މި މަހުގެ 18 ވާ ބުރާސްފަތި ދުވަހު ބާއްވާ ސާނަވީ ސްޓޫޑެންޓް ކައުންސިލް އިންތިޚާބުގައި ކެޕްޓަން ކަމަށް މިއަހަރުވެސް ވާދަކުރަނީ 9 ދަރިވަރުންނެވެ. އެއީ 5 އަންހެން ދަރިވަރުންނާއި 4 ފިރިހެން ދަރިވަރުންނެވެ. މިދިޔަ އަހަރު ވާދަކުރީ 5 ފިރިހެން ދަރިވަރުންނާއި 4 އަންހެން ދަރިވަރުންނެވެ. މިއަހަރު ކެޕްޓަން ކަމަށް ވާދަކުރާ ދަރިވަރުންނަކީ:
ކެންޑިޑޭޓް ނަންބަރު: 1 މުޙައްމަދު ޒީކް ޝިހާމް
ކެންޑިޑޭޓް ނަންބަރު: 2 މުއާން މުޙައްމަދު ރަޝީދު
ކެންޑިޑޭޓް ނަންބަރު: 3 ޢައިޝަތު އިޝާ އިސްމާޢީލް
ކެންޑިޑޭޓް ނަންބަރު: 4 ފާޠިމަތު ޖައިޝާ އާސިމް
ކެންޑިޑޭޓް ނަންބަރު: 5 ޝައްޔާން ބިން ޝިފާޢު
ކެންޑިޑޭޓް ނަންބަރު: 6 ޢައިޝަތު ފަތޫން އަޙްމަދު
ކެންޑިޑޭޓް ނަންބަރު: 7 މުޙައްމަދު ޔާނިޝް
ކެންޑިޑޭޓް ނަންބަރު: 8 މަރިޔަމް އަރަފާ އިބްރާހީމް
ކެންޑިޑޭޓް ނަންބަރު: 9 ޢައިޝަތު ވިއާލް މުޙައްމަދު
މިއަހަރުގެ އިންތިޚާބުގައި ތަފާތު މަގާމްތަކަށް 56 ދަރިވަރަކު ވަނީ ކުރިމަތިލާފައެވެ. އިންތިޚާބުގައި ސްކޫލް ކެޕްޓަންގެ އިތުރަށް ޑެޕިއުޓީ ކެޕްޓަނުންގެ ގޮތުގައި އަންހެން ދަރިވަރަކާއި ފިރިހެން ދަރިވަރަކު ހޮވާނެއެވެ. އަދި ގޭމްސް ކެޕްޓަން ކަމާއި ސްކޫލްގެ 4 ހައުސް ކަމަށްވާ ކާމިނީ، ޖަނަވަރީ، ހުވަނދުމާ އަދި ޗާންދަނީ ހައުސްގެ ކެޕްޓަނުންނާއި، ދިވެހި ޖަމްޢިއްޔާ "ދަރިވަރުންގެ ހިޔާ" އަދި އިނގިރޭސި ޖަމިއްޔާ އަޙްމަދިއްޔާ އިންގްލިޝް ލިޓްރަރީ އެސޯސިއޭޝަން (އޭލާ) ގެ ލީޑަރާއި، ސައިންސް ކްލަބާއި، ބިޒްނަސް ކްލަބާއި، އެންވަޔަރަމެންޓް ކްލަބުގެ އިތުރުން، މީޑިއާ ކްލަބާއި، ޤްރުއާން ކްލަބާއި، ހިއުމަންރައިޓްސް ކްލަބުގެ ލީޑަރުން ހޮވާނެއެވެ
ސްކޫލް ކެޕްޓަނުންނާއި ޑެޕިއުޓީ ކެޕްޓަނުން ހޮވުމުގައި ވޯޓުގެ 30 އިންސައްތައާއި، ޢިލްމީ ޤާބިލްކަމަށް 30 އިންސައްތަ އާއި ހޯދާފައިވާ ކާމިޔާބީ ތަކަށް 15 އިންސައްތަ އަދި ސްކޫލްގެ ސީނިއަރ މެނޭޖްމަންޓް ޓީމުން އެ ދަރިވަރުންނާކުރާ އިންޓަވިޔުއަށް ކަނޑައަޅާފައިވާ 25 އިންސައްތައަށް ބަލާނެއެވެ. އެގޮތުން މި ހަތަރު ބައިން އެންމެ ގިނަ ޕޮއިންޓު ހޯދާ ދަރިވަރަކަށް ސްކޫލްގެ ކެޕްޓަންކަން ލިބޭއިރު، ދެން އެންމެ މަތިން ޕޮއިންޓު ހޯދާ އަންހެން އަދި ފިރިހެން ދެ ދަރިވަރުންނަށް ޑެޕިއުޓީ ކެޕްޓަންކަން ލިބޭނެއެވެ.
ސްކޫލްގެ ކައުންސިލަށް ކުރިމަތިލާފައިވާ ދަރިވަރުން ތާއީދު ހޯދުމަށް ކެމްޕޭން ކުރުން އަންނަ އަންގާރަ ދުވަހާއި ބުދަ ދުވަހު އޮންނާނެއެވެ. އެދަރިވަރުން ތަޢާރަފް ވުމުގެ ޚާއްޞަ އެސެމްބްލީ އަންނަ ބުދަ ދުވަހު ހެނދުނު އަޙްމަދިއްޔާގެ މާލަމްގައި އޮންނާނެއެވެ. އަދި ސްކޫލް ކެޕްޓަން ކަމަށް ކުރިމަތި ލާފައިވާ ދަރިވަރުން ތާއީދު ހޯދުމަށް ވާހަކަވެސް ދައްކާނެއެވެ. މިގޮތުން ކޮންމެ ދަރިވަރަކަށް 2 މިނެޓާއި 3 މިނެޓްގެ ފުރުޞަތެއް ލިބޭނެއެވެ. އެސެމްބްލީއަށްފަހު ވޯޓްލުމުގެ ކަންތައް ކުރިއަށް ގެންދެވޭނެއެވެ.