الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
އިސްލާމްދީން ފެށިގެން އައި އިރު ކީރިތި ރަސޫލާ صلى الله عليه وسلم ގެ ރަސޫލުކަމަށް އީމާންވެ އިސްލާމްވަމުން އައި މީސްތަކުންނަކީ އަހަރެމެން ފަދަ އިންސާނުން ތަކެކެވެ. ނަމަވެސް ހަމަޔަޤީނުންވެސް އަހަރެމެންނަށްވުރެ ތަފާތު އެތައް ސިފަތަކެއް ހުރި ބަޔެކެވެ. އަދި ތަފާތުވަނީ އެމީހުން އޭރުގައި ތިބިގޮތް ރަނގަޅުވެގެންނެއް ނޫނެވެ. އެހެންނަމަވެސް އަހަރެމެންނަށްވުރެ އަޚްލާޤީގޮތުން ގޯސްގޮތެއްގައި ތިބުމުގެ ސަބަބުންނެވެ. ނުބައިސިފަތަކެއްގައި ތިބުމާއި، ރަނގަޅު ގިނަ ސިފަތަކެއް އެބައިމީހުން އޭރުގައި ނުވެސް ދަނެއެވެ. އަނިޔާވެރިކަން އިންތިހާއަށް އެބައިމީހުންގެ ގައިގައި ހަރުލާފައިވިއެވެ. ކިބުރުވެރިކަމާއި ހަރުކަށިކަމާއި އެހެންމީހުން ކުޑައިމީސްކުރުމާއި މިފަދަ އެތަކެއް ނުބައި ސިފަތަކެއް ތިބި ބައެއްގެ މުޅި ދިރިއުޅުމާއި އެބައިމީހުންގެ މުޅި އަޚްލާޤު ބަދަލުކޮށްލީ އިސްލާމްދީނެވެ. ނަބިއްޔާ صلى الله عليه وسلم ގެ އިރުޝާދުތަކާއި އެނަބިއްޔާގެ ރިވެތި އަޚްލާޤެވެ. އެބައިމީހުންގެ ގައިގައި ޖާހިލިއްޔާ ޒަމާނުގައި ހަރުލާފައި ހުރި ނުބައި ސިފަތަކާއި އޭގެ އިތުރުން އިސްލާމްވުމަށް ފަހުގައި އިސްލާމްދީންގެ ދެކެ ލޯބިން އުފެދުނު ނުބައި ސިފަތައް ވެސް ހަމަ އެރަސޫލާ صلى الله عليه وسلم ގެންދެވީ ރަނގަޅު ކުރައްވަމުންނެވެ. އިސްލާމްދީން ދެކެ ލޯބިން އުފެދޭ ނޭދެވޭ ސިފަތަކުގެ ވާހަކަ ބުނުމުން ފަހަރުގައި ބައެއް ކިޔުންތެރިންނަށް އެބުނެވޭ އެއްޗެއް އޮޅިވަޑައިގެންފާނެއެވެ. އޭގެ މުރާދަކީ އިސްލާމްދީނުގައި މަނާވެފައިވާ ކަންކަން އެހެން ބަޔަކު ކުރުމުން އެކަމާ ހިތްހަމަނުޖެހި ރުޅިއަންނަނީ ދީނަށް އޮންނަ ލޯތްބެއްގެ ސަބަބުންނެވެ. އެލޯބީގެ ސަބަބުން އެނުބައި ކަންތަކަށް ނަފްރަތު ކުރުމަކީ އޮންނަންޖެހޭ ކަމެކެވެ. ނަމަވެސް ދެން ޢަމަލީ ގޮތުން ބައެއް މީހުން ކުރާ ކަންކަން ބައެއްފަހަރު ރަނގަޅު ނޫން ކަންތަކަށް ވެގެން ދެއެވެ. ވީމާ ދީންދެކެ ލޯބިން އެހެން ބަޔަކު ކުރާކަމެއް ދެކެ ނަފްރަތު އުފެދުމުން ދެންވެސް ޢަމަލުކުރަންޖެހޭނީ އިސްލާމްދީނުގައި އޮންނަ ގޮތަށެވެ. ރަސޫލާ صلى الله عليه وسلم ގެ އިރުޝާދުތަކާއި އެއްގޮތަށެވެ. އަމަލުކުރަންޖެހޭނީ އަމިއްލަ ވިސްނުމާއި ޖޯޝާއި ޖަޒްބާތަކަށް ނޫނެވެ. އެއީ އެމާތް ރަސޫލާ صلى الله عليه وسلم އެމާތް ޞަޙާބީން ތަރުބިއްޔަތު ކުރެއްވި ގޮތެވެ. ޝައްކެއްވެސް ނެތެވެ. މިސްކިތަކަށް ކުޑަކަމުދިޔުމަކީ އަހަރެމެން ކޮންމެ މުސްލިމަކު ކުޑަކޮށްވެސް އިސްލާމްދީނަށް ލޯތްބެއް ހުރިނަމަ އެކަމަކަށް ވަރަށްބޮޑަށް ނަފްރަތު ކުރާނޭ ކަމެކެވެ. އަދި އެފަދަ މަންޒަރެއް ފެނިއްޖެ ވަގުތުން އެކަން ހުއްޓުވުމުގައި އަތްއިސްކޮށް އެމީހެއްގެ ގައިގައި ތަޅައިގަންނަންވެސް ފަސްނުޖެހޭނެއެވެ. އެމީހެއްގެ މަޤްޞަދާއި އެމީހެއްގެ ޢިލްމުގެ ފެންވަރާއި މިފަދަ އެއްވެސް ކަމެއް ބަލައިލުމުގެ އެއްވެސް ކެތްތެރިކަމެއް އަހަރެމެންގެ ނުހުންނާނެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އެއީ އަހަރެމެން އިސްލާމްދީން ދެކެ ވާލޯތްބެއް ބޮޑުކަމުންނެވެ. އަހަރެމެން އަޅުކަން ކުރުމަށް އެތަނަކަށް ވަންނަ އަހަރެމެންގެ ގާތުގައި އެންމެ މާތް ބިނާ ކަމުގައިވާ މިސްކިތަށް އޮންނަ ޤަދަރެއްގެ ބޮޑުކަމުންނެވެ. ޞަޙާބީންވެސް އެފަދަ ބަޔަކަށް ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އެލޯބީގައި އެޞަހާބީން އަދި ތިއްބެވީ މާކުރީގައެވެ. ނަމަވެސް އެލޯބީގެ ދަށުން ޢަމަލުކުރަންވީ ޙިކްމަތްތެރި މަޑުމައިތިރި ގޮތްތައް އަހަރެމެންގެ މާތް ނަބިއްޔާ صلى الله عليه وسلم އެބައިމީހުންނަށް ދަސްކޮށްދެއްވިއެވެ. އެގޮތުން މިޙާދިޘާ ނިކަން ބައްލަވާށެވެ! ޞަޙީޙް މުސްލިމްގައި އައިސްފައިވާ ރިވާޔަތެއްގައި ވެއެވެ. އަނަސް ބުން މާލިކް رضي الله عنه ވިދާޅުވިއެވެ: އަހަރެމެން އެއްދުވަހެއްގައި ﷲ ގެ ރަސޫލާގެ އަރިހުގައި މިސްކިތުގައި ތިއްބައި އެތަނަށް އަޢުރާބީއަކު އައިސް މިސްކިތަށް ކުޑަކަމުދިޔައެވެ. ދެން ﷲ ގެ ރަސޫލާގެ އަޞްޙާބު ބޭކަލުން ވިދާޅުވިއެވެ: އޭ، އޭ، ތިކަން ހުއްޓާލާށެވެ. ޙަދީޘްރިވާކުރެއްވި ޞަޙާބީ އަނަސް ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: « لاَ تُزْرِمُوهُ، دَعُوهُ » މާނައީ: [ތިޔަބައިމީހުން އޭނާ ހުއްޓުވާނުލާށެވެ. އޭނާ ދޫކޮށްލާށެވެ.] ދެން އެބައިމީހުން އޭނާ ކުޑަކަމުގޮސް ނިމެންދެން ދޫކޮށްލިއެވެ. އެއަށްފަހު ﷲ ގެ ރަސޫލާ صلى الله عليه وسلم އޭނާއަށް ގޮވާލައްވާ ގެންނަވާ އޭނާއަށް ޙަދީޘްކުރެއްވިއެވެ: « إِنَّ هَذِهِ الْمَسَاجِدَ لاَ تَصْلُحُ لِشَيْءٍ مِنْ هَذَا الْبَوْلِ وَلاَ الْقَذَرِ، إِنَّمَا هِيَ لِذِكْرِ اللَّهِ عَزَّ وَجَلَّ وَالصَّلاَةِ وَقِرَاءَةِ الْقُرْآنِ» މާނައީ: [ހަމަކަށަވަރުންވެސް މިމިސްކިތްތަކަކީ އެތަނެއްގައި އެއްވެސް ކަހަލަ ކުޑަކަމުދިއުމެއް އަދި ބޮޑިކަމުދިއުމެއް ފަދަ ކަމެއްކުރުން އެކަށީގެން ނުވާ ތަނެކެވެ. އެހެންނަމަވެސް އެތަންތަނަކީ ﷲ عَزَّ وَجَلَّ އަށް ޛިކުރު ކުރުމާއި ނަމާދު ކުރުމާއި ޤުރުއާން ކިޔެވުމަށް ހުންނަ ތަންތަނެވެ.] އަނަސް ވިދާޅުވިއެވެ: ދެން ނަބިއްޔާ އެތަނުގައި ތިބި މީހުންގެ ތެރެއިން މީހަކަށް ފެންފުރާ ބާލިދީއެއް ގެނައުމަށާއި އެތަނުގެ މައްޗަށް އެއޮއްސާލުމަށް އަމުރުކުރެއްވިއެވެ. މިޙަދީޘްގެ ބައެއް ރިވާޔަތްތަކުން އެނގެން އޮންނަ ގޮތުގައި ޞަޙާބީން އޭނާ ގަދަކަމުން ހުއްޓުވަން ތެދުވެވަޑައިގެންނެވިއެވެ. ނަމަވެސް ނަބިއްޔާ އެބައިމީހުންނަށް ދަސްކޮށްދެއްވީ އެފަދަ ޙާލަތްތަކުގައި ހަރުކަށިކަން އިޚްތިޔާރު ނުކުރުމަށެވެ. އަދި އޯގާތެރިކަމާއި މަޑުމައިތިރިކަން އިޚްތިޔާރު ކޮށް ކަމުގެ ޙަޤީޤަތް ބަލާ، ކަމުގެ ޙަޤީޤަތް ނޭނގޭ މީހުންނަށް އެކަމެއް އޮޅުންފިލުވައިދިނުމެވެ. އެދަސްކޮށްދެއްވީ ކޮންފަދަ ކެތްތެރިކަމެއް ހެއްޔެވެ؟ ކޮންފަދަ އޯގާތެރިކަމެއް ހެއްޔެވެ؟ އަނިޔާ ލިބުމުގައި ވެސް ނަބިއްޔާ އުންމަތަށް ދަސްކޮށްދެއްވީ އޯގާތެރިކަމެވެ. އަނިޔާ ކުރާމީހަކާމެދުވެސް އިސްލާމްދީން ދަސްކޮށްދިނީ އޯގާތެރިކަމެވެ. ބުޚާރީއާއި މުސްލިމް ގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: »انْصُرْ أَخَاكَ ظَالِمًا أَوْ مَظْلُومًا» فَقَالَ رَجُلٌ: يَا رَسُولَ اللَّهِ، أَنْصُرُهُ إِذَا كَانَ مَظْلُومًا، أَفَرَأَيْتَ إِذَا كَانَ ظَالِمًا كَيْفَ أَنْصُرُهُ؟ قَالَ: «تَحْجُزُهُ، أَوْ تَمْنَعُهُ، مِنَ الظُّلْمِ، فَإِنَّ ذَلِكَ نَصْرُهُ« މާނައީ: [ތިބާގެ އަޚާ އަނިޔާވެރިވާ ޙާލުގައި ވެސް އަދި އަނިޔާ ލިބޭ ޙާލުގައިވެސް އޭނާއަށް ތިބާ ނަޞްރު ދޭށެވެ.] ދެން މީހަކު ދެންނެވިއެވެ: އޭ ﷲ ގެ ރަސޫލާއެވެ. އޭނާއަކީ އަނިޔާ ލިބޭ މީހެއް ނަމަ އޭނާއަށް ނަޞްރު ދޭނޭގޮތް ދަންނަމެވެ. އެހެނަސް އޭނާއަކީ އަނިޔާވެރިވާ މީހެއް ނަމަ އޭނާއަށް އަހުރެން ނަޞްރު ދޭނީ ކިހިނަކުންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: [އޭނާގެ އަނިޔާގެ ހުރަހަކަށްވެ އޭނާ އެކަން ކުރުމަށް މަނާކުރާނީއެވެ. ފަހެ އެއީ އޭނާއަށް ނަޞްރުދިނުމެވެ.] ޞަޙާބީންވަނީ އެފަދައިން ތަރުބިއްޔަތުވެފައެވެ. ޚާއްޞަކޮށް އެބައިމީހުންނީ މުސްލިމުންގެ މެދުގައި ނުހަނު އޯގާތެރިބައެކެވެ. އަދި ހަނގުރާމައިގެ މައިދާނުގައި ކުރިމަތިލާ ޢަދުއްވުންނަށް ވަރުގަދަ ހަރުކަށިވެސް ބައެކެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿ مُحَمَّدٌ رَسُولُ اللَّهِ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَماءُ بَيْنَهُمْ تَراهُمْ رُكَّعاً سُجَّداً يَبْتَغُونَ فَضْلًا مِنَ اللَّهِ وَرِضْواناً سِيماهُمْ فِي وُجُوهِهِمْ مِنْ أَثَرِ السُّجُودِ ﴾ الفتح :29 މާނައީ: [މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާއެވެ. އަދި އެނަބިއްޔާއާ އެކުގައިވީ މީހުންނަކީ ކާފިރުންގެ މައްޗަށް ގަދަފަދަ، އެބައިމީހުންގެ މެދުގައި އޯގާތެރި ބައެކެވެ. ﷲ ގެ ފަޟްލުވަންތަކަމާއި އެކަލާނގެ ރުއްސެވުން ލިބިގަތުމަށް، ރުކޫޢުގަޔާއި ސަޖިދައިގައި އެބައިމީހުން ތިބެނިކޮށް ތިބާ ދެކޭނޫއެވެ. އެބައިމީހުންގެ (އީމާންކަމުގެ) އަސަރުވަނީ އެބައިމީހުންގެ ނިތްކުރިތަކުގައިވާ ސަޖިދައިގެ ފާހަގަތަކުން (ފެންނާށެވެ)] ވީމާ ޞަޙާބީންނަކީ އެބައިމީހުން މުސްލިމުންގެ މެދުގައި އެއްބަޔަކު އަނެއްބަޔަކަށް ނުހަނު އޯގާތެރިބައެކެވެ. އެބައިމީހުންގެ ވަރުގަދަކަމާއި ހަރުކަށިކަން އަންނަނީ ޢަދުއްވުންނާ ދެކޮޅަށް ހަނގުރާމަކޮށް ކާމިޔާބީ ހޯދުމުގައެވެ. ހަނގުރާމަ ނޫން ޙާލަތްތަކުގައި ކާފިރުންނާ ދިމާކޮށްލައިގެންނެއް ނޫނެވެ. ރަސޫލާ صلى الله عليه وسلم ގެ ތަރުބިއްޔަތު އޮތީ ހަނގުރާމައިގެ މައިދާން ނޫން މައިދާންތަކުގައި، މުސްލިމު ގައުމެއްގެ ރުހުމާއި އަޙްދާއި އެކު އޭގެ ދަށުގައިވާ ކާފިރަކަށްވެސް ގޯނާ ނުކުރުމެވެ. ޞަޙީޙް ބުޚާރީގައިވާ ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((مَن