އަންނަ ސެޕްޓެމްބަރ މަހު ފެށޭ މަތީ ސާނަވީ ގްރޭޑް 11 އަށް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް ވަނުމަށްޓަކައި ވަރަށް ގިނަ ދަރިވަރުން މިހާރުވެސް އަހްމަދިއްޔާގައި ވަނީ ނޯޓްކޮށްފައެވެ. އަތޮޅުތެރޭގެ އެކިއެކި ސްކޫލް ތަކުންނާއި މާލޭގެ ގިނަ ސްކޫލްތަކުން އަޙްމަދިއްޔާއަށް ވަނުމަށްޓަކައި ޕްރީ އެޕްލިކޭޝަން ފޯމް ފުރަމުން އެބަގެންދެއެވެ.
އަޙްމަދިއްޔާ މަޝްހޫރުވެފައިވަނީ، މިވަގުތު މާލޭގައި އޭލެވެލަށް ކިޔަވައިދޭ އެންމެ ރަނގަޅު އެއް ސްކޫލްގެ ގޮތުގައެވެ. ކޮންމެ އަހަރަކުވެސް އޭލެވެލަށް ވަނުމަށް ޖާގަ ހުޅުވާލާއިރަށް އެތައް ސަތޭކަކުދިން ނަން ނޯޓްކުރެއެވެ. ސަބަބަކީ، އަޙްމަދިއްޔާގައި މިވަގުތުތިބީ ރާއްޖޭގައި އޭލެވެލްއަށް ކިޔަވައިދޭ އެންމެ ތަޖުރިބާކާރު ޓީޗަރުން ކަމުގައިވާތީއެވެ. އަދި އޭލެވެލްއިން އަޙްމަދިއްޔާ ހޯދަމުންދާ މަތީ ނަތީޖާއިންވެސް މިކަމަށް ހެކިދެއެވެ. އަދި ކިޔެވުމާއި އަޚްލާގަށް އެންމެ އިސްކަންދޭ ސްކޫލަކީ އަހްމަދިއްޔާ ކަމުގައިވާތީ ބެލެނިވެރިންގެ އިތުބާރުވެސް އަހްމަދިއްޔާއަށްވަނީ މަތީ ދަރަޖައަކަށް ލިބިފައެވެ. އެހެންކަމުން އަޙްމަދިއްޔާގެ ޑިމާންޑް މިހާރުވަނީ ވަރަށް ބޮޑުތަން މައްޗަށް ގޮސްފައެވެ.
އިއްޔެއާ ހަމައަށް ގިނައަދަދެއްގެ ކުދިން ނަންނޯޓުކޮށްފައިވާއިރު، ބާކީހުރި މަދު ޖާގަ ހޯއްދަވަން ބޭނުންފުޅުވާ ބޭފުޅުން ވީހާވެސް އަވަހަކަށް ޖާގައިގެ ކަންތައް ނިންމެވުމަށް އަޙްމަދިއްޔާއިން ވަނީ އެދިފައެވެ.
"ސްކޫލްގެ ޖާގައިގެ ދަތިކަމާ ހުރެ، ކޮންމެ އަހަރަކު ވެސް ޖާގަ މި ދެވެނީ 350 ވަރަކަށް ދަރިވަރުންނަށް. އެހެންވީމަ މައުލޫމާތު ސާފުކުރަން ގުޅާ ބޭފުޅުން އަރިހު ވެސް އަޅުގަނޑުމެން އެބަދަންނަވަން، ވަރަށް މަދު ޖާގައެކޭ މި ދެވެން އޮންނަނީ އެންމެ ފަހު ވަގުތަށް މަޑުނުކޮށް އަވަހަށް ނަންނޯޓުކުރައްވާށޭ. އެހެންނޫނީ ފުރުސަތު ގެއްލުމަކީ އެކަށީގެންވާ ކަމެކޭ". އަޙްމަދިއްޔާގެ އޮފީހުން ވިދާޅުވިއެވެ.