. މި ޓީމުގައި ހިމެނެނީ ފާތިމަތު ޖައިޝާ އާސިމްގެ އިތުރުން އާމިނަތު ރަބާ އިސްމާޢީލް އަދި އީޝަލް ޙަސަން އަޙްމަދެވެ.
ހަމަ އެލެވެލްގެ ފަސްވަނައަށް ގޮސްފައިވަނީ ވެސް އަޙްމަދިއްޔާގެ ޓީމެކެވެ. އެއީ ޓީމް '515′ ޓީމެވެ. މި ޓީމުގައި ހިމެނެނީ މުޙައްމަދު ޒީކް ޝިހާމްގެ އިތުރުން މުއާން މުޙައްމަދު ރަޝީދާއި މުޙައްމަދު ޔާނިޝް އަޙްމަދެވެ.
މީގެ އިތުރުން ޖޫނިއަރ ލެވެލްގެ ފަޚުރުވެރި އެއްވަނަ ހާސިލްކޮށްފައިވަނީ އަޙްމަދިއްޔާގެ ޓީމް '405’އެވެ. މިއީ ޢާއިޝަތު މަލިކާ އަޙްމަދު މުނައްވަރާއި، ޒުކާ މުޙައްމަދު ޙުސައިން އަދި ޢާއިޝަތު އަޒްކާ ޞަލާޙެވެ.
ރީޖަނަލް ރައުންޑުގައި އަޙްމަދިއްޔާއިން ބައިވެރިވި ދަރިވަރުންގެ ތެރެއިން ސީނިއާ ލެވެލްގެ 'ޓޮޕް ސްކޮރިން ސްކޮލަރ’ގެ ފަޚުރުވެރި މަގާމް ހާސިލްކޮށްފައިވަނީ 10އޭގެ ދަރިވަރު ފާތިމަތު ޖައިޝާ އާސިމެވެ.
އަދި ޖޫނިއަރ ލެވެލްގެ ދަރިވަރުންގެ ތެރެއިން އަޙްމަދިއްޔާއިން އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ 8އޭގެ ދަރިވަރު އައިޝަތު މަލިކާ އަޙްމަދު މުނައްވަރެވެ.
ވޯލްޑް ސްކޮލަރސް ކަޕްގެ ގްލޯބަލް ރައުންޑް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެންބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ތައިލެންޑްގެ ވެރިރަށް ބެންކޮކުގައެވެ.
މި މުބާރާތުގެ ރީޖަނަލް ރައުންޑުގައި އަޙްމަދިއްޔާއިން ބައިވެރިވި ހުރިހާ ޓީމެއް ގްލޯބަލް ރައުންޑަށް ކޮލިފައިވެފައިވީ ނަމަވެސް ބެންކޮކަށް ދަނީ މީގެތެރެއިން 10 ޓީމެކެވެ.