قَتَلَ مُعاهَدًا لَمْ يَرِحْ رائِحَةَ الجَنَّةِ، وإنَّ رِيحَها تُوجَدُ مِن مَسِيرَةِ أرْبَعِينَ عامًا)) މާނައީ: [މުޢާހަދަކު (މާނައީ މުސްލިމުންނާއި އަޙްދެއް ކޮށްފައިވާ ކާފިރަކު) ޤަޠުލުކޮށްފި (މުސްލިމް) މީހާއަށް ސުވަރުގޭގެ ވަސްވެސް ނުލިބޭ ހުއްޓެވެ. ހަމަކަށަވަރުން އެސުވަރުގޭގެ ވަސް ސާޅީސް އަހަރުގެ ރާސްތާއަށް ފޯރާނެއެވެ.] ވީމާ މިއަދު މިޒަމާނުގައި މިފެންނަ ހަރުކަށިކަމަކީ ސުންނަތުގެ ތަރުބިއްޔަތެއް ނޫނެވެ. ސުންނަތުގެ ތަރުބިއްޔަތު ފެންނާން އޮތީ މިސުންނަތަށް ޢަމަލުކުރި ފުރަތަމަ ޖީލުގެ ތެރެއިންނެވެ. އެބައިމީހުން ވަނީ އެބައިމީހުންގެ މުސްލިމު އަވަށްޓެރިންގެ އިތުރުން ކާފިރު އަވަށްޓެރިންނަށް ނުހަނުބޮޑަށް ހެޔޮކޮށް ހިތާފައެވެ. ގޭގެ އަހުލުވެރިން މޮޅުކޭމެއް ތައްޔާރުކުރުމުން އެޞަޙާބީންގެ ތެރެއިން ޞަޙާބީއަކުވަނީ ފުރަތަމަވެސް ޔަހޫދީ އަވަށްޓެރިޔާއަށް ދެއްވިންތޯ ގޭގެ އަހުލުވެރިންގެ ގާތުގައި ސުވާލުކުރައްވާފައެވެ. އެބައިމީހުން ތަރުބިއްޔަތުވެފައިވީ ޖަނަވާރުންނަށްވެސް ނުހަނުބޮޑަށް އޯގާތެރިވީ ބަޔަކަށެވެ. އެގޮތުން ޖަނަވާރުނަށް އަނިޔާވެރިވީ މީހުންނަށްވެސް އެބައިމީހުންވަނީ ނުހަނުބޮޑަށް އިންކާރު ކުރައްވާފައެވެ. ޞަޙީޙް މުސްލިމްގައިވާ ރިވާޔަތެއްގައިވެއެވެ: ތާބިޢީ ބޭކަލެއް ކަމުގައިވާ ސަޢީދު ބުން ޖުބައިރު ވިދާޅުވިއެވެ. އިބްނު ޢުމަރު ޤުރައިޝްވަންހައިގެ ދެޒުވާނެއް ހުރަސްކޮށް ދިޔައިރު، އެމީހުން ދޫންޏަކަށް (ކުކުޅަކަށް) އަމާޒުކޮށް (ކުޅިވަރެއްގެ ގޮތުގައި) ތީރުޖަހާތަން ފެނިވަޑައިގެންނެވިއެވެ. އެމަންޒަރު އިބްނު ޢުމަރަށް ފެނިވަޑައިގެންނެވުމުން އެބައިމީހުން އެކަމުން ދުރުކުރެއްވިއެވެ. އަދި އެޞަޙާބީ ވިދާޅުވިއެވެ: މިކަން ކުރާމީހުންނަށް ﷲ ގެ ލަޢުނަތް ހުއްޓެވެ. ކުޅިވަރަކަށް ހަދައިގެން އަމާޒުފަތްގަނޑަކަށް ރޫޙުހުރި އެއްވެސް އެއްޗެއް ހަދައިފިމީހާއަށް ހަމަކަށަވަރުންވެސް ﷲ ގެ ރަސޫލާ صلى الله عليه وسلم ލަޢުނަތް ލެއްވިއެވެ.
އަހަރެމެންނީވެސް އެމާތް ޞަޙާބީން ފަދަ ހިތުގައި ރަޙުމްހުރި އޯގާތެރިބަޔަކު ކަމުގައި ލައްވާންދޭވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.
އާޓިކަލް: 50