އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 12ގެ ދަރިވަރުން ތަޖުރިބާ ދަތުރެއްގައި ފުވައްމުލައް ސިޓީއަށް ޒިޔާރަތްކޮށްފިއެވެ.
ގްރޭޑް 12ގެ 31 ދަރިވަރުންނާއި ދިވެހި ޑިޕާޓްމަންޓްގެ ހެޑް ޓީޗަރާއި ބައެއް ލީޑިންގ ޓީޗަރުން ބައިވެރިވެލެއްވި މި ތަޖުރިބާ ދަތުރު އޮތީ މި ޖުލައި މަހުގެ 26ން 27އަށެވެ.
މި ދަތުރުގައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރުން ވަނީ ފުވައްމުލަކުގެ ތާރީޚީ އަދި އާސާރީ ތަންތަނާއި ފުވައްމުލަކުގެ އެ ނޫން ވެސް ޚާއްސަ ތަންތަނަށް ޒިޔާރަތްކޮށް އެ ތަންތަނާ ބެހޭ މައުލޫމާތު ހޯދާފައެވެ. އެގޮތުން ގެން މިސްކިތާއި، ވަށަވެޔޮ މިސްކިތާއި، ކެނޑޭރި މިސްކިތާއި، ހަވިއްތައިގެ އިތުރުން އެރަށު ހުކުރު މިސްކިތް ފަދަ ތާރީޚީ އެތަކެއް ބިނާތަކަށް ޒިޔާރަތްކުރުމުގެ އިތުރަށް ބަންޑާރަ ކިޅިއާއި ނޭޗާރ ޕާކް އަދި ރަށުގެ ތަފާތު ތިން ގޮނޑުދޮށަކަށް ވެސް ދަރިވަރުން ޒިޔާރަތްކުރިއެވެ.
މި ދަތުރުގެ ބައިވެރިން ވަނީ ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖަށް ވެސް ޒިޔާރަތްކޮށްފައެވެ. އެ ކޮލެޖުގެ ފަރާތުން އަޙްމަދިއްޔާގެ ދަރިވަރުންނަށް ފުވައްމުލަކުގެ ތާރީޚާއި އާދަކާދައާއި ޘަގާފަތާއި އިޤުތިސާދާއި ރަށްވެހިކަމުގެ ތަރައްޤީއާ ބެހޭ މައުލޫމާތު ސެޝަނެއް ކުރިޔަށް ގެންގޮސްދެއްވިއެވެ.
އަދިހަމައެއާ އެކު، އެ ކޮލެޖާއި ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަނެއް ވެސް ކުރިއަށްގެންދެވިއެވެ. މި ސެޝަންގެ އިތުރަށް ފުވައްމުލައް އުފެދުނު ގޮތާއި އަދި އެރަށުގެ ކަނޑުގެ ދިރުންތަކާ ބެހޭގޮތުން މައުލޫމާތު ސެޝަންއެއް ފުވައްމުލަކަށް ނިސްބަތްވާ އަޙްމަދިއްޔާގެ އިސް ދަރިވަރެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
"އާއްމުކޮށް ރަށްރަށުން ނުފެންނަ ވަރަށް ތަފާތު މަންޒަރުތަކެއް ބަލާލުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބުނީމަ ވަރަށް އުފާވި. އަދި މީގެއިތުރުން ފުވައްމުލައް އުފެދުނު ގޮތާއި، އެރަށުގެ ވަށައިގެންވާ ކަނޑުގެ ދިރުންތަކާ ބެހޭގޮތުން ވަރަށް އާ ޝައުގުވެރި މައުލޫމާތުތަކެއް ވެސް އަޅުގަނޑުމެންނަށް ލިބުނު." މި ދަތުރާ ބެހޭ ގޮތުން ވާހަކަދައްކަމުން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ކެޕްޓަން އިޔާން އަލީ ބުންޏެވެ. "ވަރަށް ތަފާތު ތަޖުރިބާތަކެއް ލިބުނު ދަތުރެއް މީ. ރަށުގެ ރީތިކަމާއި އެއްވަރަށް މެހެމާންދާރީ ވެސް އެހާމެ ފުރިހަމަ. އަޅުގަނޑުމެން ދަރިވަރުންނަށް އެތަކެއް އާ މައުލޫމާތުތަކެއް ލިބި ވަރަށް ބޮޑަށް ލޯ ހުޅުވާލަދިން ދަތުރަކަށް މި ދަތުރުވީ. އަދި އެންމެ ހިތްހަމަޖެހުނީ ދަރިވަރުންނާއި މުދައްރިސުންނާ އެއްކޮށް ގުޅުން ބަދަހިކޮށްލަން މި ފަދަ ފުރުސަތެއް ލިބި ރަހުމަތްތެރިކަމުގެ އެތައް އާ ގުޅުމެއް ވެސް އުފެދުނީމަ."
ދެ ދުވަހުގެ މި ދަތުރުގައި ދަރިވަރުން ވަނީ ފުވައްމުލައް ސިޓީގެ ދަތުރުފަތުރާއި ލަފާފުރުމުގެ ނިޒާމު ރޭވި އިންތިޒާމްކުރެވިފައިވާ ގޮތާއި، މުއާޞަލާތީ އަދި އިޖުތިމާޢީ ގުޅުންތައް ހުރިނެތް ގޮތާއި، އެ ސިޓީގެ މަސައްކަތްތެރިކަމާއި އިޤްތިޞާދީ ހަރަކާތްތަކާ ގުޅޭ މައުލޫމާތާއި ބޭސްވެރިކަމާއި ޞިއްޙީ ޚިދުމަތްތަކާއި، ފުވައްމުލަކުގެ ތަޢުލީމީ ދާއިރާގެ މައުލޫމާތުގެ އިތުރުން އެ ސިޓީގެ ތަރައްޤީއާއި ކުރިއެރުމާ ބެހޭ މައުލޫމާތު ހޯދާފައެވެ.
އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުން ކޮންމެ އަހަރަކު ކުރާ މި ދަތުރަކީ ރަށްރަށުގެ އާސަރީ އަދި ތާރީޚީ ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނާއި ގުޅުން ހުރި މަޢުލޫމާތު ހޯދުމާ އެކު ތަފާތު މުޖުތަމަޢުގެ ދިރިއުޅުންހުރި ގޮތް ތަޖުރިބާ ކުރުމަށްކުރާ ދަތުރެކެވެ. ވޭތުވެދިޔަ އަހަރު ޒިޔާރަތްކުރީ ލާމު އަތޮޅަށެވެ.