الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ޔަހޫދީންނަކީ މޫސާ عليه السلام އަށް ތަބާވެގެން އުޅޭ ބައެއްކަމަށް ދަޢުވާކުރެއެވެ. ނަމަވެސް މޫސާ عليه السلام އަކީ އެންމެހައި ނަބީބޭކަލުން ފަދައިން މާތްﷲ ގެ ރިސާލަތު މިބިންމަތީގައި ފެތުރުއްވުމުގެ ވާޖިބު އަދާކުރައްވަން އެކަލާނގެ ފޮނުއްވި ނަބީއެކެވެ. އެއެންމެހައި ނަބީންނަކީވެސް އެއްގޮވާލުމެއް ގޮވާލެއްވި މާތްﷲ ގެ ނަބީންނެވެ. އެގޮތުން މޫސާގެފާނުގެ ޙައްޤު ރިސާލަތާ އެއްވެސް ތަފާތެއް ނެތް ގޮތުގައި އެގޮވާލުން ގޮވާލެއްވުމަށް ވަޑައިގެންނެވި އެހެން ނަބީންނަށް، އެޔަހޫދީންވަނީ ނުހަނުގިނަ ދުއްތުރާތައް ކޮށްފައެވެ. އަދި ނަބީންބޭކަލުން ޤަތުލުވެސް ކޮށްފައެވެ. މާތްﷲ ވަޙީކުރެއްވިއެވެ: ﴿إِنَّ الَّذِينَ يَكْفُرُونَ بِآيَاتِ اللَّهِ وَيَقْتُلُونَ النَّبِيِّينَ بِغَيْرِ حَقٍّ وَيَقْتُلُونَ الَّذِينَ يَأْمُرُونَ بِالْقِسْطِ مِنَ النَّاسِ فَبَشِّرْهُم بِعَذَابٍ أَلِيمٍ﴾ سورة آل عمران:21 މާނައީ: [ހަމަކަށަވަރުން ﷲގެ އާޔަތްތަކަށް ކާފިރުވާ އަދި ޙައްޤަކާއި ނުލައި ނަބީން ޤަތުލުކޮށް، އަދި މީސްތަކުންގެ ތެރެއިން ޢަދުލުވެރިގޮތަށް އަމުރުކުރާމީހުން ޤަތުލުކުރިމީހުން ދަންނާށެވެ. ފަހެ އެބައިމީހުންނަށްހުރި ވޭންދެނިވި ޢަޛާބުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ.] މިއާޔަތުގެ ތަފްސީރުގައި އިބްނު ޖަރީރް އައްޠަބަރީ ވިދާޅުވިއެވެ: އެބައިމީހުންނީ އަހުލުކިތާބީންގެ ދެބައިމީހުން ކަމުގައިވާ ތައުރާތާއި އިންޖީލުގެ އަހުލުވެރީންނެވެ. އެބަހީ އެއީ ޔަހޫދީންނާއި ނަޞާރާއިންނެވެ.
ވީމާ އެބައިމީހުންނީ ނަބީ ބޭކަލުން ގެނެސްފައިވާ ﷲ ގެ ރިސާލަތު އެބައިމީހުން އުޅޭން ބޭނުންވާ ގޮތްތަކަށް ބަދަލުކޮށްފައިވާ ބައެކެވެ. ވީމާ އެބައިމީހުންގެ ފަރާތުން އަންނަ އިސްލާމްދީނާ ގުޅޭ ކަމެއްގައިވެސް އެބައިމީހުންނަށް ތަބާވުމެއް ނެތެވެ. ނަމަވެސް އިސްލާމްދީނުގައި އަންގަވާފައިވާތީ، ނުވަތަ އަހަރެމެންގެ މާތް ނަބިއްޔާ صلى الله عليه وسلم ގެނެސްދެއްވި ކަމަކަށްވުމުން ހެޔޮކަމެއްގެ ގޮތުގައި އަހަރެމެން އެހެޔޮ ކަމެއް ކުރަނީއެވެ. ދެން އެހެޔޮކަމެއް އެޔަހޫދީން ނޫނީ ނަޞާރާއިން ކުރުމަކުންވެސް އަހަރެމެން އެކަމެއް ކުރިޔަސް އެކުރަނީ އެބައިމީހުންނަށް ތަބާވުމުގެ ގޮތަކުން ނޫނެވެ. ނަމަވެސް އަހަރެމެން ހެޔޮކަންތައް ހަމައެކަނި ކުރަނީ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް ތަބާވުމުގެ ގޮތުންނެވެ. ދެންފަހެ، އަހަރެމެންގެ ދީނުން، އެފަދަ ކަންކަމަކީ ނުބައިކަންކަން ކަމުގައި ދެނެގަނެވޭ ކަންކަމުގައި އެޔަހޫދީންނާއި ނަޞާރާއިންނަށް ތަބާވުން ވާނީ ކޮންފަދަ ނުބައިކަމަކަށް ހެއްޔެވެ!
