އުމުރުން 14 އަހަރުގައި ސާނަވީ ތަޢުލީމްގެ އެންމެ ފަހު އަހަރު ކިޔަވަމުން އަންނަ ކަލްސަމް ކައިނާ ނިމާލް ގްރޭޑް 10އޭ ގެ، މި ދަރިވަރު ގަބޫލު ކުރާގޮތުގައި މަދުރަސީ ދައުރުގައި އޭނާއަށް ނިންމުނު އެންމެ ފުރިހަމަ ނިންމުމަކީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި ކިޔަވަން ނިންމުނު ނިންމުމެވެ. ޕްރީ ސްކޫލް ކެންގަރޫ ކިޑްސް ފުރިހަމަ ކުރުމަށް ފަހު، ގްރޭޑް 1 ން ފެށިގެން ގްރޭޑް 5 އަކާއި ހަމައަށް ތަޢުލީމް ހާސިލް ކުރަމުން ދިޔަ ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް ބަދަލުކުރުމަށް މައިންބަފައިން ނިންމާ އެވާހަކަ ކައިނާ ގާތުގައި އެންމެ ފުރަތަމަ ބުނުމުން ހިތާއި ހިތުން އެކަމާއި އިންކާރު ކުރިއެވެ. އަދި ވަރަށްވެސް ދެރަވިއެވެ.
އެއީ އެ ސްކޫލާއި ކައިނާ ގުޅިފައިވާ އެތައް ހަދާންތަކާއި ދުރަށް ދާން ޖެހުމުން ކުރެވުނު އިހުސާސް ތަކާއިއެކު މުޅިން މަޑުމޮޅި ވިއެވެ. އެކުގައި އެންމެ ކުޑައިރުން ފެށިގެން އެއްއާއިލާ އެއްހެން އުޅުނު އެންމެ ގާތް ކުދިންނާއި ވެކިވެގެން އެހެން މާހައުލެއްގައި ކިޔެވުމުގެ ބާކީބައި ނުވެސް ދަންނަ ކުދީންތަކާއި އެކު ހޭދަކުރަން ޖެހޭނެކަން އެނގުމުން ވީކަންބޮޑުވުމެވެ. އަދި އެހާސްވުމެވެ. އެހެން ނަމަވެސް އަބަދުވެސް މަޑުމައިތިރި އަދި މައިންބަފައިންގެ ބަސްއަހާ ކައިނާ މައިންބަފައިންގެ އެ ނިންމުމާއި އެއްގޮތަށް އަޙްމަދިއްޔާ އިންޓަނޭޝަނަލް ވަނުމަށް ނިންމިއެވެ.
2021 ވަނަ އަހަރު ގްރޭޑް 7 އަށް އަޙްމަދިއްޔާ ސްކޫލްގައި ތަޢުލީމް ހާސިލް ކުރަންފެށި ކަލްސަމް ކައިނާ ނިމާލް ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލް ގައި ކިޔަވަމުން ދިޔައިރު އެސްކޫލްގައި ކިޔަވަމުންދިޔަ ދިޔަ ހަރުފަތްތަކުގައި އެންމެ ރަނގަޅު ނަތީޖާތައް ހޯދަމުން ދިޔައެވެ. އޭގެ އިތުރުން އެ ސްކޫލުން ބައިވެރިވާ އެކިއެކި މުބާރާތް ތަކުގައި ސްކޫލް ތަމްސީލް ކުރުމަށް ޓީމް މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރި ވަމުން ދިޔައެވެ. އަދި ސްކޫލްގައި އޮންނަ އެކިއެކި މުބާރާތްތަކުގައި ބައިވެރިވެ ،އެމުބާރާތްތަކުން ވަނަތައް ހާސިލް ކުރަމުން ދިޔައެވެ. އަދބީ މުބާރާތްތަކާއި، ޤުރުއާން މުބާރާތް ތަކާއި އަދި ކުޅިވަރު މުބާރާތްތަކެވެ. އަދި އެކި ސްޓޭޖް ޕާރޕޯމަންސްތަކެވެ.
ކޮވިޑް ގެ ވަބާގައި މުޅި ރާއްޖެ ލޮކްޑައުންގައި އޮތްއިރު ގޭތެރޭގައި ފޫހިވެފައި ތިބޭނެ ކުދީންނަށް އަމާޒުކޮށްގެން " ޕީއެސްއެމް" އިން ފޮނުވައިދިން ދީނީ ޕްރޮގްރާމް " ވިސްނާލާފާ ބުނެލާ" 13 އެޕިސޯޑް ގެ މި ޕްރޮގްރާމް ހުށަހަޅައިދިން ކަލްސަމް ކައިނާ ނިމާލް ވަނީ 2018 ވަނަ އަހަރު ސްރީލަންކާގެ " ޓްރިނިޓީ ކޮލެޖް /ލަންޑަން " ގެ ޕިޔާނޯ އިމްތިހާނެއްގައި ބައިވެރިވެ އެ އިމްތިހާންގައި ބައިވެރިވި ކުދީން ތެރެއިން އެއްވަނަ ހޯދި ދެދަރިވަރުން ގެތެރޭގައި ހިމެނިފައެވެ.
ތައުލީމީ ހަޔާތުގެ ޞަފްޙާ އަޙްމަދިއްޔާގައި
ކަންބޮޑުވެ އެހާސްކަމާ އެކު ނުދަންނަ ކުދިންތަކާއި މުދައްރިސުންނާއި އެކު އަޙްމަދިއްޔާގެ ގްރޭޑް 7 ގައި ކިޔަވަން ފެށި ކައިނާ އެންމެ ފުރަތަމަ ދުވަހުވެސް އިހުސާސް ކުރެވުނީ ހީކުރި ގޮތާއި މުޅީން ތަފާތު ސްކޫލެއްގޮތުގައެވެ. ކޮންމެ ކުއްޖަކީ ވެސް އެހާމެ ގާތް ކުއްޖެއްގެ ގޮތުގައި ތަޖުރިބާ ކުރެވުނެވެ. ބާކީވެފައި ހުންނަން ޖެހޭނެ ކަމަށް ހީކުރެވުނުނަމަވެސް، ކޮންމެ ކުއްޖެއްގެ ފަރާތުން ވެސް ފެނުނީ ގާތްކަމެވެ. އެ އެކުވެރި ކަމެވެ. ސްކޫލްގެ ޕްރިންސިލް، ސީނިއަރ މެނޭޖްމަންޓުން ފެށިގެން ކޮންމެ މުދައްރިސެއްގެ ފަރާތުން ފުރަތަމަ ދުވަހުން ފެށިގެން ،މިއަދާއި ހިސާބަށްވެސް ފެނުނީ ހިނިތުންވުމާއި އޯގާތެރިކަމެވެ. ވަރުގަދަ ޑިސިޕްލީން އަކާއި އެކު ކުދީން ތަރުބިއްޔަތުކޮށް ރަނގަޅު ނަތީޖާ ދަރިވަރަށް ހޯދައި ދިނުމަށް މަސައްކަތްކުރާ މުދައްރިސުން ތަކެއް ކަމަށްވުމުން ކިޔެވުމަށް އިތުރު ހިތްވަރެއް ލިބުނެވެ. އަދި ރަނގަޅު ނަތީޖާ ހޯދުމަށް މަސައްކަތް ކުރުމުގެ އަޒުމް އަބަދުވެސް އާވެ، އާވެ ހުރެއެވެ. އެ މުދައްރިސުންނަކީ އެހާމެ ހިތްހެޔޮ ކިޔެވުމަށް ބާރުއަޅާ ސްކޫލަށާއި ދަރިވަރުންނަށް ރަނގަޅު ނަތީޖާ ހޯދައި ދިނުމަށް މަސައްކަތް ކުރާ މުދައްރިސުންތަކެއް ކަމަށްވާތީއާއި ދަރިވަރުންގެ ތެރޭގައި އޮންނަ އެކުވެރިކަމާއި ސްކޫލުން ދަރިވަރުންނަށް ހޯދައިދޭ އެކިއެކި ފަހި ފުރުސަތުތަކުގެ ސަބަބުން އަޙްމަދިއްޔާ ސްކޫލްގައި ކިޔަވަން ނިންމުނު ނިންމުމަކީ ކުރިންވެސް ބުނެވުނު ފަދައިން މަދުރަސީ ހަޔާތުގެ ނިންމުނު އެންމެ ފުރިހަމަ ނިންމުން ކަމަށް ކައިނާ ގަބޫލުކުރެއެވެ.
ގްރޭޑް 7 އިން ފެށިގެން ސްކޫލްގެ ޕްރިޕެކްޓްކަން ކުރަމުން އަންނަ ކައިނާ މިދިރާސީ އަހަރު ކެމްބްރިޖް އިމްތިހާނަށް ތައްޔާރުވަމުން އަންނައިރު އެހެން ކުދިންއެކޭ އެއްގޮތަށް ސްކޫލަށް ރީތިނަން ހޯދައިދޭނެ ކުދީންގެ ތެރޭގައި ކައިނާ ހިމެނިގެން ދިޔުމަކީ އޭނާ ކުރާ އުއްމީދެކެވެ. ތަޢުލީމީ ރޮނގުންނާއި ކުޅިވަރުގެ ރޮނގޮންނެވެ. މިދިރާސީ އަހަރު ސްކޫލްގެ އެކިއެކި ޕޯސްޓްތަކަށް ކުރިމަތިލީ ކުދިންގެ ތެރެއިން ސްކޫލްގެ އަންހެން ކުދީންގެ ގޭމްސް ކެޕްޓަން ކަމަށް އެކުދީން އިންތިޚާބުކުރީ ކައިނާއެވެ. އެކުދީން ކައިނާ އިންތިޚާބު ކުރުމަށް ޓަކައި ދިން ވޯޓުން ކައިނާ އަށް ކިޔައިދެނީ ތަފާތު ވާހަކަތަކެއް ނޫނެވެ. އެކަން ކައިނާއަށް ވިސްނެއެވެ. ކުޅިވަރުގައި އެކުދީން ލީޑްކޮށް ދިނުމަށެވެ. ކުޅިވަރު ކުޅުމަށް ޝައުޤު ހުންނަ ކުދީންނަށް އެފުރުޞަތު ހޯދައި ދިނުމަށް މެދުވެރި އަކަށް ވެދިނުމަށެވެ. ސްކޫލް ފެންވަރުގައި ކުޅިވަރުގައި އެކުދީންނަށް ދިމާވާ އެކިއެކި ކަންކަމުގައި ހައްލު ހޯދާ ދިނުމަށް އެހީތެރިވެ ދިނުމަށެވެ.
2018 ވަނަ އަހަރު އުމުރުން 8 އަހަރުގައި 20 ވަނަ އިންޓަރ ސްކޫލް ބާސްކެޓް ބޯޅަ މުބާރާތުގައި ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލްގެ ބާސްކެޓް ބޯޅަ ޓީމުން ތައާރަފްވި ކައިނާވަނީ 2019 ވަނަ އަހަރު ބޭއްވުނު 16 ވަނަ އިންޓަރ ސްކޫލް ބާސްކެޓް ބޯޅަ މުބާރާތުގައި އެސްކޫލަށް ކުޅެ، 12 އަހަރުން ދަށުގެ އުމުރު ފުރައިން ކުޅުނު އެންމެ ރަނގަޅު ކުޅުންތެރިން ގެ ތެރޭގައި ހިމެނި ޑްރީމް ޓީމަށް ހޮވިފައެވެ.
2 މުބާރާތް ކުޅެ ތަށި ނުލިބި ނިންމާލަން ޖެހުމުން މާޔޫސްވެފައި ހުރި ކައިނާ ގެ އެންމެ ބޮޑު އުއްމީދަކަށްވީ ސްކޫލްގެ ހަޔާތް ނިންމާލުމުގެ ކުރީން ބާސްކެޓް ޗެމްޕިއަންކަން ހޯދުމެވެ. އެއީ ކައިނާ އެންމެ ލޯބިވާ ކުޅިވަރު ކަމަށް ވާތީއެވެ.
2023 ވަނަ އަހަރު އޮތް އިންޓްސްކޫލް ޖޫނިއަރ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް 15 އަހަރުންދަށު އުމުރު ފުރައިގެ ޓީމަށް ކުޅެ އަޙްމަދިއްޔާ ޗެމްޕިއަންކަން ހޯދުން ވެގެން ދިޔައީ ކައިނާ ގެ އުއްމީދު ހާސިލް ވެގެންދިޔަ ކަމެއްގެ ގޮތުގައެވެ. އެއީ އުފާވެރި ވަގުތު ކޮޅެކެވެ. އެއީ ތާ އަބަދުމެ ހަދާންވާނެ އުފާވެރި ހަނދާނެކެވެ.
އަބަދުވެސް މަޑުމައިތިރި ކަމާއި ހިނިތުންވުމާއި އެކު އަނެކުންނާއި މުޚާޠަބު ކުރުމަކީ ކައިނާގެ ތަބީޢީ ސިފައެކެވެ. ކައިނާ ސްކޫލްގެ ގޭމްސް ކެޕްޓަންކަމަށް އިންތިޚާބުގައި ވާދަކުރި އިރު ކެމްޕެއިން ޕޯސްޓަރ ފެނުނީ ވަރަށް ތަފާތު ކޮށެވެ. ކެމްޕެއިން ޕޯސްޓަރަށް ވިސްނާލުމުން އެޕޯސްޓަރުން ކިޔައި ދިނީ ތަފާތު ވާހަކަތަކެކެވެ. ބޭނުންކޮށްފައިވާ ކެމްޕެއިން ސްލޯގަން އާއި ޕޯސްޓަރގައި ބޭނުންކޮށްފައިވާ ކުލަތަކާއި ގުޅުމެއްވެއެވެ. އަދި ކައިނާ ގެ ހަރަކާތް ތަކުންވެސް ފެންނަނީ އެކަމެވެ. އެއީ ވަރަށް މައުނަވީ ކެމްޕެއިން ސްލޯގަން އަކާއި ޕޯސްޓަރެކެވެ. " މޫވް ފޯވަޑް، މޫވް ބިޔޮން ބައުންޑަރީސް" ސްކޫލްގެ ކުލަ އަޅިކުލައިން ފެށިގެން އެކުލަ ގޮސް ފައްދާލައި އެހުއްޓެނީ ދިވެހި ގައުމީ ދިދައިގެ ކުލަތަކަށެވެ.
ބިޔޮން ބައުންޑަރީސް އަށެވެ. ސްކޫލް ގައި އުޅެމުންވެސް ޤައުމީ ޚިދުމަތަށެވެ. ކައިނާ ވަނީ 2023 ވަނަ އަހަރު ޖޯޑުންގެ އައްމާން ގައި އޮތް ފީބާ އަންޑަ 16 ވިމެންސް އޭޝިއާ ކަޕްގައި ރާއްޖޭގެ ގައުމީ ބާސްކެޓް ބޯޅަ ޓީމަށް ކުޅެފައެވެ. އަދި ހަމަ އެހެންމެ 2024 ވަނަ އަހަރު ޗައިނާގެ ސެންޒެންގައި އޮތް އަންޑަރ 18 ވިމެންސް ކަޕްގައި އެ އުމުރު ފުރައިގައި ރާއްޖޭގެ އަންހެން ބާސްކެޓް ބޯޅަ ޓީމަށް 14 އަހަރު ގައި ކުޅެފައެވެ.
ނިންމާލަމުން ކައިނާ ޝުކުރު އަދާ ކުރަނީ މައިންބަފައިނަށެވެ. ކުލިވަރުގައި ޚާއްޞަކޮށް ބާސްކެޓްގައި ތަރުބިއްޔަތު ކޮށްދިން ހުރިހާ ކޯޗުންނަށެވެ. ސްކޫލްގައި ކިޔަވައި ދެއްވި، ކިޔަވައި ދެއްވަމުންގެންދަވާ ހުރިހާ މުދައްރިސުންނަށެވެ. ކްލާސް ހުރިހާ ކުދިންނަށާއި ކެމްޕެއިން ޓީމަށެވެ. އަދި ވޯޓް ދިން ކުދިންނަށާއި ވޯޓް ނުދޭ ކުދީންނަށް ވެސް މެއެވެ. އަހަރުމެން އެންމެނަކީ އެއްބަޔެކެވެ. އަހރުމެން ކުޅިވަރުގައި ކާމިޔާބު ހޯދާނީ އެއްމެންވެގެންނެވެ. ނިންމާލަމުން ކައިނާ ބުންޏެވެ . ﷲއަށް ހައްދުކުރަމެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ވަރަށް ފުރިހަމަ