މުޙައްމަދު ޒީކް ޝިހާމްއަކީ އަބަދުވެސް ކުރިޔަށް ދެވޭނެ ފުރުސަތުތަކަށް ބަލާ، މައިންބަފައިންނާއި، ޓީޗަރުންގެ އެހީތެރިކަމާއެކު ކުރިޔަށް ފިޔަވަޅުތައް އަޅަމުން އައި ނަމޫނާ ދަރިވަރެކެވެ. ޒީކް ގެ ތަޢުލީމީ ޙަޔާތް ގްރޭޑް ހަޔަކުން ފެށިގެން އަޙުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް ބަދަލުކޮށްލުމަކީ މިގޮތުން ޒީކްގެ މުސްތަޤްބަލަށް އެޅުނު އެންމެ ހަރުދަނާ އެއްފިޔަވަޅުކަމަށް އޭނާ ޤަބޫލު ކުރެއެވެ.
އެހެންކަމުން ދަރިވަރެއްގެ ޙައިސިއްޔަތުން އަޙުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް އެންމެ ފުރަތަމަ އަގުހުރި ޚިދުމަތް ކުރުމަކީ ޒީކްގެ އެންމެ ބޮޑު އުންމީދެވެ. ތަފާތު ޕްލެޓްފޯރމްތަކުގައި ސްކޫލް ތަމްސީލްކޮށްދިނުމަކީ ޒީކްއަށް ލިބޭ އެންމެ ބޮޑު އެއް ޝަރަފެވެ. ސްކޫލް ކެޕްޓަންކަމަށް ޒީކް ކުރިމަތިލި އެންމެ ބޮޑު ބޭނުމަކީ ވެސް މިއީއެވެ.
ޒީކްގެ ތަޢުލީމީ ޙަޔާތް ފެށީ ގްލޯ ޕްރީ ސްކޫލުންނެވެ. ޕްރައިމަރީ ތަޢުލީމް ގްރޭޑް އެކަކުން ފަހަކަށް ފުރިހަމަ ކުރީ މަޖީދއްޔާ ސްކޫލުންނެވެ. ޒީކްއަކީ ޕްރައިމަރީން ފެށިގެންވެސް ކިޔެވުމާއި އިތުރު ޙަރަކާތްތަކުގައި ފާހަގަކޮށްލެވޭ ހިތްވަރުގަދަ ދަރިވަރެކެވެ. ޓިއުޝަނަކާ ނުލާ އަބަދުވެސް "އޭ ސްޓަރ" ހޯދަމުން ދިޔައީ އިތުރު ޙަރަކާތް ތަކުގައިވެސް ގިނަ ކާމިޔާބީ ތަކެއް ހޯދަމުންނެވެ.
އެގޮތުން ޤުރުއާން މުބާރާތްތަކާއި މަދަހަ މުބާރާތް ތަކުން ޒީކްވަނީ ބައިބެރިވެފައެވެ. އަދަބީ ޙަރަކާތްތަކުގެ ތެރޭގައި ހިޔާ އީދުގެ ކްއީޒް، ފާރު ނޫސް އަދި ބަޚަބަރު ފާހަގަކޮށްލެވެއެވެ. ޓީޓީ ފެސްޓިވަލްގެ ބަހުސް އަދި ކްއީޒްގައިވެސް ޒީކް ވަނީ ބައިވެރިވެފައެވެ. ވޯލްޑް ސްކޯލާސް ކަޕްގައި ބައިވެރިވެ، ގިނަގުނަ ކާމިޔާބީތަކެއް ވަނީ ހޯދާފައެވެ.
ކާމިޔާބު ދަރިވަރަކަށް ވުމަށް ކިޔެވުމުގެ އިތުރުން ތަފާތު ޔުނިފޯރމް ޙަރަކާތް ތަކުގައިވެސް ބައިވެރިވުން މުހިންމެވެ. އެގޮތުން ޒީކްވަނީ ގްރޭޑް އެކަކުން ފަހަކަށް ކަބް ސްކައުޓްގައިއުޅެ ގިނަ ބެޖްތަކެއް ޙާޞިލްކޮށްފައެވެ. ސާނަވީ މަރުހަލާގައި ޔުނިފޯރމް ޙަރަކާތްތަކުގެ ތެރެއިން ޒީކް ޙަރަކާތްތެރިވަމުން ދަނީ ކެޑޭޓްގައެވެ. ދާދި ފަހުން ޒީކްވަނީ ޑަބަލް ޕްރޮމޯޝަން ލިބި ކޯޕްރަލް މަޤާމުވެސް ހޯދައިފައެވެ. ކެމްޕޭން ޙަރަކާތް ތަކާއެކުވެސް ޒީކް އަވަދިނެތި ތައްޔާރު ވަމުން ދަނީ މިނިވަންދުވަހުގެ ޕެރޭޑަށެވެ.
ޒީކަކީ ކިޔެވުމާއި ޔުނިފޯރމް ޙަރަކާތް ތަކުގައި އެކަނި ބައިވެރިވާ ކުއްޖެއް ނޫނެވެ. ކުޅިވަރުގެ ދާއިރާއިން ޗެސް ރާޒުވާ ގައި ޒީކް ޙަރަކާތް ތެރިވަމުން ދެއެވެ. އެގޮތުން ތަފާތު މުބާރާތް ތަކުގައި ވަނީ ސްކޫލު ތަމްސީލްކޮށްދީފައެވެ. ޒީކަކީ އަމިއްލަ ނަފުސުގެ ކުރިއެރުމަށް ހުރި ފުރުޞަތުތައް ސްކޫލްގެ ބޭރުންވެސް ހޯދައި ބަލައި އެފުރުޞަތުތަކުގެ ބޭނުން ހިފާ ކުއްޖެކެވެ. މިކަމުގެ ހެއްކަކީ އުޤެއިލް ފައުންޑޭޝަނުން ހިންގި ތަފާތު ޕްރޮގްރާމްތަކުގައި ބައިވެރިވެ ޢަމަލީ ތަމްރީނާއި ތަޖްރިބާ ހޯދުމެވެ.
އެގޮތުން ޒީކްވަނީ ކޯޑިން ޕްރޮގްރާމާއި، ލީޑަރ އޮފް ޓްމޯރޯ ޕްރޮގްރާމް ފުރިހަމަކޮށް ތަމްރީން ހޯދާފައެވެ. އަދި އުޤެއިލް ފައުންޑޭޝަން މެދުވެރިކޮށް އެމޭޒަންގައި އިނގިރޭސި ބަހުން ފޮތެއްލިއެ ޝާއިރުކޮށްފައެވެ. އަދި މިހާރުވެސް ޒީކްއަކީ އުޤެއިލް ފައުންޑޭޝަންގެ ޕްރޮޖެކްޓްސްތައް މާރކްކޮށް، އެޑްވައިސް ދެމުންދާ ދަރިވަރެކެވެ.
ސްކޫލު ކެޕްޓަނަކަށް ޒީކް ހޮވަންވީ ކީއްވެ؟
ޒީކުއަކީ ތަފާތު ޚިޔާލުގެ ކުދިންނާއި ގުޅިގެން މަސައްކަތް ކުރާ، ކަންކަމުގައި އިސްނަގައިގެން ޙަރަކާތްތެރިވާ ހިންގުންތެރި ދަރިވަރެކެވެ. ސާނަވީ ތަޢުލީމް ފެށުނު ފަހުން ޒީކްއަކީ ސީނިއަރ ޕްރިފެކްޓެއްގެ ގޮތުގައި ޙަރަކާތް ތެރިވަމުންދާ ދަރިވަރެކެވެ. ސްކޫލް ދަރިވަރުންގެ ކައުންސިލްގައި ބައިވެރިވުމުގެ ފުރުޞަތު ގްރޭޑް އަށެއްގައި ޒީކް ވަނީ ހޯދާފައެވެ. އެއީ އިންގްލިޝް ލިޓްރަރީ އެސޯސިއޭޝަން " އޭލާ" ގެ ޑެޕިއުޓީ ލީޑަރެއްގެ ގޮތުގައެވެ. އަދި ޖެހިގެން އައި އަހަރު ގްރޭޑް 9 ގައި ޗާންދަނީ ހައުސްގެ ޑެޕިއުޓީ ލީޑަރުކަން ހޯދައި ހައުސް ހިންގުމުގައި ޢަމަލީގޮތުން ޒީކް ވަނީ ޙަރަކާތް ތެރިވެފައެވެ. އެހެންކަމުން ސްކޫލް ކެޕްޓަން ކަމުގެ މަސްއޫލިއްޔަތު އުފުލުމަށް ޒީކް ހުރީ ކެރިގެން ވަރަށް އަޒުމާއެކު ކުރިމަތި ލައިގެންނެވެ.
ޒީކް ދެކޭގޮތުގައި ސްކޫލް ކެޕްޓަން ކަމަށް ޒީކް ހޮވަންވީ އޭނާއަކީ ޓީޗަރުންނާއި، ތަފާތު މިޒާޖުގެ ތަފާތު ޚިޔާލުގެ ކުދިންނާއި ގުޅިގެން މަސައްކަތް ކުރަން ދަންނަ އަދި އެކުދިންގެ ތަފާތު ޚިޔާލުތަކަށް އިޙްތިރާމު ކުރާ ދަރިވަރަކަށް ވާތީ ކަމަށެވެ. އަދި މީގެ އިތުރުން ކުރާ ކޮންމެ ކަމެއްގައި ފަސްނުޖެހި ކުރިޔަށްދާ އެކީގައި މަސައްކަތްކޮށް، އަބަދުވެސް ކަންކަން ކުރިއަރުވަންމަސައްކަތް ކުރުމުގެ ޤާބިލްކަމާއި ހިތްވަރު އޭނާ ކިބައިގައި ހުރުމުން ކަމަށެވެ.
އެހެން ކަމުން ކެންޑިޑޭޓް ނަމްބަރ 1 ޒީކްއަށް ހުރިހާ ދަރިވަރުންވެސް ވޯޓް ދެއްވާ!
އެޑިޓަރުގެ ނޯޓް: މި ކޮލަމްގައި ޝާއިޢު ކުރަނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ގެ ސާނަވީ ކެޕްޓަން ކަމަށް ކުރިމަތިލާފައިވާ ދަރިވަރުން ކެންޕޭން ކުރުމަށް އެ ދަރިވަރުން ފޮނުވާފައިވާ ލިޔުންތަކެވެ.