ހިއްވަރާއި ޢަޒުމާއެކު – މިފަހަރު ސްކޫލް ކެޕްޓަނަކަށް ހުރިހައި ކުދިންގެ އެކުވެރި ޖައިޝާ އާސިމް!

ފާތިމަތު ޖައިޝާ އާސިމްއަކީ އަޙްމަދިއްޔާ އިންޓަނޭޝަލް ސްކޫލްގެ ދަރިވަރުންނަށް އާ ނަމެއް ނޫނެވެ. ޖައިޝާގެ ހިނިތުންވުމާއި އެކުވެރި މިޒާޖަކީ ހުރިހައި ކުދިންނާއި ރައްޓެހި ސިފައެކެވެ. 2008ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27ވަނަ ދުވަހު މާލެއަށް އުފަންވި، ޖައިޝާގެ އެންމެ ފުރަތަމަ ތަޢުލީމީ ބިނާއަކީވެސް އަހްމަދިއްޔާ ސްކޫލެވެ. 2011ވަނަ އަހަރު އަހްމަދިއްޔާގެ ބޭބީ ނާސަރީން ތައުލީމްގެ ބިންގާ އެޅުމަށްފަހު ގްރޭޑް 1އިން ފެށިގެން ގްރޭޑް 6އަށް ޖައިޝާ ތަޢުލީމް ހާސިލްކޮށްފައިވަނީ ޖަމާލުއްދީން ސްކޫލްގައެވެ.

ޖަމާލުއްދީން ސްކޫލްގައި ޖައިޝާ ތައުލީމް ހާސިލްކުރި މުއްދަތުގައި އެ ސްކޫލްގައި ބޭއްވި ހުރިހައި ތައުލީމީ އަދި  އަދަބީ މުބާރާތްތަކެއްގައި ވާދަކޮށް ފާހަގަކުރެވޭ އެތައްއެތައް ކާމިޔާބީއެއް ހާސިލްކޮށްފައިވެއެވެ. މިގޮތުން އިންޓަރ ކްލާސް އިންގްލިޝް ލިޓެރަރީ ހަރަކާތްތަކާއި ދިވެހި ފޯވަހީގެ ރައިވަރު ކިޔުމާއި ބަނދި ކިޔުމާއި އިންޓަރ ކްލާސް ވާހަކަދެއްކުމުގެ މުބާރާތާއި ކީރިތި ޤްރުއާން ކިޔެވުމުގެ މުބާރާތުގެ އިތުރުން ޔަންގް ޝޭކްސްސްޕިއަރ އެވޯޑާއި ޞަލާހުއްދީން އެވޯޑްތަކުން ފާހަގަކުރެވޭ ނަތީޖާތައް ޖައިޝާ އާސިމްވަނީ ހާސިލްކޮށްފައެވެ. ޖައިޝާގެ ކާމިޔާބުގެ ހާރު ކުދިބޮޑު އެތައް ބޮޅުތަކަކުން ނުހަނު ފުރިހަމައަށް ގެތިފައިވާއިރު، މި ހިއްސާކޮށްލަނީ އޭގެތެރެއިން ބައެއް ބޮޅުތަކެވެ.

ލިޓްލް މެއިޑާއި ގާރލްގައިޑަކީ ޖައިޝާގެ ކާމިޔާބުގެ ފެށުމެވެ. އޭރުވެސް ޖައިޝާ އާސިމްއަކީ ހުރިހައި ކުދިންނާއި އެކުވެރި، ގުޅިގެން މަސައްކަތްކުރުމާއި ކަންކަމަށް އިސްނެގުމުގައި ފާހަގަކޮށްލެވޭ ކުޅަދާނަ ދަރިވަރެކެވެ.

އާއިލާގެ މެންބަރުންނާއި އެކުވެރިންގެ ނަމުންނަމަ، 'ޖައި' އަކީ ހުރިހައި ކުދިންނަށް ހަމަހަމަކަމާ އެކު އިންސާފުން ކަންކަން ކުރުމަށް ބާރުއަޅައި  އެހެންކުދިންގެ އިހްސާސްތަކަށް އިޙްތިރާމްކުރާ އަޚްލާގް ރަނގަޅު ދަރިވަރެކެވެ. ޖަމާލުއްދީން ސްކޫލުން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް ޖައިޝާ ބަދަލުވުމުގެ ރާސްތާއަކީ ވެސް، ހަމަހަމަކަމާއެކު ފުރުސަތުތައް ލިބިގަތުމުގެ ފޮނި އުއްމީދުގައި މުސްތަގްބަލަށް އެޅި ހަރުދަނާ ފިޔަވަޅެއް ކަމުގައި އުފަލާއެކު ޖައިޝާ ފާހަގަކުރެއެވެ.

 

އެކުވެރިންގެ ގޮތުގައި ވަކި ކުއްޖަކު އިޚްތިޔާރުކުރުމުގެ ބަދަލުގައި ޖައިޝާގެ 'އެންމެ ގާތް' އެކުވެރިންގެ ގޮތުގައި އަބަދުވެސް އެތައް ކުއްޖަކު ހިމެނެއެވެ. ކޮންމެ މިޒާޖެއްގެ ކުއްޖަކާ އެކު ވެސް މަސައްކަތްކޮށް، ހަރުދަނާ ގުޅުމެއް ބިނާކުރުމުގެ ގާބިލުކަމަކީ ޖައިޝާގެ އެންމެ ޚާއްސަ އެއް ސިފައެވެ.

 

ޖައިޝާގެ ކާމިޔާބު ތަޢުލީމީ ހަޔާތުން، ކޮންމެ މާއްދާއަކީ ވެސް އޭނާއަށް މުހިއްމު އަދި ޝައުގުވެރި ސަފްހާތަކެކެވެ. އެހެންނަމަވެސް ހިސާބު މާއްދާއަށް ޚާއްސަ ލޯތްބަކާއި އިތުރު ސަމާލުކަމެއް ދެވިފައިވާކަން ޖައިޝާ ފާހަގަކުރެއެވެ. ތަޢުލީމީ ރޮނގުން ފަޚުރުވެރި ކާމިޔާބީތަކެއް ހޯދަމުންދާ މިދަރިވަރަކީ ކުޅިވަރުގައި ވެސް ނަން ވިދާލި ހުނަރުވެރި ދަރިވަރެކެވެ. އުމުރުން އެންމެ 6 އަހަރުން ފެށިގެން ނެޓްބޯޅައިގައި ހަރަކާތްތެރިވަމުން، ސްކޫލް ފެންވަރުގައި އަދި އިންޓަރސްކޫލް ފެންވަރުގެ މުބާރާތްތަކުގައި ވެސް ޖައިޝާވަނީ ކުޅެފައެވެ. މީގެއިތުރުން ބާސްކެޓް ބޯޅައަކީ ވެސް ޖައިޝާގެ ޚާއްސަ ކުޅިވަރެކެވެ.

ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ ޖައިޝާ އާސިމްގެ ކިބައިގައި ހުންނަ އެންމެ މަގްބޫލް ސިފަތައްކަމަށް ހުރިހައި އެކުވެރިން އިއްތިފާޤްވާނެއެވެ. މިހާތަނަށް ނިންމުނު ކަންކަމުގެ ތެރެއިން އެންމެ އުފާކުރާ ނިންމުމަކީ ގްރޭޑް  7 އަށް އަހްމަދިއްޔާ ސްކޫލުގެ ތަޢުލީމީ އާއިލާގެ މެންބަރެއްގެ ގޮތުގައި ހިމެނިގެން ދިޔުންކަމަށް އުފަލާއެކު ޖައިޝާ ފާހަގަކުރެއެވެ.

 

ލޯބިވާ މަންމައާއި ބައްޕަގެ ފޮނި އުއްމީދުތައް ހަގީގަތަކަށް ހަދައިދިނުމުގެ އަޒުމުގައި ހުރި ޖައިޝާ، އެންމެ ދެކެން ބޭނުންވާ ދުވަހަކީ، ނުވަތަ އެންމެ ބޮޑު އުއްމީދަކީ މައިންބަފައިން ފަޚުރުވެރިވާފަދަ ނަތީޖާތަކާއެކު، ކުރިމަތިލާ ކޮންމެ ކަމަކުން އެންމެ މަތީ ދަރަޖައިގައި ފާހަގަކުރެވިގެން ދިއުމެވެ. އަދި އަމިއްލަ މަސައްކަތުން ފުދުންތެރި، މިނިވަން ކުއްޖެއްގެ ގޮތުގައި އަބުރުވެރި ދިރިއުޅުމެއް ހޯދުމެވެ.

 

އުފާވެރިކަމާއި ހިނިތުންވުމަކީ ޖައިޝާއަށް އެންމެ ކަމުދާ ސިފަތަކެވެ. ހުސްވަގުތެއް ލިބިއްޖެނަމަ، އާއިލާގެ  5 މެންބަރުންނާއެކު ހަމަހިމޭން މާހައުލެއްގައި ޓީވީ ބަލާލުމަކީ ޖައިޝާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.  ދުނިޔޭގެ ތަފާތު ހަނގުރާމަތަކާއި، ތާރީޚީ ހާދިސާތަކާއި ގުޅޭގޮތުން އުފައްދާފައިވާ ތަފާތު ޑޮކިއުމެންޓްރީތަކަކީ ޖައިޝާގެ އެންމެ މަގުބޫލް ޓީވީ ޕްރޮގްރާމްތަކެވެ.

 

އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި ޖައިޝާ ކުރަމުންދާ ފާގަތި ނިޔާމަ ދަތުރުގައި، ފާހަގަކޮށްލެވޭ އެތައް ކާމިޔާބީއަކުން އޭނާގެ ޑައިރީގެ ސަފްހާތައް ފުރެމުންދާއިރު، އެތައް ހަފްލާއެއް އިނގިރޭސި އަދި ދިވެހި ބަހުން ހުށަހަޅައިދިނުމުގެ ކުޅަދާނަ ހުނަރުގެ ވާހަކަ ލިޔެލަން ޖެހެއެވެ. ސްކޫލްގައިފާހަގަކުރެވޭ ކޮންމެ މުހިއްމު މުނާސަބަތެއްގައި ޖައިޝާގެ ހިއްސާ ނެތިނުދެއެވެ.

2022 ވަނަ އަހަރު ބޭއްވުނު ޓީޓީފެސްޓްގައި އިސްކޮށް ހަރަކާތްތެރިވެ، އެފަހަރު ޖައިޝާވަނީ އިންޓަރ ހައުސް ޑިބޭޓްއިން އެއްވަނަ ވެސް ހާސިލްކޮށްފައެވެ.2024 ވަނަ އަހަރުގެ ޓީޓީ ފެސްޓްގައި ވެސް ވަރަށް ހަރަކާތްތެރިކަމާއެކު މަޝްޣޫލުވެ އަދި ޑިބޭޓްގައި ވެސް ޖައިޝާވަނީ ބައިވެރިވެފައެވެ.

ސްކޫލުން ގޮވާލި ކޮންމެ ވަގުތެއްގައި އިޖާބަ ދިނުމަކީ ޖައިޝާގެ އުފަލެކެވެ. ފާއިތުވެދިޔަ ދެ އަހަރު ޖައިޝާގެ ކާމިޔާބުގެ ސަފްހާތައް އިތުރަށް ބަބުޅާލިއެވެ. ސްކޫލް ފެންވަރުގެ މުބާރާތްތަކުގެ އިތުރުން ބައިނަލް އަގްވާމީ ފަޚުވެރި ވަނަތަކެއްގައި ޖައިޝާގެ ނަން ވިދާލާފައިވަނީ އަހުމަދިއްޔާ ސްކޫލަށް ރީތިނަން ހޯދައިދެމުންނެވެ.

ދުނިޔޭގެ އެތައް ގައުމަކުން ބައިވެރިވެ ގިނަ އަދަދެއްގެ ކުދިންގެ މެދުގައި ވާދަވެރި މުބާރާތްތަކެއް ބޭއްވިގެންދާ 'ވޯލްޑް ސްކޯލާރސްކަޕް’ގެ 2023 ވަނަ އަހަރުގެ ގްލޯބަލް ރައުންޑްގައި ދިވެހި ރާއްޖޭގެ ދިދަ ފަޚުރުވެރިކަމާއެކު އުފުލާލުމުގެ ޝަރަފް ލިބިފައިވަނީ ވެސް ޖައިޝާ އާސިމްއަށެވެ. މިއީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރަކަށް މި ޝަރަފް ލިބިގެންދިޔަ ފުރަތަމަ ފަހަރެވެ.  މީގެ  އަތުރުން  މުޅި  މުބާރާތުން،  އެތައް  ހާސްކުދިންތަކެއްގެ  ތެރެއިން  ލިޔުމުގެގޮފިން  ފަހުރުވެރި  6  ވަނަ  ހޯދައި ރަން  ތަށި  ހާސިލް  ކޮށްފައެވެ.

ހަމަ މިއަހަރުގައި ސްކޯލަސް ކަޕުގެ މާލޭ ރައުންޑުން ޖައިޝާއަށްވަނީ ފާހަގަކުރެވޭ ބޮޑެތި ކާމިޔާބީތަކެއް ވެސް ލިބިފައެވެ.

މިގޮތުން، 6 ވަނަ ޗެމްޕިއަން ޓީމުގެ ގޮތުގައި ރަން މެޑަލް

ޓީމް ޗެލަންޖްގެ ރިހި މެޑަލް

ޓީމް ޑިބޭޓްގެ 1ވަނަ ޓްރޮފީ

ޓީމް ބޯލްގެ ރަން މެޑަލް

ޑިބޭޓް ޗެމްޕިއަންގެ ރަން މެޑަލް އަދި

ރައިޓިންގ ޗެމްޕިއަންގެ ރިހި މެޑަލްގެ އިތުރުން  ޖައިޝާއަކީ ގްލޯބަލް ރައުންޑްގެ ފަޚުރުވެރި ކޮލިފަޔަރ އެކެވެ.

 

2024 ވަނަ އަހަރަކީ ވޯލްޑް ސްކޮލަރސް ކަޕްގައި ޖައިޝާއަށް މާ ފާގަތި އަހަރެކެވެ.  ރީޖަނަލް ރައުންޑްގައި އަޙްމަދިއްޔާއިން ބައިވެރިވި ދަރިވަރުންގެ ތެރެއިން ސީނިއާ ލެވެލްގެ 'ޓޮޕް ސްކޮރިން ސްކޮލަރ’ގެ ފަޚްރުވެރި މަގާމް ހާސިލްކޮށްފައިވަނީ ވެސް ފާތިމަތު  ޖައިޝާ އާސިމްއެވެ.

އަދި 3ވަނަ އޮވަރޯލް ޓީމްގެ ޓްރޮފީއާއި

9ވަނަ އޮވަރޯލް ސްކޮލަރގެ ރަންމެޑަލާއި

4ވަނަ ރައިޓިން ޓީމްގެ ޓްރޮފީއާއި

6ވަނަ ބޯލް ޓީމްގެ ރަން މެޑަލާއި

10ވަނަ ޑިބޭޓް ޓީމްގެ ރަން މެޑަލާއި

ލިޔުމުން 4ވަނަ- ރަން މެޑަލާއި

21ވަނަ ޑިބޭޓަރގެ ރަން މެޑަލާއި

33ވަނަ ޗެލަންޖް ސްކޮލަރގެ ރިހި މެޑަލާއި

ސީނިއަރ ލެވެލްގެ ބައިން ތިންވަނަ ޓީމަކީވެސް ޖައިޝާގެ ޓީމެވެ.

މީގެ އިތުރުން އެންމެ ފަޚުރުވެރި ޓީމްތަކުގެ ތެރޭގައި ޖައިޝާގެ ޓީމްވަނީ ގްލޯބަލް ރައުންޑަށް ކޮލިފައި ވެފައެވެ.

ސްކޫލްގައި އެކި ފެންވަރުގައި ބޭއްވޭ ކަންކަމުގެ އިތުރުން ޖައިޝާ ހޯދާފައިވާ އަރުތަތައް ފާހަގަކޮށްލުން ހައްޤެވެ.

މިގޮތުން 2018ވަނަ އަހަރު ޑިސްޓިންކްޝަން  އިން ކެމްބްރިޖް އިންގްލިޝް އެންޓްރީ ލެވެލް ސަރޓިފިކޭޓް އިން އީއެސްއޯއެލް އިންޓަރނޭޝަނަލް (އެންޓްރީ 3) (ކީ)*

2019 ޑިސްޓިންކްޝަން އިން ކެމްބްރިޖް އިންގްލިޝް އެންޓްރީ ލެވެލް ސަރޓިފިކޭޓް އިން އީއެސްއޯއެލް އިންޓަނޭޝަނަލް (އެންޓްރީ 3) (ކީ)*

2017 ޕާޓިސިޕޭޓެޑް އެންޑް ޕާސްޑް ވިތް އަ ކްރެޑިޓް އިން ދަ އިންޓަރނޭޝަނަލް ސްޓޭންޑާރޑް އޮފް ޔޫސީމަސް އެބަކަސް ކޮމްޕިއުޓޭޝަން

އިންގްލިޝް އޭސް އަ ސެކަންޑް ލޭންގްއޭޖް އިން އޭ ސްޓާރ 2022 ވަނަ އަހަރު އޯލެވެލް އިމްތިޙާނުން ޙާޞިލް ކުރުން.

2018ވަނަ އަހަރު އެޗީވްޑް ފަރސްޓް ޕްލޭސް ފްރޮމް ގްރޭޑް ކެޓަގަރީ އެންޑް ތަރޑް ޕްލޭސް ފްރޮމް ދަ ހޯލް ކޮމްޕެޓިޝަން އިން ދަ ޕޯސްޓަރ ކޮންޕެޓިޝަން އޮން ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ގޯލްސް، ކޮންޑަކްޓަޑް ބައި މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އިނަރޖީ ކާމިޔާބުގެ ފަޚުރުވެރި ވަނަތަކާއެކު  ފާތިމަތު ޖައިޝާ އާސިމް މިވަގުތު ކުރިމަތިލާފައިވަނީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ކެޕްޓަންކަމުގެ މަގާމަށެވެ.

ހުރިހައި ކުދިންނަށް ހަމަހަމަ ކަމާއެކު އެތައް އެތައް ފުރުސަތެއް ހޯދައިދިނުމުގެ މަގްސަދުގައި ޖައިޝާ އާސިމް ފަށާފައި  މިވާ ދަތުރުގައި ހާސިލްކުރާނެ ބައެއް ލަނޑުދަނޑިތައްވަނީ ފާހަގަކޮށްލާފައެވެ.

 

މިގޮތުން މިހާރު ހުއްޓިފައިވާ ކްލަބްތަކުގެ ހަރަކާތްތައް އަލުން ފަށައިގެން ކުރިއަށް ގެންދިއުމަށް މަސައްކަތްކުރުމާއި ހުރިހައި ކުދިންނަށް ހަމަހަމަ އުސޫލުން ކޮންމެ ކަމެއްގައިވެސް ފުރުސަތު ދިނުމަށް ބާރުއެޅުން ހިމެނެއެވެ. އަދި ސްޓޫޑެންޓް ކައުންސިލާއި ސްކޫލް މެނޭޖްމެންޓްގެ މީޓިންގތައް ގަވާއިދުން ބާއްވައި ދަރިވަރުންގެ ކަންބޮޑުވުންތައް ހުށަހަޅައި ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާނެއެވެ. އެންމެ ޚާއްސަކަމެއްގެ ގޮތުގައި ޖައިޝާ ފާހަގަކޮށްފައިވަނީ އަންހެން ކުދިންނާއި ފިރިހެންކުދިން ނަމާދުކުރަން ވަކިން، ޚާއްސަ ތަނެއް ކަނޑައެޅުމާއި ބައެއް މާއްދާތަކުން އިތުރަށް އެހީބޭނުންވާ ކުދިންނަށް އެފުރުސަތު ހޯދައިދިނުމަށް ހިއްވަރާއެކު މަސައްކަތް ކުރާނެކަމުގެ ޔަގީންކަމެވެ.

 

ދީނީ ކަންކަމަށް ލޯބިކުރާ މި ދަރިވަރަކީ 'ސައިންސް ސްޓޫޑެންޓް’އެކެވެ. ނަމަވެސް ލިޓްރޭޗަރއާއި އެކައުންޓްގެ އިތުރުން އިންގްލިޝް އޭޒް ފަސްޓް ލެންގްއޭޖްއާއި ދިވެހި މާއްދާއަށް ހުންނަ ޝައުޤުވެރިކަމެއްގެ ސަބަބުން،ހިނގަމުން މިދާ 2024ވަނަ އަހަރު ޖައިޝާވަނީ މި މާއްދާތަކުން އޯލެވެލްވެސް ހަދާފައެވެ. އިންތިޒާރުކުރަމުންދަނީ މި މާއްދާތަކުގެ ފަޚްރުވެރި ނަތީޖާއަށެވެ. އުއްމީދުކުރަނީ އަޙްމަދިއްޔާ ސްކޫލްގެ ކެޕްޓަންކަމަށް ޖައިޝާ މިކުރާ ދަތުރުގައި މާތްﷲ ބަރަކާތްލައްވައި ކާމިޔާބު މިންވަރުކުރެއްވުމެވެ.

 

އެޑިޓަރުގެ ނޯޓް: މި ކޮލަމްގައި ޝާއިޢު ކުރަނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ގެ ސާނަވީ ކެޕްޓަން ކަމަށް ކުރިމަތިލާފައިވާ ދަރިވަރުން ކެންޕޭން ކުރުމަށް އެ ދަރިވަރުން ފޮނުވާފައިވާ ލިޔުންތަކެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *