ޒިންމާދާރު.ނަޒާހަތެރި. ވިސްނުންތޫނު. ކެތްތެރި. އަޚްލާޤު ރަނގަޅު. އިތުބާރުކުރެވޭ. ތެދުވެރި، މިއީ 10އޭގެ ދަރިވަރެއް ކަމަށްވާ މަރިޔަމް ޢަރަފާ އިބްރާހީމް، ކެންޑިޑޭޓް ނަންބަރު 8، ސިފަކޮށްދެއްވަން އެދުމުން ގިނަ ދަރިވަރުންނާއި، މުދައްރިސުންގެ ކިބައިން އަޑު އިވޭ ބަސް ތަކެކެވެ.
ޢަރަފާ އަކީ ޝައްކެއް ވެސް ނެތް ގޮތުގައި ނަމޫނާ ދަރިވަރެކެވެ. 2020 ވަނަ އަހަރު އަޙްމަދިއްޔާއާއި ގުޅުނު ފަހުން ކޮމެންޑެޑް ރިޕޯޓެއް ޙާސިލް ނުކުރާ އަހަރެއް، ޓާމެއް ނުދެއެވެ. ފިލާވަޅު ކިޔަވައިދޭއިރު ކަނުލައި އަޑުއަހައި، މުދައްރިސުންދޭ މަސައްކަތްތައް ބަރާބަރަށް ފުރިހަމަ ކުރެއެވެ. އިތުރު ޙަރަކާތްތަކުގައި ބައިވެރިވެ، ހޯދާފައިވާ ވަނަތައް މަދެކޭ ނުބުނެވޭނެއެވެ.
ކުލާހުގައި ހިންގާ ޙަރަކާތްތަކާއި އިންޓަރ ކުުލާސް މުބާރާތްތަކުގައި އިސްނެގުމުގައި އެންމެ ކުރީ ސަފުގައި ތިބޭ ދަރިވަރުންގެ ތެރޭގައި ޢަރަފާ ހިމެނެއެވެ. ރޭވުންތެރި ކަމާއި އެކު ކަންކަން ހިންގައި، ރަނގަޅު ނަތީޖާ ނެރުމަކީ ޢަރަފާ އަހަރުން އަހަރަށް ކުރަމުން ދާ ކަމެކެވެ. މީގެ ލާމަސީލު މިސާލަކީ 5 ޖުލައި ވީ ހުކުރު ދުވަހު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސުކޫލުގައި ބޭއްވި ޓީޓީ ފެސްޓިވަލެވެ. ގިނަ މުދައްރިސުންނާއި ދަރިވަރުން އެއްބަސްވާ ގޮތުގައި މި ޙަރަކާތުގައި 10އޭގެ ސްޓޯލް ހިންގުމުގައި ޢަރަފާ އަދާކުރި މަސައްކަތްތައް ގުނާ އަދަދު ނުކުރެވޭނެއެވެ. އަދި މި ސްޓޯލަށް "އޯވަރޯލް ބެސްޓް ސްޓޯލް" ގެ މަޤާމު ލިބުނެވެ.
މުދައްރިސަކު ކަމެއް ބޭނުންވާ ހިނދު ފުރަތަމަ އަޑުއިވޭ ނަމަކީ ޢަރަފާގެ ނަމެވެ. ދަރިވަރުން ކަމަކަށް އެދޭނަމަ، އެކަމަށް އެދި އަހާ އެންމެ ފުރަތަމަ ދަރިވަރަކީ ޢަރަފާއެވެ. ސަބަބަކަށް ވަނީ އެހީ ފޯރުކޮށްދިނުމުގައި ޢަރަފާ ފަސްނުޖެހޭތީއެވެ. ޖެހިލުން ނުވާތީއެވެ. މީގެ އިތުރުން، ޢަރަފާ އަކީމައްސަލަ ހައްލު ކުރުމަށް ނުހަނު ޤާބިލު ކުއްޖެކެވެ.
ކެޕްޓަނެއްގެ ޙައިސިއްޔަތުގައި ހުރެ ޢަރަފާގެ ވަޢުދަކީ ދަރިވަރުންގެ ޝަކުވާތައް އަޑުއަހާ، މި ސުކޫލަކީ ހިތްގައިމު ކިޔެވުމަށް ޝައުޤު ފުރިފައިވާ މާހައުލެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރުމެވެ. މިކަން ޙާސިލް ކުރެވޭނެ ކަމުގެ އެއްވެސް ޝައްކެއް ޢަރަފާގެ ނެތެވެ. ބޭނުންވާ ހަމަ އެކަނި އެއްޗަކީ ތިޔަ ދަރިވަރުންގެ ވޯޓެވެ.