ނަބިއްޔާ صلى الله عليه وسلم މަދީނާއަށް ހިޖުރަ ކުރެއްވިއިރު ޔަހޫދީން ޢާޝޫރާ ދުވަހު (މާނައީ މުޙައްރަމު މަހުގެ ދިހަވަނަ ދުވަހު) ރޯދަ ހިފާތީ ދެކެވަޑައިގަތެވެ. އަދި އެއީ މޫސާ عليه السلام އާއި ބަނޫ އިސްރާއީލްމީހުން ފިރުޢަވްނުގެ ކިބައިން ސަލާމަތްކޮށްދެއްވި ދުވަސް ކަމަށްވާތީ އެދުވަހުގައި އެބައިމީހުން ރޯދަހިފަނީ ކަމުގެ ޚަބަރު އެބައިމީހުން ދިނެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވީ ((فَأَنَا أَحَقُّ بِمُوسَى)) މިފަދައިންނެވެ. މާނައީ: [ފަހެ ތިމަން ނަބިއްޔާ މޫސާގެފާނާމެދު މާޙައްޤުކަން ބޮޑެވެ.] މިޙަދީޘް ރިވާކުރެއްވީ ބުޚާރީއެވެ. އަދި ބުޚާރީގެ އެހެން ރިވާޔަތެއްގައި ވެއެވެ: ((فَقَالَ لِأَصْحَابِهِ أَنْتُمْ أَحَقُّ بِـمُوسَى مِنْهُمْ فَصُومُوا)) މާނައީ: [ދެންފަހެ އެނަބިއްޔާގެ އަޞްޙާބު ބޭކަލުންނަށް ޙަދީޘްކުރެއްވިއެވެ: މޫސާގެފާނާމެދު ތިޔަބައިމީހުން އެބައިމީހުންނަށްވުރެ މާޙައްޤުކަން ބޮޑެވެ. ފަހެ އެދުވަހުގައި ތިޔަބައިމީހުން ރޯދަ ހިފާށެވެ.]
އިމާމް އަޙްމަދު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((صُومُوا يَوْمَ عَاشُورَاءَ، وَخَالِفُوا فِيهِ الْيَهُودَ، صُومُوا قَبْلَهُ يَوْمًا أَوْ بَعْدَهُ يَوْمًا)) މާނައީ: [ތިޔަބައިމީހުން ޢާޝޫރާ ދުވަހުގައި ރޯދަ ހިފާށެވެ. އަދި އެކަމުގައި ޔަހޫދީންނާ ޚިލާފުވާށެވެ. ތިޔަބައިމީހުން އޭގެ އެއްދުވަސްކުރިން ނުވަތަ އެއްދުވަސްފަހުން ރޯދައެއް ހިފާށެވެ.] މިޙަދީޘުން އެނގެނީ އެފަދަ މަތިވެރި ދުވަހެއްގައި ޔަހޫދީން ހެޔޮރަނގަޅު އަޅުކަމެއް ކުރާއިރު، އެކަމުގައި އެންމެ ޙައްޤުކަން ބޮޑީ މުސްލިމުންކަމެވެ. ސަބަބަކީ ޙަޤީޤީ މާނައިގައި މޫސާ عليه السلام އަށް އީމާންވާ ބަޔަކީ މުސްލިމުންނެވެ. ވީމާ އެދުވަހުގައި ނަބިއްޔާ صلى الله عليه وسلم ރޯދަ ހިއްޕަވަން ޖަޒުމް ކުރެއްވި ހިނދު، އެކަލޭނގެފާނު އެއްގޮތަކަށްވެސް، ޔަހޫދީންނާ އެއްފަދަވާން އެދިވަޑައިނުގެންނެވި ކަމެވެ. އެހެންވުމުން ކޮންމެހެންވެސް އެބައިމީހުންނާ ޚިލާފުވުމުގެ ގޮތުން އިތުރު ރޯދައެއް ހިއްޕެވުމެވެ.
ވީމާ މިފަދަ މާތްކަން ބޮޑު މައްސަރެއްގައި، އެހެނީ މުޙައްރަމް މަހުގައި، މާތްކަން ބޮޑު ދުވަހެއްގެ މާތްކަން ބޮޑު ރޯދައެއް އަހަރެމެންނާ ކުރިމަތިވަމުން އަންނައިރު، ކާފިރުންގެ ކަންތައްތަކާއި ޚިލާފުވުމުގެ ވިސްނުމަކީ، މުސްލިމުންނަށް ލިބެންޖެހޭ ވަރަށްބޮޑު ޢިބްރަތެކެވެ. މިފަދަ ޢިބްރަތްތައް ޙާޞިލުނުވެ، ހަމައެކަނި މިފަދައިން އަންނަ ދުވަސްތަކުގައި ރޯދަ ހިފުމަކުން، އެއަޅުކަންތަކުން ލިބިގެންދާ ފުރިހަމަ ތަރުބިއްޔަތުތަކެއް އަހަރެމެންނަށް އޭގެ ޙަޤީޤީ މާނާގައި ނުލިބެއެވެ. މިއުންމަތް މިފަދަ ބަލިކަށިކަމެއް ތަޖްރިބާ ކުރަމުން ދިއުމުގެ ފަހަތުގައި ގިނަ ސަބަބުތަކެއް ވާހިނދު، މިފަދަ މުހިންމު ތަރުބަވީ އުޞޫލުތަކުން މުސްލިމް ޖީލު ތަރުބިއްޔަތުވެފައި ނެތުމަކީ އޭގެ ފަހަތުގައިވާ މުހިންމު އެއް ސަބަބެވެ.
އޭގެ އިތުރުން ކަންކަމުގައި ޔަހޫދީންނާއި ނަޞާރާއިން އަދި އެނޫންވެސް ދީންތަކުގެ މީހުންގެ ޘަޤާފަތްތަކުގެ އަވާގައި ޖެހިގެން ނުދިއުމަށް ނަބިއްޔާ صلى الله عليه وسلم އިންޒާރު ދެއްވާފައިވުމީ މިކަމުގެ މުހިންމުކަން އިތުރަށް ހާމަވާ ކަމެކެވެ. އިމާމް ބުޚާރީއާއި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((لَتَتَّبِعُنَّ سَنَنَ مَنْ قَبْلَكُم شِبْرًا بِشِبْرٍ، وذِرَاعًا بِذِرَاعٍ، حَتَّى لَوْ سَلَكُوا جُحْرَ ضَبٍّ لَسَلَكْتُمُوهُ؛ قُلْنَا: يَا رَسُولَ اللهِ؛ اليَهُودُ وَالنَّصَارَى؟ قَالَ النَّبيُّ صلى الله عليه وسلم: فَمَنْ؟)) މާނައީ: [ތިޔަބައިމީހުންގެ ކުރީގެ މީހުންގެ ގޮތްތަކުގައިޖެހި، މުށަކުން މުށަކުން، އަދި ކައިވަތަކުން ކައިވަތަކުން، ތިޔަބައިމީހުން އެބައިމީހުންނަށް ތަބާވަމުން ދާނެކަން ކަށަވަރެވެ. އެބައިމީހުން ޟައްބެއްގެ (އެބަހީ ހޫނުސަހަރާ ތެރޭގައި އުޅޭ ބޮނޑެއްގެ) ހަރަށް އެބައިމީހުން ވަންނަން ދިމާކޮށްފިނަމަ، ތިޔަބައިމީހުން އެކަންކުރަންވެސް ދިމާކުރާނެއެވެ. ތިމަންމެން ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. ތިޔަޙަދީޘްކުރައްވަނީ ޔަހޫދީންނާއި ނަޞާރާއިންގެ ވާހަކަތޯއެވެ؟ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: އެނޫން ކޮންބައެއް ހެއްޔެވެ؟] އެބަހީ ޔަހޫދީންނާއި ނަޞާރާއިންގެ ފަހަތުން ދާނެ ވާހަކައެވެ.
އަޅަމެންނީ ޔަހޫދީންނާއި ނަޞާރާއިންގެ ގޮތަކަށް ތަބާވަމުންދާ ބައެއްގެ ގޮތުގައި ނުލައްވާށިއެވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.