އެންމެއޯގާތެރި އިންސާނަކީ މުޙައްމަދު صلى الله عليه وسلم އެވެ.

لْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

އިންސާނެއްގެ އަޚްލާޤީ މިންގަނޑުގެ ތެރެއިން އެންމެބޮޑަށް އިންސާނިއްޔަތުކަން ހާމަކޮށްދޭ ސިފައަކީ އޯގާތެރިކަމުގެ ސިފައެވެ. އޯގާތެރިކަމުގެ ސިފަ އެހެން މީހަކާއި ނުވަތަ އެހެންވެސް އެއްޗަކާއި ގުޅުމެއް ނުވާނޭގޮތަކަށް ވުޖޫދު ނުވާނެއެވެ. އަމިއްލަ ނަފްސާއި ގުޅިގެން ހިތުގައި އެޢަމަލު ކުރިއަށް ދިއުމުގައިވެސް އެކަން އެވަނީ އޭނާގެ އަމިއްލަ ނަފްސާއި ގުޅިފައެވެ. އެގޮތުން އޭނާގެ އަމިއްލަ ނަފްސަށް ވެސް އޯގާތެރިވާންޖެހެއެވެ. ނުވަތަ އެސިފަ ނިކުމެގެން އަންނަނީ އެހެން މަޚްލޫޤަކާއި ގުޅިލާމެހިގެންނެވެ. ވުމާއެކު އެއީ އިޖްތިމާޢީވެސް ސިފައެކެވެ. މުޅި މުޖްތަމަޢަށް ބޭނުންވާ ސިފައަކަށް އެކަން ވެގެންދެއެވެ.

އަހަރެމެންގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم އަކީ އެސިފަހުރި ބޭކަލެއްގެ ނަމޫނާ ބޭކަލެކެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِينَ﴾ الأنبياء :107 މާނައީ: [އަދި ޢާލަމްތަކަށް ހުރި ރަޙްމަތެއް ކަމުގައި މެނުވީ ތިމަންއިލާހު ތިޔަނަބިއްޔާ ނުފޮނުއްވަމުއެވެ.] އެނަބިއްޔާއަކީ އޯގާތެރިކަމުގައި އެފަދަ ދެވަނައެއް ނުވާނޭ މާތް ބޭކަލެކެވެ. ވާނީވެސް އެހެންތާއެވެ. އެކަލޭގެފާނު ފޮނުއްވުނު މަޤްޞަދު ޙާޞިލުވުމަށް އެންމެމުހިންމު އެއްސިފައަކީ ވެސް އޯގާތެރިކަމުގެ ސިފައެވެ. އެކަލޭގެފާނު ދުނިޔެއަށް ފޮނުއްވުނީ ﷲ سبحانه وتعالى އެދިވޮޑިގަންނަވާނޭ ފަދައިން މީސްތަކުން ތަރުބިއްޔަތު ކުރުމަށެވެ. މީސްތަކުންނަށް ތަޢުލީމުދީ އެބައިމީހުންގެ ޢަމަލުތައް އެކަލާނގެ ރުއްސަވާނޭ ފަދައިން ބެހެއްޓުމަށްޓަކައެވެ. އެކަމަށްޓަކައި އެހެންމީސްތަކުންނާއި މުޢާމަލާ ކުރަންޖެހެއެވެ. އެކުރެވޭ މުޢާމަލާތުގައި އޯގާތެރިކަމުގެ ސިފައިގެ އިދިކޮޅު ސިފަކަމުގައިވާ ހަރުކަށިކަން ނިކުމެއްޖެ ނަމަ އެބޭކަލެއްގެ ވާހަކަފުޅުގެ އަޑުއަހާނޭ މީހަކު ނުވާނެއެވެ. މީސްތަކުން އެހެންމީހެއްގެ އަޑުއެހުމަށް ބާރުއަޅުވާ އެންމެމުހިންމު ސިފައަކީ އެވާހަކަދައްކާ މީހަކު އަނެކާއަށް ބަހައްޓާ އޯގާތެރިކަމާއި ގާތްކަމާއި އަޅާލުމެވެ. އޯގާތެރި ނުވާމީހަކަށް އޯގާތެރިކަން ނުލިބޭނޭ ބުނެވޭ ފަދައިންނެވެ. އެއީ މާތް ﷲ سبحانه وتعالى ގެ އޯގާވަންތަކަން ވިޔަސްމެއެވެ. އަދި އޭގެ އިތުރުން އޯގާތެރި ނުވާނޭމީހަކަށް އެހެންމީހުންގެ އޯގާތެރިކަންވެސް ނުލިބޭނެއެވެ.

ޞަޙީޙް ބުޚާރީ އަދި ޞަޙީޙް މުސްލިމްގައި ރިވާވެގެންވާ ގޮތުގައި، ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((مَنْ لَا يَرْحَم لَا يُرْحَمُ)) މާނައީ: [މީސްތަކުންނަށް އޯގާތެރިނުވާ މީހަކަށް އޯގާތެރި ނުވެވޭނެތެވެ] ވީމާ އެހެންމީހުންގެ އޯގާތެރިކަން ނިކުންނަނީ އަނެކާގެ ހުންނަ އޯގާތެރިކަމުގެ ސަބަބުންނެވެ. ޝައްކެއްވެސް ނެތް ގޮތުގައި މިކަމުގައި އެހެން މާތް ސިފަތަކެކޭ އެއްފަދައިން މިސިފައިގައިވެސް މީސްތަކުންނަށްވާ ނަމޫނާ ބޭކަލަކީ އަހަރެމެންގެ މާތް ރަސޫލާ މުޙައްމަދު صلى الله عليه وسلم އެވެ. ﷲ ވަޙީކުރެއްވިއެވެ: ﴿لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ﴾ الأحزاب :21 މާނައީ: [ހަމަކަށަވަރުން ﷲ ގެ ރަސޫލާގައި ތިޔަބައިމީހުންނަށް ރިވެތި ނަމޫނާއެއް ވެއެވެ.] ވީމާ އެނަބިއްޔާ އެކަމަކާއިގެން ފޮނުއްވުނު ކަންތައް ކަމުގައިވާ ﷲ سبحانه وتعالى ގެ ރިސާލަތު މީސްތަކުންނަށް އަޑުއިއްވާ އެފަދައިން މީސްތަކުން ތަރުބިއްޔަތު ކުރުމުގައި އޯގާތެރިކަމާއި މަޑުމައިތިރިކަން، އެހެންމީހުންނަށް ފެންނަން ނެތްނަމަ އެދަޢުވަތަށާއި އެކަލޭގެފާނުގެ ތަބްލީޣަށް ހުރަސްއެޅިގެން ދިޔައީހެވެ. މާތް ﷲ ވަޙީކުރެއްވި ފަދައިންނެވެ: ﴿فَبِمَا رَحْمَةٍ مِّنَ اللَّهِ لِنتَ لَهُمْ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لاَنفَضُّواْ مِنْ حَوْلِكَ﴾ آل عمران :159 މާނައީ: [ފަހެ ﷲ ގެ ރަޙްމަތުން ތިޔަނަބިއްޔާ އެބައިމީހުންނާ މުޢާމަލާ ކުރައްވަނީ މަޑުމައިތިރިކަމާއި އެކުއެވެ. އަދި ތިޔަނަބިއްޔާއަކީ ހަރުކަށި ހިތްހަރު ބޭކަލަކަށްވީނަމަ، ތިޔަނަބިއްޔާގެ ވަށައިގެން ދުރަށް އެބައިމީހުން އެނބުރި ދިޔައީހެވެ.]

ވީމާ ﷲ ގެ ރަޙްމަތުން އެނަބިއްޔާ ވެގެންދިޔައީ އެންމެ މަޑުމައިތިރި އަދި މީސްތަކުންނަށް ނުހަނު އޯގާތެރި ބޭކަލަކަށެވެ. އިސްވެދިޔަ ޙަދީޘް [މީސްތަކުންނަށް އޯގާތެރިނުވާ މީހަކަށް އޯގާތެރި ނުވެވޭނެތެވެ] މިފަދައިން ރަސޫލާ صلى الله عليه وسلم މީހަކަށް ޙަދީޘްކުރައްވަން ޖެހިވަޑައިގެންނެވި ޙާދިޘާއަށް ބަލައިލުމުން އެކަލޭގެފާނު ތުއްތުކުދިންނަށް އޯގާތެރިކަން ބަހައްޓަވާވަރު އެނގިގެންދެއެވެ. ޞަޙީޙް ބުޚާރީގައިވެއެވެ: ((قَبَّلَ رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ الحَسَنَ بنَ عَلِيٍّ وعِنْدَهُ الأقْرَعُ بنُ حَابِسٍ التَّمِيمِيُّ جَالِسًا، فَقَالَ الأقْرَعُ: إنَّ لي عَشَرَةً مِنَ الوَلَدِ ما قَبَّلْتُ منهمْ أحَدًا)) މާނައީ: ﷲ ގެ ރަސޫލާ އަލްޙަސަން ބުން ޢަލީ (ރަސޫލާގެ ކާފަދަރިކަލުން) އަށް ބޮސްދެއްވިއެވެ. އަދި އެހިނދު އެތަނުގައި އަލްއަޤްރަޢު ބުން ޙާބިސް އައްތަމީމީ އިށީނދެގެން އިންނެވިއެވެ. އެހިނދު އަލްއަޤްރަޢު ވިދާޅުވިއެވެ: ހަމަކަށަވަރުންވެސް ތިމަންނާއަށް ދިހަ ފިރިހެންދަރިން ލިބިފައިވެއެވެ. އޭގެ ތެރެއިން އެންމެ ކުއްޖެއްގެ ގައިގައިވެސް އަހުރެން ބޮސް ނުދެމުއެވެ.]

ދެން ރަސޫލާ صلى الله عليه وسلم އިސްވެދިޔަ ޙަދީޘް ޙަދީޘްކުރެއްވިއެވެ. މުސްލިމް ނުވާމީހުންނަށްވެސް އެނަބިއްޔާއީ ނުހަނު އޯގާތެރި ބޭކަލެއްކަން އަންގައިދޭ ގިނަ ޙަދީޘްތަކެއްވެއެވެ. މިދައްކަނީ ހަނގުރާމައިގެ މައިދާނުގައި ޣައިރު މުސްލިމުންނާ ހަނގުރާމަ ނުކުރައްވާ ވާހަކައެއް ނޫނެވެ. އެފަދަ ޙާލަތުގައި އެނަބިއްޔާއަކީ ފަހަށް ޖެހިވަޑައި ނުގެން ސާބިތުކަންމަތީ ޢަދުއްވުންނާ ހަނގުރާމަވެސް ކުރެއްވި ނުހަނު ގަދަފަދަ ބޭކަލެއްވެސް މެއެވެ. ނަމަވެސް ހަނގުރާމައިގެ މައިދާން ނޫން ޙާލަތްތަކުގައި ޣައިރުމުސްލިމުން އިސްލާމްދީނަށް ލޯބިޖައްސަވާ އެދީނަށް ވެއްދެވުމަށް ނުހަނު ބޭނުންފުޅުވެ ލެއްވި ބޭކަލެކެވެ. އެނަބިއްޔާ صلى الله عليه وسلم ބޭނުންފުޅުވެ ލެއްވީ އެޣައިރު މުސްލިމުން މަރާ ސުންނާފަތިކޮށް ނުވަތަ އެގޮތުގައި ނުބައިކަންމަތީ މަރުވެގޮސް ނަރަކަވަންތަވެރިންގެ ގޮތުގައި އެގަދަފަދަ ޢަޛާބުގައި އަބަދަށް ދޫކޮށްލެއްވުމެއްވެސް ނޫނެވެ. އޭގެ ބަދަލު ޤިޔާމަތްދުވަހުގެ ބިރުވެރި ކަމުގެތެރެއިން ބައެއް، ނުހަނު ފުރިހަމައަށް ދެކެވަޑައިގެންވި ޙާލުގައި އެކަލޭގެފާނު އެއްވެސް މީހަކު އެނުރައްކާތެރި ޙާލަތަށް ދޫކޮށްލައްވަން ބޭނުންފުޅުވީ ބޭކަލެއް ކަމުގައި އެނަބިއްޔާ ނުވެއެވެ.

އޭގެ ތެރެއިން އެއް ޙާދިޘާއެވެ. ބުޚާރީގައި ރިވާވެގެންވީ ޙާދިޘާއެކެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަނބިކަނބަލުން ޢާއިޝާ އެނަބިއްޔާއާ ސުވާލުކުރެއްވިއެވެ: ތިޔަނަބިއްޔާއަށް އުޙުދުގެ ދުވަހަށްވުރެ އުނދަގޫ ދުވަހެއް އައިތޯއެވެ؟ ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ: [ހަމަކަށަވަރުން ތިޔަކަމަނާގެ ގައުމުގެ މީހުން (މައްކާގެ މީހުން) ނާ ކުރިމަތިލީ ކުރިމަތިލުމެވެ. އޭގެ ތެރެއިން އެންމެ އުނދަގޫވީ ޢަޤަބާގެ ދުވަހުގެ (އެއީ ޠާއިފަށް ދަތުރުކުރެއްވި ދުވަހުގެ ވާހަކައެވެ.) ބައްދަލުވުމެވެ. އެދުވަހުގައި އިބްނު ޢަބްދު ޔާލީލު ބުން ޢަބްދު ކިލާލް ގެ މީހުންނަށް ތިމަންނަބިއްޔާ އެދިލެއްވިގޮތް ހުށަހެޅުއްވީމެވެ.

ނަމަވެސް ތިމަންނަބިއްޔާ އެދިލެއްވި ކަމަކަށް އޭނާ އިޖާބައެއް ނުދިނެވެ. ދެން ތިމަންނަބިއްޔާ ހިތާމަވެރި މޫނުފުޅަކައިގެން ހިތްދަތިކަމާއިއެކު (ޠާއިފުން) ނިކުމެވަޑައިގެންނެވީމެވެ. ލިބިވަޑައިގެންނެވި އުނދަގުލާއި ހިތްދަތިކަމާއި ހިތާމައިގެ ބޮޑުކަމާއިއެކު ޤަރުނުއްޘަޢާލިބް އާ ހަމައަށް ދެވެންދެން ތިމަންނަބިއްޔާއަށް ވާނުވާވެސް އެނގިވަޑައި ނުގެންނެވިއެވެ. ދެން ތިމަންނަބިއްޔާ އިސްތަށިފުޅު އުފުއްލަވާލެއްވުމަށްފަހު ބައްލަވައިލެއްވިއިރު ވިލާގަނޑެއް އައިސް ތިމަންނަބިއްޔާއަށް ހިޔާކޮށްދެއްވަނީއެވެ. ދެން ތިމަންނަބިއްޔާ ބައްލަވާލެއްވިއިރު ފެނިވަޑައިގަތީ ޖިބްރީލްގެފާނެވެ. އެމަލާއިކަތާ ތިމަންނަބިއްޔާއަށް ގޮވާލެއްވިއެވެ. އަދި ވިދާޅުވިއެވެ: ހަމަކަށަވަރުން ﷲ ތިޔަނަބިއްޔާގެ ގައުމުގެ މީހުން ތިޔަނަބިއްޔާއަށް ބުނިބަސްތަކާއި ރައްދުކުރި ވާހަކަތައް އައްސަވާ ވޮޑިގަންނަވައިފިއެވެ. އަދި ހަމަކަށަވަރުން ﷲ، ފަރުބަދަތަކުގެ މަލާއިކަތާ ތިޔަނަބިއްޔާގެ ގާތަށް ފޮނުއްވައިފިއެވެ. އެއީ އެބައިމީހުންނާމެދު ތިޔަނަބިއްޔާ އެދިވަޑައިގަންނަވާ ގޮތެއް ހެއްދެވުމަށް އެމަލާއިކަތާއަށް ތިޔަނަބިއްޔާ އަމުރުކުރެއްވުމަށްޓަކައެވެ.

ދެން ފަރުބަދަތަކުގެ މަލާއިކަތާ ތިމަން ނަބިއްޔާއަށް ގޮވާލައްވާ ސަލާމް ގޮވާލެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ: އޭ މުޙައްމަދުއެވެ! ދެން ވިދާޅުވިއެވެ: އެކަން އޮތީ ތިޔަނަބިއްޔާ އެދިވަޑައިގަންނަވާ ގޮތަކަށެވެ. އަދި ތިޔަނަބިއްޔާ އެދިވަޑައިގަންނަވާނަމަ އަޚްޝަބައިންގެ ދެފަރުބަދަ އެބައިމީހުން މައްޗަށް ވައްޓަވާލައްވާނަމެވެ. ދެން އެނަބިއްޔާ صلى الله عليه وسلم ވިދާޅުވިއެވެ: އަދި ކިއެއްހެއްޔެވެ! ތިމަންނަބިއްޔާ އުންމީދުކުރައްވަނީ އެބައިމީހުންގެ ދަރިފަސްކޮޅުގެ ތެރެއިން ﷲ އަށް އެކަނި އަޅުކަންކުރާނޭ އަދި އެކަލާނގެއަށް ޝިރުކު ނުކުރާނޭ ބަޔަކު ﷲ ނެރެދެއްވުމެވެ.] ކޮންފަދަ އަސަރުން ފުރިގެންވާ ޙާދިޘާއެއްތޯއެވެ. މިސީރަތުން އަމިއްލަ ނަފްސު ވަޒަންކޮށްލާ، އިމްތިޙާނު ކޮށްލުމަކީ ޢިބްރަތްތެރި ކަމަކަށްވާނެއެވެ.

އެނަބިއްޔާގެ ނަމޫނާއިން ނަމޫނާ ލިބިގަންނަމާތޯއެވެ. އެފަދައިން ތަރުބިއްޔަތުވާ ބައެއްގެ ގޮތުގައި އަޅަމެން ލެއްވުން އެދި ދުޢާކުރަމެވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

 

އާޓިކަލް : 49

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *