ހެޔޮ ބަދަލަކަށް، އެކުގައި މަސައްކަތްކުރަން ޔާނިޝް ހުރީ ތައްޔާރަށް!

ގްރޭޑް 10 އީގެ ދަރިވަރު މުހައްމަދު ޔާނިޝް އަޙްމަދުގެ އިލްމީ ދަންމަރުގެ ހުޅުކޮޅު ފުރަތަމަވެސް ރޯކުރެވުނީ އަޙްމަދިއްޔާގެ ޕްރީސް ސްކޫލް މަރުހަލާ އިންނެވެ. އެއަށްފަހު  ޕްރައިމަރީ މަރުހަލާގެ  6 އަހަރު ހޭދަކުރީ  ޖަމާލުއްދީން ސްކޫލްގައެވެ.

އިތުރު ހަރަކާތްތަކަށް އުފެދުނު ޝައުގުވެރިކަމާއެކު، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް ޖެހިފައިވާ ލޯތްބެއްގެ ބޮޑުކަމުން  ޔާނިޝް ގަސްދުކުރީ ގްރޭޑް 7ށް އަޙްމަދިއްޔާ ސްކޫލަށް ބަދަލުވުމަށެވެ. މިގޮތުން  ދަށު ސާނަވީ މަރުހަލާއަށް ބަދަލުވީ ނުހަނު ފޮނި އުންމީދު ތަކަކާއި ރީތި ކުލަތަކުން ޖަރީކުރެވިފައިވާ ހުވަފެންތަކާއެކުއެވެ.  ޔާނިޝް އަކީ މަދަރުސީ ހަޔާތް ފެށުނީއްސުރެ ތަފާތުއެކި މުބާރާތް ތަކާއި އެކި ޕްލެޓްފޯރމް ތަކުގައި ތަފާތު ހުނަރު ދައްކަމުންދާ ފަޚުރުވެރި ދަރިވަރެކެވެ. މިގޮތުން ފާހަގަކޮށްލެވޭ ބައެއް މުބާރާތްތަކަށް އަލިއަޅުވާލާނަމެވެ.

 

  1. ގައުމީ ގުރުއާން މުބާރާތް.
  2. ގައުމީ މަޒުމޫނު ލިޔުމުގެ މުބާރާތް.
  3. ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތް.
  4. ޔޫސިމާސް ނޭޝަނަލް އަދި އިންޓަރނޭޝަނަލް މުބާރަތްތައް.
  5. ވޯރލްޑް ސްކޮލާރސް ކަޕް، އަދި މިނޫނަސް ފާހަގަކޮށްލެވޭ އެކި މުބާރާތްތަކާއި ތަފާތު ހަރަކާތްތަކުގައި ޔާނިޝްގެ ނަން ވިދާލާފައިވަނީ ފަޚްރުވެރިކަމާއެކުއެވެ.

މައިންބަފައިންގެ ބަސްއަހައި  ޓީޗަރުންނަށް ކިޔަމަންތެރި އަދި ދީނީ ކަންކަމަށް ފަރުވާތެރި  ޔާނިޝްއަކީ ރިވެތި އަޚްލާގުން އެހެން ކުދިންނަށް މިސާލު ދައްކާލެވޭނެ ކިޔަމަންތެރި ދަރިވަރެކެވެ. މޮޅަށް ކިޔަވައިގެން މައިންބަފައިން ފަޚުރުވެރިވާނެ ދަރިއަކަށް ވުމަކީ ޔާނިޝްގެ މޮޓޯއެވެ. މިކަންކަން ހަގީގަތަކަށް ހެދުމަށްޓަކައި މިންނެތް މަސައްކަތުން ތައުލީމީ ހަޔާތުގެ ހަރުފަތްތައް ކަޑައްތުކުރަމުން ޔާނިޝް ދަނީ ވަރަށް ވިސްނުންތެރިކަމާ ހިކުމަތް ތެރިކަމާ އެކުގައެވެ. ކްލާހުގައި ދޭ މަސައްކަތްތަކާއި ދުވަހުން ދުވަހަށް ނިންމަން ހުންނަ ކަންކަން ވަކި ތާވަލެއްގެ ދަށުން ކުރިއަށް ގެންދިއުމަކީ ޔާނިޝްއަށް ލިބޭ ވަރަށް ބޮޑު ހިންހަމަޖެހުމެކެވެ.

ދަށު ސާނަވީ ގުރޭޑް ތަކުން ފެށިގެން ސްކޫލްގެ އިސް މަގާމްތައް ފުރަމުން އަންނަ ޔާނިޝް އަކީ ކްލާސް ފެންވަރުގައި ބާއްވާ މުބާރާތްތަކާއި ހައުސް އަދި  ސްކޫލް ފެންވަރުގެ އިތުރުން ގައުމީ  ފެންވަރުގައި ބާއްވާ ވާދަވެރި އެތައް މުބާރާތްތަކަކުންވެސް ފާހަގަ ކޮށްލެވޭ ހުނަރުވެރި ދަރިވަރެކެވެ.

ޔާނިޝްއަކީ ގިނަ މުބާރާތްތަކަކުން ރަންވަނަތައް ހޯދައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ފަޚްރުވެރި ތާރީޚްގައިވެސް ނަންލިޔެލަމުންދާ ދަރިވަރެކެވެ. މިގޮތުން އިންޓަނޭޝަނަލް މުބާރާތްތަކުގައިވެސް ޔާނިޝްގެ ނަންވަނީ ވިދާލާފައެވެ. 2022ވަނަ އަހަރު ބެންގްކޮކްގައި ބޭއްވުނު ވޯލްޑް ސްކޮލަރސްކަޕްގެ ގްލޯބަލް ރައުންޑުން އަހްމަދިއްޔާގެ ނަން މުޅި ދުނިޔޭގައި ވިދުވާލި ފަޚުރުވެރި ދަރިވަރަކީވެސް މުޙައްމަދު ޔާނިޝްއެވެ. މި މުބާރާތުގައި ޔާނިޝްވަނީ ޑިބޭޓް ޝޯކޭސްއަށް ހޮވިފައެވެ. މިއީ ފުރަތަމަ ފަހަރަށް އަޙްމަދިއްޔާ ސްކޫލުގެ ނަމާއެކު ޔާނިޝްގެ ނަން ތާރީޚްގައި ލިޔެވިގެން ދިޔަ ރަން ކާމިޔާބީއެކެވެ.

ލިބެމުންދާ ކާމިޔާބާއި ހޯދަމުންދާ އަރުތަ ތަކުގެ ހާރަށް އެންމެ އަގުހުރި ބޮޅެއްގެ ގޮތުގައި ޔާނިޝް މިވަގުތު ގަތާލަން އެންމެ އެދެނީ، އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ، ސްކޫލް ކެޕްޓަން ކަމުގެ މަޤާމެވެ.

 

ސްކޫލް ފަޚުރުވެރިވާނެފަދަ ކެޕްޓަނެއްގެ ޒިންމާ ފުރިހަމައަށް އަދާކުރުމުގެ  ގާބިލްކަން ޔާނިޝްގެ ކިބައިގައި ހުރިކަމަށް އެތައް ދަރިވަރަކު ގަބޫލުކުރާނެކަން ކަށަވަރެވެ. ސްކޫލުން ގޮވާލި ކޮންމެ ކަމަކަށް އިސްނެގުމުގައި ޔާނިޝްއަކީ ރިވެތި މިސާލެކެވެ. ހުރިހައި ކުދިންނާއި ގުޅިގެން، އެކުދިންގެ އިޙްސާސްތައް ދަނެގެން ހިތްވަރާއެކު ކަންކަމުގެ ފުރިހަމަ ޒިންމާ ނެގުމަކީ ޔާނިޝްގެ ޚާއްޞަ ސިފައެކެވެ.  މިގޮތުން  ކުރާންޖެހުނު ކޮންމެ ކަމެއް އެންމެ ފުރިހަމައަށް ކުރެވޭނެކަމުގެ ގާބިލްކަން ހުރި ދަރިވަރަކީ ޔާނިޝްކަމާއިމެދު ޝައްކެއް ނެތެވެ.

ޔާނިޝްގެ  ކިބައިގައިވާ ވާހަކަދެއްކުމުގެ ހުނަރާއި، ކެތްތެރިކަމާއެކު އަޑުއެހުމުގެ ގާބިލްކަމާއި، ކަންކަމާއި ކުރިމަތިލުމުގެ ކެރުންތެރިކަމަށް ތަޢުރީފް ނުކުރާ ދުލެއް، ޔާނިޝްގެ ކާމިޔާބުގެ ދަތުރުގައި މަދުވާނެއެވެ. މި ސަބަބު ތަކަށްޓަކައި އަޙްމަދިއްޔާ ސްކޫލަށް މިވަގުތަށް ޔާނިޝްފަދަ ކުޅަދާނަ ކެޕްޓަނަކު ލިބުމަކީ ކާމިޔާބީގެ އައްސޭރިއަކަށް ދިއުމަށް ލާޒިމް ކަމެކެވެ.

 

ޔާނިޝް ޤަބޫލުކުރާ ގޮތުގައި ،އެ ދަރިވަރުގެ ތަޢުލީމީ ދިގު ރާސްތާގައި، ރިވެތި އަޚްލާގާއި އެކި ފަންނުގެ ތަފާތު ހުނަރުތައް ދަސްކޮށްދިނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުންނެވެ.  ޚާއްޞަކޮށް ފާއިތުވި 4 އަހަރު، ތަޢުލީމީ ރޮނގުން ލިބުނު ގިނަ ކުރިއެރުންތައް ފާހަގަކޮށްލެވެއެވެ. މިގޮތުން ދަސްވި އަގުހުރި ފިލާވަޅުތައް ޔާނިޝްގެ މުސްތަގްބަލް ފާގަތިކޮށްދޭނެ ކަމާއިމެދު އެދަރިވަރު ޝައްކެއް ނުކުރެއެވެ. އެހެންކަމުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން މިއަދު ކެޕްޓަނަކަށް އެދި ގޮވަމުންދާއިރު މި ސްކޫލަށް ފަޚުރުވެރި ޚިދުމަތެއް ކޮށްދިނުމަށްޓަކައި މި މަގާމަށް ކުރިމަތިލުމަކީ ޔާނިޝްގެ ވާޖިބެއް ކަމުގައި ދެކެއެވެ. މިއީ ޔާނިޝްއާއި އަދި އެންމެ  ގާތްއެކުވެރިންގެ އުއްމީދީ ހުވަފެންތަކުގައި ކުލަޖައްސާލުމަށް އޮތް ފުރުސަތެކެވެ.   ޝަރަފްވެރިކަމާއެކު  ޔާނިޝް ސްކޫލް ނިމިގެން ދިއުމަކީ  ލޮބުވެތި މަންމަގެ އެންމެ ބޮޑު އުއްމީދެވެ. މިކަން ހާޞިލްކުރުމަށްޓަކައި ހުރިހައި ކުދިންގެ އެހީތެރިކަން މިއަދު ޔާނިޝް ބޭނުންވެއެވެ.

ކެޕްޓަންކަމަށް ޔާނިޝް ކުރިމަތިލީ، ސަބަބުތަކެއް އޮތީމައެވެ!

 

ޔާނިޝްއަކީ، ސްކޫލުން ކަމަކަށް އެދިއްޖެ ކޮންމެ ހިނދެއްގައި  އެންމެ ފުރިހަމައަށް އެއްބާރުލުންދީ ހުރިހައި ކަމެއްގައި އެންމެ އިސްކޮށް އަމަލީ ގޮތުން ހަރަކާތްތެރިވާނެކަން ސާބިތުކޮށްދެމުން އަންނަ ދަރިވަރެކެވެ. ކެޕްޓަންކަމުގެ މަގާމަށް ހޮވިއްޖެނަމަ، އެކުވެރި ދަރިވަރުންނަށް ކޮށްދޭނެ މުހިއްމު ކަންތައްތަކެއް ޔާނިޝްވަނީ ފާހަގަކޮށްފައެވެ. މިގޮތުން،  ލޮބުވެތި ޕްރިންސިޕަލްގެ އެންމެބޮޑު ކަންބޮޑުވުން ކަމުގައިވާ ދަރިވަރުންގެ 'އަޚްލާޤް’އަށް ހެޔޮބަދަލުތަކެއް ގެނައުމަށް ސްކޫލާއި ގުޅިގެން މަސައްކަތްކޮށް އަދި ރިވެތި އަޚްލާގުގެ ފުރިހަމަ ނަމޫނާ ޔާނިޝްގެ ކިބައިން ދައްކުވައިދޭނެކަން ޔަގީނެވެ.

 

މިގޮތުން އެންމެ ބޮޑު އިސްކަމެއް ދޭނެ ކަންކަމުގެ ގޮތުގައި ފާހަގަކޮށްފައިވާ 3 ކަންތައް ތަރުތީބު ކޮށްލާނަމެވެ.

 

1- ކޮމްޕިއުޓަރ ކިޔަވާ ކުއްޖެއްގެ ހައިސިއްޔަތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ޔާނިޝް ދެކޭ އެންމެ ބޮޑު އެއް ހުވަފެނަކީ ކޮމްޕިއުޓަރ ކިޔަވާކުދިންނަށް، ބޭރުގެ ގައުމަކަށް ތަޖުރިބާ ހޯދުމަށްޓަކައި އައި.ޓީ ޓުއަރއަކަށް ދާން ސްކޫލުގެ މެނޭޖްމެންޓާއި ގުޅިގެން މަސައްކަތްކުރުމެވެ.

ޓީ.ޓީ ޓްރިޕް އޮންނަ ފަދައިން އައި.ޓީ ކިޔަވާ ކުދިންނަށްވެސް ޓްރިޕެއް އޮތުން އެއީ ކޮމްޕިއުޓަރ ކިޔަވާ ކުދިންނަށް ހޯދައިދެވޭނެ ހަމަހަމަ ފުރުސަތެއް ކަމަށް ޔާނިޝް ދެކެއެވެ.

 

2- ދަރިވަރުންގެ ހުނަރާއި ފެންވަރު ދައްކައިލުމަށްޓަކައި އާންމުކޮށް ހުރިހައި ކުދިންނަށް ހުޅުވާލައިގެން ސައިންސްފެއަރ އެއް ބޭއްވުން.

މިކަމަކީ ކުދިންގެ އުފެއްދުންތެރިކަމާއި މަސައްކަތާއި ހުނަރު ދައްކުވައިދިނުމަށްޓަކައި ޔާނިޝް އިސްވެހުރެ ކޮށްދެވޭނެ މުހިއްމު ކަމެކެވެ. މިއީ އާ އީޖާދުތައް އުފައްދަން ބޭނުންވާ ދަރިވަރުންނަށް ކޮށައިދެވޭ، ކުރިއެރުމުގެ  މުހިއްމު މަގެކެވެ.

 

3- ތިންވަނަކަމެއްގެ ގޮތުގައި ޔާނިޝް ކޮށްދޭން ބޭނުންވަނީ، ސްކޫލްގައި ކިޔަވާ ގިނަ ދަރިވަރުންގެ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމެއްގެ ހައްލެވެ. އެއީ ވިސްނުންތެރިކަމާއެކު ތައްޔާރުކުރެވޭ އެކްޓިވިޓީ ކަލަންޑަރއެއް އެކުލަވައިލުމަށް ސްކޫލަށް ހުށަހަޅައި އެކަން ހަގީގަތަކަށް ހެދުމެވެ.

 

ކުރިއާއިލައި ތައްޔާރުކުރެވޭ އެކްޓިވިޓީ ކަލަންޑަރެއްގެ މުހިއްމުކަމަކީ ޔާނިޝްގެ ކެޕްޓަންކަމުގެ ދަތުރުގައި އަމާން ބަނދަރަކަށް ދިއުމަށް އެންމެ ބޭނުންވާ އެއް އަމާޒެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި ދުރާލައި ރާވައިގެން ކަންކަން ކުރެވޭނަމަ، ސްކޫލްގައި ބޭއްވޭ އެކިއެކި މުބާރާތްތަކާއި ތަފާތު ހަރަކާތްތަކުގައި މިހާރަށްވުރެ ބޮޑަށް، ގިނަ ކުދިންނަށް ހަމަހަމަ ފުރުސަތު ލިބިގެންދާނެކަމަށް ޔާނިޝް ގަބޫލުކުރެއެވެ. ހަރުދަނާ ބިންގަލެއްގެ މަތީގައި ތަޢުލީމީ ހަޔާތް ނިންމާލުމަށް ހަމަހަމަ ފުރުސަތަކީ މުހިއްމު ތަނބެއްގެ ގޮތުގައި ޔާނިޝްދެކެނީ ހުނަރުވެރި ގިނަ ދަރިވަރުންތަކެއް އަހްމަދިއްޔާ ސްކޫލުން އުފެއްދުމުގެ މާތް މަޤްޞަދުގައެވެ.

 

މިއީ ޢިލްމުގެ ފޮނި މީރުކަން، އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދައިދިނުމަށް މިހާރުން މިހާރަށްވެސް ކުރާންޖެހިފައިވާ ކަމަކަށްވާތީ، ހުރިހައި ކުދިންނަށް މިކަން ކޮށްދޭނެ ލީޑަރަކީ ޔާނިޝްކަން ޔަގީނެވެ.

މިފަދަ އެތައް ކަމެއް ޔާނިޝްގެ މާލިމީކަމުގެ ދަށުގައި، ސްކޫލް ކެޕްޓަންކަމަށް ހޮވިއްޖެނަމަ، އަޙްމަދިއްޔާ އިންޓަނޭޝަންލް ސްކޫލަށް ކޮށްދޭނެކަމުގެ ޔަގީންކަން ހުރިހައި ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ޔާނިޝް ބޭނުންވެއެވެ.

 

އިން ޝާ ﷲ  ތިޔަ ދަރިވަރުންގެ ވޯޓާއެކު، އަޙްމަދިއްޔާ ސްކޫލްގެ ކެޕްޓަން ކަމުގެ މަޤާމް ހާސިލްކުރެވިއްޖެނަމަ އެއީ ޔާނިޝްއަށް ލިބޭނެ ވަރަށްބޮޑު ހިތްހަމަޖެހުމަކާއި ފަޚުރެކެވެ. އަދި މުޅިންއައު  ހިތްވަރަކާއި ރޫހެއްގައި ޔާނިޝްގެ ލީޑަރޝިޕްގެ ހުނަރު ތަރައްގީ ކުރުމަށް ލިބޭ ވަރަށްބޮޑު ފުރުސަތަކަށް ވެގެންދާނެކަން ކަށަވަރެވެ.

10 އީގެ ދަރިވަރު މުޙައްމަދު ޔާނިޝް އަޙްމަދު އަށް އިތުބާރު ކުރައްވާ، ނަމްބަރު 7އަށް ވޯޓް ދެއްވުމަށް ހުރިހައި ދަރިވަރުންގެ ކިބައިން ޔާނިޝް އެދެއެވެ.

 

އެޑިޓަރުގެ ނޯޓް: މި ކޮލަމްގައި ޝާއިޢު ކުރަނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ގެ ސާނަވީ ކެޕްޓަން ކަމަށް ކުރިމަތިލާފައިވާ ދަރިވަރުން ކެންޕޭން ކުރުމަށް އެ ދަރިވަރުން ފޮނުވާފައިވާ ލިޔުންތަކެވެ.

2 Responses

  1. އަވަރ ގޯލްޑަން ބޯއީ ، ️✅️️️����️️️�️✨✨✨✨✨✨✨✨✨✨✨✨✨✨

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *