ފަޠޫންއަކީ ކާކު؟

މި ސުވާލަކީ ގިނަ ދަރިވަރުންނަށް އޭގެ ޖަވާބު ނޭނގޭނެ ސުވާލެއް ނޫނެވެ. ގުރޭޑު 6 ކުން ފެށިގެން މިއަދާއި ހަމައަށް، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި ތަޢުލީމު ހާސިލުކުރަމުންދާ ޢައިޝަތު ފަޠޫން އަޙްމަދަކީ ސްކޫލްގެ އެކި މުބާރާތްތަކާއި އެތައް ހަރަކާތްތަކަކުން އިވިފައިވާ ނަމެކެވެ. ދެކިފައިވާ މޫނެކެވެ. އަދި ކަންކަމުގައި ދަރިވަރުންނާއި ގުޅިގެން މަސައްކަތް ކޮށްފައިވާ އެކުވެރި ނަމޫނާ ދަރިވަރެކެވެ.

"ކަންކަމުގައި ފައްސި"، "ހިތްހެޔޮ"، "ހީވާގި"، "ރަޙްމަތްތެރި" މިއީ 10ބީ ފަޠޫންގެ މިޒާޖު ސިފަކޮށްދޭން އެހެންމީހުން ބޭނުންކުރާ ލަފުޒުތަކެވެ. ފަޠޫން އަކީ ދާއިމީ ހިނިތުންވުމަކާއި އެކު، ކަންކަމުގައި އިސްނަގައި ކެރިގެން މަސައްކަތްކުރާ ދަރިވަރެވެ. މުދައްރިސުންނައި ދަރިވަރުން ޝާމިލުކޮށްގެން ކަންކަމާ ކުރިމަތިލާން ފަޠޫން މަސައްކަތް ކުރެއެވެ. ސްކޫލުގައި ބާއްވާ މުބާރާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެ ދަރިވަރުންނަށް އަބަދުމެ އެހީގެ އަތެއް ފޯރުކޮށްދޭން އެންމެ ކުރީ ސަފުގައި ހޭވައްލާ ތައްޔާރަށް ހުންނަ ދަރިވަރުންގެ ތެރޭގައި ފަޠޫން ނުވެއެއް ނުދާނެއެވެ.

މިއަހަރު ކުރިއަށްދާ ސާނަވީ ދަރިވަރުންގެ ކައުންސިލުގެ އިންތިޚާބުގައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ކެޕްޓަން ކަމުގެ މަގާމަށް ފަޠޫން ދަނީ ވާދަކުރަމުންނެވެ. މީގެ ކުރިން، ފަޠޫން އަކީ އެކި އަހަރުތަކުގައި ސްކޫލްގެ ޕްރިފެކްޓު ބޯޑުގައި ހިމެނުނު ދަރިވަރެކެވެ. އަދި މިދިޔަ އަހަރު ފަޠޫން ވަނީ ސްކޫލްގެ ކާމިނީ ހައުސްގެ ޑެޕިއުޓީ ކެޕްޓަން ކަމުގެ މަޤާމުވެސް އަދާކޮށް، ސްކޫލްގެ ފަރާތުން ކުރިއަށް ގެންދެވުނު އެކިއެކި މުބާރާތްތަކުގައި ކާމިނީ ހައުސްގެ ނަން ވިދާލުމަށް އެހީތެރިވެ ދީފައެވެ.

ތަޢުލީމާއި ކިޔެވުމަށް ބަލާއިރު، ފަޠޫން އަކީ ފާހަގަކޮށްލެވޭ ދަރިވަރެކެވެ. އެގޮތުން ގުރޭޑް 7 ކުން ފެށިގެން ކޮންމެ ދިރާސީ އަހަރެއް ފަޠޫން ނިންމާލީ، ކޮންމެ އަހަރަކުވެސް ގުރޭޑުން އެންމެ މަތީ ނަތީޖާ ހޯދާ ގަދަ 5 ދަރިވަރުންގެ ތެރެއިން ޖާގައެއް ހޯދައިގެންނެވެ. ފަޠޫން އަކީ ވިސްނުން ތޫނު، އަބަދުވެސް ރަނގަޅު ނަތީޖާއަކަށް އަމާޒު ކުރާ ދަރިވަރެކެވެ. ކާމިޔާބީއަށް ވަރުގަދަ އަޒުމެއް ކަނޑައަޅައި އެކަން ހާސިލުކުރުންމަތީ ދެމިހުންނަ ކުއްޖެކެވެ.

ފަޠޫން އަކީ އިތުރު ހަރަކާތްތްކަށް ބެލި ކަމުގައިވި ނަމަވެސް ކުޅަދާނަ ބައިވެރިއެކެވެ. ފަޠޫން ބައިވެރިވި ހަރަކާތްތައް އަތުގެ އިނގިލިތަކުން ގުނާލެވޭހާ ވަރަށް ވުރެންވެސް ގިނައެވެ. ފަޠޫން ބުނާގޮތުގައި އިތުރު ހަރަކާތްތަކުގައި ބައިވެރިނުވާ އެއްވެސް ދުވަސްވަރެއް ފަޠޫންގެ ހަނދާނަކަށް ނާދެއެވެ. އަބަދުވެސް އުޅެވޭނީ ކޮންމެވެސް ހަރަކާތެއްގެ ތެރޭގައި ކަމަށް ފަޠޫން ބުނެއެވެ. މިގޮތުން ފަޠޫން އަކީ ސްކޫލްގެ ގާރލް ގައިޑް ކޮމްޕެނީގެ ސެކްރެޓެރީގެ މަޤާމު އަދާކުރަމުންދާ ދަރިވަރެވެ. އަދި ސްކޫލްގެ ގައިޑެއްގެ ހައިސިއްޔަތުން ފަޠޫން ވަނީ އެކި ހިލޭސާބަހުގެ އިވެންޓުތަކާއި ޕްރޮގްރާމުތަކުގައި ބައިވެރިވެފައެވެ. އެންމެ ފަހުން ބޭއްވުނު ގައިޑު ޕެޓްރޯލް ލީޑާރސް ޓްރެއިނިގް ކޭމްޕުގައި ވެސް ފަޠޫން ވަނީ ސްކޫލުގެ ފަރާތުން ދިޔަ ޕެޓްރޯލުގެ ލީޑަރަކަށް ހުރެ އެންމެ ރަނގަޅު ޕެޓްރޯލުގެ ވަނަ ސްކޫލަށް ހޯދާދީފައެވެ.

ސްކޫލްގެ ތެރޭގައި ބޭއްވޭ މުބާރާތްތަކުގައި ވެސް ފަޠޫންގެ ބައިވެރިކަން ނުފެނިއެއް ނުދާނެއެވެ. އެގޮތުން ހިޔާ ޢީދުގެ މުބާރާތްތަކުގައި ފަޠޫން ބައިވެރިވިއެވެ. އަދި މިއަހަރު ބޭއްވުނު ޓްރެވަލް އެންޑް ޓުއަރިޒަމް ފެސްޓިވަލުގައި ވެސް ކޮމިޓީ މެމްބަރެއްގެ ވާޖިބު އަދާކުރަމުން ފެސްޓިވަލްގެ ކަންކަން އިންތިޒާމުކުރުމުގައި ހަރަކާތްތެރިވެ އުޅުނު ފަޠޫން ލޮލުގައި އަޅައި ނުގަތީ މަދު މީހެއްގެއެވެ. ބައިނަލްއަޤްވާމީ މުބާރަތެއްކަމަށްވާ ވޯރލްޑް ސްކޮލަރސް ކަޕްގައި ވެސް ވާދަކޮށް ފަޠޫންވަނީ ގިނަ މެޑައްޔެއް ހޯދާފައެވެ. ހަމައެހެންމެ އިންޓަރ ސްކޫލް ފެތުމުގެ މުބާރާތުގައި ދެފަހަރެއްގެ މަތިން ފަޠޫން ވަނީ ސްކޫލް ތަމްސީލުކޮށްދީފައެވެ. މިހާރުވެސް ފަޠޫން ދަނީ ގައުމީ މުބާރާތްތަކަށް ތައްޔާރުވަމުންނެވެ.

ފަޠޫން ސްކޫލް ކެޕްޓަން ކަމަށް މިއަހަރު ކުރިމަތިލީ ފޮނި އުންމީދުތަކަކާއި އެކުއެވެ. ދަރިވަރުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ކަނުލާ އަޑުއަހައި އަވަސްގޮތަކަށް ހައްލު ގެނެސްދޭންވެގެންނެވެ. އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަކީ އިތުރަށް އުފާވެރި، ދަރިވަރުންގެ ކިޔެވުން އުޖާލާވާ، ދީނަށް އިސްކަންދެވޭނެ މާހައުލަކަށް ހަދައިދިނުމަށެވެ. އަދި ކިޔެވުމުގެ އިތުރުން ދަރިވަރުންގެ ސްކޫލް ދައުރަކީ މަޖާ އަދި ފޯރިގަދަ ހަރަކާތްތަކަކުން ފުރިފައިވާ ދައުރަކަށް ހަދައިދިނުމަށެވެ.

ސްކޫލް ކެޕަޓަނަކަށް ފަޠޫން ހޮވިއްޖެ ނަމަ ފަޠޫންގެ އަޑު ވާނީ ދަރިވަރުންގެ އަޑު ސްކޫލުގެ މެނޭޖްމެންޓާއި ހަމައަށް ފޯރުކޮށްދޭނެ ލައުޑް ސްޕީކަރަކަށެވެ. މިހާރުވެސް ސްކޫލަށް ކޮށްދޭނެ ކަންކަމުގެ ޚިޔާލުތައް ނުހަނު ގިނައެވެ. އަދި ސްކޫލް ކެޕްޓަންގެ ހައިސިއްޔަތުން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ގަދައަށް ވިދަމުންދާ ކާމިޔާބީގެ އަލި އިތުރަށް ގަދަކޮށް، އިތުރު ހަރުފަތަކަށް ގެންދިޔުމަށް ފަޠޫން މިހުރީ ތައްޔާރަށެވެ.

ބޭނުންވަނީ ހަމައެކަނި ތިޔަދަރިވަރުންގެ ހިތްވަރެވެ. އިތުބާރެވެ. އެއްބާރުލުމެވެ.

ކެންޑިޑޭޓް ނަންބަރު 6 ކަށް ވޯޓެއް ދެއްވާށެވެ.

 

އެޑިޓަރުގެ ނޯޓް: މި ކޮލަމްގައި ޝާއިޢު ކުރަނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ގެ ސާނަވީ ކެޕްޓަން ކަމަށް ކުރިމަތިލާފައިވާ ދަރިވަރުން ކެންޕޭން ކުރުމަށް އެ ދަރިވަރުން ފޮނުވާފައިވާ ލިޔުންތަކެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *