"މަންމަ" ގޮވައިގެން ފިރުޒާން މީގެ ދެ އަހަރު ކުރިން މާލެ އައީ ވަރަށް ފޮނި އުއްމީދަކާ އެކީގައެވެ. އެއީ އޯލެވެލްގައި ހާސިލްނުކުރެވުނު އެއްވަނަ އޭލެވެލްގައި ހޯދުމުގެ އުއްމީދެވެ. ރައީސްގެ ސްކޮލަރޝިޕްގައި ރާއްޖެއިން ބޭރުގައި ކިޔެވުމުގެ އުއްމީދެވެ. އެ ހުވަފެން ހަގީގަތަކަށް ހެދުމަށް ފިރުޒާން އެހީ ހޯދަން ބޭނުންވީ ރާއްޖޭގައި އޯލެވެލްއަށް ކިޔަވައިދޭ އެންމެ މޮޅު އެއް ސްކޫލްކަމަށްވާ އަޙްމަދިއްޔާ އިންޓަރނޭޝނަލް ސްކޫލުންނެވެ. ދެން "މަންމަ"ގެ ކިބައިންނެވެ. "މަންމަ" ގޮވައިގެން މާލެ އައީ އެ އުއްމީދުގައި "މަންމަ"އާ ނުލައި ކުލަޖައްސަން ދަތިވާނެކަން ޔަގީންވާތީއެވެ.
ފިރުޒާންގެ ނިންމުން ކިތަންމެހާ ވެސް ބަރާބަރެވެ. ނަތީޖާ ކިތަންމެހާ ވެސް ފޮންޏެވެ. އެ ހަރުދަނާ ނިންމުމުގެ ސަބަބުން ލިބުނު ހިތްހަމަޖެހުން ވެސް އެހާމެ ބޮޑެވެ. ފިރުޒާން އޭލެވެލް ނިންމީ ގަދަދިހައެއްގެ އެއްވަނައިގައި ހިމެނުމުގެ އިތުރުން މުޅި ދުނިޔެއިން ވެސް ފާހަގަކޮށްލެވުނު ފަޚުރުވެރި ދަރިވަރެއްގެ ގޮތުގައެވެ. އިކޮނޮމިކްސް އިން މުޅި ދުނިޔެއިން ދެވަނަ، އެކައުންޓުން ދުނިޔޭގެ ތިންވަނަ އަދި ބިޒްނަސް ސްޓަޑީޒްއިން މުޅި ދުނިޔޭގެ ނުވަވަނަ ހޯދައިގެންނެވެ. އަތޮޅު ތެރޭގެ ރަށަކުން އޯލެވެލް ނިންމި ދަރިވަރަކަށް އެފަދަ ފަޚުރުވެރި މަގާމެއް ލިބުމަކީ ހަމަ ހަގީގަތުގައި ވެސް ރަންއަކުރުން ފާހަގަކުރަންޖެހޭ ކަމެކެވެ.
ފިރުޒާން ދެކޭގޮތުގައި އޭނާ އެއްވަނައަށް ދިއުމުގައި "ކެޓަލިސްޓް" އަކީ އަޙްމަދިއްޔާއެވެ. އަޙްމަދިއްޔާގައި ހޭދަކުރި ދެ އަހަރަކީ ފިރުޒާންގެ ހަޔާތުގައި ވެސް އައި އެންމެ ކާމިޔާބު، އެންމެ އުފާވެރި އަދި އެންމެ ގިނަ ތަޖުރިބާ ލިބުނު ދެ އަހަރެވެ. ފިރުޒާން ވެސް ގަބޫލުކުރާ ގޮތުގައި އަޙްމަދިއްޔާއިން ވަނީ އޭނާ ފަދަ ކާމިޔާބު އެތައް ދަރިވަރުންނެއް މުޖުތަމަޢަށް ނެރެދީފައެވެ. ޢިލްމާއި ހިލްމާއި ރިވެތި އަޚްލާގުން ޖަރީކޮށް އެތައް ޚިދުމަތްތެރިންނެއް ގައުމުގެ އެކި ދާއިރާތަކަށް ނެރެދީފައެވެ.
ރ. ދުވާފަރުގައި ހުންނަ އެ އަތޮޅު، އަތޮޅު މަދަރުސާއިން އޯލެވެލް ނިންމި ފިރުޒާނަކީ ދުވަހުން ދުވަހަށް ފިލާވަޅުތައް ނިންމުމަށް ޚާއްސަ ސަމާލުކަމެއް ދިން ފަރުވާތެރި ދަރިވަރެކެވެ. ފިރުޒާންގެ މި ނަތީޖާގެ ސިއްރަކީ ވެސް އެއީއެވެ. ރާވައިގެން ވަކި ތަރުތީބަކުން މަސައްކަތްކުރުމެވެ. ސްކޫލުގައި ނަގައިދޭ ފިލާވަޅުތައް "ހިހޫނުވަނީސް" އޭގައި އަތްލުމެވެ. އެ ދުވަހަކު ނަގައިދޭ ފިލާވަޅު ގެއަށް ގޮސް ހަމަ އެ ދުވަހު ކިޔުމަށް ވަގުތުހުސްކުރުމެވެ. ގޭމާއި އެހެނިހެން ސުމޭކު ވަސީލަތްތަކަށް މުޅިން ހިތްދޫނުކުރުމެވެ. އަޚްލާޤް ހިފެހެއްޓުމެވެ.
"ނަތީޖާ ނެރުމުގައި އަބަދުވެސް ބެލީ ކިޔަވައިދޭ ކޮންޓެންޓް ރަނގަޅަށް ދެނެގަތުމާ އެޕްލައިކުރުމަށް. ކޮންމެ ދުވަހަކު ވެސް އެ ދުވަހުގެ ފިލާވަޅުތައް އެންމެ މަދުވެގެން 15 ވަރަކަށް މިނެޓަށް މުޠާލިޢާކުރަން. އަދި ޕާސްޓްޕޭޕަރުތަކުގައި ހުންނަ އެ ދުވަހެއްގެ ފިލާވަޅާ ގުޅޭ ސުވާލުތައް ހޯދައި އެ ސުވާލުތައް ހެދުމަށް ވަރަށް ބޮޑަށް އިސްކަންދިނިން. އޭގެއިތުރުން، ކޮންމެ ހަފްތާއަކު ވެސް ޕާސްޓް ޕޭޕަރުން ބޮޑު އެއް ސުވާލު، އެއީ އެސޭ ޓައިޕް ސުވާލެއް ހަދަން. މީގެއިތުރުން، އިމްތިހާނު ފެށުމުގެ ކުރިން ދުރާލާ ރާވައިގެން ޕާސްޓްޕޭޕަރުތައް ތަކުރާރުކޮށް ހެދުމާ މަތިމަތިން ހުރިހާ މާއްދާއެއްގެ ފިލާވަޅުތައް ބަލާލަން." ފިރުޒާން ފިލާވަޅު ދަސްކުރުމުގައި ބޭނުންކުރި އިސްތިރާޖުތައް ކިޔައިދިނެވެ.
ފިރުޒާން ބުނީ މި ނަތީޖާ ލިބޭނެކަމަށް އެއްވެސް ވަރަކަށް އުއްމީދު ނުކުރި ނަމަވެސް، 2023ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެއްވަނަ ހޯދުމަށް މިސްރާބުހިފިކަމަށެވެ. ދިވެހިން އޭ ސްޓަރ ނުލިބިގެން އޯލެވެލް ގަދަދިހައެއްގެ އެއްވަނަ ނުލިބޭތީ ފިރުޒާން އެންމެ ބޮޑަށް މަސައްކަތްކުރީ ދިވެހިން އޭސްޓަރ ހޯދުމަށެވެ. ދެން މަސައްކަތްކުރީ އެކައުންޓުން ދުނިޔޭގެ ވަނައަކަށެވެ. މާތްﷲގެ މިންވަރުފުޅުން މި ދެކަންތައް ވެސް ފިރުޒާނަށް ހާސިލްވިއެވެ.
"މި ނަތީޖާ ހޯދުމުގައި އެންމެ ބޮޑު އެހީއެއް ވެދެއްވީ އަޙްމަދިއްޔާއާ، މައިންބަފައިންނާ އާއިލާއިން. ބައްޕަމެން ވީ ގުރުބާނީ ވެސް ދުވަހަކު ވެސް ހަނދާނެއްނުނެތޭނެ. މިކަމުގަ އަޙްމަދިއްޔާގެ ވެރިންނާ މުދައްރިސުންގެ ދައުރަކީ އާދަޔާޚިލާފު ދައުރެއް. ސަބަބަކީ އެބޭފުޅުން އަޅުގަނޑާ މެދު ބެހެއްޓެވި ގާތްކަމާ އޯގާތެރިކަމާ އަދި އުނގަންނަވައިދެއްވުމުގައި ދެއްކެވި ލާމަސީލު ނަމޫނާގެ ސަބަބުން މި ދަތުރުގެ މަންޒިލަށް ދެވުނީ. މިސްރާބު ހަމަމަގަށް ހިފަހައްޓަން މަގުދެއްކެވީ އެ ބޭފުޅުން. ވަރަށް ބޮޑަށް ޝުކުރިއްޔާ އަޙްމަދިއްޔާ." ފިރުޒާންގެ ހިތުގައި އަޙްމަދިއްޔާއަށް އޮތް ލޯތްބާއި ތައުރީފް ބަންޑުންކޮށްލިއެވެ.
މިފަދަ ފަޚުރުވެރި ވަނައެއް ހާސިލްކުރެވޭނީ ގޮންޖެހުންތަކުން ރެކެން ފިސާރި ރަނގަޅަށް އެނގިގެންކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެގޮތުން ފިރުޒާން ބުނީ ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ވަގުތުބަހާލައިގެން ކުރިއަށްދާން ދިމާވި ހުރަސްތައް ކަމަށެވެ. އެއީ އެއްވަނައަށް މަސައްކަތްކުރަން ފެށީ ދިވެހިން އޭ ސްޓަރ ލިބޭނެކަމުގެ އުއްމީދުއާވުމުން ކަމަށާއި، އެ އުއްމީދުއާވީ ޓެސްޓާ ވަރަށް ގާތްވި ފަހުން ކަމަށެވެ. އެހެންކަމުން، އެހާ ވަގުތުކުޑަތަންވެފައި ވުމުގެ އިތުރުން، ދިވެއްސަށް ވަރަށް ވަގުތުދޭންޖެހުމުން އެހެން މާއްދާތަކަށް ފަރިތަކުރަން ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.
"ދިވެހި މުދައްރިސް އަބަދުވެސް ގެންދެވީ ވިދާޅުވަމުން އަޅުގަނޑު އޭރު އެ ކުރި ގޮތަށް މަސައްކަތްކުރަމުން ދަންޏާ ދިވެހިން އޭ ސްޓަރ ލިބޭނެކަމަށް. އޭގެ އިތުރުން އަޅުގަނޑު މަންމަ މި ކިޔާ އަޅުގަނޑު އެ މީހެއްދެކެ އެންމެ ލޯބިވާ އަޅުގަނޑުގެ މާމަ ވެސް ދިޔައީ އަޅުގަނޑަށް ހިތްވަރުދެމުން. މަންމަ (މާމަ) އަކީ އަޅުގަނޑުގެ ހުރިހާ ވެސް މީހަކީ. މި ކާމިޔާބީގަ އެންމެ ބޮޑު ގުރުބާނީއެއް ވި މީހަކީ ވެސް އަދި އެންމެ ބޮޑަށް ފާހަގަކޮށްލަން ބޭނުންވާ ނަމަކީ ވެސް އެއީ. އަޅުގަނޑަށް ޓަކައި އުފަން ވަޒަން ދޫކޮށް މާލެ ބަދަލުވެ، އަޅުގަނޑުގެ ހުރިހާ ކަމެއް ލޯތްބާ އޯގާތެރިކަމާ އެކު ބަލަހައްޓައިދެނީ އެ މަންމަ. އަޅުގަނޑު އެންމެ ކުޑައިރުއްސުރެ ވެސް އަޅުގަނޑުގެ އެންމެ ގާތް މީހަކީ އެއީ. މާމައާއި ނުލާ މި ކާމިޔާބީއެއް ހާސިލެއް ނުވީސް." ފެންކަޅިވެފައި އިނދެ ފިރުޒާން ކިޔައިދިނެވެ.
ފިރުޒާންގެ މާމަ ރުގިއްޔާ އަލީ ވިދާޅުވާ ގޮތުން ފިރުޒާނަކީ މީހަކަށް ލިބޭނެ އެންމެ ރަނގަޅު ދަރިއެވެ. އެންމެ ބަސްއަހާ، އެންމެ ކިޔަމަންތެރި ދަރިއެވެ.
"އަލްޙަމްދުލިﷲ. އަޅުގަނޑުގެ ފިރުޒާނަކީ ﷲ އަޅުގަނޑަށް ލެއްވި ރަޙްމަތެއް. ވަރަށް ދީނަށް ލޯބިކުރާ ވަރަށް ޚުލްގުހެޔޮ ދަރިއެއް އެއީ. އެއަށްވުރެ ވަކި ބަސްއަހާ، އެއަށްވުރެ ވަކި ކިޔަމަންތެރި ދަރިއަކު މީހަކަށް ނުލިބޭނެ. އަޅުގަނޑު ދެކެ ވަރަށް ލޯބިވާނެ ފިރުޒާން. އަޅުގަނޑު ވެސް ފިރުޒާން ދެކެ ވަރަށް ވަރަށް ލޯބިވޭ. ކިރިޔާ ވެސް ފިރުޒާންގެ ފުށުން ހިތްހަމަނުޖެހޭ ކަމެއް ވި ހެން ހީވިއަސް، މައާފަށް އެދިފަ ހަމަ ރޯނެ. އަޅުގަނޑު ބުނަން ދަރިފުޅާއޭ ދަރިފުޅު ނުކުރެއޭ މަންމަ ހިތްހަމަނުޖެހޭވަރުގެ އެއްވެސް ކަމެއް. ހަމަ ސަހާދަތް ފަދަ ތެދެއް މި ބުނީ އެހާ ރަނގަޅު ދަރިއެއް އެއީ." ފިރުޒާނުގެ މާމަގެ ޖަޒުބާތުތައް ފާޅުކުރި ގޮތަކީ މިއެވެ.
ފިރުޒާންއާ ބެހޭ ގޮތުން ސީނިއަރ ލީޑިންގ ޓީޗަރ މުޙައްމަދު ނަދީމް (ނަދީމް ސަރ) ވިދާޅުވީ ފިރުޒާނަކީ މުދައްރިސުންނާއި ދަރިވަރުންނާ އިޙްތިރާމާ އެކު މުޢާމަލާތުކުރާ ވަރަށް އަޚްލާގު ރަނގަޅު، ކިޔަމަންތެރި ދަރިވަރެއް ކަމަށެވެ. ޚާއްޞަކޮށް ކިޔެވުމުގައި ވަރަށް ފާހަގަކުރެވުނު، ހިތްވަރުގަދަ ނަމޫނާ ދަރިވަރެއް ކަމަށެވެ.
ފިރުޒާން ބަސްދީގަތުން ނިންމާލީ އޭނާފަދަ ކާމިޔާބު ދަރިވަރަކަށް ވުމަށް ކުރަންވީ މުހިއްމު ފަސް ކަމެއް ވެސް ކިޔައިދީފައެވެ. އޭގެތެރެއިން އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު ކަމަކަށް ފިރުޒާން ފާހަގަކުރީ ފަރުޟު ފަސް ނަމާދު ބަރާބަރަށް ގާއިމްކުރުމާއި ދުއާކުރުމެވެ. ދެވަނަ ކަމަކަށް ފާހަގަކުރީ ކިޔަވައިދޭ ގަޑީގައި ކަނުލައި އަޑުއެހުމެވެ. އެއަށް ފަހު، ކޮންމެ ދުވަހަކު ވެސް އެ ދުވަހެއްގެ ފިލާވަޅުތައް، މުދައްރިސުން ކިޔައިދިން ބައިތައް ހަނދާނުގައި ހުއްޓައި، "ރިކޯލް"ކުރުމެވެ. ހަމައެއާއެކު، ބަރާބަރަށް ހޯމްވޯރކް ހެދުމެވެ. އެންމެ ފަހު ކަމަކަށް ފިރުޒާން ފާހަގަކުރީ މުދައްރިސުން ދެއްވާ މަސައްކަތްތަކުގެ އިތުރުން، ގޭގައި ޕާސްޓްޕޭޕަރު ހެދުން ފަދަ އިތުރު މަސައްކަތްތައް ކުރުމުގެ މުހިންމުކަމެވެ.
ފައިނޭންޝަލް ޓެކްނޮލޮޖީ ނުވަތަ އިސްލާމިކް ބޭންކިންގެ ދާއިރާއިން މެލޭޝިއާ ނުވަތަ އިނގިރޭސިވިލާތުގައި މަތީ ތަޢުލީމް ޙާޞިލްކުރުމުގެ އަޒުމުގައި ހުރި ފިރުޒާންގެ އުއްމީދަކީ ފިންޓެކް ނުވަތަ އިސްލާމިކް ބޭންކިންގެ ދާއިރާއިން ކިޔަވައިގެން ރާއްޖެއަށް އާ ކަންތައްތައް ތަޢާރަފުކޮށް އެ ދާއިރާތަކުން ރާއްޖެ ފަތުއަޑުކިޔާފައި ކުރިއަށްދާތަން ފެނުމެވެ. އަޅުގަނޑުމެންގެ އުއްމީދަކީ އަދި ދުޢާއަކީ ވެސް ފިރުޒާންގެ މި އުއްމީދުތަކުގައި ކުލަޖެހި، ފަހި ފާގަތި ކުރިމަގެއް މިންވަރުކުރެއްވުމެވެ.