ގޭމްސް ކެޕްޓަން – ޔޫސުފް އިޒްޔާން އާއެކު އާ އުސްމިނަތަކަކަށް

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ގްރޭޑް 10 ގައި ތަޢުލީމް ޙާޞިލް ކުރަމުންދާ ޔޫސުފް އިޒްޔާން ހަސަން އަކީ އެންމެ ތުއްތު އިރުއްސުރެ ކުޅިވަރަށް ލޯބިކުރާ ހުނަރުވެރި ދަރިވަރެކެވެ. ގަދައަޅާ މަސައްކަތް ކޮށް އިތުރު ކުރިއެރުން ހޯދާ މައިންބަފައިންނާއި، ސްކޫލަށް ރީތިނަން ހޯދައި ދިނުމަކީ ﷲ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރި ވުމާއެކު ކުރާ ވަރަށްބޮޑު އުންމީދެކެވެ.

ޕްރީ ސްކޫލު ދޮންދޫނި ލިޓްލް ލާރނަރސް ސްކޫލް ފުރިހަމަކޮށް ގްރޭޑް 1 ން ގްރޭޑް 5 ނިންމީ އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގައެވެ.

ކަބްސްކައުޓެއްގެ ގޮތުގައި ހަރަކާތްތެރިވެ، ކާމިޔާބީ ހޯދާފައިވާ ޔޫސުފް އިޒްޔާން ދިޔައީ ޕްރީސްކޫލް ދައުރުން ފެށިގެން ފުޓްބޯޅަ، ހޭންޑް ބޯޅަ އަދި ސްކޫލްގައި ހިންގާ އެކިއެކި ކުޅިވަރު ހަރަކާތްތަކުގައި ބައިވެރި ވަމުންނެވެ. ކުޅިވަރުގެ އިތުރުން ކިޔެވުމުގެ އެކިއެކި މުބާރާތްތަކާއި އަދަބީ ޙަރަކާތްތަކުގައި ބައިވެރިވެ ރަން ވަނަތަކެއް ހާޞިލްކޮށްފައިވާ ޔޫސުފް އިޒްޔާން ވަނީ ގައުމީ ގުރުއާން މުބާރާތާއި ސްކޫލް، އަދި އެހެނިހެން ގުރްއާން މުބާރާތްތަކުގައި ބައިވެރިވެފައެވެ.

އެންމެ ފުރަތަމަ އަޙްމަދިއްޔާ ސްކޫލްގައި ގްރޭޑް 6 ގައި ކިޔަވަން ފެށި ދަރިވަރުންގެ ތެރޭގައި ޔޫސުފް އިޒްޔާން ހިމެނުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަ ކުރެއެވެ.

އަޙްމަދިއްޔާގައި ތަޢުލީމް ހާޞިލް ކުރަން ފެށުމާއެކު އިތުރު ހިތްވަރެއް ލިބިގެން ދިޔައީ ދަރިވަރުންގެ އަޚްލާގާއި ކިޔެވުމަށް ވަރަށް ފުރިހަމައަށް އިސްކަމެއް ދެއްވައިގެން ދަރިވަރުންނަށް އެންމެ ފުރިހަމަ ނަތީޖާ ހޯއްދަވައި ދެއްވުމަށް ގަދައަޅާ މަސައްކަތް ކުރައްވާ ވަރުގަދަ ޓީމެއް އޮތުމުންނެވެ. ޕްރިންސިޕަލް އިން ފެށިގެން ހުރިހާ މުދައްރިސުންނެވެ. ހީވާގި މެނޭޖްމެންޓެވެ. ކިޔެވުމާއި ކުޅިވަރުގެ ރޮނގުން ކުރިޔަށް ދެވޭނެ އިތުރު ފުރުސަތުތައް އަހުމަދިއްޔާގައި ހުޅުވިފައި ވުމުންނެވެ. އަދި އެކުވެރި ދަރިވަރުންނެވެ.

​އަހްމަދިއްޔާ ސްކޫލްގައި ޕްރިފެކްޓްކަން ކުރަމުން އަންނަ ޔޫސުފް އިޒްޔާން ވަނީ 2022 ވަނަ އަހަރު ބޭއްވި 19 އަހަރުން ދަށުގެ އިންޓަރ ސްކޫލް ރާޒުވާ މުބާރާތުގައި އަޙްމަދިއްޔާއިން ބައިވެރިވެ 2 ވަނަ ހާޞިލްކޮށްފައެވެ.

 

އަދި ހަމަ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ވޯލްޑް ސްކޮލާރސް ކަޕް ރީޖަނަލް ރައުންޑްގައި އަޙްމަދިއްޔާ ސްކޫލްގެ ފަރާތުން ބައިވެރިވެ ރަން މެޑަލް އާއި ރިހި މެޑަލް ޙާސިލް ކޮށްފައި ވެއެވެ.

އިޒްޔާން މިހާރު އެންމެ އިސްކަމެއްދީގެން ކުޅޭ ކުޅިވަރަކީ ބާސްކެޓް ބޯޅައެވެ. އެގޮތުން ބާސްކެޓް ބޯލް އެކެޑަމީ އާރު. ބީ.އޭ ގެ ކުޅުންތެރިއެއްގެ ގޮތުގައި ސްޓަރސް އަންޑަ 16 ޗެމްޕިއަންޝިޕް 3 ވަނަ ހޯދި ޓީމްގައި ވަނީ ކުޅެފައެވެ.

އަދި ޔޫސުފް އިޒްޔާން ވަނީ ބެންގަލޯރގެ ލަކްޝިޔާން އެކެޑަމީ އޮފް ބާސްކެޓް ބޯލް ހައި ޕާރފޯރމަންސް ކޭމްޕްގައި 2 މޭ 2024 އިން 6 މޭ 2024 އަށް  ބައިވެރިވެފައެވެ

ޔޫސުފް އިޒްޔާން އަކީ ލީޑަރެއްގެ ގޮތުގައި އިސްނަގައި ހަރަކާތްތެރިވާ ދަރިވަރެކެވެ. އަދި އެހެން ކުދިންނާ ގުޅިގެން ކުރިޔަށް ދިއުމަށް މަސައްކަތް ކުރާ ދަރިވަރަކަށްވުމުން ގޭމްސް ކެޕްޓަން ކަމަށް ކުރިމަތިލީ ވަރުގަދަ ޢަޒުމަކާއެކުގައެވެ.

އިޒްޔާންގެ އެކުވެރި ކުދިން، ކަމަކަށް ބޭނުންވުމުން އިޒްޔާން ގާތުގައި ބުނުމަކަށް ފަހެއް ނުޖެހޭނެއެވެ. މިގޮތުން އިންޓަރ ކްލާސް ފުޓްބޯޅަ މުބާރާތުގައި ކިލާހުގެ ކޯޗުކަން ދިނީ އިޒްޔާން އަށެވެ. އެހެންކަމުން އެކުދިން ގޭމްސް ކެޕްޓަން ކަމަށް އިޚްތިޔާރު ކުރީވެސް ޔޫސުފް އިޒްޔާންއެވެ. އެކުދިން ޔޫސުފް އިޒްޔާންއާ މިހަވާލުކުރީ ޒިންމާއެކެވެ. އެހެންކަމުން ކުޅިވަރުގެ ރޮނގުން އެކުދިން އެދޭފަދަ ފަހި ފުރުސަތުތައް ހޯދައި ދިނުމުގައި މެދުވެރިއަކަށްވެ ކުޅިވަރުގައި އެކުދިންނަށް ދިމާވާ ކަންކަމުގައި ހައްލު ހޯދައިދިނުމަށް ސްކޫލާ ގުޅިގެން އެހީތެރިވެ ދިނުމަށް ޔޫސުފް އިޒްޔާން ހުރީ ތައްޔާރަށެވެ.

ނިންމާލުމުގެ ކުރިން ޔޫސުފް އިޒްޔާން ޝުކުރު އަދާކުރަން ބޭނުންވީ މިފަދަ ފުރުސަތުތަކެއް ފަހިކޮށް ދެއްވި ﷲ ސުބުހާނަހޫ ވަތަޢާލާއަށެވެ. އެއަށްފަހު މަންމައާއި ބައްޕައަށެވެ. އަދި ޚާއްސަކޮށް ދޮންބެ އަށެވެ. އިޒްޔާނަށް ވޯޓްދިން ކުދިންނާއި ހުރިހާ ދަރިވަރުންނަށެވެ. އިޒްޔާނަށް އެންމެ އެހީތެރިވެދިންއެކުވެރި ކުދިންނާއި ސްކޫލްގެ އިސްވެރިންނާއި ހުރިހާ މުދައްރިސުންނަށެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *