މަދަރުސާއެއްގެ ކެޕްޓަންކަމަކީ އެ މަދަރުސާއެއްގެ ދަރިވަރަކަށް ލިބޭ އެންމެ އިސް މަޤާމެވެ. އެ މަދަރުސާއެއްގެ ދަރިވަރުން އެންމެ ބޮޑަށް ހޯދުމަށް އުންމީދުކުރާ ނަމެވެ. އެ މަދަރުސާގެ ފަޚުރުވެރި ކުލަތައް ރަމްޒުކޮށް އެ ނަން އިތުރަށް ރީތިކުރުމަށް ލިބޭ ބޮޑުވެގެންވާ ޝަރަފެކެވެ. މި ދެންނެވި ކަންކަމުގެ ސަބަބުން، މަދަރުސާގެ ކެޕްޓަންކަމަކީ އެންމެ ޤާބިލު، އެންމެ ކެރޭ، އަދި އެންމެ ކުޅެދޭ ދަރިވަރުންނަށް ލިބޭ ލަޤަބެއްކަން ޝައްކެއް ނެތެވެ. އެހެންކަމުން، މި މަތިވެރި ނަން ހޯދުމަށްޓަކައި އިހުން ފެށިގެން އެތައް މަސައްކަތެއް ދަރިވަރުން ކުރަންޖެހެއެވެ. މި މަސައްކަތްތައް އެންމެ ބޮޑަށް ދައްކައިދޭ އެއް މިޘާލަކީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ސާނަވީ ކެޕްޓަނަށް ކުރިމަތިލާ ކެނޑިޑޭޓު ނަންބަރު 2 އެވެ. އެއީ މި އަހަރު ގްރޭޑް 10 ގައި ތަޢުލީމު ޙާޞިލުކުރަމުން އަންނަ ދަރިވަރު މުޢާން މުޙައްމަދު ރަޝީދެވެ.
ތަޢުލީމުގެ ބިންގާ އެޅުން
ގްރޭޑް 1ން ފެށިގްނެ ގްރޭޑް 8ގެ ނިޔަލަށް މުޢާންގެ ތަޢުލީމު ޙަޞިލްކުރި ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލުގައި އޭނަގެ ނަމަކީ ނުދަންނަ ނަމެއް ނޫނެވެ. މިހެނީ، ކިޔެވުމުގެ ގޮތުން ވެސް އަދި ކުޅިވަރުގެ ގޮތުން ވެސް މުޢާން ވަނީ ކާމިޔާބު ދަރިވަރެއް ގޮތުގައި މަޝްހޫރުވެފައެވެ. އެގޮތުން، އެތައް ފަހަރެއްގެ މަތިން ހޮނަރލިސްޓު ރިޕޯޓެއް އޭނަ ވަނީ ޙާޞިލްކޮށްފައެވެ. ހަމައެހެންމެ، ބައިވެރިވާ ހުރިހާ ޙަރަކާތެއްގައި ވަނަވަނަ ވެސް ޙާޞިލްކުރެއެވެ. އެގޮތުން، ސްކޫލްތެރޭގެ ޙަރަކާތްތަކުގެ ތެރެއިން "މެތު އޮލިމްޕިއެޑް" އާއި، "ސްޕެލިންގ ބީ" އާއި، "ސައިންސް ފެއަރ" އާއި، ދިވެހި އަދަބީ ހަފްތާއާއި، ޤުރުއާން މުބާރާތުގެ އިތުރުން އެތައް މުބާރާތަކާއި ހަފްލާތަކުގައި ރަން ތަށި މުޢާން ޙާޞިލްކޮށްފައިވެއެވެ. ހަމައެހެންމެ، ޤައުމީ ޤުރުޢާން މުބާރާތުގައި ވެސް މުޢާން ވަނީ ބައިވެރިވެފައެވެ.
މުޢާންގެ ތަޢުލީމުގެ މާޒީއިން އަޙުމަދިއްޔާގެ ދަރިވަރުންނަށް ފާހަގަކުރެވޭ އެއް ކަމަކީ އަޙްމަދިއްޔާއިން ވެސް ބައިވެރިވާ ބައިނަލްއަޤްވާމީ "ވޯރލްޑް ސްކޮލާރސް ކަޕް" އިން މުޢާންގެ ދިގު ތަޖުރިބާ އާއި ކާމިޔާބީއެވެ. 2019، 2022 އަދި 2023 ވަނަ އަހަރުތަކުގައި މުޢާން ވަނީ ބިލަބޮންގ ގެ އަލިގަދަ ކުލަތައް ނިޞްބަތްކޮށް މި މުބާރާތުގައި ބައިވެރިވެ، ފޮނި ކާމިޔާބީތަކާ ހަމައަށް ވާޞިލްވެފައެވެ. އަދި 2019 އަދި 2022 ވަނަ އަހަރުތަކުގައި މުޢާން ވަނީ މި މުބާރާތުގެ "ގްލޯބަލް ރައުންޑް" ގައި ވާދަކޮށް، އެހެން ޤައުމުތަކަށް ދަތުރުކޮށްފައެވެ. މިގޮތުން، 2022 ގެ ނާ ޓްރާންގ ގްލޯބަލް ރައުންޑުގައި މުޢާނަށް ވަނީ "ސްކޮލަރސް ޗެލެންޖް" އިން 5 ވަނަ ހޯދައި، އަނބުރައި މާލެއަށް ތަށްޓެއް ގެނެސްދީފައެވެ. މީގެ އިތުރުން، 2023 ވަނަ އަހަރުގެ "ރީޖަނަލް ރައުންޑް" އިން "ޓީމް ބޯލް" އިން ވަނީ 1ވަނަ ހޯދައިފައެވެ. ވުމާއެކު، ހުރިހާ ރޮނގަކުން ވެސް މުޢާނަކީ ބިލަބޮންގ އިން ފެނުނު އެންމެ ކާމިޔާބު އެއްދަރިވަރެއްކަން ކަށަވަރެވެ.
ކުޅިވަރުގެ ދާއިރާ އިން ވެސް އެ ސްކޫލުގެ ދަރިވަރުންގެ މަޤުބޫލުކަން މުޢާން ހޯދައިފައިވެއެވެ. އެގޮތަށް ބަލާއިރު، 2015 އިން ފެށިގެން 2023 އާ ހަމައަށް މުޢާން ވަނީ ގޯލްކީޕަރުގެ މަޤާމު ފުރިހަމައަށް އަދާކޮށްފައެވެ. އެގޮތުން އިންޓަރސްކޫލް މުބާރާތްތަކުގައި އެ ސްކޫލުން ވާދަކުރި 13 އަހަރުން ދަށުގެ ޓީމާއި 15 އަހަރުން ދަށުގެ ޓީމުގައި ވެސް މުޢާން ޙަރަކާތްތެރިވިއެވެ. ނަމަވެސް 2023 ވަނަ އަހަރު މުޢަން ފުޓުބޯޅަ ދޫކުރީ ބާސްކެޓުބޯޅައިން ކާމިޔާބު ހޯދުމުގެ ނިޔަތުގައެވެ. އެ އަހަރުގެ ކުރިން ވެސް މިކުޅިވަރުގައި ޙަރަކާތްތެރިވި މުޢާނަކީ ނުހަނު ހުނަރުވެރި ކުޅުންތެރިއެކެވެ. އެގޮތުން 2023 ވަނަ އަހަރުގައި ސްކޫލުތަކުގެ މެދުގައި ބޭއްވި "ޖޫނިޔަރ ޗެމްޕިއަންޝިޕް" އިން މުޢާނާއި ބިލަބޮންގ ގެ 15-އަހަރުން ދަށުގެ ފިރިހެން ޓީމަށް ރިހި މެޑަލް ޙާޞިލްކުރިއެވެ. އަދި އެ މުބާރާތުގެ އެންމެ ގަދަ ކުޅުންތެރިން އެކުލެވޭ "ޑްރީމް ޓީމު" އަށް މުޢާން ވަނީ ހޮވިފައެވެ.
އިސާހިތަކު އަޙްމަދިއްޔާގެ ވިދާ ތަރިއެއް
ބިލަބޮންގ އިން ޙާޞިލްކުރި ހުރިހާ ކާމިޔާބީތަކާއެކު އަޙުމަދިއްޔާގެ މައިދޮރުން މުޢާން ވަނީ ފޮނި އުންމީދުތަކާ އެކުގައެވެ. ތަޖުރިބާކާރު މުދައްރިސުންގެ އަރިހުން ރަނގަޅު ތަޢުލީމެއް ޙާޞިލްކުރުމުގެ ބޭނުމުގައެވެ. ބިލަބޮންގ ގައި ކާމިޔާބު ހޯދި ފަދައިން އަޙުމަދިއްޔާއަށް ވެސް ރީތި ނަމެއް ހޯދައިދިނުމުގެ މަޤުޞަދުގައެވެ. ހަމައެހެންމެ، މި މަދަރުސާ ފަޚުރުވެރިވާ ފަދަ ނަމޫނާ، ލާމަސީލު ދަރިވަރަކަށް ވުމަށްޓަކައެވެ.
މި މަޤުޞަދު ޙާޞިލްކުރުމަށް ޓަކައި އަޙްމަދިއްޔާގެ ޕްރިފެކްޓް ބޯޑަށް ހޮވުނު މުޢާން ވަނީ އެތައް މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މުޢާން ވަނީ ގިނަ އަދަބީ ޙަރަކާތްތަކުގައި ބައިވެރިވެފައެވެ. މިޘާލަކަށް 2023 ވަނަ އަހަރުގެ ޤައުމީ ވާހަކަލިޔުމުގެ މުބާރާތުގައި އޭނަ ވަނީ ބައިވެރިވެފައެވެ. އަދި މިއަހަރުގެ ޤައުމީ މަޒުމޫނު އަދި ވާހަކަ ލިޔުމުގެ މުބާރާތްތަކުގައި ބައިވެރިވުމަށް ވަނީ ހޮވިފައެވެ. މީގެ އިތުރުން އަހްމަދިއްޔާގެ ހައުސްތަކުގެ މެދުގައި ބޭއްވޭ "ހިޔާ ޢީދު" އަދަބީ ހަފްލާގައި މުޢާން ވަނީ ވާހަކަ ލިޔުމުން 3ވަނަ ހާޞިލްކޮށް، އެ ހަފްލާގެ 1ވަނައަށް ޗާންދަނީ ހައުސް ގެންދިއުމަށް ފުރިހަމަ އެއްބާރުލުން ދީފައެވެ.
މުޢާންގެ ތަޖުރިބާއާ އެކު "ވޯރލްޑް ސްކޮލާރސް ކަޕް" ގައި އަޙުމަދިއްޔާއަށް ފޮނި ކާމިޔާބީތައް ހޯދުމަށް އޭނަ ވަނީ ގަސްދުކޮށްފައެވެ. މި އުންމީދުތައް ޙަޤީޤަތަކަށް އައީ 2024 ވަނަ އަހަރުގެ ރީޖަނަލް ރައުންޑުގައެވެ. މުޢާންގެ ޓީމަށް ވަނީ "ޓީމް ޗެލެންޖު" އިން 4 ވަނަ ޙާޞިލްކުރުމުގެ އިތުރުން "ޓީމް ބޯލް" އިން 7 ވަނަ ޙާޞިލްކޮށް، ރަން މެޑަލް ހޯދައިފައެވެ. މީގެ އިތުރުން މުޢާންގެ ޓީމު ވަނީ ސީނިއަރ ކެޓަގަރީ އިން ޖުމުލަކޮށް 5ވަނަ ހޯދައި، އަޙުމަދިއްޔާއަށް ތަށްޓެއް ހޯދައިފައެވެ. ހަމައެއާއެކު މުޢާނަށް ވަނީ "ކޮލެބޮރޭޓިވް ރައިޓިންގ" އިން 1ވަނަ ޙާޞިލްކޮށް، ރަން މެޑަލް ހޯދައިފައެވެ. މީގެ އިތުރުން ވެސް އެތައް ރަން އަދި ރިހި މެޑަލް އެއް މުޢާން ވަނީ ކާމިޔާބުކޮށްފައެވެ.
މަދަރުސާގައި ތަޢުލީމީ އަދި އަޚްލާޤީ ގޮތުން ވެސް މުޢާނަކީ ފާހަގަކޮށްލެވޭފަދަ އަރުތަވެރި ދަރިވަރެކެވެ. ކޮމެންޑެޑް ރިޕޯޓަކާ އެކު މުޢާން ވަނީ 2024/2023 ވަނަ ދިރާސީ އަހަރުގައި މުޅި ގުރޭޑުން ޖުމުލަކޮށް 1ވަނަ ހޯދައިފައެވެ. މުޢާނަކީ އަބަދުވެސް ހިތްހެޔޮ، ވިސްނުން ތޫނު، އޯގާތެރި އަދި އިޙްތިރާމް ފުރިހަމައަށް އަދާކުރާ ކުއްޖެކެވެ. ހަމައެހެންމެ، އޭނައަކީ އެހެން ކުދިންނަށް އެހީތެރިވުމުގައި ނަމޫނާއެކެވެ. މިހާރު ވެސް އެކި ކުދިންނަށް ކިޔަވައިދީ ތަމްރީނު ދިނުމުގައި މުޢާން ޙަރަކާތްތެރިވެއެވެ. އަދި ކިލާސް ތެރޭގައި ވެސް މުޢާނަކީ އެހެން ކުދިންނާ އެކުގައި ކިޔަވާ، މިފަދައިން ކިޔެވުމަށް ބާރުއަޅައި ނަޞޭޙަތްތެރިވާ ދަރިވަރެކެވެ.
ސްކޫލް ދައުރުން ބޭރުގައިވެސް ލާމަސީލު ފަންނާނެއް
ސްކޫލުން ބޭރުގައި މުޢާންގެ ޙަޔާތަށް ބެލި ނަމަވެސް ފެންނާނީ ހަމަ އެ ހިންގުންތެރި، ޙަރަކާތްތެރި، ކާމިޔާބު މުޢާނެވެ. އެގޮތުން ހިތު ހިސާބު ތަމްރީނުކޮށްދޭ "ޔޫސީމާސް" ސެންޓަރުގައި މުޢާން ފަދަ ދެވަނަ ދަރިވަރެއް ފެންނަނީ މަދުންނެވެ. އެގޮތުން 2019 ގެ ޤައުމީ މުބާރާތުން "އެޑްވާންސް" ލެވެލް އިން ދެވަނަ ހޯދިއެވެ. ހަމައެހެންމެ، 2017، 2018 އަދި 2019 ގައި ބޭއްވުނު ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖޭގެ ސެންޓަރ ނިޞްބަތްކޮށް ބޭރު ޤައުމުތަކުގައި ހިތު ހިސާބު މުބާރާތްތަކުގައި ވާދަކޮށް ތަށި ކާމިޔާބުކުރިއެވެ. މީގެ އިތުރުން ރާއްޖޭގެ ރަށްތަކުގައި "ޔޫސީމާސް" ހުޅުވުމަށްޓަކައި ބޭއްވޭ ޑިމޮންސްޓްރޭޝަން ތަކުގައި މުޢާން ބައިވެރިވިއެވެ. މިގޮތަށް ހ.ދ. ހަނިމާދޫ، ޅ. ހިންނަވަރު، ޅ. ނައިފަރު އަދި ކ. ކާށިދޫއަށް އޭނަ ވަނީ ކާމިޔާބު ދަތުރުތަކެއް ކޮށްފައެވެ.
ރާއްޖޭގެ އެންމެ މަޤުބޫލު އެއް ޝަޚުޞިއްޔަތު ކަމަށްވާ ޕްރޮފެސަރ ހަސަން އުގެއިލް އޭނަގެ ފައުންޑޭޝަން މެދުވެރިކޮށް ކުރިއަށް ގެންދިޔަ "ލީޑަރސް އޮފް ޓުމޯރޯ" މި ޕްރޮގްރާމުގެ 2022 ބައިގައި މުޢާން ބައިވެރިވެ، ކެރިގެންނާއި ޤާބިލުކަމާއެކު އިސްނަގައިގެން ކަންކަން ކުރުމަށް ވަނީ ތަމްރީނު ލިބިފައެވެ. މި ޕްރޮގްރާމުގެ ދަށުން ހުށަހެޅުންތެރިކަން އުނގެނި، ލިޔުންތެރިކަމަށް ފަރިތަވިއެވެ، ހަމައެހެންމެ، އެ ފައުންޑޭޝަންގެ އޮންލައިން މަޖައްލާއެއް ކަމަށްވާ "ދަ ސަރކަލް ކޮމްޕޮސިޝަން" ގެ އިތުރުން އެ ފައުންޑޭޝަނުން ޝާއިޢުކުރި "ދަ ޔެއަރ 2045″ މި ފޮތުގައި އެކުލެވުނު މަޒުމޫނެއް މުޢާން ވަނީ ލިޔެފައެވެ.
ކުޅިވަރުގައި ވެސް މުޢާނަކީ ނުހަނު ހިންގުންތެރި ކުޅުންތެރިއެކެވެ. މުޢާން ކުޅޭ ބާސްކެޓުބޯޅަ އެކަޑަމީ ކަމަށްވާ "ސްޓަރސް އެކަޑަމީ" އާ ގުޅިގެން ބައިނަލްއަޤްވާމީ އެކި މަޤުބޫލު ކޯޗުންނާއި އެކެޑަމީތަކާ އެކު ކޭމްޕުތަކުގައި ބައިވެރިވެ، މުބާރާތްތަކުގައި ވާދަކުރިއެވެ. އެގޮތުން، މުޢާން ވަނީ 2023 ގައި ތައިލޭންޑަށް ދިޔަ ޓީމުގައި މުޢާން ހިމެނެއެވެ. ހަމައެހެންމެ، މިއަހަރު ދުބާއީ އަށް ކޭމްޕަކަށް ދިޔަ ޓީމުގައި ވެސް މުޢާން ވަނީ މުހިންމު ދައުރެއް ކުޅެފައެވެ. މިހާރު ވެސް އާ ޖީލަކަށް ބާސްކެޓުބޯޅަ ތަރުބިއްޔަތުކުރުމަށްޓަކައި ކުޑަކުދިންނަށް ކޯޗުކޮށްދިނުމުގައި ސްޓާރސް އެކެޑެމީއާ އެކު މުޢާން ޙަރަކާތްތެރިވެއެވެ.
މުޢާން ކެޕްޓަނަކަށް ހޮވަންވީ ކީއްވެ؟
އަޙުމަދިއްޔާގައި ތަޢުލީމު ޙާޞިލްކުރި އެއް އަހަރުގައި މުޢާނަށް ފާހަގަ ކުރެވުނީ މުޢާނަށް ހުވަފެންތަކުގައި ފެނުނު އަޙުމަދިއްޔާއެއް ނޫނެވެ. ހަމައެހެންމެ، އަޙުމަދިއްޔާއަށް އަލަށް ވަންނަ ދަރިވަރުންގެ ޚިޔާލުތަކުގައި ކުރެހުނު އަޙުމަދިއްޔާއެއް ނޫނެވެ. މިހާރު އަޙުމަދިއްޔާ ހުރި ގޮތްތަކާއި އުޞޫލުތައް ކިތަންމެ ރަނގަޅުވި ނަމަވެސް ދަރިވަރުން ނިޞްބަތްކޮށްފައި މުޢާން އެކި އިޞްލާޙުތައް ގެންނަން ބޭނުންވެއެވެ. ފޮނި އުންމީދުތަކުން ކުލަޖެއްސޭ އަޙުމަދިއްޔާއަކަށް ހެދުމަށެވެ. އެގޮތުން:
-
ކްލަބްތަކާއި ގުޅިގެން އެ ކްލަބުތަކުގެ ފަރާތުން ޙަރަކާތްތައް ހިންގުމަށް އެހީވުން.
އަޙްމަދިއްޔާގެ ކްލަބްތަކުގެ އަދަދު ގިނައެވެ. އަދި އެ ކްލަބުތަކުގެ ލީޑަރާއި ޑެޕިއުޓީ ލީޑަރަށް ކުރިމަތިލާ ދަރިވަރުންގެ އަދަދު ވެސް މަދެއް ނޫނެވެ. މުޢާންގެ އުންމީދަކީ މި ލީޑަރުންނަށް އެހީވެދީ، މި ކްލަބްތަކުގެ ފަރާތުން އަޙުމަދިއްޔާގެ ނަން ރީތިކޮށްދޭ ފަދަ ޙަރަކާތްތަކެއް ހިންގުމެވެ. އެގޮތުން:
- އެންވަޔަރަމެންޓް ކްލަބުގެ ފަރާތުން ގޮނޑުދޮށް ނުވަތަ އަތިރިމަތި ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުން. ނުވަތަ ގަސް އިންދުމުގެ ޕްރޮގްރާމެއް ހިންގުމަށް އެހީވުން
- ސައިންސާއި ބިޒްނަސް ކްލަބްތަކުގެ ފަރާތުން ސައިންސް ނުވަތަ ބިޒްނަސް ފެއަރ އެއް ހިންގުމަށް އެހީވުން
- ޤުރުއާން ކްލަބުގެ ފަރާތުން ޤުރުއާން މުބާރާތެއް ހިންގުން..
އަދި މީގެ އިތުރުން ވެސް އެހެން ކްލަބްތަކާ ގުޅިގެން އެކި ޙަރަކާތްތައް ހިންގުމަކީ މުޢާންގެ ޒިންމާއަކަށް ހަދާނެއެވެ. އެއީ މިފަދަ ޙަރަކާތްތައް ހިންގުމުގެ ސަބަބުން ކިޔެވުމަށާއި އެހެނިހެން ކަންކަމަށް ދަރިވަރުންނަށް ލޯބި އުފެދެވޭނެތީއެވެ. އަދި މި ޙަރަކާތްތައް ހިންގުމުން ސްކޫލުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން އުފެދި، މި ޙަރަކާތްތަކުން އާ ކަންކަން ދަސްވެގެންދާނެއެވެ.
-
ނަމާދު ކޮޓަރިއެއް ޤާއިމުކުރުން
އަޙުމަދިއްޔާއަކީ އެކި ފަހަރު މަތިން އެކި ދަނޑިވަޅުތަކުގައި އިތުރު ކިލާސްތައް ހިންގާ މަދަރުސާއެކެވެ. މިކަމުގެ ސަބަބުން ނަމާދުކުރުން ފަދަ އަޅުކަންތައް ކުރުމަށް ގެއަށް ދިޔުމަކީ ބުރަ ކަމަކަށް ވާނެއެވެ. މިކަމުގެ ސަބަބުން ފަސޭހަކަމާއެކު ނަމާދުކުރެވޭނެ ތަނެއް މަދަރުސާގެ އެހީއާ އެކު ޤާއިމްކުރުމަށް މުޢާން މަސައްކަތްކުރާނެއެވެ.
-
ދަރިވަރުންގެ ޚިޔާލުތައް އަޑުއަހައި، އެ ޚިޔާލުތައް މަދަރުސާގެ މެނޭޖުމެންޓާ ހިއްސާކުރުން
ދަރިވަރުންނަށް އެހީވެދިނުމަކީ މުޢާން ކުރަން ބޭނުންވާ ކަމަކަށް ވާއިރު އެ ދަރިވަރުންނާ ރައްޓެހި މަދަރުސީ މާޙައުލެއް ބިނާކުރުމަކީ ކެޕްޓަނެއްގެ ޙައިޘިއްޔަތުން މުޢާންގެ މަޞްޢޫލިއަތެއް ކަމަށް ޤަބޫލުކުރެވެއެވެ. އެހެނީ، ސްކޫލް ކެޕްޓަނަކީ ދަރިވަރުންނާއި މެނޭޖުމެންޓާ ދެމެދު ހުރި މެދުވެރިއެކެވެ. ވުމާއެކު، ދަރިވަރުންގެ ޚިޔާލުތައް ހޯދައި، އެ ދަރިވަރުން އެދޭ ރައްޓެހި މާޙައުލަކަށް އަޙުމަދިއްޔާ ހެދުމަށްޓަކައި މުޢާން ގަދައަޅާ މަސައްކަތްކުރާނެއެވެ.
މުޢާން ކުރާ ވަޢުދަކުން މުޢާނެއް ނުގުޑޭނެއެވެ. ހަމެއެހެންމެ، ދަރިވަރުންގެ ޙައްޤުތަކަށް އޭނަ ބީރައްޓެހި ނުވާނެއެވެ. އިންޝާ ﷲ އެވެ.
ވުމާއެކު، ދަރިވަރުންނަށް ހެޔޮކޮށް އެދޭ، ދަރިވަރުންގެ ޙައްޤުތައް ދަރިވަރުންނަށް ދިނުމަށް ކެރޭ، ދަރިވަރުންނަށް އާ ފުރުސަތުތަކާއި ތަޖުރިބާތައް ހޯދައިދިނުމަށް، ސާނަވީ ކެޕްޓަންކަމަށް މުޢާނަށް ވޯޓެއް ދިނުމުގައި ތިޔަ ދަރިވަރުންގެ އެއްބާރުލުމާއި އިތުބާރު ނުހަނު މުހިންމެވެ.
އެހެންކަމުން، ތިޔަ ދަރިވަރުންނަށް ލޯބިކުރާ ކެޕްޓަނެއް ހޯދުމަށް، ކެނޑިޑޭޓު ނަންބަރު 2ކަށް ވޯޓެއް ދިނުމަށް މުޢާން އެދެއެވެ.
އެޑިޓަރުގެ ނޯޓް: މި ކޮލަމްގައި ޝާއިޢު ކުރަނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ގެ ސާނަވީ ކެޕްޓަން ކަމަށް ކުރިމަތިލާފައިވާ ދަރިވަރުން ކެންޕޭން ކުރުމަށް އެ ދަރިވަރުން ފޮނުވާފައިވާ ލިޔުންތަކެވެ.