އިޝާގެ ނިންމުން – ދަރިވަރުންގެ ކެޕްޓަން

އިޝާ އަކީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ 2024 -2025 ވަނަ އަހަރުގެ ސްކޫލު ކެޕްޓަންކަމުގެ މަޤާމު ފުރުމުގެ ޢަޒުމުގައި މަސައްކަތް ކުރަމުން އަންނަ ދަރިވަރެކެވެ. ކެންޑިޑޭޓު ނަންބަރަކީ 3 އެވެ. މިފަހަރު ސްކޫލުގެ ކެޕްޓަންކަމުގެ އިތުރުން ސްކޫލްގެ ކާމިނީ ހައުސް ކެޕްޓަންކަމަށް އަދި އޭލާ ޕްރެޒިޑެންޓް ކަމަށް ވެސް އޭނާ ވަނީ ކުރިމަތި ލާފައެވެ. އޭނާގެ ފުރިހަމަ ނަމަކީ ޢާއިޝަތު ޢިޝާ އިސްމާޢީލެވެ. އުފަންވީ 2009 ވަނަ އަހަރު އޭޕްރީލްމަހުގެ 9 ވަނަ ދުވަހު، ވެރިރަށް މާލޭގެ އާދައިގެ ގެއެއްކަމަށްވާ މ. ޕޭޝަން ފްލާވަރއަށެވެ. އެހެން ކުދިންނާ ރަޙުމަތްތެރިކަމާއި ގާތްކަން އުފެއްދުމަކީ އޭނާގެ މިޒާޖުގައި ފާހަގަކޮށްލެވޭ ޚާއްޞަ އެއް ސިފައެވެ. އަބަދުވެސް ކުދިންގެ ވާހަކަތައް އަޑުއަހައި، އުނގެނުމުގެ މާހައުލުގައި އޭނާއަށް އެނގޭ ތަކެތި ކުދިންނަށް ބުނެދިނުމަކީ އޭނާއަށް ލިބޭ އުފަލެކެވެ. އިޝާއަކީ، ކުޅިވަރުތަކުގެތެރެއިން ރާޒުވާ ކުޅުމަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ.

 

އަޙުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލާ ގުޅުމުގެ ކުރިން ޢިޝާގެ ތަޢުލީމީ ޙަޔާތް!

ޕްރައިމަރީ ތަޢުލީމް (ގުރޭޑް 1-6 އަށް) ހާސިލް ކުރީ ބިލަބޮން ހައި އިންޓަނޭޝަނަލް ސުކޫލްގައެވެ. އޭރު ކިޔެވި  މާއްދާތަކުގެ ތެރެއިން އެންމެ ޝައުގުވެރިކަން ހުންނަނީ ހިސާބު މާއްދާއަށެވެ. އެގޮތުން ކަލްކިއުލޭޓަރަކާ ނުލައި ބޮޑެތި ކަލްކިއުލޭޝަންތައް ކޮންމެ ދުވަހަކު ހެދުމަށް ވަގުތު ހޭދަ ކުރިއެވެ. ހިސާބަށް ޚާއްޞަ ޝައުގުވެރިކަމެއް އުފެދުނީ، ޔޫސީމާސްގައި ކިޔެވި ދުވަސްވަރުއެވެ. ޔޫސީމާސްއަކީ ކަލްކިޔުލޭޓަރާ ނުލައި (ހިތު ހިސާބަށް) ފަރިތަކޮށްދޭ މަރުކަޒެކެވެ. އެ މަރުކަޒުގައި ކިޔަވައިދިން ހިތުހިސާބުގެ ހުރިހައި މަރުޙަލާއެއް އޭނާ ވަނީ ނިންމާފައެވެ. އެހެންކަމުން ހިސާބު ނަމްބަރެއް މިހާރުވެސް ކަލްކިއުލޭޓަރަކާ ނުލައި ހަދާލުމަކީ އޭނާއަށް އުނދަގޫކަމެއް ނޫނެވެ.

ޕްރައިމަރީ މަރުޙަލާގައި ކުޅިވަރުގެ ދާއިރާއަށް ވެސް ވަނެވެ. އޭނާއަކީ ރާޒުވާ ކުޅުމަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ.

އެހެންކަމުން ރަޒުވާ ކުޅޭގޮތް ވެސް އަމިއްލައަށް ދަސްކުރިއެވެ. މީގެ އިތުރުން ސާނަވީ ތަޢުލީމުގެ މަރުހަލާގައި ބާސްކެޓު ބޯޅައިގެ ގިނަ މުބާރާތް ތަކެއްގައި ބައިވެރިވެފައިވެއެވެ.

 

އިޝާގެ ކާމިޔާބީތައް!

އޭނާއަކީ އުގެނުމުގެ ޝައުޤުވެރިކަން ހުންނަ ކުއްޖެކެވެ. ކިޔަވަމުންދާ މާއްދާތަކުން "އޭ" ގުރޭޑް ހާސިލް ކުރެވިފައި ވެއެވެ. އެގޮތުން ކިޔެވުމާ ގުޅޭ އިތުރު ހަރަކާތްތަކުގައި ބައިވެރިވެ ގިނަ ކާމިޔާބީތަކެއް ވަނީ ހޯދާފައިކަން ފާހަގަކޮށްލަމެވެ. އެކަމަށްޓަކައި އޭނާ ﷲއަށް ހަމްދު ކުރެއެވެ.

އޭނާއަށް ލިބިފައިވާ ކާމިޔާބީގެ ތެރޭގައި ފާހަގަ ކޮށްލެވޭ ބައެއް ކަންކަން ހިއްސާ ކޮށްލާނަމެވެ.  "ވޯލްޑް ސްކޯލާސްކަޕް" ގައި 2022 ވަނަ އަހަރު ބައިވެރިވެ، ބަހުސްގެ ގޮފިން ރަންމެޑަލް ވަނީ ލިބިފައެވެ. ހަމަ އެއަހަރު އެމެރިކާ(USA)، ގައި ބޭއްވި ބެންކޮކް ގްލޯބަލްރައުންޑް "ޓޯނަމަންޓް އޮފް  ޗެންޕިއަންސް" ގައިވެސް ބައިވެރިވުމުގެ ފުރުޞަތުލިބި ބައިވެރިވެފައި ވެއެވެ. މި ދަތުރުތައް ވެގެން ދިޔައީ ކިޔެވުމުގައި ލިބުނު ތަފާތު ތަޖުރިބާއަކަށެވެ.

 

ރާޒުވާ ކުޅުމަށް ޝައުގުވެރިކަން އުފެދުނު ހިސާބުން މުބާރާތްތަކުގައި ވެސް ބައިވެރިވިއެވެ. އެކި އެކި ވަނަތައް އެކި ފަހަރުމަތިން ވަނީ ލިބިފައެވެ. 2023 ވަނަ އަހަރު ބޭއްވުނު އިންޓަރ ސުކޫލް ޗެސް ޓޯނަމަންޓުގައި، ބައިވެރިވި އުމުރު ފުރައިން 2 ވަނަ ވަނީ ލިބިފައެވެ.

އަދި ޗެސް އެކަޑަމީން އެންމެ ފަހުން 2024 ވަނަ އަހަރުބޭއްވުނު "ރެޕިޑް ޗެސް ޗެލެންޖް" 18 އަހަރުން ދަށުގެ ގޮފިން އެއްވަނަ ވަނީ ލިބިފައެވެ.

ކެޕްޓަންކަމުގެ މަޤާމަށް ކުރިމަތިލީ ސަބަބު!

ސުކޫލް ކެޕްޓަން ކަމުގެ މަޤާމަކީ ވަރަށް ކުރިންސުރެ އޭނާ ދެކެމުން އަންނަ ހުވަފެނެކެވެ. ކޮންމެ އަހަރަކު ކެޕްޓަން ކަމުގެ މަޤާމަށް ކުރިމަތިލާ ކުދިން ހުށައަޅައިދޭ ވާހަކަތައް އަޑުއަހަނީ އެހާމެ ޝައުގުވެރި ކަމާ އެކުގައެވެ. ކެޕްޓަން ކަމަށް ކުރިމަތިލާ ކުދިން ބުނި ބަސްތަކާއި އެކުދިން ކުރަމުން އައި ކަންތައްތަކަށް ޝައުގުވެރިކަން އުފެދުނެވެ.

އެހެން ކަމުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސުކޫލް ގުރޭޑް 7 ގައި ތައުލީމު ހާސިލުކުރަން ފެށީއްސުރެ، ސުކޫލް ކެޕްޓަން ކަމުގެ މަޤާމަށް އައުމަށް އަޒުމް ކަނޑައެޅިއެވެ. އަދި އެ ޕޯސްޓަށް ވާސިލް ވުމަށް ވެސް މަސައްކަތް ފެށިއެވެ. އެގޮތުން އޭނާގެ ކާމިޔާބީތަކާއި އޭނާގެ މިޒާޖު މިކަމަށް ފުދޭކަމަށް ވެސް ޤަބޫލުކުރެއެވެ. ވީމާ އޭނާ ވާނީ މި މަޤާމަށް ހޮވިއްޖެނަމަ މަގާމަށް އެންމެ އެކަށީގެންވާ ގޮތަށް ޢަމަލުތައް ބެހެއްޓޭނެ ކުއްޖާ ކަމަށް ވެސް ގަބޫލުކުރެއެވެ. އަދި  އިޚްލާޞްތެރިކަމާއި އެކު މަޤާމުގެ ޒިންމާ އަދާކުރާނެއެވެ.

 

ކީއްވެ އިޝާ ކެޕްޓަންކަމަށް ހޮވަންވީ!

އޭނަ ގަބޫލުކުރާ ގޮތުގައި މި މަޤާމު އަދާކުރެވޭނީ، މަޤާމުގެ ޒިންމާ އަދާކުރުމުގެ ގާބިލުކަން ހުރެގެންނެވެ. މަސްއޫލިއްޔަތު އަދާކުރުމުގައި ފަސްނުޖެހި، ހީވާގިވެގެންނެވެ. ވީމާ  ކެޕްޓަންކަމަށް އޭނަ ކުރިމަތިލީ މަގާމު އަދާކުރެވޭފަދަ ޤާބިލުކަން ހުރިކަމަށް ގަބޫލުކުރެވޭތީ އާއި މަޤާމަށް ޝައުގުވެރިކަން ހުރުމުންނެވެ.

މީގެއިތުރުން ކުދިންނާ ގުޅޭ، މަސައްކަތަށް އިޚްލާސްތެރި ކުއްޖެއްކަން ޤަބޫލުކުރާތީއެވެ. އަދި ދަރިވަރުންގެ ވާހަކަތައް އަޑު އަހައި ޝަކުވާތަކަށް ހައްލުހޯދައިދޭން މަސައްކަތް ކޮށްދޭން ބޭނުންވާތީއެވެ.  އިންޝާﷲ! ކެޕްޓަންކަމަށް އޭނާ ހޮވިއްޖެނަމަ، ލީޑަރުންގެ ޒިންމާއާއި މަސްއޫލިއްޔަތުގެ ނަމޫނާ އޭނަ ދައްކައިދޭނެއެވެ.

 ކުރިމަތިލާފައި ހުރި ކެންޑިޑޭޓުންގެ ތެރެއިން، އިޝާ ކެންޑިޑޭޓް ނަންބަރު 3 އަށް ވޯޓުދެއްވާ!

 

އެޑިޓަރުގެ ނޯޓް: މި ކޮލަމްގައި ޝާއިޢު ކުރަނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ގެ ސާނަވީ ކެޕްޓަން ކަމަށް ކުރިމަތިލާފައިވާ ދަރިވަރުން ކެންޕޭން ކުރުމަށް އެ ދަރިވަރުން ފޮނުވާފައިވާ ލިޔުންތަކެވެ.

 

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *