ދަރިވަރުންގެ މާލިމީއަކަށް ދަރިވަރުންނާއެކު.. ޝައްޔާން…

 "މަގުދައްކާ… އަންގައިދީ.. ބާރުވެރި ކުރުވުން…"

ޝައްޔާން ބިން ޝިފާއުއަކީ ގުރޭޑު 10އީ ގައި ތައުލީމު ޙާޞިލުކުރަމުންދާ، މި އަހަރު ސްކޫލު ކެޕްޓަން ކަމުގެ މަޤާމަށް ކުރިމަތިލާފައިވާ ދަރިވަރެކެވެ. ޕްރައިމަރީ ގުރޭޑުތައް ކާމިޔާބުކަމާއެކު، އަމީނިއްޔާއިން ނިންމުމަށްފަހު، ގުރޭޑު 7 ށް އަޙުމަދިއްޔާއަށް ބަދަލުވި ޝައްޔާންއަކީ ކިޔެވުމަށް ގަދަ އަޅާ، ހިތްވަރާއެކު މަސައްކަތް ކުރާ ދަރިވަރެކެވެ. ޝައްޔާންއަކީ ހަރުފަތަކަށްފަހު، ހަރުފަތެއް ކާމިޔާބު ކަމާއެކު ގިރާކުރަމުން، ގުރޭޑު 10ގައި ރަނގަޅު ނަތީޖާތަކެއް ހޯދުމަށް ހިތްވަރާއެކު މަސައްކަތް ކުރަމުންދާ ދަރިވަރެކެވެ. ތަފާތު އެކި ފުޓުބޯޅަ މުބާރާތްތައް ބެލުމާއި، ފޮތް ކިޔުމާއި، ޕޮއަމް އަދި ކުރު ވާހަކަ ލިޔުމަކީ ޝައްޔާންއަށް ލިބޭ ހުސްވަގުތު ތަކުގައި ކުރަން އެންމެ ގަޔާވާ އަދި ކުރެވޭ ކަންކަމެވެ.

ކިޔެވުމުގެ އިތުރުން ސްކޫލުން ބާއްވާ އެކި އިތުރު ހަރަކާތްތަކުގައި އަބަދުވެސް ޝައްޔާން ބައިވެރި ވަމުން ދެއެވެ. އަމީނިއްޔާ ސްކޫލުގައި އުޅުނުއިރު ވެސް ގިނަ ހަރަކާތްތަކެއްގައި ޝައްޔާން ބައިވެރިވިއެވެ. އަދި ގިނަ ހަރަކާތްތަކަކުން ވަނީ ވަނަތައް ޙާޞިލުކޮށްފައެވެ. އެގޮތުން 2015 ވަނަ އަހަރު ބަނދި ކިޔުމުން 3 ވަނަ ލިބުނު އިރު، 2016 ވަނަ އަހަރު އާރޓް އެގްޒަބިޝަންއިން ގަދަ 5 ދަރިވަރުންގެ ތެރޭގައި  ހިމެނުނެވެ. 2018 ވަނަ އަހަރު ޅެން ކިޔުމުގެ މުބާރާތުން 3 ވަނަ ވެސް ޙާޞިލު ކުރިއެވެ. 2023 ވަނަ އަހަރު އެކަޑަމީން ބޭއްވި ވާހަކަ ލިޔުމުގެ މުބާރާތުގައި ވެސް ޝައްޔާންވަނީ ބައިވެރިވެފައެވެ.

2019 ވަނަ އަހަރަކީ ވަރަށް ކާމިޔާބު އަހަރެއްގެ ގޮތުގައި ޝައްޔާން ފާހަގަ ކުރެއެވެ. ޝައްޔާންގެ ހުވަފެން ހަގީގަތަށް ވެގެން ދިޔައީ މި އަހަރުގައިކަން ޝައްޔާން ވަރަށް އުފަލާއެކު ފާހަގަ ކުރިއެވެ. އެއީ އެފް.އޭ.އެމް ގެ 14 އަހަރުން ދަށުގެ ގޯލު ކީޕަރަކަށް ހޮވުނު އަހަރެވެ. މީގެ އިތުރުން، މޯލްޑިވްސް ސޮކާރ މޭޓްސް ގެ ޓީމުގައި ހިމެނި މެލޭޝިޔާގައި ބޭއްވި ފުޓުބޯޅަ މުބާރާތެއްގައި ވެސް ހަމަ މި އަހަރު ބައިވެރިވިއެވެ. މޯލްޑިވްސް ސޮކާރ މޭޓްސްގެ 14 އަހަރުން ދަށުގެ އެއް ވަނަ ގޯލް ކީޕަރެއްގެ މަގާމުގައި ވެސް ޝައްޔާން ވަނީ ހަމަ މި އަހަރު ކުޅެފައެވެ.

ކުރިމަތިލާ ކޮންމެ ކަމެއްގައި ޖޯޝާއި ހިތްވަރާ، ނުގުޑާފަދަ އަޒުމެއްގައި ކުރިމަތިލާ ޝައްޔާންގެ އަބަދުވެސް ވިސްނުމަކީ ކާމިޔާބީއާއި ހަމައަށް ފޯރުމެވެ. އެގޮތުން ޓީވީއެމް އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ "ސްޕެލިން ބީ" ގައި 2022 ވަނަ އަހަރު ބައިވެރިވެ 200 ށް ވުރެ ގިނަ ކުދިންނާއި ވާދަކޮށް މުޅި މުބާރާތުން ފަޚުރުވެރި 1 ވަނަ ޝައްޔާންއަށް ވަނީ ލިބިފައެވެ. މީގެ އިތުރުން 2023 ވަނަ އަހަރުގެ ވޯލްޑް ސްކޮލާސް ކަޕުގެ ރީޖަނަލް ރައުންޑުގައި މުޅިން އަލަށް ބައިވެރިވެ ޝައްޔާންއަށް ވަނީ 2 ގޯލްޑް މެޑަލް އާއި 3 ސިލްވާ މެޑަލް ހޯދާފައެވެ.

އެންމެ ކުޑައިރުއްސުރެ ފުޓުބޯޅައަށް ލޯބިކުރާ ޝައްޔާންއަކީ މޮޅު ގޯލު ކީޕަރެކެވެ. އެފް.އޭ.އެމް ގެ 14 އަހަރުން ދަށުގެ ގޯލުކީޕަރެއްގެ ގޮތުގައި 2019 ން ފެށިގެން 2021 ށް އުޅުމަށްފަހު، ދެން ކުޅުނީ 16 އަހަރުން ދަށުގެ ގޯލު ކީޕަރެއްގެ ގޮތުގައެވެ. މޯލްޑިވްސް ސޮކާރ މޭޓްސްގެ 15 އަހަރުން ދަށުގެ އެއް ވަނަ ގޯލް ކީޕަރެއްގެ ގޮތުގައި 2020 ން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް އެތައް މުބާރާތެއް ކުޅެ ރަންވަނަތައް ވަނީ ހޯދާފައެވެ. 2022 ވަނަ އަހަރު އިންޓަރ ސްކޫލު ފުޓުބޯޅަ މުބާރާތުގައި، އަޙުމަދިއްޔާ ސްކޫލުގެ ކެޕްޓަނެއްގެ ގޮތުގައި ކުޅެ ރަނގަޅު ކާމިޔާބީއެއް ވަނީ ހޯދާފައެވެ. މިވަގުތު ހުރިހާ ވަގުތެއް ކިޔެވުމަށާއި ސްކޫލަށް ހުސްކޮށް، ކުޅުމާއި ކުޑަކޮށް އެއްފަރާތުގައި ހުރި ނަމަވެސް، ޝައްޔާންގެ އުންމީދަކީ ރާއްޖެއަށް ފާހަގަ ކޮށްލެވޭ މޮޅު ގޯލް ކީޕަރަކަށް ވުމެވެ.

މުދައްރިސުންނަށް ކިޔަމަންތެރިވެ، އިޙުތިރާމް އަދާކުރާކަމަކީ ޝައްޔާންގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ސިފަ ކަމަށް ޝައްޔާންގެ މުދައްރިސުން ފާހަގަ ކުރެއެވެ. އަދި މުދައްރިސް ކަމަކު ބޭނުންވާ ހިނދު އުފަލާއެކު، އެ ކަމެއް ކޮށްދިނުމަށް ޝައްޔާންގެ އަތުކުރި އޮޅާލައެވެ. އަބަދުވެސް ކިޔެވުމުގައި ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނަ ޝައްޔާންގެ އުންމީދަކީ މިއަދު ކެޕްޓަން ކަމަށް ކުރިމަތިލައި އެކަން ޙާޞިލުކޮށް ސްކޫލަށް ރީތިނަން ހޯދައި ދިނުމަށް މަސައްކަތް ކުރުމެވެ.

ޝައްޔާން އެންމެ އިސްކަމެއް ދޭނީ ކުދިންގެ ބައިވެރިވުން ސްކޫލުގައި އިތުރުކޮށް، ކުދިން ގަޔާވާނެ ކަހަލަ ހަރަކާތްތަކެއް ބޭއްވުމަށް މަސައްކަތް ކުރުމަށް ކަމަށް ޝައްޔާން ފާހަގަ ކުރިއެވެ. އެގޮތުން، މީޑިޔާ ކުލަބުގެ އެހީއާއި އެކު "ފޮޓޯ ގުރަފީ" މުބާރާތެއް ބޭއްވުމާއި، ކުލާސްތައް އަދި ހައުސް ތަކުގެ މެދުގައި ގުރުޢާން މުބާރާތާއި މަދަހަ މުބާރާތް ބޭއްވުމަށް ކްލަބުތަކަށް އެހީތެރިކަން ދޭނެކަން ޝައްޔާން ފާހަގަ ކުރިއެވެ. ހަމައެހެންމެ، އިންޓަ ހައުސް އަދި އިންޓަ ކްލާސް ކުޅިވަރުގެ އެކި މުބާރާތްތައް ބޭއްވުމަށް ވެސް މަސައްކަތް ކުރާނެކަން ޝައްޔާން ފާހަގަ ކުރިއެވެ.

ޝައްޔާންއަށް ކިޔަވައިދެއްވާ މުދައްރިސުން ފާހަގަ ކުރާގޮތުގައި ޝައްޔާންއަކީ އަބަދުވެސް ކުދިންނާ ގުޅޭ އެކުވެރި ކުއްޖެކެވެ. ހިނިތުންވުމާއެކު ކުދިންނާ ވާހަކަ ދައްކާ ހިތްހެޔޮ ދަރިވަރެކެވެ. ކޮންމެ ދަރިވަރެއްގެ ވާހަކަ ވެސް ފޫހިކަމެއް ނެތި ކަނުލާ އަޑުއަހައި އަދި ކުރިއަށް އޮތްތަނުގައި ވެސް އަޑުއަހާނެ ކުއްޖަކަށް ވާނެކަމަށް ޝައްޔާން ޔަގީންކަށްދެއެވެ. އަދި އެއްވެސް ކަމެއްގެ ކުދިން ތަފާތު ނުކުރާނެ ކަމާއި، ވީވަރަކުން ކުދިންނަށް އެހީތެރިވާނެކަމަށް ޝައްޔާން ބުންޏެވެ. އަބަދުވެސް ސްކޫލަށް ރީތި ނަން ހޯދާ ދިނުމަށް އަތުކުރި އޮޅާލައިގެން މަސައްކަތް ކުރާނެކަން ޝައްޔާން ފާހަގަ ކުރިއެވެ. ޝައްޔާން ހުރީ އަޙްމަދިއްޔާ ދަރިވަރުން ގޮވައިގެން އަޙްމަދީ އޮޑި ކާމިޔާބުގެ މަންޒިލަށް ވާސިލު ކޮށްދޭން އޮޑީގެ މާލިމީއަށް ވުމަށް ޓަކައި ހޭވައްލާ ތައްޔާރަށެވެ. މި މާލިމީ ބޭނުންވަނީ ދަރިވަރުންގެ ކުޑަކުޑަ އިތުބާރެކެވެ. ކުޑަކުޑަ ހިތްވަރެކެވެ. ފަސް ވަނަ ކެންޑިޓޭޓައް ވޯޓެކެވެ. ފަސްވަނަ ގޮޅިއަށް ހެޔޮ ފާހަގައެކެވެ. އުންމީދަކީ ކެޕްޓަން ކަމަށް ޝައްޔާން މި ކުރާ ދަތުރުގައި މާތް ﷲ ބަރަކާތް ލެއްވުމެވެ. އާމީން…

2 Responses

  1. މާޝާاللة ޝައްޔާން އަށް މިކަން ވާނެ އިންޝާاللة

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *