ބުރާސްފަތި, 24 އޭޕްރިލް 2025

ވިއްސާރައާ ގުޅިގެން މާދަމާ ސްކޫލްތައް ބަންދު

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ރާއްޖޭގައި މިހާތަނަށް ރެކޯޑުވެފައި ނެތް މިންވަރަށް ވާރޭވެހި، ބައެއް ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެ، އެތައް ގެޔަކަށާއި ވިޔަފާރިތަކަށާއި މުދަލަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއްލިބި، އަދި ގިނަބައެއްގެ އާންމު ދިރިއުޅުމަށް ބޮޑު ދަތިކަމެއް ކުރިމަތިވެ، ހިނގާބިނގާވެ އުޅުމަށާއި، އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށް ދަތިވެފައިވާތީ، މާދަމާ  2024 އޮގަސްޓު 14 ވާ ބުދަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވައިފައެވެ. އެހެންކަމުން މާދަމާ ސްކޫލްތަކުގެ ކިޔެވުމެއްވެސް ނޯންނާނެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވީ، މާދަމާ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސް މި ހަމަޖެއްސެވީ، ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، ކިޔަވާ ކުދީންނާ ވަޒީފާ އަދާކުރާ ފަރާތްތަކަށް ވެސް ދަތުރުފަތުރު ކުރުމާއި ހިނގާބިނގާވެ އުޅުމަށް ދަތިވުމާއި ގުޅިގެން ދެއްވާ ލުޔެއްގެ ގޮތުގައެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ، މި ދުވަސްވަރު މުޅި ރާއްޖެއަށް މޫސުން ވަނީ ގޯސްވެފަ އެވެ. މިހާރު މޫސުން އެންމެ ގޯހީ ރާއްޖޭގެ އުތުރުގެ ރަށްތަކަށެވެ. މެޓުން އިއްޔެ ވަނީ ހަތަރު ގަޑިއިރަށް ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށް އޮރެންޖު އެލާޓް ވެސް ނެރެފަ އެވެ. އެ ހިސާބުގެ ބައެއް ރަށްތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެގެން އެންޑީއެމްއޭ އަށް ރިޕޯޓު ވެސް ކޮށްފައިވެ އެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާކޮށް، ވަރަށް ވައިގަދަވާނެ އެވެ. އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް ވައިޖެހެނީ 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ދެކުނުގެ ރަށްތަކަށް ވައިޖެހޭނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *